بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ވަރަށް މުހިންމު ބައިތަކެއް ހިންގުމަށްޓަކައި ޚާއްޞަ މަޝްރޫޢެއް ރޭވިގެން، އެ މަޝްރޫޢުގެ ދަށުން ޢިމާރާތް ކުރެވުނު މި ފުރިހަމަ އަދި ރީތި ޢިމާރާތް އާދެ، "ޞަލާޙުއްދީން ބިލްޑިންގ" ހުޅުވައިދިނުމަކީ މިއަދު އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އެކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން.

އާދެ، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، މި ޢިމާރާތަކީ ވަރަށް މުހިންމު ބޭނުންތަކެއް ޙާޞިލްކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ބޭރުގެ އެހީ ލިބިގެން ތައްޔާރުކުރި ޢިމާރާތެއް. އާދެ، މިހާރު ހަމަޖެހިފައިވާ ގޮތުން ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރްކަޒާއި، ނުރަސްމީ ތަޢްލީމުދޭ ބައި ހިނގަމުންދާނީ މި ޢިމާރާތުގެ ތެރޭގައި. އަދި މި މަޝްރޫޢުގެ ދެވަނަ މަރްޙަލާގައި ހިމެނިފައިވާ އައު ޢިމާރާތް ކުރެވުމުން، މުދައްރިސުންގެ ތަޢްލީމީ މަރުކަޒުވެސް ހިނގަމުންދާނީ މިތާނގައި. ޝައްކެއްނެތް، މިފަދަ ޢިމާރާތްތައް ހަދައި، އެ މުހިންމު ބައިތައް އަދާކުރައްވާ މުވައްޒަފުންނަށް، އެބޭފުޅުންގެ ވާޖިބު ފުރިހަމައަށް އަދާކުރެވޭނެ މާޙައުލެއް ތައްޔާރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް.

އާދެ، ތަޢްލީމީ ދާއިރާގެ ވަރަށް މުހިންމު ބައެއް، ދިވެހިރާއްޖޭގެ ތަޢްލީމު ކުރިއަރުވާ މަރްކަޒުން، ކުޅެމުން އެގެންދަނީ. ހަމަ އެފަދައިން، ނުރަސްމީ ތަޢްލީމުދޭ ބައިންނާއި، މުދައްރިސުންގެ ތަޢްލީމީ މަރްކަޒުންވެސް ކުރަމުން އެގެންދަނީ. މި މަޝްރޫޢުގެ ޚިޔާލު އެންމެ ފުރަތަމަ ކުރެއްވި ބޭފުޅަކީ، އަޅުގަނޑުމެންގެ ކުރީގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛް މުޙަންމަދު ޒާހިރު ޙުސައިން. އަޅުގަނޑަށް ދެންނެވެން އަންނަނީ، މި މަޝްރޫޢުގެ ބާނީއަކީ އެމަނިކުފާނޭ. އާދެ، 1975 ވަނަ އަހަރު، "އެޑިޔުކޭޝަން ޕްރޮޖެކްޓް އޮފީސް"ގެ ނަމުގައި ތަނެއް އުފެދި، އެތަން ހިނގަމުންދިޔައިރު، އެކަންތައްތައް ހިނގަމުންދިޔައީ މުޙަންމަދު ޒާހިރު ޙުސައިންގެ ބެއްލެވުމުގެ ދަށުން. އަދި މި މަޝްރޫޢުގެ ޚިޔާލު އޭނާ ކުރައްވައި، އެކަމަށް ޢަމަލީ ސިފަ ގެންނެވުމުގައި އެންމެ މުހިންމު ބައެއް މިހާތަނާ ޖެހެންދެން އަދާކުރައްވަމުން ގެންދަވާފައިވަނީވެސް އެމަނިކުފާނު. އެހެންވީމާ، އެމަނިކުފާނު ދިވެހިރާއްޖޭގެ ތަޢްލީމަށް މި ވޭތުވެދިޔަ 11 ވަރަކަށް އަހަރު ދުވަހުގެތެރޭގައި ކުރައްވާފައިވާ މަތިވެރި ޚިދުމަތްތަކަށާއި އަދި ޚާއްޞަކޮށް، މި މަޝްރޫޢުގެ ޚިޔާލުކުރެއްވީސުރެ މިހާ ފުރިހަމަގޮތެއްގައި ނިމިގެން ދަންދެން އޭނާ އެ ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅަށްޓަކައި، ދިވެހި ސަރުކާރުގެ ނަމުގައްޔާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަލްއުސްތާޛް މުޙަންމަދު ޒާހިރު ޙުސައިނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މި ޢިމާރާތް ނިސްބަތްވާ ފަރާތަކީ ފަޟީލަތުއްޝައިޚް މަރްޙޫމް ޙުސައިން ޞަލާޙުއްދީން. އެމަނިކުފާނަކީ ރާއްޖޭގެ ތަޢްލީމަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް އަދާކުރެއްވި ބޭފުޅެއް. އެހެންކަމާއެކު، މި ޢިމާރާތަށް އެ މަނިކުފާނުގެ ނަން ދެވުނުކަން އެއީ، އަޅުގަނޑު ހިތުން ރާއްޖޭގެ ދަރިން ތަޢްލީމަށްޓަކައި ކުރާ މަސައްކަތްތައް، ދިވެހި ރައްޔިތުން ހަނދާންނައްތައިނުލާނެކަމުގެ ވަރުގަދަ ހެއްކެއް. އާދެ، އަލްމަރްޙޫމް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނަކީ، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ތަޢްލީމީ ދާއިރާގައި ވަރަށް މުރާލިކަމާއި، ހީވާގިކަމާއެކުގައި މަސައްކަތް ކުރައްވަމުން ވަޑައިގެންނެވި ވަރަށް ބޮޑު ޢިލްމުވެރިއެއް. އަޅުގަނޑުމެންގެ ތެރޭގައި ފަހުން ހުންނެވި، ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން، އުއްތަމަ ފަނޑިޔާރު މަނިކުފާނުގެވެސް އުސްތާޛަކީ ފަޟީލަތުއްޝައިޚް މަރްޙޫމް ޙުސައިން ޞަލާޙުއްދީން. އަދި މިޒަމާނުގައި ރާއްޖޭގެ އެނޫން ކިތަންމެ ޢިލްމުވެރިންނެއްވެސް އެންމެ ފުރަތަމަ ދީނީ ތަޢްލީމު ޙާޞިލްކުރައްވާފައިވަނީ އެމަނިކުފާނުގެ އަރިހުން. އަދި އޭގެ އިތުރުން، އެމަނިކުފާނަކީ، ރާއްޖޭގައި މަދްރަސަތުލް އަމީނިއްޔާ އުފެދިގެން، އެތަން ހިނގައިގަތްއިރު، އެތާނގެ އެންމެ ފުރަތަމަ ނާޡިރަކު ކަމުގައި ހުންނެވި ޢިލްމުވެރިޔާ، އަދި ޚިދުމަތްތެރިޔާވެސްމެ.

އަދި ތަޢްލީމީ ގޮތުން އޭނާ ކުރެއްވި މަސައްކަތްޕުޅުގެ ތެރޭގައި، ތަފާތު ފަންނުތަކުގައި އެކިއެކި ފޮތް ތަޞްނީފު ކުރައްވައި، އެ ފޮތްތައް ޝާއިޢު ކުރެއްވުން ހިމެނޭ. އޭގެތެރޭގައި، ދީނީ ފޮތްތަކާއި މަޝްހޫރު السّيرةالنَّبويَّة އާއި، ބޮޑުތަކުރުފާނު ވާހަކައާއި، މިހެންގޮސް ޢިލްމީ، ދީނީ، އިޖްތިމާޢީ ހުރިހާ ބައިތަކެއް އެކުލެވޭގޮތުން ކުރައްވާފައިވާ ބޮޑެތި އަގުހުރި މަސައްކަތްޕުޅުތައް ހިމެނޭ. އާދެ، އެފަދަ މުހިންމު އަދި މަތިވެރި ޚިދުމަތްތަކެއް ރާއްޖެއަށް އަދާކޮށްދެއްވާފައިވާ ބޭފުޅަކަށް މިޢިމާރާތް ނިސްބަތްވިކަން އެއީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް.

އާދެ، ޝައްކެއްނެތް، މި ޢިމާރާތުގައި ހިނގަމުންދާނެ މަސައްކަތްތަކަކީ، ތަޢްލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ނުވަތަ ޢާންމުންނަށް އެހާބޮޑަށް ފެނިގެންނުދާނެ މަސައްކަތްތައް ކަމުގައިވިޔަސް، އެއީ ވަރަށް މުހިންމު މަސައްކަތްތަކެއް. އާދެ، ޤައުމީ މުޤައްރަރުތައް އެކުލަވައިލުމާއި، އެ މުޤައްރަރުތަކަށް ފޮތް ހެދުމާއި، ފޮތް ޗާޕްކުރުމާއި، މުދައްރިސުންނަށް ކިޔަވައިދިނުމާއި، ޢާންމުންނަށް ކިޔަވައިދޭނެ ޕްރޮގްރާމްތައް ތައްޔާރުކޮށް، ރޭޑިޔޯއާއި ޓީ.ވީ. މެދުވެރިކޮށް ފޮނުވުމާ، މި ކަންތައްތައް މިއީ، ފަރުދާގެ އަނެއް ފަރާތުގައި ތިބޭ އިޚްލާޞްތެރި ޚިދުމަތްތެރިންތަކެއް ކުރަމުންގެންދާ މަސައްކަތްތަކެއް. އެ މަސައްކަތްތަކަކީ، ޢާންމުންގެ ކުރިމަތީގައި ކުރެވެމުންދާ މަސައްކަތްތަކެއް ނޫން. އެހެންވީމާ، އޮންނާނީ ގިނަފަހަރަށް މިފަދަ މަސައްކަތްތަކަށް ދޭންވާ އަހަންމިއްޔަތު ނުދެވިފައި. އެހެންނަމަވެސް، އަޅުގަނޑުމެން ހަނދާންކުރަންވީ ކަމަކީ، ބައެއްފަހަރަށް ފަރުދާގެ އަނެއް ފަރާތުގައި ތިބެގެން މަސައްކަތް ކުރާ މީހުންގެ މަސައްކަތް އެއީ، އެންމެންގެ ކުރިމަތީގައި ފެންނަ ގޮތަށް ބައެއްފަހަރަށް މީހުން ކުރާ މަސައްކަތްތަކަށްވުރެ މާ އަހަންމިއްޔަތު ބޮޑު، މާ މަތިވެރި މަސައްކަތްތަކަކަށް ވެދާނެކަން. އެއީ އަޅުގަނޑުމެން މިއަދު ހަނދާންކުރަންވީ ކަމަކީ.

އެހެންވީމާ، މިތަން އުފެދިގެން ހިނގަމުންދާއިރު، މީގެ ކުރިންވެސް ދިވެހިރާއްޖޭގެ ތަޢްލީމު ކުރިއަރުވާ މަރްކަޒުން ކުރައްވަމުން ގެންދެވި މަސައްކަތްތައް މިހާރަށްވުރެވެސް ފުރިހަމަގޮތެއްގައި ކުރެވެމުންދާނޭކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން. ހަމަ އެފަދައިން، ނުރަސްމީ ތަޢްލީމުދޭ ބައިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަދި ފަހުން ދިވެހިރާއްޖޭގެ މުދައްރިސުންގެ ތަޢްލީމީ މަރްކަޒު މިތާނގައި އުފެދުނީމާ، އެތާނގައި ހިނގަމުންދާނެ މަސައްކަތްތަކަކީ، އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ތަޢްލީމަށް ވަރަށް ބޮޑަށް ފައިދާކުރާނެ މަސައްކަތްތަކެއް.

އާދެ، މިޢިމާރާތް ކުރެއްވުމުގައި، މިދެންނެވި އޮފީސްތަކުގެ ބޭފުޅުން ވަރަށް މަތިވެރި ދަރަޖައަކަށް ބައިވެރިވެވަޑައިގެންފައިވޭ. ދިވެހިރާއްޖޭގެ ތަޢްލީމު ކުރިއަރުވާ މަރުކަޒުގެ ވެރިން މިކަމުގައި ބައިވެރިވެވަޑައިގެންފައިވޭ. ހަމަ އެފަދައިން، އަޅުގަނޑުމެންގެ ސަރުކާރުގެ ބައެއް އެހެން އޮފީސްތައްވެސް، މި މަޝްރޫޢުގެ ވަރަށް ބޮޑު ބައެއް އަދާކޮށްދެއްވާފައިވޭ. އޮފީސް ފޮރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިންގެ ފަރާތުން މި ޢިމާރާތް ޑިޒައިން ކުރައްވައި، ހުރިހާ ކުރެހުންތަކެއް ކުރައްސަވައި އަދި މަސައްކަތް ހިނގަމުންދިޔައިރު، މަސައްކަތް ހިނގާ ނުހިނގާގޮތް ބައްލަވައި ހެއްދެވި. އެހެންވީމާ، އެ އޮފީހުގެ އިސްވެރިންނަށާއި އަދި ޚާއްޞަކޮށް، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިޢިމާރާތުގެ ޑިޒައިން ހެއްދެވި ބޭފުޅަކީ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި މިތާނގައި ވަޑައިގެން ނެތް ކަމުގައިވިޔަސް، އޭނާގެ ޚިދުމަތް އަޅުގަޑުމެން ފާހަގަކޮށްލަންޖެހޭނެ ބޭފުޅެއް. އާދެ، އެއީ އަލްފާޟިލް ރިފްޢަތު ޢަފީފް. އޭނާ ފުރަތަމަ މި ޢިމާރާތުގެ ކުރެހުންތައް ކުރައްސަވައި ޑިޒައިން ކުރެއްވީ. އޭގެފަހުގައި، މިހާރު އޮފީސް ފޮރ ފިޒިކަލް ޕްލޭނިންގގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަލްފާޟިލް މުޙަންމަދު ޝަފީޤް. އެހެންވީމާ، އެ ދެ ބޭފުޅުންނަށާއި އަދި އޭގެ އިތުރުންވެސް، އެ އޮފީހުން މިމަސައްކަތުގައި ބައިވެރިވެވަޑައިގެން ދެއްވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

ހަމަ އެއާއެކީގައި، މިހާ ފުރިހަމަގޮތެއްގައި، މި ޢިމާރާތް ތައްޔާރުކޮށްދެއްވި ފަރާތް ކަމުގައިވާ އެމް.ޓީ.ސީ.ސީ.އަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑުވެސް އެއްބަސް، ދިމާވި އެތައް ސަބަބަކާހުރެ، ކަނޑައެޅިފައިވާ މުއްދަތަށްވުރެ ލަހުން ޢިމާރާތް ނިމިގެންދިޔައީ. އެހެންނަމަވެސް، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، އެފަދަ ދަތިކަން އެއީ، އަޅުގަނޑުމެންނަށް އަބަދުވެސް ކުރިމަތިލާންޖެހޭ ދަތިތަކެއް. ކޮންމެ ގޮތެއްގައި ނަމަވެސް، މިހާރު ޢިމާރާތް ނިމިފައި މިވަނީ ވަރަށް ފުރިހަމަ އަދި ރީތި ގޮތެއްގައިކަން އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ. އެބަ ފެނޭ. އެހެންވީމާ، އެ މަސައްކަތް އެހާ ރަނގަޅަށް ކޮށްދެއްވި ފަރާތް ކަމުގައިވާ އެމް.ޓީ.ސީ.ސީ.އަށް ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން.

އާދެ، މި މަޝްރޫޢަށް އެހީވެދެއްވި ފަރާތްތަކަކީ، އެންމެ ފުރަތަމަ ސަޢޫދީ ޢަރަބިޔާގެ ސަރުކާރު. އެ ސަރުކާރަށާއި، އަދި އެތަނެއް މެދުވެރިވެގެން، ސަޢޫދީ ސަރުކާރުގެ އެހީ ލިބުނު ޔުނެސްކޯއަށާއި، އަދި މިތަނަށް ބޭނުންވާ ތަކެތި ބޭރުން އޯޑަރު ކުރައްވައިގެން ގެންނެވުމުގައި ވަރަށް މަތިވެރި އެހީތެރިކަމެއް ބަހައްޓަވައިދެއްވި ޔޫ.އެން.ޑީ.ޕީ.އަށާއި، އަދި މިތާނގެ ލޭންގްއޭޖް ލެބޯރެޓަރީއަށް ބައެއް ސާމާނު ހަދިޔާކުރެއްވި ޔުނިސެފަށާއި، މި ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު މި ފުރުޞަތުގައި ޝުކުރު ދަންނަވަން.

އާދެ، ޝުކުރުގެ ލިސްޓަކީ މިކަހަލަ ކަމެއްގައި ވަރަށް ދިގު ލިސްޓެއް. ފަހަރެއްގައި އަޅުގަނޑުގެ ހަނދާނުން ކައްސާލައިގެން ގޮސްގެން، ކޮންމެވެސް ފަރާތެއްގެ ނަން ނުބުނެވި ހިނގައިދާނެ. އެހެން އެކަން ވެއްޖެނަމަ، އެފަރާތަކުން އަޅުގަނޑަށް މަޢާފް ކުރައްވާނެ ކަމަށް ހީކުރަން. ކޮންމެއަކަސް އަޅުގަނޑު މިއަދު މިތަނަށް ހުއްޓި މިހުރީކީ، ކޮންމެހެން އެހުރިހާ ފަރާތްތަކަށް ޝުކުރު ދެންނެވުމުގެ ގޮތަކުން ނޫން. އެފަރާތްތަކަށް ޝުކުރު ދަންނަވާނީ ދިވެހި ރައްޔިތުން، ދިވެހި ކިޔަވާކުދިން. ދިވެހި ތަޢްލީމުގެ ފައިދާ ޙާޞިލްކުރާ އެންމެން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى ދިވެހިރާއްޖޭގެ ތަޢްލީމަށް، އަދަށްވުރެ ފެހި މާދަމާއެއް ދެއްކެވުން. ރާއްޖެއަށް ކުރިއެރުމާއި، އަމަންއަމާންކަމާއި، ޞުލްޙަމަޞްލަޙަތާއި ތަރައްޤީ، ހުރިހާ ރޮނގަކުންވެސް މިންވަރު ކުރެއްވުން. ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވެގެން ކުރަމުންގެންދާ މަސައްކަތްތަކުގައި، އެކަލާނގެ ހެޔޮ ތައުފީޤު ލެއްވުން. އަދި އަޅުގަނޑުމެންގެ ރައްޔިތުން ދެކެން ބޭނުންވާ އުފާވެރި، ހަމަޖެހޭ ދިވެހިރާއްޖެއެއް ދުށުމުގެ ހެޔޮ ނަޞީބު އަޅުގަނޑުމެން އެންމެންނަށް ދެއްވުން.
والسّــلام عليــكم ورحـمــة اللّـه وبـركاتـه.