بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، ދިވެހި ސަރުކާރާއި ސިންގަޕޯރ އެއަރލައިންސްގެ ކުންފުންޏެއް ކަމަށްވާ ސެޓްސް ކޭޓަރިންގ ޕްރައިވެޓް ލިމިޓެޑާ ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ސެންޓަރ ރަސްމީގޮތުން ހުޅުވައިދިނުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އާދެ، މިތަން މިހާރު ހިނގަމުންދާތާ ދުވަސްކޮޅެއްވެއްޖެ. މިތަނުގެ ޚިދުމަތް ލިބެން ފެށުމުން، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން ލިބޭ ޚިދުމަތްތައް އިތުރުވެގެންދާނެ. މިތަނަކީ، ތިޔަބޭފުޅުންނަށް މިހާރު އެނގިވަޑައިގެންފައިވާނޭ ފަދައިން، ދިވެހި ސަރުކާރާއި ސިންގަޕޯރ އެއަރލައިންސްގެ ކުންފުންޏަކާ ދެމެދުގައި ކުރެވިފައިވާ އެގްރިމެންޓެއްގެ ދަށުން، ދެފަރާތް ޙިއްޞާވާގޮތުން ހިނގަމުންދާނެ ތަނެއް. އާދެ، ދިވެހި ސަރުކާރުގެ ޙިއްޞާއަކީ ސަތޭކައަކުން ފަސްދޮޅަސް. ސިންގަޕޯރ އެއަރލައިންސްގެ ކުންފުނީގެ ޙިއްޞާއަކީ ސަތޭކައަކުން ސާޅީސް.

އާދެ، މިކަމަކީވެސް އަޅުގަނޑުމެން އެކަމަކަށްޓަކައި ކޮންމެވެސްވަރަކަށް ފަޚްރުވެރިވުން ޙައްޤު ކަމެކޭ އަޅުގަނޑަށް ދަންނަވަން ޖެހެނީ. އެއީ މިއަދު ރަސްމީގޮތުން އެތަނެއް ހުޅުވުމުގެ އުފާ އަޅުގަނޑަށް މި ލިބިގަނެވޭ، މަތިންދާބޯޓަށް ބޭނުންވާ ކާނާ ތައްޔާރުކުރާ މަރްކަޒު ހުޅުވުމުން، ރާއްޖެއަށް އިތުރު ހުނަރުވެރިކަމެއް ތަޢާރުފް ވެގެންދާތީ. އާދެ، އަޅުގަނޑުމެންގެ ރާއްޖެއަކީ، އިޤްތިޞާދީ ގޮތުން ވަރަށް ހަނިހަނި ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ތަނެއް. އަޅުގަނޑުމެންގެ ރާއްޖޭގެ މީހުންނަށް ކުރަން ދަސްވެފައިވާ މަސައްކަތްތައްވެސް މަދު. އެހެންކަމާއެކު، މިފަދަ ކަންތައްތައް ރާއްޖެއަށް ތަޢާރުފްވެގެން ދިޔުމުން، އަދި ބައިނަލްއަޤްވާމީ ގޮތުގައި ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކާ ގުޅިގެން ރާއްޖެއަށް ބޭނުންވާ މަސައްކަތްތެރިކަމުގެ އިތުރު ކަންތައްތަކާއި، އިތުރު ހުނަރުވެރިކަން ރާއްޖެއަށް ތަޢާރުފްވަމުން ދިޔުމުން، އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ މަސައްކަތްތެރިކަމަށް، އަޅުގަނޑުމެންގެ އިޤްތިޞާދަށް ކުރިއެރުން ލިބޭނެކަމާމެދަކު ޝައްކެއްނެތް.

އާދެ، މި މަރްކަޒަކީ ކުރިންވެސް ދެންނެވިފަދައިން، ދިވެހި ސަރުކާރާއި ސިންގަޕޯރ އެއަރލައިންސްގެ ކުންފުންޏަކާ ދޭތެރޭގައި އުފެދުނު ޖޮއިންޓް ވެންޗަރ އެގްރީމެންޓެއްގެ ދަށުން ހިނގަމުންދާ ތަނެއް. ސިންގަޕޯރ އެއަރލައިންސަކީ، އެކުންފުނީގެ ޚިދުމަތް ރާއްޖެއަށް ލިބެމުންދާތާ އަހަރުތަކެއް ވެފައިވާ ކުންފުންޏެއް. އާދެ، ޤަވާޢިދުން ރާއްޖެއަށް ސިންގަޕޯރ އެއަރލައިންސްގެ ދަތުރުފަތުރު ކުރަމުން ގެންދާތާ މިހާރު 6 އަހަރު ވަނީ. އެކަން ފެށުނީ 1984 ވަނަ އަހަރުގެ ތެރޭގައި. ސިންގަޕޯރ އެއަރލައިންސް ރާއްޖެއަށް ދަތުރުކުރަން ފެށުމުން، ރާއްޖެއަށް ވަރަށް ގިނަ ފައިދާތަކެއް ޙާޞިލްވަމުން ގޮސްފައިވޭ.

އޭގެ ތެރެއިން އެންމެ ސީދާ ފައިދާއަކީ، ރާއްޖޭގެ ވިޔަފާރިއަށާއި، ޓޫރިޒަމަށް ލިބެމުންދާ ފައިދާ. ހަމަ އެއާއެކުގައި، ރާއްޖެއާއި ބޭރުދުނިޔެއާ އޮތް ގުޅުން ބަދަހިވަމުންދާތީ، އެކަމުންވާ ފައިދާ. ނުސީދާގޮތުން ވަރަށް ގިނަ ފައިދާތަކެއް ރާއްޖެއަށްވޭ. އާދެ، ރާއްޖޭގެ މި ބައިނަލްއަޤްވާމީ އެއަރޕޯޓުގެ ނަން ދުނިޔެއަށް ތަޢާރުފްވެގެން ދިޔުން، އޭގެ ތެރޭގައި ހިމެނޭ. އަޅުގަނޑުމެންގެ ރާއްޖެއަކީ، ބައިނަލްއަޤްވާމީ ފެންވަރުގައި އޮޕަރޭޓް ކުރެވޭ އެއަރޕޯޓެއް އޮތް ރާއްޖެއެއްކަން މިހާރު ދުނިޔެއަށް އެނގޭ. ސިންގަޕޯރ އެއަރލައިންސަކީ، ވައިގެ ދަތުރުފަތުރު ކުރުމުގައި ވަރަށް ނަންހުރި އެއަރލައިނެއް. އެ އެއަރލައިންގެ މަތިންދާބޯޓުތައް ރާއްޖެއަށް ދަތުރުކުރާކަން އެއީ އަޅުގަނޑު ހިތުން މި ދެންނެވި ގޮތުން އަޅުގަނޑުމެންގެ މި ބައިނަލްއަޤްވާމީ އެއަރޕޯޓް ރާއްޖެއަށް ތަޢާރުފްވެ، އެތަނުން ދުނިޔޭގެ ފެންވަރުގައި އެކިއެކި ޚިދުމަތްތައް ލިބެންހުރިކަމުގެ ދަލީލެއް ކަމުގައި ބޭރު ދުނިޔެއިން ފާހަގަކުރޭ.

އާދެ، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ނުވަތަ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް އެއީ، އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް މުހިންމު ތަނެއް. އެއީ، އަޅުގަނޑަށް ދަންނަވަން ޖެހެނީ، ރާއްޖެއާއި ބޭރު ދުނިޔެއާ ގުޅުވައިދޭ ފާލަމޭ. ރާއްޖޭގައިވާ ދަތުރުފަތުރު ކުރުމުގެ އެންމެ މުހިންމު މަރްކަޒޭ. މިތަން އެކަށީގެންވާ ފެންވަރަކަށް ތަރައްޤީ ކުރުމާއި އަދި މިތަނުން ދެވޭ ޚިދުމަތްތައް ރަނގަޅު ފެންވަރެއްގައި ދެވޭނެގޮތް ހަމަޖެހިފައި އޮތުމަކީ، ޤައުމުގެ އިޤްތިޞާދަށް ވަރަށް ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އަދި މިތަން ރައްކާތެރިކޮށް ޙިމާޔަތް ކުރުމަކީ، މުޅި ޤައުމުގެ ސަލާމަތަށްޓަކައިވެސް އެހާމެ ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، މި ދެންނެވި ކަންތައްތައް އެއީ، ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ ކަންތައްތަކެއް. އެހެންކަމާއެކު، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް، އެތަނުން ލިބެންޖެހޭ ޚިދުމަތްތައް، އެއްދުވަހުން އަނެއް ދުވަހަށް އޭގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް މިގެންދަނީ ކުރަމުން. އަދި އެހާމެ ބޮޑެތި ޚަރަދުތަކެއް މިގެންދަނީ ކުރަމުން. މި ހުރިހާ ކަމަކުން ލިބެންޖެހޭ ފައިދާ އަޅުގަނޑުމެންނަށް ލިބޭނީ މިތަން ހިންގުމުގައި އަދި މިތަނުގެ ޚިދުމަތްތައް އެކަށީގެންވާ ފެންވަރެއްގައި ގެންދިޔުމުގައި، މިތަނުގެ މުވައްޒަފުންނާއި އަދި އެނޫން ގޮތްގޮތުންވެސް މިތާނގެ ޚިދުމަތް ލިބޭ ފަރާތްތަކާ ދޭތެރޭގައި ވަރުގަދަ އެއްބާރުލުމެއް އޮވެގެންކަން އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ.

އާދެ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މުހިންމުކަމާއެކު، މިތާނގައި މަސައްކަތް ކުރައްވާ ސަރުކާރުގެ އެކި ފެންވަރުގެ ވެރިންނާއި މުވައްޒަފުންނަށް، ސަރުކާރުން ވަރަށް ޚާއްޞަ ގޮތްތައް ހަމަޖައްސައިދެމުން ގެންދޭ. އެބޭފުޅުން މިތަން ތަރައްޤީ ކުރެއްވުމަށާއި، އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި އެއަރޕޯޓް ހިންގެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ސަރުކާރުން ވަޒަންކުރޭ. އާދެ، އޭގެތެރެއިން ގިނަ ބޭފުޅުންނަކީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ދުވާލުގެ ހަތަރުދަމު އަދި ރޭގަނޑު ވަރަށް ގިނަ ވަގުތުތަކެއް މިތާނގައި ހޭދަކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުން. އެބޭފުޅުން ވަރަށް މުރާލިކަމާއި ހީވާގިކަމާއެކު، އެބޭފުޅުންގެ ވާޖިބު ގެންދަވަނީ އަދާކުރައްވަމުން. އެހެންވީމާ، އެކަންވެސް މިއަދުގެ މި އުފާވެރި ޖަލްސާގައި އަޅުގަނޑު ފާހަގަކޮށް، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގެވުމާ ޙަވާލުވެ ތިއްބެވި ވެރިންނަށާއި، މިތާނގެ ހީވާގި މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިއަދުގެ މި އުފާވެރި އިޙްތިފާލަށްޓަކައި މާލެ ވަޑައިގެންނެވި ސިންގަޕޯރ އެއަރލައިންސްގެ މެނެޖިންގ ޑިރެކްޓަރ ޑޮކްޓަރ ސީ.ކޭ. ޗޮންގއަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދެންނެވުމަކީވެސް މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް.

އާދެ، މިއަދު ކަންދިމާކުރި ގޮތުން، މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ކުންފުނީގެ ޗެއަރމަން މިތާކު ވަޑައިގެނެއް ނެތް. އެހެންނަމަވެސް، އޭނާ ވަޑައިގެން ނެތް ކަމުގައިވިޔަސް، މިތަން ތައްޔާރުކުރުމާއި، މިތަނާ ބެހޭ ކަންތައްތައް ހިންގެވުމުގައި ވަރަށް އިސްނަންގަވައިގެން އުޅުއްވި ބޭފުޅަކަށްވާތީއާއި އަދި މުސްތަޤްބަލްގައިވެސް މިތަން ހިންގަވަން ދިވެހި ސަރުކާރުގެ ފަރާތުން އިސްވެ ހުންނަވާނީ އޭނާ ކަމުގައިވާތީ، މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ކުންފުނީގެ ޗެއަރމަން އަލްފާޟިލް ޢަންބަރީ ޢަބްދުސައްތާރަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން. ހަމަ އެއާއެކުގައި، މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ، މި ކުންފުނީގެ އެހެން ޑިރެކްޓަރުންނަށް އަދި އެކުންފުނީގެ މުވައްޒަފުންނަށްވެސް މިއަދުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވައި ޝުކުރު ދަންނަވަން.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، މިއަދުން ފެށިގެން ރާއްޖެއަށް، އާ ހުނަރުވެރިކަމެއް ތަޢާރުފްވަމުން މިދަނީ. ސިންގަޕޯރ އެއަރލައިންސްގެ މެނެޖިންގ ޑިރެކްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، އެބޭފުޅުންވެސް އުންމީދު ކުރައްވަނީ، ދިވެހިންނަށް މި ފަންނު ދަސްކޮށްދިނުމުގެ ފުރްޞަތު އެބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ކަމަށް. ދިވެހި ސަރުކާރުންވެސް އުންމީދުކުރަނީ އެގޮތަށް. އަޅުގަނޑުމެން މިކަހަލަ ކަންތައްތައް އެއްދުވަހުން އަނެއް ދުވަހަށް ރާއްޖޭގައި ތަރައްޤީ ކުރަމުން ދިޔުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ކުރިންވެސް ދެންނެވި ފަދައިން، ރާއްޖެއަށް މިބާވަތުގެ ހުނަރުވެރިކަން ތަޢާރުފްވެގެން ދިޔުން. ރާއްޖޭގެ މީހުންގެ ކިބައިގައި މިކަހަލަ ހުނަރުވެރިކަން އުފެދިގެން ދިޔުން.

އެހެންވީމާ، އަދި މިވަގުތު މިތާނގައި ދިވެހިން ނެތް ކަމުގައިވިޔަސް، އަޅުގަނޑު އުންމީދު ކުރަނީ، ވަރަށް ކައިރި މުސްތަޤްބަލެއްގައި މިމަސައްކަތަށް ކުރިމަތިލާނެ ދިވެހިން ތިބޭނެ ކަމުގައި. އަދި މިތަނުން ލިބޭ ޚިދުމަތުގެ ސަބަބުން އެމީހުންގެ ހުނަރުވެރިކަން އިތުރުވެ، ދިވެހިންގެ ކިބައިގައި، އަޅުގަނޑުމެންގެ ރާއްޖެއަށް މުސްތަޤްބަލުގައި ބޭނުންވާނެ ހުރިހާ ވައްތަރެއްގެ ޤާބިލިއްޔަތުކަން އުފެދިގެންދާނެ ކަމަށް.

އާދެ، އަޅުގަނޑު އެދެނީ، މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ސަރވިސްއަށް އަދި އެތާނގެ ފަރާތުން މިއަދު ރަސްމީގޮތުން މި ހުޅުވޭ މަތިންދާބޯޓަށް، ކާނާ ތައްޔާރުކޮށްދޭ މަރްކަޒަށް އިތުރު ތަރައްޤީއާއި ކުރިއެރުން. މި މަރްކަޒުގެ ޚިދުމަތްތައް ލިބެމުންދިޔުމުގެ ސަބަބުން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް އިތުރު ކުރިއެރުން ލިބުން. އަދި ރާއްޖޭގެ އިޤްތިޞާދަށް އިތުރު ފައިދާތަކެއް ކުރަމުންދިޔުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.