މެލޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަވަނަ "ވަރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމް"ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ދަޢުވަތު އަރުވައިފިއެވެ.

މިބައްދަލުވުމަށް ދަޢުވަތު އަރުވައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާ ސިޓީފުޅު އެމަނިކުފާނަށް އެރުއްވުމަށްޓަކައި މެލޭޝިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރ މުޙަންމަދު ޒަކީއާ ހަވާލުކުރެއްވީ، ވަރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް ތާން ސްރީ އަޙްމަދު ފައުޒީ ޢަބްދުއްރައްޒާޤެވެ. މި ސިޓީފުޅު ސަފީރު މުޙަންމަދު ޒަކީއާ ހަވާލުކުރެއްވުން އޮތީ، މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަންގައި މިއަދު އޮތް ބައްދަލުކުރެއްވުމެއްގައެވެ. މި ދަޢުވަތަކީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އެ ފޯރަމްގައި ބާއްވާ ޚާއްޞަ ސެގްމެންޓްގައި ތަޤްރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންނެވި ދަޢުވަތެކެވެ.

ހަވަނަ "ވާރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމް" ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ 18އިން 20އަށެވެ.