بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އޯރކާ މީޑިއާ ގްރޫޕްގެ މެނޭޖިންގ ޑައިރެކްޓަރ އަދި އިސްވެރިން، ކުންފުނިތަކުގެ އެމް.ޑީސް، އަދި އެހެނިހެން އިސްވެރިން، ދިވެހިރާއްޖެއަށް ބޭރުގެ ޤައުމުތަކުން ކަނޑައަޅުއްވާފައިވާ ސަފީރުން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު "ކޯޕަރޭޓް މޯލްޑިވްސްގެ" ނަމުގައި މި ދެވޭ އެވޯޑް އިންތިޒާމު ކުރާ ފަރާތަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިފަދަ މުހިންމު ޙަފްލާއެއްގައި އަޅުގަނޑަށް ބައިވެރިވެވޭތީ، އެކަމަށްޓަކައި ވަރަށްބޮޑަށް އުފާކުރަން.

އެނގިވަޑައިގަންނަވާނެ، ވިޔަފާރީގެ ދާއިރާގަޔާއި، އިޤްތިޞާދީ މަސައްކަތުގައި، އަދި ޤައުމީ ޚިދުމަތެއްގައި، މިފަދަ ދުވަސްވަރެއްގައި ގޮންޖެހުންތަކާއެކު، މަސައްކަތްތައް ކުރުމަކީ އެއީ ވަރަށް ބޮޑު ދަތި އުނދަގޫ ކަމެއް. އުނދަގުލާއެކު މިފަދަ ކަންތައްތައް ކުރިއަށް ގެންދަވާ އަދި ދެމެހެއްޓެނިވި ގޮތަކަށް މި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ކަމެއް.

އާދެ، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިގޮތަށް މި އެވޯޑް ދެވޭ ހަވަނަ އަހަރު. ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ކަމެއް ކުރާ ކަމަށްޓަކައި މިކަން އިންތިޒާމުކުރާ އެންމެހައި ފަރާތްތަކަށް، ހުރިހާ ބައިވެރިންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ދެމެހެއްޓެނިވި ގޮތަކަށް ވިޔަފާރިއެއް ކުރިއަށް ގެންދިޔުމަކީ އަޅުގަނޑު ދެންމެ މި ދެންނެވިހެން އެހާ ފަސޭހަ ކަމެއް ނޫން. ދުނިޔޭގެ މަސްރަޙަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، ވަރަށް ދަތި އުނދަގޫ ކަންތައްތަކެއް ހުއްޓުމެއްނެތި، ފަހަރަކު ކަމެއް، ފަހަރަކު ކަމެއް، އަޅުގަނޑުމެންނަށް ކުރިމަތިވަމުން އެބަ އާދޭ.

އާދެ، އަޅުގަނޑުމެންނަށް ކުރިމަތިވެގެން މިދިޔައީ، ކޯވިޑް-19ގެ މި ބަލިމަޑުކަން. ދެ އަހަރެއްހާ ދުވަހު، މިކަމުގައި ދުނިޔޭގެ އެހެން މީހުން ތަޙައްމަލުކުރި ދަތި އުނދަގޫތައް އަދި އެއަށްވުރެ މާބޮޑަށް ދިވެހިރާއްޖޭގައި ތަޙައްމަލުކުރަން ޖެހުނު. އާދެ، މިއާއެކު އެނގިވަޑައިގަންނަވާނެ، މިތަނުގައި މި ތިއްބެވި ވިޔަފާރި ކުރައްވާ ފަރާތްތަކަށް، ސަރުކާރުގެ ކުންފުނިތަކަށް، މުއައްސަސާތަކުގެ އިސްވެރިންނަށް ވަރަށް އުނދަގޫ ކަންތައްތަކެއް ކުރިމަތިވި. ދުނިޔޭގެ އިޤްތިޞާދު ގާތްގަނޑަކަށް ހުއްޓުމާއެކު، އަޅުގަނޑުމެންގެ މުޅި އިޤްތިޞާދުވެސް ވަރަށްބޮޑަށް ހުއްޓުމަކާ ގާތަށް ދިޔައީ. އެނގިވަޑައިގަންނަވާނެ، ރިޒޯޓުތައް އެކީ ބަންދުކުރަން ޖެހުނީ. ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެބޮޑު ބައެއް މި އެކުލެވެނީ، ސީދާގޮތެއްގައި ޓުއަރިޒަމްގެ ވިޔަފާރިއާ. އަދި ނުސީދާ ގޮތަކުން ގާތްގަނޑަކަށް 70، 80 ޕަސެންޓް މި ގުޅިފައި އޮންނަނީ ރިޒޯޓުތަކުގެ ވިޔަފާރިއާ.

އާދެ، ހަމަ މިއާއެކު، އެހެނިހެން ވިޔަފާރިތަކަށް ވަރަށްބޮޑު ލޮޅުމެއް އައީ. އެނގިވަޑައިގަންނަވާނެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ވަރަށްބޮޑު ހީނަރުކަމެއް ކުރިމަތިވި. ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތަކަށް ހަމަ އެގޮތަށް އެ ދަތިތަކާ ކުރިމަތިލާންޖެހުނީ.

އަޅުގަނޑު ދަންނަވާނީ މިއަދު، އަޅުގަނޑުމެންގެ ނަސީބަކަށް ވެގެންދިޔައީ، އަޅުގަނޑުމެންނަށް މިކަންތައްތަކުން އަވަހަށް އަރައިގަނެވުނީ، އަދި ނަމޫނާ ޤައުމެއްގެ ގޮތުގައި، ޚާއްޞަކޮށް ޓުއަރިޒަމް އަޅުގަނޑުމެންނަށް ފަށައިގަނެވި، އިޤްތިޞާދު އިޢާދަ ކުރުމަށް އަޅުގަނޑުމެންނަށް ފުރުޞަތު ލިބިގެންދިޔައީ، ސަރުކާރާއެކު އާންމު ފަރާތްތަކުން، ޚާއްޞަކޮށް ޕްރައިވެޓް ސެކްޓަރއިން ކުރެވުނު މަސައްކަތްތަކުންނޭ. ޚާއްޞަކޮށް، އަޅުގަނޑު މިވަގުތު ހަމަ ފާހަގަކޮށްލަން ބޭނުން، ޓުއަރިޒަމާއި އަދި އެހެން ވިޔަފާރިތައް ކުރާ ފަރާތްތަކާއެކީ ސަރުކާރުން އެ ކުރި މަސައްކަތް. އަދި އާންމު ފަރާތްތަކުން ޕްރައިވެޓް ސެކްޓަރއިން މުޅި ސަރުކާރަށާއި، މުޅި ޤައުމަށް އެވަގުތު ލިބިގެންދިޔަ އެއްބާރުލުމާއި އެހީތެރިކަން، އެއީ އަޅުގަނޑު ހަމަ މިއަދު ވަކިން ޚާއްޞަކޮށް ފާހަގަކޮށްލަން ބޭނުންވާ ކަމެއް.

އާދެ، އެނގިވަޑައިގަންނަވާނެ، ޤައުމެއް، ޤައުމެއްގެ ގޮތުގައި މި ދެމިއޮންނަނީ، އެ ޤައުމެއްގައި ހިނގާ އިޤްތިޞާދެއްގެ މައްޗަށް. އިޤްތިޞާދެއް ނެތް ތަނެއްގައި ހަމަޖެހުމެއްވެސް ނޯންނާނެ. ތަނަވަސްކަމެއްވެސް ނޯންނާނެ. ހަމަޖެހިގެން ބަޔަކަށް ނުވެސް އުޅެވޭނެ. މި ޤައުމުގައި މިއޮތް އިޤްތިޞާދަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން ހަމަ ޝުކުރު އަދާކުރާވަރުވޭ. ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ބަލާނަމަ، އެނގިވަޑައިގަންނަވާނެ، ޓުއަރިޒަމް ވިޔަފާރި މިއޮތީ މުޅިން އާންމު އަމިއްލަ ފަރާތްތަކުގެ މައްޗަށް އެކީ ދޫކޮށްލެވިފައި. އަޅުގަނޑުމެން 50 އަހަރު ގުނަމުންދާއިރު، އެ މިނިވަންކަމާއެކު އެކަން ކުރުމުގެ ފުރުޞަތު ލިބިގެންދިޔައިމާ، މިއަދު ނަތީޖާއަކަށް ވެގެންމިދަނީ، މުޅި ދުނިޔެއަށްވެސް މިސާލެއްގެ ގޮތުގައި، ލީޑިންގ ޑެސްޓިނޭޝަނެއްގެ ގޮތުގައި، ޖެހިޖެހިގެން އެތައް އަހަރަކު އަދި ސަރވިސް ކޮލިޓީ، އެންމެ ރަނގަޅު މަންޒިލެއްގެ ގޮތުގައި މުޅި ރާއްޖެ ވެގެންދިޔުން.

ދުނިޔޭގެ އެހެން ފަރާތްތަކުން، ރާއްޖޭގައި މިއޮތް ފަތުރުވެރިކަން ނަމޫނާއެއްގެ ގޮތުގައި ބަލައިގެން، މިގޮތަށް ތަރައްޤީ ކުރުމަށްޓަކައި މަސައްކަތް ކުރަމުންދޭ. އަޅުގަނޑުމެން އެ ފަޚުރުވެރި ވެވެން މިއޮތީ، ބަޔަކު ވަރަށް ބޮޑެތި ރިސްކްތަކެއް ނެގީމާ. ޚާއްޞަކޮށް، އަޅުގަނޑު ހަމަ ފާހަގަކުރަން ބޭނުން. އަޅުގަނޑުމެންގެ މިރޭގެ އެންމެ މުހިންމު އެއް ބައިވެރިއެއްގެ ގޮތުގައި، ޓުއަރިޒަމް ވިޔަފާރި ރާއްޖޭގައި ފެށިގެން އައިއިރު، ހަމަ އެފަދަ ރިސްކްތަކެއް ނަންގަވައިގެން އަދި މިއަދާ ހަމައަށްވެސް ވަރަށް ގިނަ ވިޔަފާރިތަކެއް ކުރައްވާ، ކާމިޔާބު ވިޔަފާރިތަކެއް ކުރައްވާ، އަދި ކާމިޔާބު ޚިދުމަތްތަކެއް ދެއްވާފައިވާ ބޭފުޅެއް، ދަމާސްގެ ޗެއަރމަން އަލްފާޟިލް މުޙައްމަދު ޞާލިޙަކީ. އަޅުގަނޑަށް ހީވަނީ، އެ ބޭފުޅުން އެ ދުވަހު އެ ނެންގެވި ރިސްކާއި، ކަންތައްތައް ކުރުމުގައި އޭރު ހުރި ދަތި ކަންތައްތަކަކީ މިއަދު އަޅުގަނޑުމެންނަށް، ޒުވާން އުމުރުގެ ބޭފުޅުންނަށް، ކުދިންނަށް ގަބޫލުކުރަން ތަންކޮޅެއް އުނދަގޫ ކަންތައްތައް. އޭރު ފައިސާ ހޯދުމަކީ ވަރަށް ދަތިކަމެއް. ބޭންކްތަކުން ފައިނޭންސް ހޯދުން، ލޯނު ހޯދުން، އަދި އެނޫން ގޮތްގޮތުންވެސް، މި ބިލްޑިންގ މި ކޮންސްޓްރަކްޓް ކުރުމުގެ، އެސްޓެބްލިޝް ކުރުމުގެ މަސައްކަތަކީ އެއީ، ވަރަށް ބުރަ ކަންތައްތައް. ޓްރާންސްޕޯޓުގެ ނިޒާމަށް ބެލިކަމުގައިވިޔަސް، ލޮޖިސްޓިކްސް އާއި މުދާ ގެނައުމުގެ ކަންތައްތަކަށް ބެލި ނަމަވެސް، އަދި ހިއުމަން ރިސޯސްއާއި، ކަންކަން ރަނގަޅަށް ކުރާނެ މީހުންނަށް ބެލި ކަމުގައިވިޔަސް، ހުރިހާ ގޮތަކުންވެސް އެފަރާތްތަކަށް އޮތީ ވަރަށް ބޮޑު ޗެލެންޖެއް.

އެހެންވީމާ، މިއަދު ރާއްޖޭގައި މިދިޔަ 50 އަހަރު ޚާއްޞަކޮށް މި މަސައްކަތް ހިތްވަރާއެކު ކުރެއްވި ފަރާތްތަކުގެ މަތިން އަޅުގަނޑުމެން ހަނދާންކުރަން އެބަޖެހޭ. އެ ފަރާތްތަކަށް ޙައްޤު ޝުކުރު އަޅުގަނޑުމެން އަދާކުރަން އެބަޖެހޭ. އަޅުގަނޑު ސަރުކާރުގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި، އެފަދަ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެން މިއަދު ބަދަލުކުރަން އެބަޖެހޭ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ދަންނަވައިފިން، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ވާހަކަ. އެއަށްފަހު، ދެން އަނެއްކާވެސް މިއައީ ދުނިޔޭގެ މަސްރަޙުގައި ހިނގާ އެހެނިހެން ކަންތައްތައް، ހަމަނުޖެހުން، ކޮންފުލިކްޓްތަކާ ގުޅިގެން، އަޅުގަނޑުމެންނަށް ކުރަމުންދާ އަސަރު. އަޅުގަނޑުމެންނަށް ކޯވިޑް-19އިން ދަސްވި ވަރަށް ގިނަ ފިލާވަޅުތަކެއް އެބަހުރި. އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްކޮށްދީފި. އަޅުގަނޑުމެންގެ މާކެޓް، އަޅުގަނޑުމެންގެ އިކޮނޮމީ މިއަދު އަޅުގަނޑުމެން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި މިފަދަ ކަންތައްތަކަކީ ނާންނާނެ ކަންކަން ކަމުގައި މިއަދު ގަބޫލުކޮށްގެން އަޅުގަނޑުމެންނަށް ތިބެވޭކަށް ނެތް. ކޮންމެވެސް ކަމެއް އެބަ ދިމާވޭ އަޅުގަނޑުމެންނަށް. ކޯވިޑަށްފަހު ކޮންފްލިކްޓެއް، ހަނގުރާމައެއް، ނޫނީ ދެން އެނޫން ކޮންމެވެސް ކަމެއް. އަދި އަޅުގަނޑުމެންގެ ކުރިމަތީގައި އަޅުގަނޑުމެންނާ ކޮންމެ ދުވަހަކު ބައްދަލުކުރާ ކަމެއް މިއޮތީ، ކްލައިމެޓް ޗޭންޖާ. މިއީ، އަޅުގަނޑުމެންނާ ދިމާވެފައި ހުރި ކަންތައްތައް.

މިއަދު އެއް އިންޑަސްޓްރީއަށް ބަރޯސާވެގެން، ޑިޕެންޑްވެގެން މި ތިބޭ ތިބުން، ކުޑަކުރުމަށްޓަކައި އަޅުގަނޑުމެންގެ އިކޮނޮމީ ޑައިވައިސިފައި ކުރުމުގެ މަސައްކަތްތައް އިތުރަށް ކުރެވެން އެބަޖެހޭ. އަޅުގަނޑަށް އެނގޭ، ކުރަން ހުރި މަސައްކަތްތައް ވަރަށްގިނަކަން. އެހެންނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަނީ، ސަރުކާރުންވެސް ގަބޫލުކުރަނީ، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރެވޭނީ، އަދި މުޅި އެންމެން އެކުގައި ޓުއަރިޒަމް ކާމިޔާބު ވިޔަފާރިއަކަށް ހެދުނީ، އެ މިސާލު ނަގައިގެން އަޅުގަނޑުމެން އެހެނިހެން މަސައްކަތްތައްވެސް ކޮށްގެންކަން.

އާދެ، މިއަދު ހަމަ ވަރަށް ކާމިޔާބު ވިޔަފާރިވެރިންތަކެއް، ރާއްޖޭގެ ޚިދުމަތްތެރިންތަކެއް، މިތަނުގައި ތިއްބެވުމާއެކީ، އަދި ރާއްޖޭގައި ވިޔަފާރި ކުރައްވާ ބޭރުގެ ފަރާތްތައްވެސް ތިއްބެވުމާއެކު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެ ޤައުމަކަށް އެންމެ ފިޓް ގޮތަކަށް، އެ ޤައުމެއްގެ މުސްތަޤްބަލް އެންމެ އުޖާލާވެގެންދާނެ ގޮތަކަށް، އެ ޤައުމެއްގެ ރައްޔިތުންނަށް އެންމެ ރަނގަޅަށް ނަފާ ލިބޭނެ ގޮތަކަށް، އެ ޤައުމުގެ އިޤްތިޞާދު ބައްޓަން ކުރުން އެއީ، އަޅުގަނޑުމެން މިއަދު ހަމަ ވިސްނަންޖެހޭ ކަމެކޭ.

އެގޮތުން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، މީގެ ތެރޭގައި، ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް، އަޅުގަނޑުމެންގެ މީހުން ބިނާކުރުމަށްވެސް. އެކި މަގާމުތަކަށް ދިވެހިން ހަމަޖެއްސުމާއި، ދިވެހިން ކަންކަމުގެ ތެރެއަށް އިތުރަށް ޝާމިލުކުރުމަށްޓަކައި، ދިވެހިން ތައްޔާރުކުރުމުގެ އިތުރު މަސައްކަތްތަކެއް ކުރެވުމަކީވެސް އެއީ ހަމަ މިއާ ގުޅިފައި އޮތް ކަމެއް. އެހެންވީމާ، މިއަދު ތިޔަ ހުރިހާ ބޭފުޅުން މިތާ ތިއްބެވުމާއެކު، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ އެ ވާހަކަ.

އާދެ، ސަރުކާރުގެ ވިސްނުމަކީ، ވިޔަފާރިވެރިންނަށް، ވިޔަފާރިކުރާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން. އިރާދަކުރެއްވިއްޔާ، މި ސަރުކާރުން އެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރަމުންދާނެ. އެނގިވަޑައިގަންނަވާނެ، ކޯވިޑް-19ގައި ދިމާވި ކަންތައްތަކުގައިވެސް. އަޅުގަނޑުގެ ވާހަކަ ދިގުކުރާކަށް، އަޅުގަނޑު އެ ހުރިހާ ތަފްޞީލުތަކެއް ކޮންމެހެން ދޭކަށް ނެތިން. އެހެންނަމަވެސް، ކޯވިޑް-19ގައި އެ ދިމާވި ކަންތައްތަކާ އެކުވެސް، ސަރުކާރުން ކުރެވުނު މަސައްކަތްތަކުން، ތިޔަބޭފުޅުންނާއެކު ކުރެވުނު މަސައްކަތްތަކުން، ދެވެން އޮތް ހަމަ ހުރިހާ ލުޔެއް ހޯދައިދެވޭތޯ ސަރުކާރުން ގެންދިޔައީ މަސައްކަތް ކުރަމުން. އެކަންތައް ސަރުކާރުން ކުރި.

ހަމައެއާއެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން، ޚާއްޞަކޮށް، ތިޔަބޭފުޅުންނާ ދިމާވާ އެކިއެކި ކަންތައްތައް ފަސޭހަކުރުމަށްޓަކައި ކުރި މަސައްކަތަކީ އަޅުގަނޑުމެން ހުއްޓާނުލާ އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ މަސައްކަތެއް.

އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު، މިރޭ މި "ގޯލްޑް 100" މި އެވޯޑް ހާސިލުކުރައްވާ އެންމެހައި ފަރާތްތަކަށް، ތިޔަބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް، ތިޔަބޭފުޅުން ޤައުމަށް ވެދެއްވަމުން ގެންދަވާ ޚިދުމަތްތައް ފާހަގަކޮށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތިޔަ ހުރިހައި ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމައެއާއެކު، މިރޭގެ މި ޚާއްޞަ އިނާމު، ޚާއްޞަ ރެކޮގްނިޝަން، ލައިފް ޓައިމް އެޗީވްމެންޓެއްގެ ގޮތުގައި ލިބިވަޑައިގަންނަވާ ދަމާސްގެ ޗެއަރމަން، މުޙައްމަދު ޞާލިޙަށްވެސް، މަނިކުފާނު ދިވެހި ޤައުމަށް ކުރައްވާފައިވާ ޚިދުމަތްތައް ފާހަގަކޮށް، އަޅުގަނޑުމެން އެކަންތައް ބަލައިގަންނަ ވާހަކަ އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން.

މިފަދަ ކަމެއް އިންތިޒާމުކުރައްވައި، މިފަދަ ޚިދުމަތްތެރި ބައެއްގެ އަގު ވަޒަން ކުރެއްވުމުގެ މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން އަޅުގަނޑު ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެން އެންމެން އެކުގައި ކުރާ މަސައްކަތުން، އިރާދަކުރެއްވިއްޔާ ރާއްޖެއަށް ހެޔޮ ބަދަލުއައިސް، ވަރުގަދަ އިޤްތިޞާދެއްގެ ގޮތުގައި، ރާއްޖޭގެ އިޤްތިޞާދު އޮވެ، ފުދުންތެރި ބައެއްގެ ގޮތުގައި އަޅުގަނޑުމެން ވެގެންދިޔުން.

اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެން ކުރާ ހެޔޮ މަސައްކަތުގައި ބަރަކާތްލައްވާށި. ދިވެހިރާއްޖެއަކީ ފުޅާ އިޤްތިޞާދެއްގެ ގޮތުގައި ލައްވައި، ތަނަވަސް ބައެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެން ލައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.