މި ސަރުކާރުގެ މިދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި އެއްވެސް ރައްޔިތަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުވަތަ އެއްވެސް ރައްޔިތެއްގެ އިންސާނީ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ، އެ ޙައްޤެއް ހޯދުމުގެ ފުރުޞަތު ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ހެނދުނު 10 ޖެހިއިރު ދެއްވި ހަފްތާ ރޭޑިޔޯ ޚިޠާބުގައި، އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންސާނީ ޙައްޤުތަކާ ގުޅޭ ދުވަހަކީ، މިސަރުކާރަށްވެސް ވަރަށް މުހިންމު ކަމެއް ދެވޭ ދުވަހެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ޙަޤީޤަތުގައި އެޅިފައި އޮންނަ އެންމެބޮޑު ހުރަހަކީ، އިންސާނީ ޙައްޤުތައް ރައްޔިތުންނަށް ނުދެވޭތީވެ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުން އެ ރައްޔިތުން މަޙްރޫމުވެފައިވާތީވެ، ކުރިމަތިވެފައިވާ ހުރަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން ހިންގަމުން ގެންދާ ކަންތައްތަކާ ގުޅޭގޮތުން ފާޑެއް ކިޔޭނެ އެއްވެސް މަގެއް ނެތުނީމާ ވެރިކަން ޚަރާބުވެދަނީ ކަމަށް ވިދާޅުވެ، ރައްޔިތުންގެ ޙައްޤުތައް ރައްޔިތުންނަށް ލިބިދިނުމަކީ، ވެރިކަން ހަމަމަގުގައި ހިފެއްޓުމަށް ވަރަށް މުހިންމު ކަމެއްކަން ރައިސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. ކޮންމެ އިންސާނަކީވެސް މިނިވަން އިންސާނެއް ކަމަށާއި، އަދި ކޮންމެ އިންސާނަކީވެސް އޭނާއާ އަނެއް މީހާ ހަމަހަމަވެގެންވާ މީހަކަށްވުމާއެކު، އެއްވެސް ބާވަތެއްގެ ލާ އިންސާނީ އަނިޔާވެރި އަނިޔާ، އެއްވެސް މީހަކަށް ލިބިގެނެއް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަބަޔަކަށް މިދިޔަ 30 އަހަރު ދުވަހު ވަރަށް ބޮޑެތި އަނިޔާ ލިބިފައިވާ ކަމަށާއި، ކިތަންމެ ބަޔަކު މަރާލެވި، އެތައް ބައެއްގެ މުޅި ދިރިއުޅުން ބަރުބާދުކޮށް، އެތައް ބައެއްގެ މުދަލަށް އަރައިގަނެވިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ކުރީގެ މައްސަލަތައް ނުބައްލަވާހާ ހިނދަކު، ޙަޤީޤަތުގައި ހިޔުމަން ރައިޓްސް ކޮމިޝަނަކީ، ރާއްޖޭގައި އެ މަސައްކަތް ހެޔޮގޮތުގައި ކުރާ ކޮމިޝަނެއްގެ ގޮތުގައި ވެގެނެއް ނުދާނެކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. ގެއްލި ދިޔަ ދުވަހެއް، ވެފައިވާ އަނިޔާއެއް އަނބުރާ ހެވެއް ނުކުރެވޭނެ ކަމަށާއި، އެހެންނަމަވެސް، އެކަންކަން ހިނގާ ދިޔަގޮތާ، އެކަންކަން ދެން އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިކަންކަމާގުޅޭ ފުރިހަމަ ތަޙްޤީޤު، ފުރިހަމަ ތަޙުލީލު ކުރަން އެބަޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ގުއަންޓަނާމޯބޭ ޖަލު އަދިވެސް ބަންދު ނުވާތީ އެކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ޖަލު ބަންދު ކުރުމުގެ ވަޢުދު ފުއްދެވުމަށް، އެމެރިކާގެ ރައީސް ވަރަށް މަސައްކަތްޕުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ޖަލުގައި ތިބި އިސްލާމުންގެ ތެރެއިން ތަޙްޤީޤުކޮށް ނިމި، ގިނަ މީހުންނަކީ ޓެރަރިޒަމްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައިވާ މީހުންކަމަށް ފާހަގައެއް ނުކުރެވުނު ކަމަށާއި، ޓެރަރިޒަމުގެ ހަރަކާތެއްގައި ބައިވެރިވާކަމަށް ތަޙްޤީޤަށް ފާހަގަކުރެވުނު މީހުންނަށް އެބަ ދަޢުވާ ކުރެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޖަލަކުން ސަލާމަތްވެ، މިނިވަންގޮތުގައި އުޅުމަށް ހުންނާނެ ތަނެއް އިސްލާމަކަށް ނެތިއްޖެނަމަ، ވީ މިންވަރަކުން އެހީތެރިވެދެއްވާނެ ކަމަށާއި، އެއްވެސް މީހަކަށް އަނިޔާލިބޭކަށް ބޭނުންފުޅުނުވާ ކަމުގައި ވިދާޅުވިއެވެ. ޖަލުތަކާ ގުޅޭގޮތުން އެއްފިކުރެއް ގެންގުޅުން އެއީ، މުހިންމު ކަމެއް ކަމަށާއި، ވީ މިންވަރަކުން އަޅުގަނޑުމެން އެހެން މީހުންނަށް އެހީތެރިވެދިނުމަކީވެސް، އަޅުގަނޑުމެންގެ ޤައުމީ ވާޖިބެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަހުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އަދި މަސްވެރިކަން މިހާރު ކުޑަތަންކޮޅެއް ރަނގަޅުވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަޅުގަނޑުމެން އަދިވެސް ބަލަންވީ މަސްކަނޑުތައް ރަނގަޅަށް ބެލެހެއްޓޭތޯ ކަމަށާއި، ސިފައިންގެ މަރުކަޒުތައް މެދުވެރިކޮށްގެން މަސްކަނޑުތައް ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ އަދި މާބޮޑަށް ފުރިހަމަ ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިހާރު އޮތް މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ބިލް ލަސްވަމުންދާތީ، އެކަމާބެހޭ ގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. ޤާނޫނުގެ ރޫޙު، އަޅުގަނޑުމެން އެންމެންނަށްވެސް ސާފު ކަމަށާއި، ޤާނޫނު ލަސްވެދަނީކީ، ކޮންމެހެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަމާ އަޅާނުލައްވާތީ ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ކުރިއަށް ގެންދަވަމުން، އެ ޤާނޫނުގެ ރޫޙާ އެއްގޮތަށް ޢަމަލު ކުރައްވަން ފެށްޓެވުމަށް ވިސްނާވަޑައިގަންނަވަމުން ގެންދަވާކަން ހާމަކުރެއްވިއެވެ. އަދި ވަކި ޤާނޫނެއް ނެތުމުގެ ސަބަބުން ޤާނޫނުއަސާސީ ރައްޔިތުންނަށް ލިބިދޭ ޙައްޤެއް، ރައްޔިތުންނަށް ލިބިދޭ އިމްތިޔާޒެއް، ނިގުޅައެއް ނުގަނެވޭނެކަމަށް ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތުމާއެކު، އެ ޤާނޫނުގެ ރޫޙުގައި ވީހާވެސް އަވަހަކަށް ޢަމަލުކުރައްވަން ފެށްޓެވުމަކީ، އެމަނިކުފާނުގެ ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ދައްކަމުންގެންދާ މޮޅު ކުޅުމަށް ތަޢުރީފް ކުރައްވައި ޤައުމީ ޓީމު އެދާ ޖޯޝުގައި، އެދާ ރޫޙުގައި މޮޅުވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ޤައުމީ ޓީމު ބޭނުންކުރައްވައިގެން ނުވަތަ އެޓީމަށް ރައްޔިތުންގެ މަޤްބޫލުކަން ލިބިފައިވާ މިންވަރު ބޭނުންކުރައްވައިގެން އެއްވެސް ހާލެއްގައި ސިޔާސީ ފައިދާ ހޯއްދަވާކަށް ބޭނުންފުޅު ނުވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.