މޫސުމަށް ބަދަލު އަންނަމުންދާކަން ގަބޫލު ނުކުރާ އަދި އެކަމާމެދު ޝައްކު ކުރާ މީހުންނަށް ވިދާޅުވާން ބޭނުންފުޅުވާ ހަމައެކަނި ތިން ބަހަކީ "ތިނެއް ފަހެއް ސުމެއް" ނުވަތަ ތިންސަތޭކަ ފަންސާސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކޯޕަންހޭގަންގައި މިހާރު ކުރިއަށްދާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައްދަލުވުމާ ގުޅުވައިގެން، ޑެންމާރކާއި މޫސުމާބެހޭ ބައިނަލްއަޤްވާމީ ޖަމާޢަތްތައް ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ކްލައިމަފޯރަމް 2009" ގައި ތްރީ ފިފްޓީ ޑޮޓް އޯރގްއިން އިންތިޒާމްކުރި ރެލީއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު މި ރެލީގައި ވާހަކަފުޅު ދެއްކެވީ، ރާޢްޖޭ ގަޑިން މިރޭ 9.30 ހާއިރުއެވެ.

މި ރެލީގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ދެމިއޮތުމާއި، ދުނިޔޭގެ ސަލާމަތަށްޓަކައި ޖައްވުގައި ކާރބަން އެކުލެވޭ މިންވަރު 350 ޕާޓްސް ޕަރ މިލިއަނަށް ދަށްކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. ފިޒިކްސްގެ ޤާނޫނާމެދު ބަޙުޘް ނުކުރެވޭނެ ކަމަށާއި، 350 އަކީ ޖައްވީ ފިޒިކްސް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ކޯޕަންހޭގަންގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ރާއްޖޭގެ ޓީމުން މަސައްކަތް ކުރަމުންދަނީ، މިބައްދަލުވުމުގައި ކުރެވޭ ބަޙުޘްތަކުގައި 350 ހިމެނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ބައްދަލުވުމުގައި ދުނިޔޭގެ ސަލާމަތަށް އެކަށައެޅޭ ޕްލޭންގެ މައިގަނޑު މަޤްޞަދަކީ 350 ޙާޞިލް ކުރުން ކަމަށްވުމާއެކު، އެކަމަށްޓަކައި ކުރެވެމުންދާ މަސައްކަތުގައި ގިނަ ޤައުމުތަކެއް ބައިވެރިވަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިބަހުސްތަކުގައި 350 ހިމެނުމަށް މަސައްކަތް ކުރާ ޤައުމުތަކުން ކުރަމުންދާ މަސައްކަތުގައި މަދަނީ މުޖްތަމަޢުގެ އެހީތެރިކަމާއި، ޢާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ. މިގޮތުން ސިޔާސީ ވެރިން، ކަންކަމުގައި ޢަމަލުކުރުމަށް ބާރުއެޅުމަށް، ފުރަތަމަ ރައްޔިތުން ޢަމަލުކުރަންޖެހޭ ކަމަށް ވިދާޅުވެ، ތާރީޚް ދައްކައިދީފައިވާ ފަދައިން، މިކަން ޙާޞިލުކުރުމަށްޓަކައި ސިޔާސީ ވެރިން މިކަމުގައި ފިޔަވަޅު އެޅުމަށް ބާރުއެޅުމުގައި ރައްޔިތުންގެ ޞުލްޙަވެރި ސިޔާސީ ޙަރަކާތުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ރާއްޖޭގެ ސިޔާސީ ތާރީޚާއި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެވުނު މަސައްކަތްތަކުން ރައީސުލްޖުމްހޫރިއްޔާ މިސާލު ޖައްސަވަމުން، ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ އެއް ތަޢާރަފް ކުރެވިފައި މިވަނީވެސް، ރާއްޖެއަށް ޑިމޮކްރަސީ ގެނެވިދާނެކަމާމެދު ކުރެވެމުންއައި ޝައްކުތަކަށް ނުބަލައި، ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރި ގޮތްތައް، ޙާޞިލް ކުރުމަށް ކެނޑިނޭޅި ކުރި މަސައްކަތްތަކެއްގެ ސަބަބުން ކަމުގައި ވިދާޅުވިއެވެ.

ހަމަ މިފަދައިން، މޫސުމަށް އަންނަ ބަދަލުތަކާއި، ޖައްވުގައި ކަރބަން އެކުލެވޭ މިންވަރު 350 ޕީ.ޕީ.އެމް.އަށް ދަށްކުރުމަށް ފިޔަވަޅު އެޅުމަށް، ދުނިޔޭގެ ވެރިންނަށް ބާރުއަޅައި މިފަދަ ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ކުރިއަށްގެންދިއުމަށް ދުނިޔޭގެ އެންމެންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
ތްރީ ފިފްޓީ ޑޮޓް އޯރގްއިން އިންތިޒާމްކުރި މި ރެލީގައި 1000 އަށް ވުރެ ގިނަ މީހުންނާއި، ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ ފަރާތްތަކުން ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.