ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޯޕަންހޭގަންގައި ހިނގަމުންދާ އ.ދ.ގެ ތިމާވެށްޓާބެހޭ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ، ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މިހާތަނަށް ދުނިޔެއަށް ކުރިމަތިވެފައިވާއޮތް އެންމެ ބޮޑު މައްސަލައަކީ، ޖައްވު ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކަމަށާއި، ޤައުމުތަކުގެވެރިން ބައްދަލުވެވަޑައިގަންނަވާއިރު، މިބައްދަލުވުމާއި ބިންތިރި ޖަޒީރާ ޤައުމުތަކަށް ދިމާވެދާނެ ނުރައްކާތަކާ ވަރަށް ބޮޑަށް ގުޅުން އެބަހުރި ކަމުގައި ވިދާޅުވިއެވެ. އަދި، އަޅުގަނޑުމެން މިކަމުގައި ދެކޭގޮތް، މިދިޔަ އަހަރުތަކުގެ ތެރޭގައި ޤައުމުތަކުގެ ވެރިން އަޑުއައްސަވަމުން ގެންދެވި ކަމަށާއި، ދުނިޔެ މިކަމަށް ގޮތެއް ނިންމާއިރުގައި ރާއްޖޭގެ ބައިވެރިވުން ބޮޑުވާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

މިސަމިޓަށް ރާއްޖެއިން ހުށަހަޅުއްވަނީ ކޮންކަމެއްތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން، ޖައްވުހޫނުވެގެން، ލޮނުގަނޑު އުފުލިގެންދާއިރު، ކުދި ޖަޒީރާ ޤައުމުތަކަށް ގެންލުންވާނެކަހަލަ ގޮތަކަށް އެހެން ޤައުމުތަކުގެ ރައްޔިތުންގެވެސް ދިރިއުޅުން ކުރިއަށްގެންގޮސްގެން ނުވާނެ ކަމަށާއި، ދިވެހިރާއްޖޭގެ ނަޒަރުގައި ދުނިޔެއަށް އޮތް ފަހިމަގެއް، ރާއްޖެއިން މިބައްދަލުވުމަށް ހުށަހަޅުއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮޕް15ގެ ޤައުމުތަކުގެ އިސްވެރިންގެ ސެގްމެންޓްގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވާ ބުދަ ދުވަހުއެވެ. ހަމައެދުވަހު، އިންޓަރ ޕާލަމެންޓަރީ ޔޫނިއަންގައިވެސް ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ކޯޕަންހޭގަންއަށް މިކުރައްވާ ދަތުރުފުޅުގައި ޑެންމާކްގެ ބޮޑުވަޒީރާއި، އޮސްޓްރޭލިއާގެ ބޮޑުވަޒީރާއި، އެމެރިކާގެ ކުރީގެ ނައިބު ރައީސް އަލް ގޯއާ ބައްދަލުކުރައްވާ ގޮތަށްވެސްވަނީ ހަމަޖެހިފައެވެ. މިގެއިތުރުންވެސް، އެކިއެކި ޖަމާޢަތްތަކުގެ ބޭފުޅުންނާއި ތިމާވެށްޓާ ބެހޭ މާހިރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމުގައިވާ އީވާ ޢަބްދުﷲއާއި، ވިސާމް ޢަލީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އާދަމް މަނިކާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ޢަބްދުލް ބާރީ ޢަބްދުﷲ އާއި، އެންވޯއި ފޮރ ސައެންސް އެންޑް ޓެކްނޮލޮޖީ އަޙްމަދު ޝަފީޤް އިބްރާހީމް މޫސާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެގްޒެކެޓިވް ސަރވިސް ސެކްރެޓަރީ މުޙަންމަދު ޒިޔާދު ބައިވެރިވެވަޑައިގަންނަވައެވެ.