ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޑެންމާކުގެ ބޮޑުވަޒީރު ލާރސް ރަސްމުސެންއާ ރޭ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުން ހިނގަމުންދާ މައި މަރުކަޒު ކަމުގައިވާ ބެލާ ސެންޓަރުގައެވެ.
މިބައްދަލުކުރެއްވުމުގައި، ކޯޕަންހޭގަންގައި އެއްބަސްވުމަކަށް އައުމަކީ މުސްތަޤްބަލަށްޓަކައި ކުރަންޖެހިފައިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ސަމިޓުގައި ޤާނޫނީގޮތުން ލާޒިމުކުރާ އެއްބަސްވުމަކަށް އައުމުގެ އުންމީދުކުޑަވެފައިވާ މިދަނޑިވަޅުގައި ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ނައްތާލައި، ދުނިޔެ ސަލާމަތްކުރުމުގައި ހުރިހާ ޤައުމުތަކަކުންވެސް ބާރުއެޅުމަކީ، މިހާރު ކޮންމެހެން ކުރަންޖެހިފައިވާކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ޖައްވުގައި ކާބަން ހުންނަ މިންވަރު 350ޕީ.ޕީ.އެމް.އަށްވުރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަކީ، ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމިއޮތުމާ ވަރަށް ބޮޑަށް ގުޅުންހުރިކަމެއް ކަމުގައިވުމާއެކު، ކޮޕް15އިން ވެވޭ އެއްބަސްވުމެއްގައި މިކަން ބަޔާންކޮށްފައި އޮތުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ.
ޑެންމާކުގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުން ދުނިޔެ ހޭލުންތެރިކުރުވުމަށާއި، މިކަމަށް ޙައްލެއް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ދުނިޔެއަށް ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ މިކަމާގުޅިގެން އަޑު އުފުއްލަވަމުން ގެންދަވާ މިންވަރަށް އަޑުއުފުއްލަވާނެ އިތުރު ލީޑަރުންތަކެއް ކަމުގައި ވިދާޅުވިއެވެ.
ރާއްޖެއާއި ޑެންމާކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންވެސް ދެބޭފުޅުން މިބައްދަލުކުރެއްވުމުގައި ދެމަޝްވަރާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމަށްފަހު، ކެލިފޯނިއާގެ ގަވަރނަރ އާރނޯލްޑް ޝްވަރްޒެނޭގަރގެ ޝަރަފުގައި އެމެރިކާގެ އެމްބެސެޑަރ ބޭއްވެވި ރިސެޕްޝަންގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރިސެޕްޝަންގެ ތެރޭގައި، ގަވަރނަރ ޝްވަރްޒެނޭގަރއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ކޮޕް15ގައި އެއްބަސްވުމަކަށް އައުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭގޮތުންނާއި، މިސަމިޓަށް ރާއްޖެއިން ކުރަމުން ގެންދާ އުންމީދުތަކާ ބެހޭގޮތުން ގަވަރނަރއަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ.