ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޔޫ.އެން.ޑީ.ޕީ.ގެ އެޑްމިނިސްޓްރޭޓަރ އަދި ނިއުޒީލެންޑްގެ ކުރީގެ ބޮޑުވަޒީރު، މިސިޒް ހެލެން ކްލާކް، ކުދި ޖަޒީރާ ޤައުމުތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިއަދު ބައިވެރިވެވަޑައިގެންފިއެވެ. މިބައްދަލުކުރެއްވުން އޮތީ، އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުން ހިނގަމުންދާ މައިމަރުކަޒު ކަމުގައިވާ ބެލާ ސެންޓަރގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖައްވުގައި ކާބަން ހުންނަ މިންވަރު 350ޕީ.ޕީ.އެމް.އަށްވުރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށް އެއްބަސްވުމަކަށް ނާދެވިދާނެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި، ޖައްވުގެ ކާބަން މި މިންވަރުގައި ބެހެއްޓުމަކީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމިއޮތުމަށް ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ކޯޕަންހޭގަންގައި ހިނގަމުންދާ އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ރާއްޖެއިން ބޮޑަށް ބާރުއަޅަމުން މިގެންދަނީ ޖައްވުގައި ކާބަން މިންވަރު 350ޕީ.ޕީ.އެމް.އަށްވުރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށެވެ. ނަމަވެސް ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުން އަމާޒުކުރަނީ މިމިންވަރު 380ޕީ.ޕީ.އެމް.ގައި ހިފެހެއްޓުމަށެވެ.