بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މިއަހަރުގެ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި ރާއްޖޭގައި އިންސާނީ ޙައްޤުތައް ދިރުވައި އާލާކުރުމަށާއި، އިންސާނީ ޙައްޤުތަކާ މެދު ދިވެހިންގެ މެދުގައި ހޭލުންތެރިކަން އުފައްދައި އިތުރުކުރުމަށް މަސައްކަތްކުރައްވާ މަދަނީ ޖަމުޢިއްޔާތަކަށާއި ޖަމާޢަތްތަކަށް އަދި ވަކިވަކި ފަރުދުންނަށްވެސް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމެވެ.

މި އަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހަށް، އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިޢާރު، "ކަރާމާތާއި މިނިވަންކަމާއި އިންޞާފު، އެންމެންނަށް" ރަމްޒުކޮށްދެނީ، އިންސާނުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަމާއި އިޙްތިރާމާއި ޤަދަރުކުރުމުގެ ސިފަ ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ މުހިންމު ކަމެވެ. މިނިވަންކަމާއި ޢަދުލު އިންޞާފާއި ޞުލްޙަވެރިކަން، މުޖްތަމަޢުގައި ދެމެހެއްޓޭނީ އަޅުގަނޑުމެން އެކަކު އަނެކަކާ މެދު އިޙްތިރާމާއި ލޯތްބާއި އިންޞާފާއެކު މުޢާމަލާތު ކޮށްގެންނެވެ. އިންސާނަކަށް ވީތީ ކޮންމެ މީހަކަށް ލިބެންޖެހޭ އެންމެ އަސާސީ ޙައްޤުތައްވެސް ފުރިހަމަ ގޮތުގައި ޙިމާޔަތްކޮށް ރައްކާތެރިކުރެވޭނީ، ކޮންމެ މީހަކު ވެސް، ތިމާގެ އަމިއްލަ ނަފްސަށް ލިބުމަށް އެދޭ އިޙްތިރާމާއި މިނިވަންކަމާއި އިންޞާފު، ތިމާގެ ފަރާތުން އަނެކާއަށް ވެސް ލިބިދީގެންނެވެ.

އިންސާނީ ޙައްޤުތަކުގެ އަސާސަކީ ހަމައެކަނި ޙައްޤުތަކެއް ލިބުމެއް ނޫނެވެ. އަސާސީ ކޮންމެ ޙައްޤަކާއެކު އުފުލަންޖެހޭ ޒިންމާތަކަކާއި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކެއްވެއެވެ. ދިރިހުރުމުގެ ޙައްޤު ލިބުމަށް އެދޭއިރު، އަނެކާގެ ފުރާނައަށް ގެއްލުމެއް ނުދިނުމުގެ ޒިންމާއެވެ. މުދަލާއި އާމްދަނީ ހޯދުމުގެ ޙައްޤަށް އެދޭއިރު، އަނެކާގެ މުދަލާއި ތަކެއްޗަށް ނުޙައްޤުން އަރައިނުގަތުމުގެ ޒިންމާއެވެ. ތިމާގެ އަބުރާއި ކަރާމާތް ރައްކާތެރިކުރުމަށް އެދޭއިރު، ކުރާ ކަމަކުން ނުވަތަ ބުނެލާ ބަހަކުން ވިޔަސް، އަނެކާގެ އަބުރާއި ޢިއްޒަތަށް އުނިކަމެއް ނުދިނުމުގެ ޒިންމާއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަށް ވަކާލާތުކުރާއިރު، އަނެކާގެ އަބުރާއި ޢިއްޒަތް ގެއްލިގެންދާ މިންވަރަށް ތިމާގެ މިނިވަންކަމުގެ ލަގަން ދޫކޮށްނުލުމުގެ ޒިންމާއެވެ.

އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ޚިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުމެވެ. އިންސާނީ އަސާސީ ޙައްޤުތަކާ ގުޅިފައިވާ ޒަރޫރީ ޚިދުމަތްތައް، ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު މަސައްކަތްތަކެއް މިހާރުވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ރަށްރަށުގައި ޤާއިމުނުކުރެވި ހުރި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރުމަށް ސަރުކާރުން ނިންމައިގެން އެ މަސައްކަތް ކުރިއަށް ގެންދަނީ، އިންސާނީ އަސާސީ ޙައްޤުތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ޤާނޫނުއަސާސީން ދިވެހި ދައުލަތާ މަތިކޮށްފައިވާ ޒިންމާގެ ދަށުންނެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާއިރު، އަޅުގަނޑުމެން މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ، އިންސާނީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް އަޅުގަނޑުމެންގެ ތެރޭގައި ހުރި ނުރަނގަޅު އާދަތައް ނައްތައިލުމަށެވެ. ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށް، މުޅި މުޖްތަމަޢު އެކުގައި މަސައްކަތް ކުރަންޖެހެއެވެ. އިންސާނީ ޙައްޤުތަކަށް އެންމެ ބޮޑަށް ހުރަސްއެޅޭ އިޖްތިމާޢީ މައްސަލަތަކާއި ކުށްތައް ހުއްޓުވުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. އެކަނިވެރިކަމުގައި ޢުމުރުގެ ފަހު ދުވަސްތައް ގުނަމުންދާ ދޮށީ ޢުމުރުގެ މީހުންނަށް ޙައްޤުވާ ޢާއިލީ ލޯތްބާއި އަޅާލުން ދިނުމަށް ސަމާލުކަން ދޭންޖެހެއެވެ. ހަމައެފަދައިން، މައިންބަފައިންގެ ލޯބިން މަޙުރޫމުވެފައިވާ ކުޑަކުދިންނަށް މުޖްތަމަޢުގެ ތެރެއިން އަޅާލުމާއި ލޯތްބާއި ކުލުނުގެ މާޙައުލެއް ފަހިކޮށްދިނުމަކީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެކެވެ.

ރާއްޖޭގައި އިންސާނީ ޙައްޤުތައް ދިރުވައި އާލާކުރުމަށް، ސަރުކާރާއި އަމިއްލަ ފަރުދުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ކާމިޔާބާއި ފާގަތިކަން ދެއްވާށިއެވެ. އަޅުގަނޑުމެން އެންމެންނަކީވެސް، އިޙްތިރާމާއި ލޯތްބާއި އޯގާތެރިކަމާ އެކު އަނެކުންނާ މުޢާމަލާތުކުރާ ބަޔަކު ކަމުގައި ލައްވައި، ދިވެހި މުޖްތަމަޢުގައި އަމާންކަމާއި ޞުލްޙަވެރިކަން ޢާންމު ކުރައްވާށިއެވެ. އާމީން.