بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ، ދައުލަތުގެ ވަޒީރުން، ސްޓޭޓް މިނިސްޓަރުން، ރައްޔިތުންގެ މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުޤައްރިރު ޖީހާން މަޙްމޫދު، ކުންފުނިތަކުގެ އިސްވެރިން، ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު އެންމެ އުފާވަނީ މިހާ މުހިންމު ކަމެއްގައި، މިފަދަ މުހިންމު މަސައްކަތެއްގައި ސަރުކާރުގެ އެކިއެކި ފަރާތްތަކުގެ އިސްބޭފުޅުންގެ ބައިވެރިވެވަޑައިގަތުން މިކަމުގައި ފެންނާތީ. އެއީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް.

އާދެ، އަޅުގަނޑުމެން މި ދައްކަނީ، ގެވެށި އަނިޔާ ނުވަތަ ގެވެށި ގުޅުން ބަދަހިކުރުމުގެ ވާހަކަ. މިއީ އަޅުގަނޑު ގަބޫލުކުރަނީ، ރާއްޖޭގައި އަދި މުޖުތަމަޢުތަކުގައި، އަބަދުވެސް އޮތް ކަމެއް ކަމަށް. އަޅުގަނޑުމެންގެ މި ސަރުކާރު އައުމާއެކު، ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު ސަމާލުކަމެއް، އިސްކަމެއް ދެއްވީ، އެކަންކަން ހާމަކުރުމަށް. މައްސަލައެއް އޮތް ކަމަށްވަންޏާ، އެ ވާހަކައެއް ގެނެސްދިނުމަށް. ޚާއްޞަކޮށް، ޢާއިލީ ގުޅުން ބަދަހިކުރުމަށްޓަކައި، އަދި އުފާވެރި ޢާއިލާއެއް ބިނާކުރުމަށްޓަކައި ހުރި ހުރަސްތައް ނައްތާލުމަށް.

އާދެ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް އެނގިގެންދިޔައީ، ވޭތުވެދިޔަ އަހަރު އެކަނިވެސް 494 މައްސަލަ ހުށަހެޅިގެންދިޔަ ވާހަކަ. އަޅުގަނޑަށް ގަބޫލުކުރެވެނީ މި ދެންނެވި ގޮތަށް، އަބަދުވެސް އޮތް ކަމެއްގެ ގޮތުގައި. އެހެންނަމަވެސް، މިއަދުގެ ސަރުކާރުން، މިކަމަށްދޭ ސަމާލުކަމާއި، މި ކަންތައްތައް ޙައްލުކުރަން އަޅުގަނޑުމެން ބޭނުންވާ މިންވަރާއި، އަދި އުފާވެރި ޢާއިލާއެއް ބިނާކުރުމަށްޓަކައި ބޭނުންވާ މިންވަރުން އެ ކަންތައްތައް ރިޕޯޓް ކުރެވިގެން އެ ދަނީ.

އާދެ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، ޢާއިލާއަކީ ކޮބައިކަން. އެނގިވަޑައިގަންނަވާނެ، ގެދޮރު، ގޯތިގެދޮރަކީ ޙުރްމަތްތެރިވެގެންވާ ތަނެއް ކަމަށް އަޅުގަނޑުމެން އަބަދުވެސް އަޑުއަހަން. ޙަޤީޤަތުގައި ގޯތިގެދޮރު ޙުރްމަތްތެރިވެގެން މިވަނީ، އެންމެ ފުރަތަމަ ކަމަކަށް، އެ ގޭގެތެރޭގައި އޮންނަންޖެހޭ ހަމަޖެހުމުގެ މައްޗަށް. އެކަން މި ޤާއިމުކުރެވެނީ، މަންމައާއި ބައްޕަ ނުވަތަ ދެމަފިރިންގެ ފަރާތުން ފެށިގެން މި އަންނަނީ. އެނގިވަޑައިގަންނަވާނެ، ދަރިންނަށް ފެންނާނީ ދަރިންގެ ކުރިމަތީގައި ކަންތައްތައް ހިނގާގޮތް. ދަސްވާނީވެސް އެ ކަންތައްތައް. އެންމެ ގިނަ ވަގުތު ދަރިން ހޭދަކުރާނީ، މަންމަ ނުވަތަ ބައްޕަ ކައިރީގައި ނުވަތަ ގޭގައި. އެހެންވީމާ، ގޭތެރެއިން ކުއްޖާއަށް ފެންނަނީ، ލޯތްބާއި، އަޅައިލުމާއި، ކުލުނާއި، އޯގާތެރިކަން ކަމަށްވަންޏާ، ކުއްޖާއަށް ދަސްވާނީ އެހެން މީހުންނަށްވެސް އޯގާތެރިވާން. އެހެން މީހުންނަށް އެހީވާން. އެހީތެރިވާން. އެ ކުލުނު. އޭގެ ބަދަލުގައި ރުޅިވެރިކަމާއި، އެކަކު އަނެކަކަށް ހިތްބުރަކުރުމާއި، ފެންނަން ނުޖެހޭ ކަހަލަ މަންޒަރުތައް ފެންނަ ކަމަށްވަންޏާ، އަދި މާފަސޭހައިން އެކަންކަން ދަސްވާނެ. ކުދިންގެ ޅަ ޢުމުރުގައި، އެނގިވަޑައިގަންނަވާނެ، ކުއްޖާގެ ޢުމުރުން ގާތްގަނޑަކަށް ހަ އަހަރު، ހަތް އަހަރާ ހަމައަށް އެއީ، އެންމެ ކްރިޓިކަލް ވަގުތު ކުއްޖާއަށް ކަންތައްތައް ދަސްވުމުގައި. އެހެންވީމާ، ރަނގަޅު ކަންތައްތަކަށްވުރެ އަދި މާ ފަސޭހައިން، ނުބައި ކަންތައްތައް ކުއްޖާއަށް ދަސްވޭ. އަދި އެ ކަންތައްތައް ވެގެންދަނީ ތާއަބަދަށް، ކުއްޖާގެ ސިކުނޑީގައި ހަރުލާފައި ހުންނަ ކަންތައްތަކަށް.

އެހެންވީމާ، މިއީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަޅުގަނޑުމެންގެ މުޅި މުޖުތަމަޢުގައި ޚާއްޞަކޮށް، ހުރިހާ ޢާއިލާއަކުން ސަމާލުކަންދޭންޖެހޭ ކަމެއް. އެނގިވަޑައިގަންނަވާނެ، ދަރިންނަކީ އަމާނާތެއް. اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވާ އަމާނާތެއް. އަޅުގަނޑުމެން ރައްކާތެރިވާންޖެހޭ. އަޅުގަނޑުމެންނަށް ކީރިތި ރަސޫލާގެ މުޅި ޙަޔާތްޕުޅުންވެސް ފެނިގެންދިޔައީ، އަބަދުވެސް ޢާއިލާއަށް ވަރަށް އިސްކަން ދެއްވާކަން. އަނބިއަނބިކަނބަލުންނަށް ވަރަށް އިސްކަން ދެއްވާކަން. ވަރަށް ލޯބިން ކަންތައްތައް ކުރެއްވީ. ދަރިންނަށް، ދަރިކަނބަލުންނަށް، ދަރިކަލުންނަށް ވަރަށް ރަނގަޅަށް ކަންތައްތައް ކުރެއްވީ. އެ ނަމޫނާ އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. އަދި ހަމައެއާއެކު، އަޅުގަނޑު ފާހަގަކޮށްލަން، މިފަދަ މުހިންމު ކެމްޕެއިންތަކާއި މަސައްކަތްތަކުގެ އިތުރަށް، ވަރަށް ގިނަ ފޯރަމްތަކުގައި، ހުކުރު ޚުޠުބާގައި، އެންމެފަހު މިދިޔަ ހުކުރު ދުވަހުގެ ހުކުރު ޚުޠުބާގައިވެސް ވަރަށް ރަނގަޅު ނަޞޭޙަތްތައް އަޑުއިވިގެންދިޔަ. އަޅުގަނޑުމެން އެބަޖެހޭ، އަޑުއަހައި، އެ ކަންތައްތައް ކުރާ ބަޔަކަށްވާން.

އަޅުގަނޑަށް ރަނގަޅު، މި ވާހަކަ ދައްކާލާނެ ތަންކޮޅެއް ގިނަ ވަގުތު، ފުރުޞަތު ލިބޭނެނަމަ. އެހެންނަމަވެސް، ދެން އަޅުގަނޑު ހަމަ ކުރުގޮތަކަށް ދަންނަވާލާނަން. އަޅުގަނޑުވެސް ހަމަ ބޮޑުވެގެން އައީ ޢާއިލާއެއްގެ ތެރޭގައި. މިއަދުވެސް އަޅުގަނޑު މި ދިރިއުޅެނީ، ހަމަ ޢާއިލާއެއްގެ ތެރޭގައި. ގޭގެތެރޭގައި އަޅުގަނޑުގެ މަންމަ ކައިރީގައި. މިހާރު އަޅުގަނޑުމެންގެ ގޭގެތެރޭގައި އަޅުގަނޑުގެ އަންހެނުން ކުރާ މަސައްކަތްތައް އަޅުގަނޑު ކުރަންވެއްޖެ ކަމަށްވަންޏާ، ހަމަ ހާދަ ބުރަ ކަންތައްތަކެކޭ އެ ކުރަނީ އަޅުގަނޑު ހިތަށްއަރާ. އެ މަސައްކަތްތައް ކުރަމުން، ކުދިންގެ ކަންތައްތައް ބަލަހައްޓަމުން، ކުދިންނަށް ކާންދެމުން، ކުދިން ސްކޫލަށް ގެންދިޔުން، ވަރަށް ބުރަ މަސައްކަތްތަކެއް އެހެރީ. އަޅުގަނޑުމެން ޖެހޭ، އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރަން. ޙަޤީޤަތުގައި އެންމެ ރަނގަޅު މީހަކަށް މިވަނީވެސް އެ މީހެއްގެ އަނބިމީހާއަށް ނުވަތަ އެ މީހެއްގެ ޢާއިލާއަށް ހެޔޮކޮށްހިތައި، ކަންތައްތައް ކޮށްދޭ މީހުން. މިއީ އެންމެ ރަނގަޅު މީހުންގެ ގޮތުގައިވެސް މިވަނީ. އެހެންވީމާ، މިފަދަ ކެމްޕެއިނެއްގެ ތެރެއިންވެސް އަޅުގަނޑުމެންނަށް މި ދަސްކޮށްދެނީ، މި ކަންތައްތަކަށް އިސްކަންދިނުން. މި ކަންތައްތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނުން.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް، ހަމަ ހުރިހާ އެންމެންނަށްވެސް ގޮވާލަން ބޭނުންވޭ، ކުރާ ކެމްޕެއިނަކުން، ކުރާ މަސައްކަތަކުން، އެކަށީގެންވާ ނަތީޖާއެއް ނުނިކުންނާނެއޭ، އަޅުގަނޑުމެން އެއާ އެއްގޮތަށް ޢަމަލު ނުކުރާ ކަމަށްވަންޏާ. އަޅުގަނޑުމެންނަށް އެބަ ފެނޭ، މިއަދުގެ މުޖުތަމަޢުގައި ހުރި މައްސަލަތައް. ކުރީގައި ހުރި މައްސަލަތަކާ ފަހަރެއްގައި ތަފާތުވެދާނެ، މިހާރު އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތައް. މި ކަންތައްތައް ޙައްލުކުރެވޭނީ، މުޖުތަމަޢުގައި ހުރި އިޖުތިމާޢީ މައްސަލަތައްވެސް ޙައްލުކުރެވިގެން. މި ދެންނެވި ގޮތަށް މަސައްކަތްތައް ކުރެވިގެން. ހަމައެކަނި ވަކި ތަނަކުން ކުރެވޭ މަސައްކަތްތަކަކުން ކަންތައްތަކެއް ޙައްލެއް ނުކުރެވޭނެ. މިކަމުގައި މުޅި މުޖުތަމަޢުގެ ބައިވެރިވުންވެސް އެބަ ބޭނުންވޭ. އެނގިވަޑައިގަންނަވާނެ، ގޭތެރެއިންނާއި، އަދި ސްކޫލްތެރެއިންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން އަޅުގަނޑުމެން އެބަ ބޭނުންވޭ. ބައެއްފަހަރު ޙަޤީޤަތުގައި ކަންކަމުގެ މުހިންމުކަން އަޅުގަނޑުމެންނަށް މި ވިސްނެނީ، އަޅުގަނޑުމެންނަށް ޗެލެންޖަކަށް އެކަމެއްވީމަ. އަޅުގަނޑުމެންނަށް ބޮޑު ގޮންޖެހުމަކަށް ވާވަރުގެ ކަމެއް އަޅުގަނޑުމެންނަށް ދިމާވުމުން. އަޅުގަނޑުމެން އެބަޖެހޭ، ދުރާލާ، ކުރީ ބައިގައި ކަންތައްތަކަށް އަބަދު ވިސްނާ ބަޔަކަށްވާން. ހެޔޮލަފާ މުޖުތަމަޢަކަށް ވުމަކީ އެއީ، ލިބޭ އެންމެބޮޑު ހިތްހަމަޖެހުންކަން. ތިމާއަކީ އެންމެ ރަނގަޅު މީހާއަށް، ތިމާއަކީ ޢާއިލާއަށް އެންމެ ރަނގަޅު މީހާއަށް، ދަރިންނަށް އެންމެ ހެޔޮކޮށް އަޅާލާ މީހާއަށް، ތިމާގެ ރަށްޓެހިންނަށް އެންމެބޮޑަށް އަޅައިލާ މީހާއަށް ވުމަކީ، އެއީ ތިމާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަން، އަޅުގަނޑުމެން ގަބޫލުކޮށް، އަޅުގަނޑުމެންގެ އުޅުން އެގޮތަށް ބަހައްޓަން އެބަޖެހޭ.

އަޅުގަނޑު ހިތަށްއަރާ އެއްޗަކީ، މީހަކަށް ރަނގަޅު ވުމުން، މީހަކަށް ހިނިތުންވުމާއެކު ވާހަކަ ދެއްކުމުން، އަޅައިލުމުން، ކަމެއް ކޮށްދިނުމުން ނުވަތަ ހީލުމުން، އެންމެ ކުޑަ މިންވަރުން މީހަކަށް ހީލުމަށް ކޯއްޗެއްތޯއޭ ގެއްލެނީ. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި، ފެންނަ ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކަންޖެހޭ. ބައެއްފަހަރު އަޅުގަނޑުމެން ދައްކާ ވާހަކައިން، ހިތްހަމަނުޖެހޭ މީހަކުވެސް ހުރެދާނެ. އެހެންނަމަވެސް، ވަކި މަޤާމެއްގައި، ވަކި ކަންތައްތައް ކުރަން ބޭނުންވާ މީހާ، އެ ވާހަކަ ދައްކަންޖެހޭ. އަޅުގަނޑުމެންގެ ތެރެއިން ހަމަ ފެންނަ ކަމެއް، މީހަކަށް ހީލުމުން، ކިހިނެއްތޯ އަހާލުމުން، ބައެއްފަހަރު ހަމަ ނުވެސް ފެންނަ ކަމަށް ހަދާފައި، ދާ މަންޒަރު. ވަރަށް ލަދުވެސްގަނޭ. ދެރަވެސްވޭ. އެހެންނަމަވެސް، މައްސަލައެއް ނެތް. ދެވަނަފަހަރު އެ މީހާއަށް ބައްދަލުވެއްޖިއްޔާވެސް، ހަމަ ހީލާފައި ކިހިނެއްތޯ، ހަމަ އަހާލާނަން. އެހެންވީމާ، މިފަދަ ނަމޫނާ ދައްކާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން އެބަ ވާންޖެހޭ.

އެނގިވަޑައިގަންނަވާނެ، މި ސަރުކާރު އައިފަހުން، ބަދަހި ޢާއިލާއަކަށް މަގުފަހިކުރުމަށްޓަކައި، އެކުވެރި ޢާއިލާއަކަށް މަގުފަހިކުރުމަށްޓަކައި، ވަރަށް ގިނަ ކަންތައްތަކެއްވެސް ކުރެވިއްޖެ. ޤާނޫނަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ. ޚާއްޞަކޮށް، މައިންނަށް މެޓަރނިޓީ ލީވްގެ ގޮތުގައި، ދިގު ޗުއްޓީއެއް ހަމަ މި ބޭނުމަށްޓަކައި އަޅުގަނޑުމެންނަށް ދެވިއްޖެ. ހަމައެއާއެކު، ބައްޕައިންނަށްވެސް ޗުއްޓީއެއްގެ ގޮތުގައި ދެވިއްޖެ. ޙަޤީޤަތުގައި މި ހަ މަސް ދުވަސް އެއީ، ވަރަށް މުހިންމު ހަ މަސް ދުވަސް. ކުއްޖާގެ ފުރަތަމަ ހަ މަސްދުވަހު، ކުއްޖާގެ ކައިރީގައި ޚާއްޞަކޮށް އެ ކުއްޖާގެ މަންމަ ގިނަ ވަގުތު، ހޭދަކުރަން ވަރަށް ބޮޑަށް ބޭނުންވޭ. އަޅުގަނޑުގެ ވާހަކަ ފެށުމުގައިވެސް، ޢާއިލާގެ ކަންތައްތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ސަރުކާރެކޭ އަޅުގަނޑު ދެންނެވީ އެހެންވީމަ. މީގެ އިތުރަށް، ގިނަ ކަންތައްތަކެއް ކުރެވެމުންދޭ. މިސާލަކަށް، މަސައްކަތުގެ މާޙައުލުގައި، މި ސަރުކާރުން ވަރަށްބޮޑަށް ޕްރޮމޯޓް ކުރާ ކަމެއް، ޖެންޑަރ އީކްއަލިޓީއަކީ. ވީހާވެސް ގިނަ އަންހެން ބޭފުޅުންނަށް ފުރުޞަތު ލިބިގެންދިޔުން. ފުރުޞަތު ހޯދައިދިނުން، އަދި އެ މާޙައުލަކީވެސް އެންމެ އެކަށޭނަ ރަނގަޅު ތަނަކަށް ހެދުން އެއީ، އަޅުގަނޑުމެންގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް.

އެގޮތުން މިހާރުވެސް ސަރުކާރުގެ ބައެއް ކުންފުނިތަކާއި، އޮފީސްތަކުގައި ޗައިލްޑް ކެއަރ ސްޕޭސް ޤާއިމުކުރެވިއްޖެ. އެ މަސައްކަތް ފެށިގެން ދަނީ. އިރާދަކުރެއްވިއްޔާ، އަލަށް ހުޅުވޭ ކޮންމެ ސްކޫލެއްގައިވެސް މިފަދަ ޗައިލްޑް ކެއަރ ސްޕޭސް، ނޫނީ ފެމިލީ ލައުންޖުގެ ގޮތުގައި ތަންތަން ހެދިގެންދާނެ. މިއާ ގުޅޭ ވަރަށް ގިނަ ކަންތައްތައް، ސަރުކާރުން އެބަ ކުރިއަށް ގެންދޭ.
މި ފުރުޞަތުގައި، މިފަދަ ކަންތައްތަކަށް ޚާއްޞަކޮށް، އިޖުތިމާޢީ ކަންތައްތަކަށް ސަރުކާރުގެ ކުންފުނިތަކާއި، އަދި އަމިއްލަ ފަރާތްތަކުންވެސް، ޕްރައިވެޓް ކުންފުނިތަކުންވެސް ދެއްވާ އެހީތެރިކަން އަޅުގަނޑު ހަމަ ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންނާ ހަމައަށް އަބަދުވެސް ގިނައިން އަންނާނީ، ތަރައްޤީއަކީ އެއީ، ލޮލަށް ފެންނަ ކޮންމެވެސް ކަމެއް ކުރުމަށް. މިސާލަކަށް، ކުރަންޖެހޭ ކަންތައްތައް، މި ސަރުކާރުން ކުރާނެ. އެ ކަންތައްތައް ސަރުކާރުން ހުއްޓައެއްނުލާނެ. އުތުރުން ދެކުނަށް ބަނދަރު ހެދުމާއި، މަގު ހެދުމާއި، އެއަރޕޯޓުތައް ހެދުމާއި، ރަށް ގިރުމުގެ މައްސަލަތައް ޙައްލުކުރުމާއި، ފެނާއި ނަރުދަމާގެ ކަންތައްތަކާއި، މިހެން ގޮސް ރައްޔިތުންނަށް އެންމެ ބޭނުންވާނެ އެއްވެސް ކަމެއް، މި ސަރުކާރަކުން ހުއްޓައެއްނުލާނެ. އިރާދަކުރެއްވިއްޔާ، އެ ކަންތައްތައް ބާރަށް ކުރިއަށްދާނެ.

އެހެންނަމަވެސް، އަޅުގަނޑުމެން ހަމަ އެއާ އެކީގައި އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ އުޅުން ތަރައްޤީކުރުން އެއީ ވަރަށް މުހިންމު ކަމެއް. އެކަމުގެ ވާހަކަވެސް ހަމަ އީކްއަލީ އަޅުގަނޑު ގަބޫލުކުރަނީ ދައްކަންޖެހޭނެއޭ. މުޖުތަމަޢުގެ ތެރޭގައި ރީތި ރަށެއް އަދި އަޅުގަނޑުމެންނަށް ހަދާލެވުނަސް، އެތަނެއްގެ ތެރޭގައި އުޅޭ ބައެއްގެ އަޚްލާޤު، އެއީ އެންމެ މުހިންމު ކަންތައްތައް. އެއީ، އެންމެ މުހިންމު ސިފައަކީ، މުޖުތަމަޢެއްގެ ތެރޭގައި ހުންނަންޖެހޭނެ.

އަޅުގަނޑު ދަންނަވާލާނަން ކުޑަކުޑަ އެއްޗެއް. އަޅުގަނޑަށް ޔަޤީން، ތިޔައިން ކޮންމެ ބޭފުޅަކުވެސް ރޭގަނޑުގެ މަސައްކަތާއި ޢާއިލާގެ ކަންތައްތަކުގެ އިތުރަށް، އަޅުކަމާއި އެ ކަންތައްތަކުގެ އިތުރަށް، އެންމެބޮޑު ސަމާލުކަމެއް ދެއްވާ ކަމަކަށް އޮންނާނީ ފުޓްބޯޅަ. ފުޓްބޯޅަ ބެލުން. ޖަޕާން މީހުން މެޗް ބަލާފައި، ޗޭންޖިންގ ރޫމް ސާފުކުރާނެ. އެމީހުން ތިބޭ ސަރަޙައްދުގައި ފުޅިއެއް އޮތަސް، ކަރުދާސްކޮޅެއް އޮތަސް، ކުނިކޮޅެއް އޮތަސް ސާފުކުރާނެ. ވަރަށް ގިނަ ވާހަކަ މި ދެއްކެނީ. ހަމައެކަނި ފުޅިއެއް ނަގާލެވެނީކީ ނޫން. ރެސްޕެކްޓް، އަޅައިލުން، މުޅި މުޖުތަމަޢު މި ބެލެހެއްޓެނީ އެންމެންގެ ބައިވެރިވުމުންކަން. އެއީ މެސެޖަކީ.

ދިވެހިރާއްޖޭގައި ކުޑަ އާބާދީއެއް، ކުދިކުދި ރަށްރަށުގައި، އުޅެމުން މި އަންނަނީ. ކޮންމެ ކަމަކީވެސް، އެއީ ޒިންމާއެއްކަން. ތިމާވެސް ކުރަންޖެހޭ ކަމެއްކަން. އަނެކާ އެއްލައިލާ ފުޅިއެއް ތަނުން ނަގައިލުމަކީ އެއީ، ހުތުރު ކަމެއް ނޫންކަން. އެއީ ތިމާގެ ބައިވެރިވުން މުޖުތަމަޢަށް ދައްކައިދޭ، އަނެއް މީހާގެ ދަރިޔަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި ތިމާ އެކަމަށް ސަމާލުވުމަކީ އެއީ، ތިމާ ކުރަންޖެހޭ ކަމެއްކަން ހަނދާންކުރަންޖެހޭނެ. މަގުމަތީގައި އުޅޭއިރު، ޚާއްޞަކޮށް މައިން، ކުދިން ގޮވައިގެން އުޅޭއިރު، އަޑުއިވެން ނުޖެހޭކަހަލަ ބަހުރުވައިން ވާހަކަ ދެއްކުމަކީ އެއީ، ކޮށްގެންނުވާނެ ކަންތައްތައްކަން ގަބޫލުކޮށް، އެ ރެސްޕެކްޓް އަޅުގަނޑުމެން ދޭން އެބަޖެހޭ.

އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަން އަޅުގަނޑުމެންނަށް ކުރެވޭނެއޭ. އެނގިވަޑައިގަންނަވާނެ، ދިވެހިންނަކީ، ވަރަށް ތޫނުފިލި ބައެއް. މި ވާހަކަ އަޅުގަނޑުމެން ވަރަށް ގިނައިން ދައްކަން. އެ ހެޔޮ، އެމެރިކާ ވިޔަސް، އޮސްޓްރޭލިޔާ ވިޔަސް، ކެނެޑާ ވިޔަސް، އިނގިރޭސިވިލާތް ވިޔަސް، ތަނަކަށް ކިޔަވަން ގޮސްފި ކަމަށްވަންޏާ، މިނިވަންދުވަސް، ނޫނީ ޖުމްހޫރީ ދުވަހު ސްޓޭޖްމަތިން ވަނައެއް ހޯދައިގެން އިނާމު ލިބޭނެ. އެއީ، ދިވެހިންނަކީ. އެހެންވީމާ، މިކަމުގައިވެސް އަޅުގަނޑުމެން އެކީ މަސައްކަތް ކޮށްފި ކަމަށްވަންޏާ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މި ކަންތައް ކާމިޔާބު ކުރެވޭނެ.

އަޅުގަނޑުގެ ވާހަކަކޮޅު ތަންކޮޅެއް ދިގުވެސްވެއްޖެ. އެހެންނަމަވެސް، ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު އަޅުގަނޑު ހަމަ ދަންނަވާލާނީ، އަޅުގަނޑުމެން އަބަދުވެސް ވާންޖެހޭނެއޭ ނަމޫނާ ބަޔަކަށް. އަޅުގަނޑުމެންގެ ދަރިންނަށް އަޅުގަނޑުމެން ހެޔޮއެދޭ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ގުޅުން ރަނގަޅުކުރަން އެބަޖެހޭ. އަޅުގަނޑުމެންނަށް ދެންމެ ފެނިގެންދިޔަ ވީޑިޔޯ ލަވައިންވެސް، ވަރަށް ފުން މާނަތަކެއް ފެނިއްޖެ. އަޅުގަނޑުމެންނަށް މެސެޖުތަކެއް ފިލާވަޅެއްގެ ގޮތުގައި، އެ އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. އަޅުގަނޑުމެން ލަވައިގެ އަޑުއަހާފައި، ކޮންމެ މީހަކުވެސް އަހަރެން އުޅެން ބޭނުންވަނީ އެގޮތަށޭ، އެގޮތަށް އަޅުގަނޑުމެން ހަމަ ހިތަށް އަރުވައިލައި، އެގޮތަށް އުޅުމަކީ އެއީ، އަޅުގަނޑުމެންނަށް ދުނިޔެއާއި އަދި އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގައި ގަބޫލުކުރަންޖެހޭނެ.

މިކަންތައް ކުރިއަށް ގެންދިޔުމުގައި، ޚާއްޞަކޮށް ޖެންޑަރ މިނިސްޓަރ ދެއްވާ ސަމާލުކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން. ވަރަށްގިނަ ފަހަރު މަތިން މިކަމުގައި، ޚާއްޞަކޮށް ޢާއިލާއާ ބެހޭ ކަންތައްތަކުގައި ވަރަށްގިނަ ފަހަރު މި ވާހަކަތައް ދައްކަވާ. އަދި އަޅުގަނޑު ގަބޫލުކުރަނީ، މިނިސްޓަރ ޢާއިޝާއަކީ، އުފެދުމުގައިވެސް ވަރަށް ހިތްހެޔޮ ބޭފުޅެއް. އަޅުގަނޑަށް ވަރަށް ގިނަ ދުވަސްވެއްޖެ. އަޅުގަނޑު ދަންނަން މާކުރިއްސުރެ ފެށިގެންވެސް. ދުވަހަކުވެސް އަޅުގަނޑަކަށް ނުފެނޭ، ހިނިތުންވުމާއެކު ނޫން ގޮތަކަށް. އަބަދުވެސް އެގޮތަށް ހުންނަވާ. އެހެންވީމާ، ޚާއްޞަކޮށް މިނިސްޓަރ މިކަމަށް ދެއްވާ ސަމާލުކަން އަޅުގަނޑު ފާހަގަކޮށް، އަދި މިކަމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ ޒިފްލީން ޙަސަންވެސް ކުރެއްވި މަސައްކަތްތައް، އަދި މުޅި މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ކުރައްވާ މަސައްކަތްތައް އަޅުގަނޑު ފާހަގަކޮށް އަދި މިކަމަށް އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކެއްގެ ނަންވެސް ފާހަގަކުރަމުން، ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުމެންގެ އެދުމަކީ، ބާއްޖަވެރިކަމާއި، ހިތްހަމަޖެހުމާއެކު އަޅުގަނޑުމެންގެ ތެރޭގައި، މުޅި ރާއްޖޭގައި އެންމެންގެ ތެރޭގައި އުފާވެރި ޢާއިލާއެއް ޤާއިމުވެގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން ކުރާ މަސައްކަތުގައި ބަރަކާތްލައްވައި އަދި ހިތްހެޔޮ ރަނގަޅު ބައެއްގެ ގޮތުގައި އަބަދުވެސް އަޅުގަނޑުމެން ލެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.