ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން އިސްނަންގަވައިގެން ކުރައްވާ މުހިންމު މަސައްކަތްތަކަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ވަރަށް ބޮޑަށް ތާއީދު ކުރައްވައި މަރްޙަބާ ދަންނަވައިފިއެވެ. އެކުންފުނިން މިކަންކަމަށް ތާއީދު ކުރައްވައި މަރްޙަބާ ދެންނެވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޯޕަންހޭގަނަށް ވަޑައިގަތުމަށް މިއަދު ފުރާވަޑައިގަތުމުގެ އިރުކޮޅެއް ކުރިން، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި، އެމަނިކުފާނާ ބައްދަލުކުރައްވައި އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނެޖިންގ ޑިރެކްޓަރ މުޙަންމަދު އިބްރާހީމް ވާހަކަފުޅު ދައްކަވަމުންނެވެ. އަދި މިކަމަށް މަރްޙަބާ ދަންނަވައި، ދިވެހިރާއްޖެއަކީ، ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިސް ނަންގަވައިގެން ކުރިއަށް ގެންދަވާ ކެމްޕެއިނުގައި އެކުންފުނި ބައިވެރިވެ، ދުނިޔެ ހޫނުވުމުގެ ސަބަބުން، ރާއްޖެފަދަ ބިންތިރި ޤައުމުތަކަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަންތައްތައް ބަލައި، އޭގެތެރެއިން ބައެއް ކަންތައްތައް މިހާރު ކުރައްވަން ފަށްޓަވާފައިވާތީ، އެކަންކަމުގެ ތަފްޞީލުތައް ބަޔާންކުރައްވާފައިވާ ސިޓީފުޅެއްވެސް އެކުންފުނީގެ މެނެޖިންގ ޑިރެކްޓަރ، ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

ދުނިޔެ ހޫނުވުމުގެ މައްސަލަ ޙައްލު ކުރުމަށް އާ ސިޔާސަތުތަކެއް ކަނޑައެޅުމަށް ބާއްވާ ކޯޕަންހޭގަން ސަމިޓާއެކު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން އާ ޕްރޮގްރާމެއް ތަޢާރަފް ކުރެއްވުމަށް ހަމަޖެހިފައިވުމާއެކު، އެކަމުގެ މަޢްލޫމާތުވެސް މި ސޓީފުޅުގައި ބަޔާންކުރައްވާފައިވެއެވެ. އެގޮތުން، ކުންފުނީގެ އެކިތަންތާނގެ އެއަރކޮންޑިޝަންތަކާއި ބޮކިތައް ބޭނުން ނުކުރާ ވަގުތުތަކުގައި ނިއްވާލެއްވުމާއި، ވީހާވެސް ބޮޑަށް ޤުދްރަތީ އަލި ބޭނުން ކުރެވޭ ގޮތަށް ތަންތަން ފަރުމާ ކުރެއްވުމާއި، ފެން އިސްރާފު ނުވާނޭހެން ކަންތައްތައް ހަމަޖެއްސެވުމާއި، ތިމާވެށްޓަށް ގެއްލުން ކުޑަ ގޮތަކަށް ކުނި ނައްތާލެއްވުމާއެކު ރީސައިކަލް ކުރެވޭފަދަ ތަކެތި ރީސައިކަލް ކުރުމަށް މަގުފަހިކޮށްދެއްވުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ކަރުދާސް ބޭނުންކުރުން މަދުކުރެއްވުން ފަދަ ކަންތައްތައް މި ޕްރޮގްރާމުގެ ތެރޭގައި ހިމެނެއެވެ.