بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

މިރޭ އަޅުގަނޑަށް މި ލިބެނީ ވަރަށްވެސް ބޮޑު އުފަލެއް. ޙައްޖުވެރިންނާ ބައްދަލުކުރުމަކީ، އަބަދުވެސް އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް އިޙްސާސް ކުރެވޭ ކަމެއް. ވޭތުވެދިޔަ އަހަރުވެސް ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމަށް މި ގްރޫޕްގެ ފަރާތުން އެދިވަޑައިގަތް. އެހެން ނަމަވެސް، އަޅުގަނޑުގެ މަސައްކަތް ހުރިގޮތުން ނާދެވުނީ. މި އަހަރު އަޅުގަނޑު ޤަޞްދުކުރީ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނާ ބައްދަލުކޮށް، ތިޔަބޭފުޅުންނާ ކިތަންމެ ކުޑަނަމަވެސް ވާހަކަކޮޅެއް ދައްކާލުމުގެ އުފާ ޙާޞިލްކުރުމަށް.

އެހެންވީމާ، މި އުފާ އަޅުގަނޑަށް ލިބުނު ކަމަށްޓަކައި އެންމެ ފުރަތަމަ ކީރިތިވަންތަ اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެއަށްފަހުގައި، މި ފުރުޞަތު އަޅުގަނޑަށް ހޯއްދަވައިދެއްވި އަތަމާ ގްރޫޕްގެ ވެރިޔާ އަލްފާޟިލް ޢަބްދުއްލަޠީފް ޙުސައިން މަނިކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމަ އެއާއެކުގައި، އޭނާގެ އިރުޝާދުގެ ދަށުން މި ޖަމާޢަތުގެ ހުރިހާ ކަމެއް ހިންގަވައި، އެކަންތައްތަކުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

އާދެ، ޙައްޖުގެ އަޅުކަމަކީ، ވަރަށް މާތް އަޅުކަމެއް. އެކަމާ ދޭތެރޭގައި އަޅުގަނޑުވެސް މާދިގުކޮށް ވާހަކަދައްކާކަށް ބޭނުންވާނެހެނެއް ހިއެއްނުވޭ. ތިޔަބޭފުޅުން ދެންމެ ތިޔަ އެއްސެވީ ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ، ޙައްޖުގެ އަޅުކަމާ ބެހޭގޮތުން ދެއްކެވި ވަރަށް އަގުހުރި ވާހަކަފުޅެއް. އެހެންވީމާ، އެރޮނގުން އިތުރު އެއްޗެއް ދެންނެވުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެންމެ ފުރަތަމަ ވާހަކައަކީ، ޙައްޖުގެ އަޅުކަމަކީ މާތްވެގެންވާ އިސްލާމްދީނުގައި ފަރްޟު ކުރައްވާފައިވާ އެހެނިހެން އަޅުކަންތަކާ ވަރަށް ޚިލާފު، ވަރަށް ތަފާތު ބޮޑު އަޅުކަމެކޭ. އާދެ، އެހެން ހުރިހާ އަޅުކަމެއްވެސް އަޅުގަނޑުމެންގެ އަމިއްލަ ގޭގޭގައި ތިބެގެން އަޅުގަނޑުމެންނަށް އަދާކުރެވޭ. އަޅުގަނޑުމެންގެ ގޭގޭގައި ތިބެގެން ނަމާދުކުރެވޭ، ނުވަތަ ކައިރީގައި ހުންނަ މިސްކިތަކަށް ގޮސްގެންވެސް އަޅުގަނޑުމެންނަށް ނަމާދު ކުރެވޭ. އަޅުގަނޑުމެންނަށް ރޯދަ އެބަ ހިފޭ، އަޅުގަނޑުމެންގެ ގޭގައި ތިބެގެން، ރަށުގައި ތިބެގެން. އަޅުގަނޑުމެންނަށް ޒަކާތް އެބަ ދެވޭ، އަޅުގަނޑުމެން ގޭގައި ތިބެގެން، އަޅުގަނޑުމެންގެ ރަށުގައި ތިބެގެން. މި ހުރިހާ ކަމަކާ ޚިލާފަށް، ޙައްޖު އެއީ އަޅުގަނޑުމެންގެ އަމިއްލަ ގެދޮރުގައި ތިބެގެން، ނުވަތަ ގޭގައި ތިބެގެން، އަމިއްލަ ވަޠަނުގައި ތިބެގެން އަދާކުރެވޭ އަޅުކަމެއް ނޫން. އެކަމަށްޓަކައި އަޅުގަނޑުމެން ވަރަށް ދިގު ދަތުރެއް ކުރަންޖެހޭ. ވަރަށް ބޮޑެތި ބުރަތަކެއް އުފުލަންޖެހޭ. ވަރަށް ކުރިއްސުރެ އެކަމަށް ތައްޔާރުވާންޖެހޭ.

އެހެންވީމާ، ޙައްޖުގެ އަޅުކަން އެހާ ޚާއްޞަ އަޅުކަމަކަށްވެފައި އޮންނަނީ. ދިގު މުއްދަތެއް ބޭނުންވާތީއާއި، އޭގައި އެހެން އަޅުކަންތަކުގައި ނުވާފަދަ ތަކުލީފްތަކެއް ހިމެނިފައިވާތީއާއި، އަޅުގަނޑުމެންގެ އަނބިދަރިންނާއި ގެދޮރު ދޫކޮށްފައި ދަތުރުކޮށް، ވަރަށް ދުރު ތަނެއްގައި ދިގު މުއްދަތެއް ވަންދެން ތިބެންޖެހޭތީއާއި، މި ހުރިހާ ކަމެއް މިހެން ހުރުމުގެ އިތުރަށް، އަޅުގަނޑުމެންގެ ޖީބުންވެސް ވަރަށް ގިނަ ޚަރަދުތަކެއް ކުރަންޖެހޭތީ. މި ހުރިހާ ކަމެއް މިހެން ހުރުމާއެކު، ޙައްޖުގެ އަޅުކަމަކީ ޚާއްޞަ އަޅުކަމަކަށް ވަނީ. އަދި އެ އަޅުކަމުގެ ޘަވާބު، އެއީ އެހާ މަތިވެރި ޘަވާބެއް ކަމުގައި ﷲ އަންގަވާފައި އެވަނީ. އާދެ، ދެންމެ ތިޔަބޭފުޅުން ތިޔަ އެއްސެވީ "الحَجُّ المَبْرُوْرُ لَيْسَ لَهُ جَزَاءٌ إِلاَّ الجَنَّة." އެޙަދީޘްފުޅުގެ މާނަ. "މަބްރޫރު ޙައްޖަކަށް އާދެ، ހެޔޮގޮތުގައި އަދާކުރެވޭ ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއް ނުވެއެވެ." އެ މަތިވެރި ޖަޒާ، ސުވަރުގޭގެ ޖަޒާ، ސުވަރުގޭގެ ނިޢުމަތް، اللهُ سُبْحَانَهُ وَتَعَالَى ޙައްޖުވެރިންނަށް އިރާދަކުރައްވަނީ، މިދެންނެވިފަދަ މާތް އަޅުކަމަކަށް ޙައްޖުގެ އަޅުކަންވާތީ.

އާދެ، އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ޙައްޖަށް ދިޔުމަކީ އެމީހާގެ ހިތުގައި އޮންނަ، ވަރަށް ކުރިއްސުރެ އޮންނަ، ވަރަށް ލޮބުވެތި އުއްމީދަކަށް އޮންނާނީ ވެފައި. ވަރަށް ކުރިއްސުރެ މުސްލިމުންގެ ހިތުގައި، މުސްލިމަކުވިއްޔާ، ޙަޤީޤީ މުސްލިމަކުވިއްޔާ، ކޮންމެ މީހެއްގެ ހިތުގައިވެސް އޮންނާނެ، ތިމަންނާއަށް ޙައްޖަށް ދެވޭނެ ފުރުޞަތު ލިބޭނެނަމައޭ. އެ އުއްމީދު އާދެ، އަޅުގަނޑުމެންގެ ޒުވާންކަމުގެ ދައުރުގައި، އެ އުއްމީދު ތަންކޮޅެއް ފަނޑުކޮށް އޮވެދާނެ، ކަންތައްތައް ހުންނަގޮތުން. އެހެން ނަމަވެސް، ޢުމުރުން ތަންކޮޅެއް ގިނަ އަހަރުތަކެއް ވޭތުވާން ފެށުމުން، އެ އުއްމީދު އަޅުގަނޑުމެންގެ ހިތުގައި މާބޮޑަށް އާވެގެންދޭ.

އެހެންވީމާ، މި އުއްމީދަކީ އަޅުގަނޑު ދަންނަވާނީ، ދުނިޔޭގެ ކަންކޮޅުތަކުގައިވާ ހުރިހާ މުސްލިމުންވެސް އެންމެ ބޮޑަށް ކުރާ އުއްމީދޭ. ކޮންމެއަކަސް، އެ މަތިވެރި އުއްމީދު ތިޔަބޭފުޅުންނަށް ޙާޞިލްވުމުގެ ތައުފީޤު ﷲ ދެއްވި ކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އާދެ، ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަޅުގަނޑުގެ އެދުމަކީ، ތިޔަ ހުރިހާ ބޭފުޅުންވެސް ޙައްޖުގެ އަޅުކަން ފުރިހަމައަށް އަދާކުރެއްވުން.

ދެންމެ އުޘްމާން ޢަބްދުﷲގެ ވާހަކަފުޅުގައި، އެކަމާ ބެހޭގޮތުން ބައެއް ކަންތައްތަކަށް އިޝާރާތްކޮށްލަ ދެއްވައިފި. އަދި އޭނާ އެ ވިދާޅުވީ އޭގެ ފަހުންވެސް ތިޔަބޭފުޅުން ޙައްޖުގެ އަޅުކަމުގެ ތެރޭގައި، އާދެ، ޙައްޖޭ އަޅުގަނޑު މި ދަންނަވަނީ ޢުމްރާއާއި ޙައްޖާ، ދެ އަޅުކަންވެސް ހިމެނޭގޮތަށް. ތިޔަބޭފުޅުން ޙައްޖުގެ ތެރޭގައި އުޅުއްވާއިރު، ކޮންމެ އަޅުކަމަކަށް ކުރިމަތިލައްވާއިރުވެސް، އެކަމަކާ ބެހޭގޮތުން އޭނާވެސް އިރުޝާދު ދެއްވާނަމޭ އެ ވިދާޅުވީ. އަދި އޭނާ ފިޔަވައި އެހެން ބޭފުޅުންވެސް އިރުޝާދު ދެއްވުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، ތިޔަ ހުރިހާ އަޚުންނާއި އުޚްތުން، އެބޭފުޅުން އެ ދެއްވާ އިރުޝާދު ރަނގަޅަށް ބަލައިގަންނަވައިގެން، އެ އިރުޝާދުގައިވާ ގޮތަށް ޢަމަލުކުރެއްވުން. އޭރުން ތިޔަބޭފުޅުންގެ ތިޔަ އަޅުކަން އެއީ ފުރިހަމަ އަދި ހެޔޮގޮތުގައި އަދާކުރެވޭ އަޅުކަމަކަށްވާނެ.

އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ޙައްޖަށް ދިޔުން މިވަނީ ކުރިއަށްވުރެ މާބޮޑަށް ޢާންމުވެފައި. މީހުންނަށް ކުރެވޭ ކަމަކަށްވެފައި. އޭގެ ސަބަބުތަކެއްވެސް އެބަހުރި. އާދެ، އެއް ސަބަބަކީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ދީނީ ހޭލުންތެރިކަން އިތުރުވެގެންދިޔުން. ޝައްކެއްނެތް، މީގެ ކުރިޔާ އަޅައިބަލާއިރު، އަޅުގަނޑުމެންގެ ގިނަ މީހުންނަށް ދީނުގެ ކަންތައްތައް މިހާރު ތަންކޮޅެއް ރަނގަޅަށް އޮޅުންފިލާ. އަޅުގަނޑުމެންގެ ހިތުގައި އޮންނަ ދީނީ ރޫޙު ކުރިއަށްވުރެ ގަދަ. އަޅުގަނޑުމެންގެ އީމާންކަން ކުރިއަށްވުރެ ފުރިހަމަ. އަޅުގަނޑުމެންގެ ވަރަށްގިނަ ޢަދަދެއްގެ ޅަކުދިންވެސް ނަމާދުކުރާ ތަން ފެނޭ. އަދި އަޅުގަނޑުމެންގެ ވަރަށްގިނަ ޢަދަދެއްގެ ޒުވާނުންވެސް، ހަރުމީހުންވެސް، މުސްކުޅިންވެސް މިސްކިތްތަކަށް ގޮސް ނަމާދުކޮށް، އަދި އެނޫންވެސް ހެޔޮ ކަންތައް ކުރާ ތަން ފެނޭ. އޭގެ ސަބަބަކީ، އަޅުގަނޑުމެންގެ ތެރޭގައި އޮތް ދީނީ ހޭލުންތެރިކަން އިތުރުވެގެންދިޔުން. ދީނީ ހޭލުންތެރިކަން އެގޮތަށް އިތުރުވެގެން އެދިޔައީ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ރާއްޖޭގައި ތިއްބަވާ ޢިލްމުވެރިން ކުރައްވާ އަގުހުރި މަސައްކަތްޕުޅުތަކެއްގެ ސަބަބުން.

ދުނިޔޭގެ މަޝްހޫރު އެކިއެކި އިސްލާމީ ޖާމިޢާތަކުން ތަޢުލީމް ޙާޞިލްކުރައްވައިގެން ރާއްޖެއަށް ވަޑައިގެން ތިއްބެވި، ޢިލްމުވެރިން މިއަދު ވަރަށް ގިނަ. އޭގެތެރޭގައި އެބަ ތިއްބެވި، ސުޢޫދީ ޢަރަބިއްޔާގެ އެކިއެކި ޖާމިޢާތަކުން ތަޢުލީމް ޙާޞިލްކުރައްވައިގެން ވަޑައިގެން ތިއްބެވި ބޭފުޅުން. މިޞްރުގެ އަލްޖާމިޢުލް އަޒްހަރުން ތަޢުލީމް ޙާޞިލްކުރައްވައިގެން ވަޑައިގެން ތިއްބެވި ބޭފުޅުން. އަދި އެނޫން ތަންތަނުންވެސް. ޕާކިސްތާނުން، އިންޑިޔާއިން، އަދި ޚަލީޖުގެ ޤައުމުތަކުން ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބޭފުޅުންވެސް އެބަ ތިއްބެވި. އެހެންވީމާ، މިބޭފުޅުން އެކުރައްވާ މަސައްކަތްޕުޅުތަކުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަށް ދީނުގެ ކަންތައްތައް އިތުރަށް އޮޅުންފިލަމުން މިދަނީ. އެހެންވީމާ، އެއީ އަޅުގަނޑުމެން އަޅުގަނޑު ހިތުން ވަރަށް ބޮޑަށް އުފަލާއެކު ފާހަގަކުރަންޖެހޭނެ ކަމެއް.

ދެވަނަ ސަބަބަކީ އަޅުގަނޑުމެންގެ ދިރިއުޅުން ކުރިއަށްވުރެ ތަނަވަސްވެފައިވާކަން. ޝައްކެއްނެތް، ރާއްޖެއަކީ ކިތަންމެ ކުޑަކުޑަ ޤައުމަކަށްވިޔަސް، ކިތަންމެ މަދު މީސްކޮޅަކު ދިރިއުޅޭ ޤައުމަކަށްވިޔަސް، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖެ އިޤްތިޞާދީ ކުރިއެރުމުގެ ރޮނގުގައި ވަނީ ފިޔަވަޅުތަކެއް ކުރިއަށް އަޅާފައި. އޭގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންގެ އަތްމައްޗަށް އަރާ ލާރިކޮޅުވެސް ކުރިއަށްވުރެ މިހާރު ވަނީ އިތުރުވެފައި. އެހެންވީމާ، ތަންކޮޅެއް ދުރާލާ ވިސްނައިގެން ނަމަވެސް، އެ ޚަރަދު ކުރެވޭވަރުގެ ތަނަވަސްކަން އަޅުގަނޑުމެންގެ ތެރެއިން ކުރިން ނުލިބޭވަރަށް، ތަންކޮޅެއް ގިނަ މީހުންނަށް މިހާރުދަނީ ލިބެމުން. އާދެ، އޭގެތެރޭގައި ރާއްޖެތެރޭގެ އަޚުންނާއި އުޚްތުން ވަރަށް ގިނައިން ހިމެނޭ. ރާއްޖެތެރެވެސް ކުރިއާ އަޅައިބަލާއިރު މިހާރު ވަރަށް ތަފާތު. ރާއްޖެތެރެއަށްވެސް މިހާރު މިއޮތީ އިތުރު ދިރުމެއް އައިސްފައި. ރާއްޖެތެރެވެސް ކުރިއަށްވުރެ މާ ތަނަވަސް.

އާދެ، އެކަންތައްތައް އެހެން ހުރުމާއެކުގައި އަޅުގަނޑުމެންނަށް ޚަރަދުކުރެވެން އޮންނަނީ، މިފަދަ މަތިވެރި އަޅުކަމެއް އަދާކުރުމަށްޓަކައި ބޭނުންވާ ހުރިހާ ޚަރަދެއް. އާދެ، އަދިވެސް އެބައޮތް އެއް ސަބަބު އިނގޭތޯ. އެ ސަބަބަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ޙައްޖަށް ދިޔުމުގެ ކަންތައްތައް އިންތިޒާމު ކުރައްވާ ފަރާތްތަކެއް މިހާރު ތިއްބެވިކަން. އާދެ، ޙައްޖުގެ އެކިއެކި ޖަމާޢަތް، ރާއްޖޭގައި މިހާރު މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އެ ޖަމާޢަތްތަކުން ޙައްޖުވެރިންނަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް އެބަ ކޮށްދެއްވާ. އޭގެތެރެއިން އެންމެ ފާޅުކަންބޮޑު އަދި އެންމެ މަޝްހޫރު ޖަމާޢަތަކީ އަތަމާ ޖަމާޢަތް. އެއީ އެންމެ ގިނަ ޢަދަދެއްގެ މީހުން ޙައްޖަށް ގެންދަވާ ޖަމާޢަތަކީ އެއީ ކަމަށްވާތީ. އެޖަމާޢަތުގެ ފަރާތުން ވަރަށް ކުރިއްސުރެ އާދެ، 1400 ވަނަ އަހަރުން ފެށިގެން، މީހުން ޙައްޖަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަވައިގެން، އެންމެ އަހަރެއް ފިޔަވައި، އެހެން ހުރިހާ އަހަރަކު ގެންދަވާފައިވާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެނީ. 1400 ވަނަ އަހަރު އެ ގްރޫޕްގެ ފަރާތުން ނުވަތަ އެ ގްރޫޕްގެ ޙަވާލުގައި ޙައްޖަށްދިޔައީ 99 މީހުން ކަމުގައި އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އެބައޮތް. މިއަދު ކިހާވަރެއްތޯ؟ އަޅުގަނޑަށް ހީވަނީ މި އަހަރު މި ޖަމާޢަތުގެ ޙަވާލުގައި ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު 733 ވަރުވާހެން. އަދި މިއަށްވުރެވެސް މާގިނަ ޢަދަދެއްގެ މީހުން، މިދިޔަ އަހަރު މި ޖަމާޢަތުގެ ޙަވާލުގައި ޙައްޖަށްދިޔަ. އެއިން ދައްކާ އެއްޗަކީ، މި ޖަމާޢަތުގެ ފަރާތުން ޙައްޖުވެރިންނަށް ދެއްވާ ޚިދްމަތް، އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން، ކުރިއަރަމުންދާކަން.

އެހެންވީމާ، އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ ގޮތަކަށް ޙައްޖާބެހޭ ޖަމާޢަތްތަކުން ކަންތައްތައް ކޮށްދެއްވަމުން ގެންދަވަނީ. އެއީ ތަންކޮޅެއް ކުރިން އަޅުގަނޑުމެންގެ އަތުން ފައިސާ ނަންގަވައިގެން ނަމަވެސް، ޚަރަދު ކުޑަގޮތަކަށް އަޅުގަނޑުމެންނަށް ޙައްޖުގެ ކަންތައްތައް ވެވޭގޮތް ހައްދަވައިދެއްވަނީ. އެއީ އަޅުގަނޑު ދެކޭގޮތުގައި ވަރަށްބޮޑު ޚިދުމަތެއް. އެންމެފަހު މިނިޓުގައި ޙައްޖަށްދާ މީހާ އަމިއްލައަށް ދާކަމުގައިވަންޏާ، ޢަމުދުން ވަރަށް މަތީ ޢަދަދަކަށް ފައިސާ ޚަރަދު ކުރަންޖެހޭނެ. އެއާ ޚިލާފަށް، ތަންކޮޅެއް ކުރިން ފައިސާ ދައްކައިގެން ދެވޭގޮތް ހަމަޖެހިފައި އޮތީމާ، ވަރަށް ޚަރަދު ކުޑަ ގޮތަކަށް އަޅުގަނޑުމެންނަށް މިހާރު ޙައްޖުގެ އަޅުކަން އެބަ އަދާކުރެވޭ. އެއީ އަޅުގަނޑު ހިތުން މި ހުރިހާ ގްރޫޕްތަކަކުންވެސް ރާއްޖޭގެ ރައްޔިތުންނަށް ދެއްވާ ވަރަށް ބޮޑު ޚިދުމަތެއް. އެކަން އަޅުގަނޑު ފާހަގަކޮށް، ޙައްޖުގެ އަޅުކަން އަދާކުރެވޭނެ މަގު ތަނަވަސްކޮށްދެއްވާ، ރާއްޖޭގައި ޙަރަކާތްތެރިވެވަޑައިގަންނަވާ، ޙައްޖުގެ ހުރިހާ ޖަމާޢަތްތަކަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތީ، އިސްލާމީ ހުރިހާ އަޅުކަމެއްގެވެސް ބިންގަލަކީ ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމޭ. އެ ވާހަކަ ދަންނަވާލަން ބޭނުންވަނީ. اللهُ سُبْحَانَهُ وَتَعَالَى އެއީ އެއްކައުވަންތަ ކަލަކު ކަމުގައި ޤަބޫލުކުރުން. އެކަމަށް އީމާންވުން. އެއީ އިސްލާމްދީނުގެ މައިގަނޑު ބިންގަލަކީ ''لَا إلَهَ إلَّا اللهُ" އެ މަތިވެރި ބަސްފުޅު. އޭގައި އެވާ މާނަ ހިތުގެއަޑިން ޤަބޫލުކޮށް އެކަމަށް އީމާންވުން. އެއީ މާތްވެގެންވާ އިސްލާމްދީނުގެ އެންމެ ވަރުގަދަ ބިންގަލަކީ. އެ އުޞޫލުން ބަލާއިރު، އިސްލާމްދީނުގެ ހުރިހާ އަޅުކަމެއްގައިވެސް އެކަން ވަރަށް މަތިވެރި ދަރަޖައަކަށް ހާމަވެގެންދޭ.

ނަމާދުކުރާއިރު އަޅުގަނޑުމެން ކުރިމަތިލާންޖެހެނީ އެއް ޤިބްލައަކަށް. ކޮންމެ އަޅުކަމެއްގައިވެސް އަޅުގަނޑުމެން މި ކުރަނީ އެއްފަރާތަކަށް. اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޚާލިޞްކޮށް. އެނޫން އެއްވެސް ފަރާތަކަށް ނޫން. އެހެން ފަރާތެއް ޝާމިލްކުރެވޭ ކަމުގައިވަންޏާ، އެއީ އަޅުގަނޑުމެންނަށް އެ ވެވެނީ ވަރަށްބޮޑު ފާފައެއް. އެ ވެވެނީ ޝިރްކު. އެއީ، ޝައްކެއްނެތްގޮތުގައި އެއްވެސް މުއުމިނަކު ނުވަތަ އެއްވެސް މުސްލިމަކު އެދޭނެ ގޮތެއް ނޫން. ކުރާނެ ކަމެއްވެސް ނޫން. ކޮންމެ އަޅުކަމެއްވެސް އަޅުގަނޑުމެން މި ކުރަނީ، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޚާލިޞްކޮށް، އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތެއް ޝާމިލްނުކޮށް. ޙައްޖުގެ އަޅުކަމުގައިވެސް ފާޅުވެގެންދަނީ އެކަންތައް. އަޅުގަނޑުމެން އެންމެން މިދަނީ އެއް ބިމަކަށް. އަޅުގަނޑުމެން ގޮސް ޠަވާފް މި ކުރަނީ އެއްތަނެއްގެ ވަށައިގެން. އާދެ، "كعبةالله" ނުވަތަ ދިވެހިން ކިޔާ ގޮތުގައިނަމަ "ގެފުޅު". އަޅުގަނޑުމެން ޢަރަފާތުގައި އެއްވެ މި ތިބެނީ އެއް ބިމެއްގައި. ޢަރަފާތުގެ ބިން. އަޅުގަނޑުމެން ސަޢުޔު މި ކުރަނީ އެއް ތަނެއްގައި. އާދެ، ޞަފާޔާއި މަރުވާޔާ، އެދޭތެރޭގައި. ރޭކުރަން ހުންނަ ތަންތާނގައި މި ރޭކުރަނީވެސް، އެންމެން އެކުގައި، އެއްތަނެއްގައި ތިބޭ ގޮތަކަށް. މުޒްދަލިފާ ކަމުގައިވިޔަސް، މިނާ ކަމުގައިވިޔަސް. އެހެންވީމާ، މި ހުރިހާ ކަމަކުންވެސް މި ދޭހަވަނީ އަޅުގަނޑުމެންނަކީ، އެއްބައެއްކަން. އެއްފަރާތަކަށް އަޅުކަންކުރާ، އެއްފަރާތަކަށް އީމާންވެގެން ތިބި އެއް އުންމަތެއްކަން. އެއީ މާތްވެގެންވާ އިސްލާމްދީނުގެ ހުރިހާ އަޅުކަމެއްގައިވެސް އެންމެބޮޑަށް ފާޅުވާ އުޞޫލަކީ.

އެހެންވީމާ، އެ އުޞޫލަށް އަޅުގަނޑުމެން އަބަދުވެސް ރައްކާތެރިވާން ޖެހޭނެ. އަޅުގަނޑުމެންނަކީ، އެއްބައެއްކަން، އަޅުގަނޑުމެންނަކީ އެއް އުންމަތެއްކަން އަބަދުވެސް ދަންނަންޖެހޭނެ. އަޅުގަނޑުމެންނޭ މިދެންނެވީ، ހަމައެކަނި އަޅުގަނޑުމެން ދިވެހިރާއްޖޭގައި މިއުޅޭ މީހުންގެ ވާހަކައެއް ނޫން. މުޅި ދުނިޔޭގައި މިތިބަ އިސްލާމުންގެ ވާހަކަ، މުސްލިމުންގެ ވާހަކަ. އިސްލާމީ އުންމަތުގައި ހިމެނޭ އެންމެންނަކީ އެއް އުންމަތެއްގެ މީހުންކަން. "إِنَّ هَـٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً." اللهُ سُبْحَانَهُ وَتَعَالَى ވަޙީކުރައްވަނީ، "ހަމަކަށަވަރުން މިއީ އެއް އުންމަތެއް ކަމުގައިވާ ތިޔަބައިމީހުންގެ އުންމަތޭ." އަޅުގަނޑުމެންގެ ކުލަ ކިތަންމެ ތަފާތުވިޔަސް، އަޅުގަނޑުމެންގެ ނަސްލު ނުވަތަ އައި އަޞްލު ކިތަންމެ ތަފާތުވިޔަސް، އަޅުގަނޑުމެންގެ ޤައުމު ތަފާތުވިޔަސް، މުސްލިމުންނަކީ، އެއް އުންމަތެއްގެ އަހުލުވެރިން. އެކަން އެހެން އޮތްއިރު، ކޮންމެ ޤައުމެއްގައި ވަކިން ދިރިއުޅޭ މުސްލިމުންނަކީ، އަދި އެއަށްވުރެ ބޮޑަށް އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ވާންޖެހޭ. މުޅި އިސްލާމީ އުންމަތަކީ އެއްބަނޑުއެއްބަފާ ބައެއް. އޭގެތެރެއިންވެސް ކޮންމެ ޤައުމެއްގެ އަހުލުވެރިން ޝައްކެއްނެތް، ވާނެ އެއްބަނޑުއެއްބަފާ ބަޔަކަށް. މުޅި އުންމަތުގެ މީހުން އެއީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ވާންޖެހޭވަރަށްވުރެ ބޮޑަށް އެކިއެކި ޤައުމުތަކުގައި ތިބޭ މުސްލިމް ޖަމާޢަތްތަކުގެ މީހުން އެއީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ވާންޖެހޭނެކަން ކަށަވަރު.

އެގޮތުން އަޅުގަނޑަށް ދަންނަވަން ޖެހެނީ އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއަކީ، ވަރަށް ނަޞީބުގަދަ ރާއްޖެއެކޭ. اللهُ سُبْحَانَهُ وَتَعَالَى ގެ ރަޙްމަތްފުޅު އަޅުގަނޑުމެންގެ މައްޗަށް ވަރަށްބޮޑޭ. އެއީ އަޅުގަނޑުމެންގެ ރާއްޖޭގައި މުސްލިމުން ފިޔަވައި އެހެން ބަޔަކު ދިރިނޫޅޭތީ. އަޅުގަނޑުމެންގެ ރާއްޖެއަކީ، ސަތޭކައިންސަތޭކަ މުސްލިމް ޤައުމަކަށްވާތީ. މިއީ ދުނިޔޭގެ ވަރަށް މަދު ޤައުމަކަށް ނޫނީ، ލިބިފައިނުވާ ބޮޑު ނިޢުމަތެއް. އެ ނިޢުމަތް އަޅުގަނޑުމެން އަބަދުވެސް ޖެހޭނެ ހަނދާންކުރަން. އެ ނިޢުމަތް ހަނދާންކުރުމަކީ ކޮބައިތޯ؟ އެ ނިޢުމަތް ހަނދާންކުރުމަކީ އަޅުގަނޑުމެންނަކީ، އެއްބައެއްކަން އަބަދުވެސް ހަނދާންކުރުން. އެއްބައެއްކަން ދަތުން. އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ބައިބައިވުމަކަށް ތަން ނުދިނުން. އެއްވެސްކަހަލަ ދެކޮޅުވެރިކަމަކަށް ތަން ނުދިނުން. ކޮންމެ ސަބަބެއް ދިމާވިޔަސް، އަޅުގަނޑުމެން ވާންޖެހޭނެ އެކުވެރި ބަޔަކަށް، އެއްބަނޑު އެއްބަފާ ބަޔަކަށް.

އާދެ، ދުނިޔޭގެ އެހެން ތަންތާނގައި ކަންތައް އޮންނަ ގޮތާއި އަޅުގަނޑުމެންގެ ރާއްޖެއާ ތަފާތު. އެހެން ތަންތާނގައި އެބަ ތިބޭ، ތަފާތު ބަސްތަކަކުން ވާހަކަދައްކާ މީހުން. އަޅުގަނޑުމެންގެ ކައިރީގައިވާ އަވަށްޓެރި ޤައުމުތަކަށް ބަލައިލި ކަމުގައިވިޔަސް، އެކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. ތަފާތު ބަސްބަހުން ވާހަކަދައްކާ މީހުން އެތާނގައި ދިރިއުޅޭ. ތަފާތު ނަސްލުތަކުން އައިސްފައިވާ މީހުން އެތާނގައި ދިރިއުޅޭ. ތަފާތު ދީންތަކުގެ އަހުލުވެރިން އެތާނގައި ދިރިއުޅޭ. އަދި މިނޫން ގޮތްގޮތުންވެސް ތަފާތު މީސްމީހުން އެތާ އެބައުޅޭ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި، ﷲގެ މަތިވެރި ރަޙްމަތްފުޅުން އަޅުގަނޑުމެންނަކީ، އެއް ބަހަކުން ވާހަކަދައްކާ، އެއް ޢަޤީދާއެއްގެ އަހުލުވެރިން. އެއް އަޞްލަކުން އައިސް ތިބި ބައެއް. އާދެ، ފެށުނުއިރު އަދި އެއީ ތަފާތު އަޞްލުތަކެއް ކަމުގައިވިޔަސް، އޭގެފަހުން މިދިޔަ އެތައް ސަތޭކަ އަހަރެއްގެ ތެރޭގައި އަޅުގަނޑުމެން ދިވެހިންނަކީ، މުޅިން އެއް އަޞްލެއްގެ ބަޔަކަށްވެ ނިމިއްޖެ.

އެހެންވީމާ، މިހާރު އަޅުގަނޑުމެންނަށް ބުނެވެން އަންނަނީ، އަޅުގަނޑުމެންނަކީ އެއް އަޞްލެއްގެ މީހުންނޭ. މި ހުރިހާ މަތިވެރި ނިޢުމަތްތަކެއް އަޅުގަނޑުމެންނަށް ލިބިފައި އޮތްކަން އެއީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް އަބަދުވެސް ހަނދާންކުރަން ޖެހޭނެ ކަމެއް. ކޮންމެ ކަމެއް ދިމާވިޔަސް، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އުޚުއްވަތްތެރިކަމަށް، އެއްބަނޑުއެއްބަފާ ކަމަށް، އެއްވެސް ބަދަލެއް އައިސްގެނެއް ނުވާނެ. ދުނިޔޭގައި ދިމާވާނެ ތަފާތު ކަންތައްތައް. ކުދި ކަންތައްތަކާއި ބޮޑެތި ކަންތައްތައް ދިމާވާނެ. އުފާވެރި ކަންތައްތަކާއި ހިތާމަކުރަންޖެހޭ ކަހަލަ ކަންތައްތައް ދިމާވާނެ. ދުނިޔެއަކީ އެކަހަލަ ތަނެއް. ދުނިޔެއަކީ ސުވަރުގެއެއް ނޫން. އަބަދު ނިޢުމަތުގައި މީހުން ދިރިއުޅެން ﷲ ލައްވާފައިވާ ތަނެއް ނޫން. އަބަދު އުފަލުގައި ދިރިއުޅެން ﷲ ލައްވާފައިވާ ތަނެއް ނޫން.

އެހެންވީމާ، ދުނިޔޭގައި ދިމާވާނެ އުފާވެރި ދުވަސްތަކާއި، ހިތާމަވެރި ދުވަސްތައް. ބޮޑެތި ކަންތަކާއި ކުދި ކަންތައް. އެ ހުރިހާ ކަމެއް އަދި އެއިން ކޮންމެ ކަމެއް ދިމާވިޔަސް، އަޅުގަނޑުމެންގެ އުޚުއްވަތްތެރިކަން، އަޅުގަނޑުމެންގެ އެއްބަނޑުއެއްބަފާކަން، އަޅުގަނޑުމެންނަކީ އެއް މުޖްތަމަޢެއްގައި ދިރިއުޅޭ، އެއް އުންމަތެއްގެ ބައެއްކަން، އެކަން އަބަދުވެސް އަޅުގަނޑުމެންގެ ހިތުގައި ބާއްވަންވާނެ. އެއާ ޚިލާފްވާކަހަލަ އެއްވެސް ކަމެއް ކޮށްގެނެއް ނުވާނެ. އެއީ އަޅުގަނޑު ހިތުން މި ޙައްޖުގެ އަޅުކަމުންވެސް އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ދަސްވާ ފިލާވަޅެއް. ތިޔަބޭފުޅުންވެސް، އިރާދަކުރެއްވިއްޔާ ދަތުރުފުޅު ކުރައްވާފައި މައްކާއަށް ވަޑައިގެން އެތާނގައި ތިއްބަވާއިރު، އެކަން ފާހަގަކުރެއްވޭނެ. ތަފާތު ޤައުމުތަކުން އައިސް ތިބޭ މީހުން، ތަފާތު ކުލަކުލައިގެ މީހުން، ތަފާތު ބަސްބަހުން ވާހަކަދައްކާ މީހުން، އެންމެން އެއްކަހަލަ ހެދުންތަކެއް އަޅައިގެން، އިޙްރާމްގެ ހެދުން، ފިރިހެނުން ވިއްޔާ ތިބޭނީ، ދާދި އެއްގޮތަކަށް. އެއްކަހަލަ ހެދުންތަކެއް އަޅައިގެން އެ އުޅެނީ. އެމީހުންގެ މެދުގައި އެއްވެސް ތަފާތެއް ނެތް ﷲ ގެ ޙަޟްރަތުގައި. މުއްސަންޖެއް، ފަޤީރެއް، ނިކަމެއްޗެއް، ބާރުގަދަ މީހެއް، ކުޑަކުއްޖެއް، ބޮޑުމީހެއް ތަފާތެއް ނެތް. އެންމެންނަކީ، ﷲގެ ޙަޟްރަތުގައި ހަމަހަމަ ބައެއްކަން ޙައްޖުގެ އަޅުކަމުން ވަރަށްބޮޑަށް އެނގި ފާޅުވެގެންދޭ. އަދި އެއް އުންމަތެއްގެ އަހުލުވެރިންކަންވެސް އެނގޭ.

އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، ތިޔަ ހުރިހާ ބޭފުޅުންވެސް ޙައްޖުގެ އަޅުކަން އަދާކުރައްވާއިރުވެސް، އަދި އޭގެ ކުރިން ރާއްޖޭގައި ތިއްބަވާއިރުވެސް، އަދި އޭގެ ފަހުން ރާއްޖެއަށް ވަޑައިގެން އިރާދަކުރެއްވިއްޔާ، އުފާވެރި ދިރިއުޅުމެއް ރާއްޖޭގައި ވޭތިކުރައްވަމުން ގެންދަވާއިރުވެސް، އަބަދުވެސް ހަނދާންކުރައްވާށޭ، އަޅުގަނޑުމެންނަކީ، އެއް އުންމަތެއްގެ އަހުލުވެރިންކަން. އަޅުގަނޑުމެންނަކީ، އެއް ޤައުމެއްގެ އަހުލުވެރިންކަން. އަޅުގަނޑުމެންނަކީ، އަޚުންތަކެއްކަން. "إِنَّمَا ٱلۡمُؤۡمِنُونَ إِخۡوَةࣱ." ﷲ ވަޙީ ކުރައްވަނީ، "ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކޭ." މިއީ ދީނުގެ މައިގަނޑަކީ. އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ އަޞްލަކީ.

އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ ތިޔަ ހުރިހާ ބޭފުޅުން އެކަންތައް ހަނދާންކުރެއްވުން. އެއްވެސް ސަބަބަކާހުރެ، އެ ސަބަބަކީ އަދި މިދެންނެވީ އިޖްތިމާޢީ ކަމެއް ކަމުގައިވިޔަސް، ނުވަތަ އިޤްތިޞާދީ ކަމެއް ކަމުގައިވިޔަސް، ނުވަތަ ދީނީ ކަމެއް ކަމުގައިވިޔަސް، ނުވަތަ ސިޔާސީ ކަމެއް ކަމުގައިވިޔަސް، އެއްވެސް ކަމެއްގެ ސަބަބުން އަޅުގަނޑުމެންގެ މެދުގައި ބައިބައިވުމެއް އުފެދިގެން ނުވާނެ. އުފެދޭނެ ޖާގައެއް އަޅުގަނޑުމެން ދީގެނެއްވެސް ނުވާނެ. ކޮންމެ ކަމަކީވެސް، ޙައްލުކުރެވޭނެ ކަމެއް. އަޅުގަނޑުމެން އެކުވެރި ވެއްޖިއްޔާ، އެކަތިގަނޑަކަށް ވެއްޖިއްޔާ، އެއް ބައެއްގެ ގޮތުގައި، އެއް އަމާޒުފަތްގަނޑަކަށް މަސައްކަތް ކޮށްފިއްޔާ، ﷲގެ ވާގިފުޅާއެކު، ހަމަ ކޮންމެ ދަތިކަމަކީވެސް އަޅުގަނޑުމެންނަށް ޙައްލުކުރެވޭނެ ކަމެއް. ﷲގެ ވާގިފުޅު ވަނީ އެކުވެރި މީހުންނާ އެކުގައި. ﷲގެ ވާގިފުޅު، ތައުފީޤު ވަނީ އެކުވެރިވެ، އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރާ މީހުންނާ އެކުގައި. އެހެންވީމާ، އެގޮތުގައި އަޅުގަނޑުމެން ތިބެގެން މަސައްކަތް ކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ކުރިމަތިވާ ކޮންމެ ކަމެއްވެސް اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށްޓަކައި ޙައްލުކޮށްދެއްވާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ ދެން މާދިގުކުރާކަށް ނެތިން. އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ނިޔާމަ ދަތުރުފުޅެއް މިންވަރު ކުރެއްވުން. އަދި ނިޔާމަ ދަތުރުފުޅަކަށްފަހު، ޙައްޖާއި ޢުމްރާގެ އަޅުކަން އެންމެ އެދެވޭގޮތުގައި އަދާކުރެއްވުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަދި އެ އަޅުކަން އެންމެ އެދެވޭ، އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށްފަހުގައި، ނިޔާމަ ދަތުރެއް ކުރެއްވުމަށްފަހުގައި، ފުރިހަމަ ޞިއްޙަތުގައި ރާއްޖެއަށް ވަޑައިގެން އަޅުގަނޑުމެންނާ ބައްދަލުކުރެއްވުމުގެ އުފާ އަޅުގަނޑުމެން އެންމެންނަށް ދެއްވުން. اللهُ سُبْحَانَهُ وَتَعَالَى ތިޔަ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވާށި. ތިޔަ ހުރިހާ ބޭފުޅުން، ތިޔަ އަދާކުރައްވަން ޤަޞްދުކުރައްވާ މަތިވެރި އަޅުކަމުގެ ފުރިހަމަ ޘަވާބާއި ނިޢުމަތް ދެއްވާށި. އަޅުގަނޑުމެން އެންމެންނަށް އެކަލާނގެ މަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު ދެއްވާށި. ދިވެހިރާއްޖެއަށް އަމާންކަމާއި، ބާއްޖަވެރިކަމާއި، އުފާވެރިކަން އަބަދަށްޓަކައި ލައްވާށި.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.