بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وَصَحْبِـهِ أجمعـين.

މާތްﷲގެ ވާގިފުޅާއެކު، މިއަދު މާލޭގައި ފަށާ ތަޢުލީމުގެ އައު މަދަރުސާއެއްގެ ބިންގާ އަޅައިދިނުމަކީ އަޅުގަނޑަށް ލިބުނު ވަރަށްވެސް ބޮޑު އުފަލެއް. އަދި އެހާމެ މަތިވެރި ޝަރަފެއް.

އާދެ، 1986 ވަނަ އަހަރަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީގައި ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭނެ އަހަރެއް. މި އަހަރު ތެރޭގައި ވަރަށް ގިނަ ކަންތައްތައް ހިނގައި ނިމިއްޖެ. ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ނިމި، އެ މަޝްރޫޢުތަކުގެ ނިމުން މި އަހަރުގެ ތެރޭގައި ފާހަގަކުރެވިގެން ހިނގައްޖެ.

ރާއްޖެތެރޭގައި ބޮޑުތަކުރުފާނުގެ ހަނދާނީ މަރްކަޒު ހުޅުވިއްޖެ. ފެލިވަރުގައި މަސްބަންދުކުރާ ކާރުޚާނާއެއް ހުޅުވިއްޖެ. ލ. އަތޮޅުގައި ރާއްޖެތެރޭގެ އެންމެ ފުރަތަމަ ސަރަޙައްދީ ވައިގެ ބަނދަރު ހުޅުވިއްޖެ. މާލޭގައިވެސް ވަރަށް ބޮޑެތި ކަންތައްތަކެއް ކުރެވިއްޖެ. މާލޭގެ ވިޔަފާރި ބަނދަރު ހުޅުވިއްޖެ. މާލޭގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމި، އެކަން ފާހަގަކުރެވިއްޖެ. އަދި ސަރުކާރުގެ ޚިދުމަތްތަކަށް ބޭނުންވެފައިވާ ޢިމާރާތެއް ކަމުގައިވާ ހުރަވީ ބިލްޑިންގވެސް ހުޅުވިއްޖެ.

އާދެ، މިފަދަ މުހިންމު ކަންތައްތަކެއް ހިނގައިދިޔަ އަހަރެއްގެ ވަރަށްފަހުކޮޅުގައި، އެ އަހަރު ނިމެން އެންމެ ދެ ދުވަހަށް ވެފައިވަނިކޮށް، މިއަދު އާ މަޝްރޫޢެއްގެ ފެށުން އަޅުގަނޑުމެން މި ފާހަގަކުރަނީ. އެއީ މާލޭގައި، ފަށާ ތަޢުލީމުގެ އައު މަދަރުސާއެއްގެ ބިންގާ އެޅުން. އާދެ، އަޅުގަނޑު ދެކޭގޮތުގައި، ތަޢުލީމަށް ސަރުކާރުން ކުރާ އިންވެސްޓްމަންޓަކީ، ހުރިހާ ގޮތަކުން ބަލާއިރުވެސް އެންމެ މުހިންމު އިންވެސްޓްމަންޓް.

އާދެ، އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެން ނުވާނެ ފަދައިން، ރާއްޖޭގައި އެކިއެކި މަޝްރޫޢުތައް ރާވައި، ޤައުމަށް ފައިދާހުރި ގޮތެއްގައި އެ މަޝްރޫޢުތައް ހިންގޭނީ، އެ މަޝްރޫޢުތައް ހިންގުމަށް އެކަށީގެންވާ މީހުން ރާއްޖޭގައި ތިބެގެން. އެހެންކަމާއެކު، ތަޢުލީމަށް ސަރުކާރުން ދޭ އަހަންމިއްޔަތު ބިނާވެފައިވަނީ، މީހުން ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް. ރާއްޖޭގެ ތަޢުލީމީ ސިޔާސަތު ހަމަޖެހިފައިވާ ގޮތުން، އެންމެ އިސްކަން ދޭން އަޅުގަނޑުމެންނަށް މިވަގުތު ޖެހިފައިވަނީ ފަށާ ތަޢުލީމުގެ މަރްޙަލާއަށް. އެހެންވީމާ، އެ މަރްޙަލާއަށް ބޭނުންވާ މަދަރުސާތައް ހެދުމާއި، އެ މަރްޙަލާއަށް ބޭނުންވާ މުދައްރިސުން ތަމްރީނުކުރުމާ، މިކަންކަން މިއީ ތަޢުލީމުގެ ދާއިރާގައި ސަރުކާރުން އެންމެބޮޑު އަހަންމިއްޔަތެއް ދެމުންގެންދާ ކަންތައްތަކަކީ.

1978 ވަނަ އަހަރުގެ ފަހުކޮޅުގައި، ރާއްޖެތެރޭގައި ހުރީ ފަށާ ތަޢުލީމުގެ، ސަރުކާރުގެ އެންމެ ތަނެއް. އެތާނގައި ކިޔަވަމުން ގެންގޮސްފައި ވަނީ 59 ކުދިން. އާދެ، 1986 ވަނަ އަހަރު ނިމޭއިރު، މިހާރު ރާއްޖެތެރޭގައި ސަރުކާރުގެ ފަށާ ތަޢުލީމުގެ މަދަރުސާ، ސްކޫލްފަދަ ތަންތާނގައި 11000 ކުދިން ކިޔަވަމުންދާކަން އަޅުގަނޑު ހިތުން ދައްކައިދެނީ، މިދެންނެވި އަމާޒުފަތްގަނޑު ޙާޞިލްކުރުމުގައި ސަރުކާރުން މަސައްކަތް ކޮށްފައިވާ މިންވަރު.

އާދެ، މިއީ އެއްގޮތަކަށްވެސް ކުޑަކަމެއް ނޫން. ރާއްޖެތެރޭގައި ތަފާތު އަތޮޅުތަކުގައި، ތަފާތު ރަށްރަށުގައި، ފަށާ ތަޢުލީމުގެ ޚިދުމަތް ލިބިދެވޭނެ މަދަރުސާތަކެއް ޤާއިމުކުރަމުން ގެންދިޔުމަކީ، އެއްގޮތަކަށްވުރެ ގިނަގޮތުން ބަލާއިރު ވަރަށް ދަތި އުނދަގޫ ކަމެއް. ފައިސާގެ ގޮތުން ވަރަށް މަތީ ޢަދަދަކަށް ޚަރަދުކުރަންޖެހޭ ކަމެއް. މަސައްކަތުގެ ގޮތުން އެހާ ބުރަ ކަމެއް. އަދި އެތަންތަން ހުޅުވުމަށްފަހު، އެތަންތާނގައި އެދެވޭގޮތަކަށް ތަޢުލީމު ދިނުމަށްޓަކައި، ތައްޔާރުކުރަންޖެހޭ މުދައްރިސުން ތައްޔާރުކުރުމަކީވެސް އެހާމެ ބުރަކަމެއް.

މިކަންތައްތައް މިހެން ހުރުމާ އެކުގައިވެސް، ސަރުކާރުން މި ބޮޑު މަސައްކަތާ ކުރިމަތިލީ، ކުރިންވެސް ދެންނެވިފަދައިން، ފަށާ ތަޢުލީމަކީ، ތަޢުލީމުގެ އެންމެ މުހިންމު ބިންގާ ކަމުގައިވާތީ. މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ރާއްޖެތެރޭގައި ހުރި ސަރުކާރުގެ މަދަރުސާތަކާއި އަދި އަމިއްލަ މަދަރުސާތަކާ، މި ހުރިހާ ތަންތަނަށްދާ، ފަށާ ތަޢުލީމުގެ ޢުމުރުގެ ކުދިންނަށް ބަލާއިރު، ރާއްޖެތެރޭގައި ތިބި ފަށާ ތަޢުލީމުގެ ޢުމުރުގެ ކުދިންގެ ގާތްގަނޑަކަށް ސަތޭކައަކުން ހަތްދިހަ މިހާރު އެ މަދަރުސާތަކަށާއި ސްކޫލްތަކަށްދޭ. އަޅުގަނޑު ދެކޭގޮތުގައި މިއީ ވަރަށްވެސް ބޮޑު ކުރިއެރުމެއް. ވަރަށްބޮޑު ކާމިޔާބީއެއް. މާލެއަށް ބަލާއިރު، ކުރިއްސުރެ މާލޭގައި ތަޢުލީމުދޭ ތަންތަން ހެދިފައި ހުރުމާއި އަދި މާލޭގައި ކަންތައް ކުރުން ފަސޭހަވުމާއެކުގައި، މާލޭގައި ފަށާ ތަޢުލީމުގެ ޢުމުރަށްދާ ހަމަ ކޮންމެ ކުއްޖަކަށްވެސް ތަޢުލީމު ދެވޭނެ ފުރުޞަތު މިހާރުދަނީ ސަރުކާރުން ދެމުން. އެގޮތުން ބަލާއިރު، މާލޭގައި ތިބި ފަށާ ތަޢުލީމުގެ ޢުމުރުގެ ކުދިންގެ ގާތްގަނޑަކަށް ސަތޭކައަކުން ސަތޭކަ ކުދިންނަށް، މިހާރު ސަރުކާރުގެ ފަށާ ތަޢުލީމުގެ މަދަރުސާތަކުން ޖާގަ ލިބެމުންދޭ.

އާދެ، ކުރިންވެސް ދެންނެވިފަދައިން މިކަމަކީ މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން ކުރާ ވަރަށްވެސް ބޮޑު އިންވެސްޓްމަންޓެއް. މި އިންވެސްޓްމަންޓްގެ ޙަޤީޤީ ފައިދާ ލިބޭނީ މިކަމުގައި އެއްބާރުލައްވަންޖެހޭ ހުރިހާ ފަރާތްތަކަކުން ފުރިހަމައަށް އެއްބާރުލައްވައިގެން. ސަރުކާރުން މަދަރުސާތައް އެޅިދާނެ. ޢިމާރާތް ކުރެވިދާނެ. އެހެން ނަމަވެސް، އެތަންތަން ހިންގާނެ އިދާރީ މީހުންނާއި އަދި އެތަންތާނގައި ކިޔަވައިދޭނެ މުދައްރިސުން، އެކަށީގެންވާ ގޮތުގައި ނެތް ކަމުގައިވަންޏާ، ސަރުކާރުން އެ ހަދާ މަދަރުސާތަކުގެ އެއްވެސް ބޭނުމެއް އޮންނާނެއެކޭ އަޅުގަނޑަކަށް ދެންނެވޭކަށް ނެތް.

އެހެންވީމާ، މިކަމުގައި ބޭނުންވަނީ، ކަމާބެހޭ ހުރިހާ ފަރާތެއްގެ އެއްބާރުލެއްވުން. ކަމާބެހޭ ހުރިހާ ފަރާތެއްގެ އެއްބާރުލެއްވުމޭ ދެންނެވީމާ، އަޅުގަނޑު ހިތުން ރާއްޖޭގެ ހަމަ އެކަކުވެސް އެއިން އިސްތިސްނާ ވެގެނެއްނުދޭ. އެއީ، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ހަމަ ކޮންމެ މީހަކީ، އެމީހެއްގެ ކުދިންނަށް ތަޢުލީމް ދޭން ބޭނުންވެފައިވާ މީހެއް. މިޒަމާނުގައި ތަޢުލީމުގެ މުހިންމުކަން އަޅުގަނޑުމެންނަށްވެސް ވަޒަންކުރެވިގެން ދިޔުމާއެކު، މިހާރު ހަމަ ކޮންމެ މީހަކުވެސް ބޭނުންވޭ، އެމީހާގެ ކުދިންނަށް ތަޢުލީމު ލިބިދެވޭނެ ފުރުޞަތެއް ހޯދައިދިނުމަށް.

އެހެންވީމާ، މިކަމަކީ އޭގެ މަސްއޫލިއްޔަތު ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންގެ ބޮލުގައި އެޅިފައިވާ ކަމެއް. ބެލެނިވެރިން، މައިންބަފައިން އެމީހުންގެ ވާޖިބު އަދާކުރަންޖެހޭ. އެއީ ހަމައެކަނި ކުދިން މަދަރުސާއަށް ފޮނުވުމުން އަދާކޮށް ނިމޭ ވާޖިބެއް ކަމުގައި އަޅުގަނޑު ނުދެކެން. ކުދިން މަދަރުސާއަށް ފޮނުވުމަށްފަހު، އެކުދިންގެ ތަޢުލީމުދާގޮތް ބެލުމާއި، ގޭގައި ކުދިންނަށް ފިލާވަޅު ދަސްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، ކުދިން ފިލާވަޅު ދަސްކުރޭތޯ ބެލުމާއި، އެކުދިންނަށް އެގޮތުން ވާންޖެހޭ އެހީތައް ވެދިނުން އެއީ މައިންބަފައިންގެ ވާޖިބެއް. ހަމައެއާއެކު، ކުދިންގެ ކުރިއެރުން ހުންނަގޮތާ ދޭތެރޭގައި ވިސްނައި، މަދަރުސާތަކާ ވާހަކަދައްކައި، އެކުދިންނަށް އިތުރު ކުރިއެރުމެއް ލިބޭނެ ގޮތްތައް ހޯދައިދިނުން އެއީވެސް ބެލެނިވެރިންނާއި މައިންބަފައިންގެ ވާޖިބެއް. މި ކަންތައްތައް މައިންބަފައިން ނުކުރައްވާ ކަމުގައިވަންޏާ، ކުދިން އަދި މަދަރުސާއަށް ފޮނުއްވިޔަކަސް، އެކަމުން ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ.

ހަމައެއާއެކުގައި ދަންނަވަން ޖެހެނީ، މަދަރުސާތައް ހިންގަވާ ފަރާތްތަކުގެ އެއްބާރުލެއްވުން މިކަމުގައި ވަރަށްވެސް ބޭނުމޭ. ސަރުކާރުގެ މަދަރުސާތަކާއި އަދި އަމިއްލަ މަދަރުސާތައް. އެފަރާތްތަކުން އެ ހިންގަވާ ތަންތަން އެކަށީގެންވާ ގޮތުގައި ހިންގަވާ. އެތަންތަން ހިންގެވުމުން، ރާއްޖޭގެ ތަޢުލީމަށް ބޭނުންވެފައިވާ ކުދިންނަށް އެކަށީގެންވާ ގޮތުގައި ތަޢުލީމު ދެވޭނީ. އަދި އެކުދިން ބޮޑުވުމަށްފަހުގައި، އެކުދިންގެ ފަރާތުން އެދެވޭ ޚިދުމަތެއް، އެކުދިން ދިރިއުޅޭ ޖަމާޢަތަށް، ދިރިއުޅޭ ޤައުމަށް ލިބޭނީ، މިދެންނެވި ހުރިހާ ފަރާތްތަކުގެ އިޚްލާޞްތެރި ޚިދުމަތް އެކަމުގައި ހިމެނިގެން.

މުދައްރިސުން އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތު ވަކިން ކުޑައެއް ނޫން. މުދައްރިސުން ޤަބޫލުކުރައްވަންވީ ޙަޤީޤަތަކީ އެއީ. މަދަރުސާތަކެއް ހެދިޔަސް އަދި އެ މަދަރުސާތަކަށް ބޭނުންވާ ގޮނޑިއާއި، މޭޒާއި، ބޯޑާއި އަދި ކިޔަވައިދިނުމަށް ބޭނުންވާ އެހެނިހެން ތަކެތި ސަރުކާރުން ފުރިހަމަކޮށްދީފައި ހުއްޓަސް، އެކަމުގެ ފައިދާ ލިބޭނީ މުދައްރިސުން ކުރައްވާ މަސައްކަތެއްގެ ސަބަބުންކަން، އެއީ މުދައްރިސުން އަބަދުވެސް ހަނދާންކުރައްވަންވީ ކަމަކީ. މުދައްރިސުން އެ އުފުއްލަވާ ވާޖިބުގެ ނުވަތަ އެ މަސްއޫލިއްޔަތުގެ މުހިންމުކަން އެބޭފުޅުން ޤަބޫލުކުރައްވައިގެން، އިޚްލާޞްތެރިކަމާއެކުގައި މުދައްރިސުންގެ ޚިދުމަތް، ތަޢުލީމުގެ ދާއިރާއަށް ލިބިގެން ނޫނީ، ސަރުކާރުން ބިނާކުރާ ސްކޫލްތަކުގެ ފައިދާ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ލިބެމުންނެއް ނުދާނެ.

އާދެ، ތަޢުލީމަށް ސަރުކާރުން ކުރާ އިންވެސްޓްމަންޓް ދަންނަވައިލާ ކަމަށްވަންޏާ، އެއީ އެއްގޮތަކަށްވެސް ދެތިން ބަހަކުން ދަންނަވައިލެވޭނެ އެއްޗެއް ނޫން. ވަރަށް ކުރުގޮތަކަށް ދަންނަވައިލަންޏާ، ޚަރަދުގެ ގޮތުން ދަންނަވައިލެވިދާނެ. ސަރުކާރުން 1985 ވަނަ އަހަރު 22.2 މިލިޔަން ރުފިޔާ ތަޢުލީމަށް ޚަރަދުކޮށްފައިވޭ. 1986 ގައި 26.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ. އަދި އިހަށްދުވަހު ރައްޔިތުންގެ މަޖިލީހުން އެ ފާސްކުރެއްވި 1987 ވަނަ އަހަރުގެ ބަޖެޓުގައި، ތަޢުލީމަށް 39.5 މިލިއަން ރުފިޔާ ކަނޑައެޅިފައިވޭ. މި ޢަދަދުތަކަކީ އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ ނިސްބަތުގައި ކުދި ޢަދަދުތަކެއް ނޫން. މިއީ ވަރަށް ބޮޑެތި ޢަދަދުތަކެއް. މިއިން ދައްކައިދޭ އެއްޗަކީ، ސަރުކާރުން ތަޢުލީމަށްދޭ އަހަންމިއްޔަތާއި އަދި ތަޢުލީމަށްކުރާ އިންވެސްޓްމަންޓް.

އާދެ، މިއަދު މި ބިންގާ އެޅުނު ފަށާ ތަޢުލީމުގެ މަދަރުސާ، އެއީވެސް އޭގެ އެންމެ ބޮޑުބައި ސަރުކާރުން ޚަރަދުކޮށްގެން ނިންމާގޮތަށް ހަމަޖެހިފައިވާ ތަނެއް. އެކަމަށްވެސް މި އަންނަ އަހަރުގެ ބަޖެޓުގައި އެކަށީގެންވާ ޢަދަދަކަށް ފައިސާ ކަނޑައެޅިފައިވޭ. އޭގެ އިތުރުން، އެކުވެރި ބައެއް ޤައުމުތަކުން ކޮންމެވެސްވަރެއްގެ އެހީ ލިބޭގޮތަށްވެސް ވަނީ ހަމަޖެހިފައި. އާދެ، ޕާކިސްތާނު ސަރުކާރުގެ ދީލަތި އެހީއެއް މިކަމުގައި ހިމެނިފައިވޭ. އުތުރު ކޮރެޔާގެ އެހީއެއްވެސް ހިމެނިފައިވޭ. އެހެން ނަމަވެސް، މިދެންނެވި އެހީތަކަކީ، މި މަޝްރޫޢުގެ ބޮޑުކަމާ އަޅައިބަލާއިރު، މާބޮޑު އެހީތަކެއް ނޫން. އެއީ މިދެންނެވި ގޮތުން ބަލާއިރު، އެހާ ބޮޑު އެހީތަކަކަށް ނުވިޔަސް، އެފަރާތްތަކުން ރާއްޖެއަށް ވެދެއްވާ އެހީ އެއީ އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކޮށް، އެކަމަށް ޝުކުރުވެރިވާ ކަމެއް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ރާއްޖޭގެ ތަޢުލީމަށް ފާގަތި މުސްތަޤްބަލަކަށް އެދެމުން، ރާއްޖޭގެ ކިޔަވާކުދިންނަށް އެކަށީގެންވާ ތަޢުލީމު ލިބިދެވޭނެ ފުރުޞަތުތައް އިންތިޒާމުކޮށް، އެ ފުރުޞަތު އެކުދިންނަށް ހޯދައިދިނުމުގެ ބުރަ މަސައްކަތުގައި އުޅުއްވާ ހުރިހާ ފަރާތްތަކަށް اللّـه سبحـانـه وتعـالى ގެ ތައުފީޤަށް އެދި ދުޢާކުރަމުން. ރާއްޖޭގެ މުސްތަޤްބަލް އެއްދުވަހުން އަނެއް ދުވަހަށް އަލިކޮށް، ކުރިއަށް ގެންދިޔުމުގައި، ރާއްޖޭގެ ރައްޔިތުންގެ ހުރިހާ ފަރާތްތަކުގެ އެއްބާރުލެއްވުން ސަރުކާރަށް ލިބޭނޭ ކަމަށް އުންމީދުކޮށް، އެކަމަށް އެދި އިލްތިމާސް ކުރަމުން.
والسّــلام عليكم ورحمـة اللّـه وبركاته.