މަސްވެރިކަމަށް، ޚާއްޞަކޮށް އެކުއަރކަލްޗަރގެ މަސްވެރިކަމަށް، ބޭރުގެ އިންވެސްޓްމަންޓްތަކަށް ރާއްޖެ ހުޅުވާލައްވައި، ބޭރުގެ ޓެކްނޮލޮޖީ ރާއްޖެއަށް ގެނެވޭނެ މަގުތައް ފަހިކުރެއްވުމަށް ސަރުކާރުން ގަސްދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި މިރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މި އަންނަ އަހަރުގެ ޑިސެމްބަރ މަހުގެ 10ވަނަ ދުވަހު ބައިނަލްއަޤްވާމީ ސީ ފުޑް އެގްޒިބިޝަނެއް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށައިގަނެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ރާއްޖޭގެ ކުޅިތަކުންނާއި، ހާ ތަކުންނާއި، ގޮނޑުދޮށްތަކުން މިއަދު މި ނަގާ ފައިދާއަށްވުރެ ބޮޑު ފައިދާއެއް ނެގިދާނެކަން އަޅުގަނޑުމެންނަށް އެނގޭ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްވެރިންގެ ލޯނުގެ ކަންތައް ސަރުކާރުން ޚާއްޞަ ގޮތެއްގައި ބައްލަވައި، އެ ލޯނުތަކަށް ލުޔެއް ހޯއްދަވައިދެއްވޭނެ ގޮތެއް ހަމަޖައްސަވާނެކަން ހާމަކުރެއްވިއެވެ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، އެކަން ފުރިހަމަވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ މަސްވެރިން ދުވަހެއް ދުވަހަކަށް ދަރަނިވެރިވަމުންދާ މަންޒަރު ބަލަހައްޓައިގެން ސަރުކާރަށް ނުތިބެވޭނެ ކަމަށާއި، އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ، އެ ޙައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރަކީ، ރާއްޖޭގެ މަސްވެރިކަމަށް އަދި ރާއްޖޭގެ އިޤްތިޞާދަށްވެސް، މިއިން ޒަމާނަކު ނާންނަފަދަ ބޮޑު ތަދެއްގެ އަހަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި މަސްވެރިން ބާނާމަސް އަހަރުން އަހަރަށް މަދުވަމުން އަންނަތާ މިހާރު ހަތަރު ފަސްއަހަރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މިދިޔަ އަހަރު ޚާއްޞަ ގޮތެއްގައި ވެގެންދިޔައީ، މިކަން އިންތިހާއަށް ބޮޑުވެގެން ދިޔަ އަހަރަކަށް ކަމުގައި ވިދާޅުވިއެވެ. އަދި މަސްވެރިކަމަށް ބޭނުންވާ އެންމެ މުހިންމު އެއް ވަސީލަތް ކަމަށްވާ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި 2008 ވަނަ އަހަރު އަރައިގެން ދިޔައީ، ދުވަހަކުވެސް ދުނިޔެ ނުދެކޭ މިންވަރަށް ކަމަށާއި، މިއަދު އެވަޅުގަނޑުން އަރައިގަތުމަށް ވަރަށް ބޮޑެތި މަސައްކަތްކެއްވަނީ ކުރަންޖެހިފައި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްވެރިކަމުގައި ދިމާވެފައިވާ މައްސަލަތައް ވަރށް ގިނަކަން ފާހަގަކުރެއްވިއެވެ. މަސްވެރިކަން ތަރައްޤީ ކުރުމުގައި ހަމައެކަނި ކަނޑުގެ މަސްވެރިކަން ތަރައްޤީ ކުރުމަށް މަސައްކަތް ކޮށްގެން އަޅުގަނޑުމެންނަށް ދެކޮޅު ޖެއްސޭނެ ކަމަކަށް މިހާރު ނުފެންނަ ކަމަށާއި، ކަނޑުން އެހެން ބާވަތްބާވަތުގެ ފައިދާ ނަގަން ޖެހޭ ކަމުގައި ވިދާޅުވިއެވެ. އެފައިދާ ހޯދުމަށް ބޭނުންވާ އިންވެސްޓްމަންޓާއި، އެފައިދާ ހޯދުމަށް ބޭނުންވާ މަޢްލޫމާތާއި އެމަސައްކަތްތައް ފަށައިގަންނަން ބޭނުންވާ ރޭވުންތައް ރާވައިގެން އަޅުގަނޑުމެން ކުރިއަށް ގެންދަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި މިރޭވުންތައް ރާވާއިރުގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް ބަރޯސާ ކޮށްގެން މިކަންކަން ވެދާނެ ކަމަކަށް ފުރިހަމައަށް ގަބޫލު ނުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރު ޙިއްޞާވާ ގިނަ ކުންފުނިތައް އަދި ސަރުކާރު ޙިއްޞާވާ މަސްވެރިކަމުގެ ކުންފުނިތައްވެސްވަނީ ވަރަށް ބޮޑަށް ދަރަނިވެރިވެފައިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެކުންފުނިތަކަށް އެކުންފުނީގެ ދަރަނިން އަރައިގަނެވި، އަލުން އަނބުރާ ވިޔަފާރިއަށް ނުކުތުމަށް އެތައް ގުނަ ކިތަންމެ ބަދަލެއް އެކުންފުނިތަކުގެ ހިންގުމަށް ގެންނަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެބަދަލުތައް ހިތްވަރާއެކު ގެނެސްގެން މެނުވީ، ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށްވެސް މިހާރު މިއޮތް އިޤްތިޞާދީ ވަޅުގަނޑުން އަރައެއް ނުގަނެވޭނެއެވެ. އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިތުރުން، އަމިއްލަ ކުންފުނިތައްވެސް ޚާއްޞަކޮށް މަސްވެރިކަމާގުޅޭ އަމިއްލަ ކުންފުނިތަކަށްވެސް ހިންދަމާލެވި، ވިޔަފާރީގައި ރަނގަޅަށް ހަރަކާތްތެރިވެވޭނީ އެކުންފުނިތަކުގެވެސް ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެވިގެންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން، ސަރުކާރުން ދެއްވި ބައެއް ޚާއްޞަ އިނާމާއި، ހަނދާނީ ފިލަޔާއި، ހަނދާނީ ލިޔުން، މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުވެސް ދެއްވިއެވެ.