بســم اللّـه الرّحمـن الرّحيــم

الحمـد للّـه رَبَّـنــَاالْأَعْلٰى أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَا والصَّلاة والسّلام علٰى صَاحِبِ الْمِعْرَاجِ وَالْأِسْرَاء وَعَلَى اٰلِهِ وَأَصْحَابِهِ وَمَنْ بِهَدِهِمْ إهْتَدَاى.

އާދެ، މިރޭ އަޅުގަނޑުމެން މިތަނަށް އައިސް މިތިބީ، ވަރަށް މުހިންމު ހަނދާނެއްގެ ޛިކްރާ އާކުރުމަށްޓަކައި. އާދެ، އެއީ އިސްލާމީ މުނާސަބަތުތަކުގެ ތެރެއިން، އަހަރުތެރޭގައި އަންނަ ވަރަށް މުހިންމު، ވަރަށް މަތިވެރި މުނާސަބަތެއްގެ ޛިކްރާ. އެ ޛިކްރާއަކީ ދެންމެ މިތާނގައި ވާހަކަފުޅު ދެއްކެވި، ފަޟީލަތު އަލްއުސްތާޛުއްޝައިޚް އަޙްމަދު ފާރޫޤު މުޙައްމަދު އެ ވިދާޅުވިފަދައިން، ކީރިތި ރަސޫލާ مُحَمَّـد صـلّى اللّـه علـيـه وسـلّم މާތް ނަބިއްޔާއަށް މާތް اللّـه ދެއްވި މުޢުޖިޒާތްތަކުގެ ތެރެއިން ވަރަށް ވަރުގަދަ، ވަރަށް މަތިވެރި މުޢުޖިޒާތް ކަމުގައިވާ، އިސްރާއާއި މިޢުރާޖުގެ ޛިކްރާ. އެ ހަނދާން އަޅުގަނޑުމެން މި އާކުރަނީ. އާދެ، އެ ހަނދާން އާކުރުމުގެ ބޭނުމާ ބެހޭގޮތުންވެސް އޭނާ ވާހަކަފުޅު ދައްކަވައިފި. މިފަދަ ހަނދާންތައް އާކޮށް، މި ހަނދާންތަކުން އަޅުގަނޑުމެން އެންމެން ޢިބްރަތް ލިބިގަނެ، އެ ޢިބްރަތުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައުމަކީ، މިކަހަލަ ކޮންމެ ޛިކްރާއެއް އާކޮށް، އާލާކުރުމުގެ އެންމެ މުހިންމު މަޤްޞަދު.

އާދެ، އިސްރާއާއި މިޢުރާޖަކީ، ޢިލްމުވެރިން ވިދާޅުވާގޮތުގައި، މީގެ 1428 އަހަރު ކުރިން ހިނގައިދިޔަ ޙާދިޘާއެއް. މިފަދަ ބަރަކާތްތެރި ރެއެއްގައި އާދެ، އެ އަހަރުގެ ރަޖަބް މަހުގެ 27 ވިލޭރޭ. މި ޙާދިޘާ ހިނގީ، رســول اللّـه صـلّى اللّـه علـيـه وسـلّم މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ގާތްގަނޑަކަށް 16 މަސް ނުވަތަ 17 މަސް ދުވަހުގެ ކުރިން. ޙަޤީޤަތުގައި އިސްރާއާއި މިޢުރާޖަކީ އެއް ޙާދިޘާއެއް ނޫން. އެއީ ދެ ޙާދިޘާއެއް. އެއް ޙާދިޘާއަކީ الْمَسْجِدِ الْحَرَام ން، الْمَسْجِدِ الْأَقْصَى އަށް رســول اللّـه صـلّى اللّـه علـيـه وسـلّم ރޭގަނޑުގެ ވަގުތެއްގައި ވަޑައިގަތް ވަޑައިގަތުން. جبريل علـيـه السَّلَام ވަޑައިގެން، އެކަލޭގެފާނު އެ ދަތުރުފުޅުގައި ގެންދެވުން. އަނެއް ޙާދިޘާއަކީ، الْمَسْجِدِ الْأَقْصَى އިން މަލަކޫތީ ޢާލަމަށް رســول اللّـه صـلّى اللّـه علـيـه وسـلّم މިޢުރާޖު އަރާވަޑައިގަތުން. ދަތުރުފުޅު ކުރެއްވުން. އެއީ، މިރޭ ހިނގި ދެވަނަ ޙާދިޘާ.

އާދެ، މީގެ ފުރަތަމަ ޙާދިޘާއާ ބެހޭގޮތުން، ދެންމެ ކިޔެވިދިޔަ އާޔަތްތަކުގެ ފުރަތަމަ އާޔަތުގައި އަޅުގަނޑުމެންނަށް މާތް اللّـه އަންގަވާފައިވަނީ "سُبْحَـٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًۭا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَـٰرَكْنَا حَوْلَهُ لِنُرِيَهُ مِنْ ءَايَـٰتِنَآ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ. " (الأسراء:1). އާދެ، މާނައަކީ، "الْمَسْجِدِ الْحَرَام ން، الْمَسْجِدِ الْأَقْصَى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެ ހުސް ޠާހިރުވަންތައެވެ. އެއީ އެތާނގެ ވަށައިގެން ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. އެއީ ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ." އާދެ الْمَسْجِدِ الْحَرَام އެއީ، މައްކާގެ الْمَسْجِدِ الْحَرَام. ގެފުޅު. އެތަނުން އެރޭ ދަންވަރުގެ ވަގުތެއްގައި، ކީރިތި ރަސޫލާ ޖިބްރީލްގެފާނުގެ އަރިހުގައި ވަޑައިގަތީ الْمَسْجِدِ الْأَقْصَى އަށް. އެއީ ފަލަސްޠީނުގެ ބިމުގައިވާ ތަނެއް. ބައިތުލްމަޤްދިސް. އޭގެފަހުން الْمَسْجِدِ الْأَقْصَى އިން ފެށިގެން މަލަކޫތީ ޢާލަމަށް ދަތުރުކުރެއްވި. އެ ވާހަކަ އަޅުގަނޑުމެންނަށް ކީރިތި ޤުރްއާނުގައި އަންގަވައިދެއްވާފައިވަނީ، النَّجم ސޫރަތުގައި. އެ ސޫރަތުގައި މާތް اللّـه ވަޙީކުރައްވާ، "وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ" (النَّجم:13) "ހަމަކަށަވަރުން އެކަލޭގެފާނު، (އެބަހީ: މުޙައްމަދުގެފާނު) އެހެން ފަހަރަކުވެސް އެ މަލާއިކަތާ ދެކެވަޑައިގަތްކަން ކަށަވަރެވެ." އާދެ، އެހެންފަހަރަކުވެސް މުޙައްމަދުގެފާނު ޖިބްރީލްގެފާނު، جبريل علـيـه السَّلَامَ ދެކެވަޑައިގަތެވެ. "عِندَ سِدْرَةِ الْمُنتَهَىٰ" (النَّجم:14) "އެއީ سِدْرَةِ الْمُنتَهَىٰގެ ކައިރިންނެވެ." "عِندَهَا جَنَّةُ ٱلْمَأْوَىٰٓ" (النَّجم:15). "އެތާނގެ ކައިރީގައި جَنَّةُ الْمَأْوَىٰ ވެއެވެ. (އެއީ މުއުމިނުތަކުންގެ ފުރާނަތަކުގެ މަރުކަޒެވެ.") "إِذْ يَغْشَى السِّدْرَةَ مَا يَغْشَىٰ" (النَّجم:16). "سِدْرَةِ الْمُنتَهَىٰ ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ". "مَا زَاغَ الْبَصَرُ وَمَا طَغَىٰ" (النَّجم:17). "އެކަލޭގެފާނުގެ ލޯފުޅު އެކި ފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާ ތަން ފަހަނައަޅައިވެސް ނުދޭމެއެވެ." "لَقَدْ رَأَىٰ مِنْ ءَايَـٰتِ رَبِّهِ ٱلْكُبْرَىٰٓ" (النَّجم:18). "ހަމަކަށަވަރުން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ." އާދެ، އެހެންވީމާ، ކީރިތި ޤުރްއާނުގެ ދެތަނަކުން އަޅުގަނޑުމެންނަށް އިސްރާއާއި މިޢުރާޖް އެއީ ހިނގި ޙާދިޘާއެއްކަން އެބަ އެނގޭ. މާތް اللّـه އެކަން އެވަނީ ބަޔާންކޮށްދެއްވާފައި. އަދި މީގެއިތުރުން، ކީރިތި ރަސޫލާގެ ޙަދީޘްތަކުން މިކަން އަޅުގަނޑުމެންނަށް ސާބިތުވޭ.

އާދެ، އަޅުގަނޑުމެންގެ ތެރެއިން، މިކަމާ ދޭތެރޭގައި ވިސްނައިލި ކޮންމެ މީހަކަށްވެސް، މިފަދަ ބޮޑު މުޢުޖިޒާތެއްގައި، ތަފާތު މުހިންމު އިލާހީ ޙިކުމަތްތަކެއް އެކުލެވިގެންވާނެކަން އެނގޭނެ. އާދެ، އެކަމާ ދޭތެރޭގައި ޢިލްމުވެރިން ވަނީ ވާހަކަފުޅު ދައްކަވާފައި. ފޮތްތަކުގައި ލިޔުއްވާފައި. ޝައްކެއްނެތްގޮތުގައި، އެންމެ ފުރަތަމަ އެބޭފުޅުން ވިދާޅުވެފައިވާ ވާހަކައަކީ، މި ވަރުގަދަ އާދަޔާ ޚިލާފު ބޮޑު މުޢުޖިޒާއަކީ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް މާތް اللّـه ދެއްވި ސާބިތުކަމެކޭ. އެކަލޭގެފާނަށް މުޝްރިކުން ކުރަމުންގެންދިޔަ ދުއްތުރާތަކާއި، އުނދަގޫތަކާއި، އެބައިމީހުން ކަންކުރިގޮތުން އެކަލޭގެފާނުގެ ހިތްޕުޅު ނުތަނަވަސްވެފައިވާ ވަގުތެއްގައި، މާތް اللّـه ގެ މަދަދާއި، ވާގިފުޅާއި، ތައުފީޤާއި ހިދާޔަތުވަނީ އެކަލާނގެ އަރިހުގައިކަން ބަޔާންކުރެއްވުމުގެ ގޮތުން، މާތް اللّـه އެކަލޭގެފާނަށް ދެއްވި ވަރުގަދަ މުޢުޖިޒާއެކޭ.

އާދެ، ދެން އަޅުގަނޑުމެންގެ ހިތުގައި އުފެދޭ ސުވާލަކީ ކީއްވެގެންބާއޭ، الْمَسْجِدِ الْحَرَام ން، الْمَسْجِدِ الْأَقْصَى އަށް އިސްރާ ކުރެއްވީ. އެހެންތާކަށް ނުކުރައްވާ. މީގެ ޖަވާބުގައި ޢިލްމުވެރިން ވިދާޅުވަނީ، އެއީވެސް ވަރަށް މަތިވެރި އިލާހީ ޙިކުމަތަކަށްޓަކައޭ. އާދެ، އަޅުގަނޑުމެންނަށް އެނގޭފަދައިން. މި އުއްމަތުގެ މާތް ނަބިއްޔާގެ މައްޗަށް މާތް اللّـه އިސްލާމްދީން ބާވައިލެއްވުމުގެ ކުރިން، އެކަލާނގެ އެހެން ދީންތަކެއް ވަނީ ބާވައިލައްވާފައި. އަދި ބަނީ އިސްރާއީލުގެ ވަރަށްގިނަ ދައުރުތަކުގައި އެކިއެކި ނަބީބޭކަލުން މާތް اللّـه ވަނީ ފޮނުއްވާފައި. އެ ހުރިހާ ބޭކަލުންނަށް ވަޙީ އައިސްފައިވަނީ. އަދި ޚާއްޞަކޮށް، ސަމާވީ ދީންތަކުގެ ތެރޭގައި ހިމެނޭ، އިސްލާމްދީނުގެ އިތުރުން، ނަޞާރާ ދީނާއި، ޔަހޫދީ ދީން ބާވައިލައްވާފައި ވަނީ އެބިމަށް ކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވޭ. އެހެންކަމުން، މި ދެންނެވި ދެ ދީން މާތް اللّـه ބާވައިލައްވާފައިވާ ބިމަށް، رســول اللّـه صـلّى الله علـيـه وسـلّم ވަޑައިގަތުން ހިމެނިގެންދަނީ، މި ހުރިހާ ސަމާވީ ރިސާލަތަކީ ގުޅިފައިވާ އެއްޗެއްކަން ދައްކައިދިނުން. ސަމާވީ ދީންތައް ބާވައިލެއްވީ اللّـه سبحـانـه وتعـالى ކަމާއި، އަދި މި ހުރިހާ ދީނަކީ އެކަލާނގެ އިންސާނިއްޔަތަށް ދެއްވާ ހިދާޔަތެއްކަން، މިއީ އެއް ސިލްސިލާއެއްގެ ބޮޅުތަކެއްކަން އަންގައިދޭ ކަމެއް. رســول اللّـه صـلّى اللّـه علـيـه وسـلّم، الْمَسْجِدِ الْأَقْصَى އަށް ވަޑައިގަތުން އެއީ.

އާދެ، އެހެންވީމާ، އަޅުގަނޑުމެންނަށް މިކަމާ ދޭތެރޭގައި ވިސްނާއިރު، ދީންތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން. އާދެ، އަޅުގަނޑުމެންނަށް އެނގޭ، މިހާރު ނަޞާރާ ދީނަކީ އެމީހުން ބަދަލުކޮށްފައިވާ ދީނެއްކަން. އެއީ ބާޠިލް ދީނެއްކަން. ހަމައެހެންމެ، ޔަހޫދީ ދީނަކީވެސް އެމީހުން ބަދަލުކޮށްފައިވާ ދީނެއްކަން. އެހެންވީމާ، އެ ހުރިހާ ދީނެއްވަނީ އިސްލާމްދީން އައުމުން ނަސްޚުވެ، ބާޠިލްވެ އުވިގެން ގޮސްފައި. އެހެންނަމަވެސް، އެ ހުރިހާ ދީނެއް ފޮނުއްވި ފަރާތަކީ اللّـه سبحـانـه وتعـالى. އެހެންކަމުން، އެ ދީންތައް އެއީ ގުޅިގެން އައިސްފައިވާ ދީންތަކެއް. މިކަން އަޅުގަނޑުމެންނަށް އެނގެނީ މި މަތިވެރި ޙާދިޘާއިން. އާދެ، މިޢުރާޖުގެ ޙާދިޘާ. އެއިން އަޅުގަނޑުމެންނަށް، ކުރިން ދެންނެވިހެން، اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ މާތް ނަބިއްޔާގެ ހިތްޕުޅަށް ދެއްވި ސާބިތުކަމާއި އެކަލާނގެ މަދަދާއި ތައުފީޤު އެކަލޭގެފާނާ އެކުގައިވާކަން ބަޔާންކުރެއްވުމުގެ އިތުރުން، ވަރަށްމާތް އަޅުކަމެއް އެރޭ اللّـه ފަރުޟު ކުރެއްވި. އެއީ،
ފަރުޟު 5 ނަމާދު.

މާތް اللّـه މި އުއްމަތުގެ މައްޗަށް ފަރުޟު 5 ނަމާދު ފަރުޟު ކުރެއްވީ، ކީރިތި ރަސޫލާ މިޢުރާޖު އަރާވަޑައިގެންނެވި ރޭ. އާދެ، އެއީވެސް ޝައްކެއްނެތްގޮތުގައި، މާތް اللّـه ކީރިތި ރަސޫލާއަށް ދެއްވި ވަރަށްބޮޑު މުޢުޖިޒާއެއް. އާދެ، މި ދެންނެވީ، މިޢުރާޖު އަރާވަޑައިގަތުން. އެއީ އެއްވެސް އިންސާނަކަށް އޭގެކުރިންވެސް، އޭގެފަހުންވެސް މާތް اللّـه ދެއްވި ނިޢުމަތެއް ނޫން. ހަމައެކަނި رســول اللّـه صـلّى اللّـه علـيـه وسـلّم އަށް އެ މަތިވެރި ނިޢުމަތް މާތް اللّـه ދެއްވީ. އެމަތިވެރި މުޢުޖިޒާތް ދެއްވީ.

އެހެންވީމާ، މިކަމުން رســول اللّـه صـلّى اللّـه علـيـه وسـلّم އަށް މާތް اللّـه ދެއްވި މަތިވެރި ޤަދަރާއި ޝަރަފް އަޅުގަނޑުމެންނަށް އެނގިގެންދޭ. ހަމައެއާއެކީގައި، އެރޭ އެ ފަރުޟު ކުރެއްވި އަޅުކަމުގެ މާތްކަންވެސް އަޅުގަނޑުމެންނަށް މިކަމުން ވަރަށް ރަނގަޅަށް ދޭހަވޭ. އިސްލާމްދީނުގެ އެހެން ހުރިހާ ރުކުންތަކެއް ޝަރުޢު ކުރައްވާފައިވަނީ މިފަދަ ގޮތަކަށް ނޫން. ކީރިތި ރަސޫލާއަށް اللّـه އެ ރުކުންތައް ޝަރުޢު ކުރައްވާފައިވަނީ، އެކަލޭގެފާނު އަޞްޙާބު ބޭކަލުންގެ ތެރޭގައި، އާދެ، މައްކާގައި ނުވަތަ މަދީނާގައި އުޅުއްވަނިކޮށް. އެއާ ޚިލާފަށް، ނަމާދު ފަރުޟު ކުރެއްވީ، މިޢުރާޖު އަރާވަޑައިގެންނެވި ރޭ. އެހެންވީމާ، ނަމާދުގެ މާތްކަމާއި، ނަމާދަށް އަޅުގަނޑުމެން ދޭންޖެހޭ އަހަންމިއްޔަތު މިކަމުން ވަރަށް ރަނގަޅަށް ފާޅުވެ އެނގިގެންދޭ.

އާދެ، ފަރުޟު 5 ނަމާދަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެންމެ މުހިންމު ރުކުން. މާތް اللّـه ވަޙީކުރައްވާފައިވޭ، "ٱتْلُ مَآ أُوحِىَ إِلَيْكَ مِنَ ٱلْكِتَـٰبِ وَأَقِمِ ٱلصَّلَوٰةَ ۖإِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ." (العنكبوت: 45). މާނައަކީ، "ފޮތުން ކަލޭގެފާނަށް ވަޙީކުރެއްވި ތަކެތި ކިޔަވާ ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު ޤާއިމު ކުރައްވާށެވެ! ހަމަކަށަވަރުން ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާކަމެކެވެ. އަދި ހަމަކަށަވަރުން، اللّـه ހަނދުމަކުޅައުމަކީ، އެންމެބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް اللّـه ދެނެވޮޑިގެންވެތެވެ." އާދެ، ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި، ކުރިން މި ދެންނެވި الْمَسْجِدِ الْأَقْصَى އިން މަލަކޫތީ ޢާލަމަށް رســول اللّـه صـلّى اللّـه علـيـه وسـلّم މިޢުރާޖު އަރާވަޑައިގަތުން އެއީ އެކަލޭގެފާނަށް މާތް اللّـه ދެއްވި ވަރަށްބޮޑު މުޢުޖިޒާތެއް. އެއާއެކީގައި ޢިލްމުވެރިން ވިދާޅުވަނީ، މާތް اللّـه އަޅުގަނޑުމެން މުސްލިމުންނަށްވެސް ވަނީ މިޢުރާޖެއް ދެއްވާފައޭ. އެ މިޢުރާޖަކީ ފަރުޟު 5 ނަމާދު.

އާދެ، މިޢުރާޖު އަރާވަޑައިގަތް ރޭ رســول اللّـه صـلّى اللّـه علـيـه وسـلّم އެ ކުރެއްވި ދަތުރުފުޅުން އެ ލިބިވަޑައިގެންނެވި އިލްހާމާއި، އެއްވެސް މެދުވެރިޔަކުނެތި އެކަލޭގެފާނަށް މާތް اللّـه އިލްހާމް ކުރެއްވި އަޅުކަމެއް ލިބިވަޑައިގަތުމާ، މިކަންކަން މިވަނީ ހިނގާފައި. ހަމައެހެންމެ، އަޅުގަނޑުމެން ނަމާދަށް ތިބޭއިރު، ކޮންމެ މީހަކުވެސް އެ ހުންނަނީ ތިމާއާ، ތިމާ ހެއްދެވި ފަރާތާ ވަރަށްބޮޑު، ވަރަށް މަތިވެރި، ވަރަށް ވަރުގަދަ ރޫޙާނީ ގުޅުމަކުން އެއްވެސް މެދުވެރިޔަކުނެތި ގުޅިފައި. އެހެންވީމާ، ނަމާދަކީ މާތް اللّـه އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މުސްލިމުންނަށް ދެއްވާފައިވާ މިޢުރާޖު. އެ މިޢުރާޖަށް އަޅުގަނޑުމެން ކަމޭހިތައި ރައްކާތެރިވެ، އަންގަވާފައިވާ ގޮތުގެމަތިން ފަރުޟު 5 ނަމާދު ވަގުތުން ވަގުތަށް ފަރުވާތެރިކަމާއި ޚުޝޫޢުވެރިކަމާއި، މަޑުމޮޅިކަމާއެކުގައި އަދާކުރަމުން ގެންދަނީނަމަ، ޝައްކެއްނެތްގޮތުގައި، މާތް اللّـه އަޅުގަނޑުމެންނަށް ހެޔޮގޮތްތައް އަބަދުވެސް މިންވަރުކުރައްވާނެ. އަޅުގަނޑުމެންގެ އުޅުން އިޞްލާޙުކޮށްދެއްވާނެ. އަޅުގަނޑުމެންނަށް މި ދުނިޔޭގައިވެސް، އާޚިރަތުގައިވެސް ބާއްޖަވެރިކަމާއި، ނިޢުމަތާއި ޘަވާބު މިންވަރުކުރައްވާނެ.

އާދެ، މިޢުރާޖުން ދޭހަވާ މާނަތަކުގެ ތެރޭގައި، އެންމެ ފުރަތަމަ ކަމަކަށް، އެއީ رســول اللّـه صـلّى اللّـه علـيـه وسـلّم އަށް މާތް اللّـه ދެއްވި މަތިވެރި ޝަރަފެއްކަމަށްވާކަން. އެކަލޭގެފާނަށް މާތް اللّـه ގެ މަދަދާއި ތައުފީޤު ދެއްވިކަމުގެ ވަރުގަދަ ހެތްކެއްކަން. ހަމައެހެންމެ އެއީ، ނަމާދުގެ މާތްކަން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ މަތިވެރި ޙާދިޘާއެއް. އަދި މިކަންކަމުގެ އިތުރުން، ޢިލްމުވެރިން ވިދާޅުވާގޮތުގައި މި ޙާދިޘާއިން އަޅުގަނޑުމެންނަށް އެނގެނީ، މާތް اللّـه އާދަމުގެ ދަރިންނަށް ދެއްވާފައިވާ ދަރަޖަ. މާތް اللّـه އިންސާނުންނަށް ދެއްވާފައިވާ ޤަދަރު. އިންސާނުންނަކީ މާތް اللّـه މާތްކުރެއްވި ބައެއްކަން، މި ޙާދިޘާއިން ވަރަށް ރަނގަޅަށް އެނގޭ. އެއީ އިންސާނުން ތަމްސީލުކުރާ ބޭކަލަކަށް، އާދެ، رســول اللّـه صـلّى اللّـه علـيـه وسـلّم އަށް މި މަތިވެރި މުޢުޖިޒާތް ދެއްވައި އަދި އެ މުޢުޖިޒާގެ ސަބަބުން އަޅުގަނޑުމެންގެ ދުނިޔޭގެ ކަންތައްތައް އިސްލާޙުވުމުގެ މަގު ފަހިކޮށްދެއްވުމުގެ ގޮތުން، އަޅުގަނޑުމެންގެ މައްޗަށް ފަރުޟު 5 ނަމާދު ފަރުޟު ކުރެއްވިކަން.

އާދެ، އާދަމްގެ ދަރިން މާތް اللّـه މާތްކުރެއްވިކަން، ކީރިތި ޤުރްއާނުގެ ޞަރީޙަ ޢިބާރާތުން އަޅުގަނޑުމެންނަށް އަންގަވާފައި އެބައޮތް. މާތް اللّـه ވަޙީކުރައްވާ، "وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَـٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ وَفَضَّلْنَـٰهُمْ عَلَىٰ كَثِيرٍۢ مِّمَّنْ خَلَقْنَا تَفْضِيلًۭا." (الإسراء:70) މާނައަކީ، "ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާދަމުގެ ދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒްޤު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ." އާދެ، މި އާޔަތުން އެނގޭގޮތުގައި، އާދަމުގެ ދަރިންނަކީ މާތް اللّـه މާތްކުރައްވާފައިވާ ބައެއް. އެންމެން، އެއްވެސް މީހަކު އިސްތިސްނާއެއްނުކޮށް. ކުޑަކުދިން، ބޮޑެތި މީހުން، އަންހެނުން، ފިރިހެނުން، ހަރުމީހުން، މުސްކުޅިން، ނިކަމެތިން، މުއްސަނދިން، މިހެންގޮސް އިންސާނުންގެތެރޭގައި ހިމެނޭ ހަމަ ކޮންމެ މީހަކީ މާތް اللّـه މާތްކުރައްވާފައިވާ މަޚްލޫޤެއް. މާތް اللّـه މަތިވެރި ޤަދަރަކާއި ޝަރަފެއް ދެއްވާފައިވާ މީހެއް. ނުވަތަ މަޚްލޫޤެއް. މިކަން އަޅުގަނޑުމެން އެބަ ދަންނަންޖެހޭ.

ކޮންމެ އިންސާނަކީވެސް މާތް اللّـه މާތްކުރައްވާފައިވާ މަޚްލޫޤެއް. ހަމައެކަނި މުސްލިމުންނެއް ނޫން. މުސްލިމުން ނޫން އެހެން މީހުންނަކީވެސް މާތް اللّـه މާތްކުރައްވާފައިވާ ބައެއް. އާދެ، އެކަން މި އެނގެނީ، މި އާޔަތުގައި މާތް اللّـه ވަޙީ ކުރައްވާފައިވަނީ، "وَلَقَدْ كَرَّمْنَا بَنِى ءَادَمَ." "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެ ދަރިން މާތްކުރެއްވީމެވެ." އާދަމުގެ ދަރިންގެ ތެރޭގައި ހިމެނޭ، މުސްލިމުންނާއި މުސްލިމުން ނޫން މީހުން. އާދެ، އެހެން ދަންނަވަން މިޖެހެނީ، ޣައިރު މުސްލިމުންގެ ތެރޭގައިވެސް މުސްލިމުންނާ އެކުވެރިކަން ބަހައްޓައި، މުސްލިމުންގެ ރަޙްމަތްތެރިންގެ ގޮތުގައި ދިރިއުޅޭ، މުސްލިމުންނަށް އެހީތެރިވާ ޣައިރު މުސްލިމުން އުޅޭ. އެމީހުންނަށް ކަމޭހިތައި، އެމީހުންނަށް އިޙްތިރާމުކޮށް، އެމީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އެއާ ޚިލާފަށް، މުސްލިމުންނާ ހަނގުރާމަކޮށް، މުސްލިމުންނަށް ދެރަގޮތްތަކާއި ނިކަމެތި ގޮތްތައް ހަދާ މީހުންނަކީ ތަފާތު ބައެއް. އެހެނެއްނޫން، އަޅުގަނޑުމެންގެތެރޭގައި އުޅޭ، އަޅުގަނޑުމެންނަށް ޒިޔާރަތްކުރާ ރަޙްމަތްތެރިންގެ ގޮތުގައި، އެކުވެރިންގެ ގޮތުގައި އަޅުގަނޑުމެންނާ އެކީގައި ކަންތައްތައް ކުރުމުގެ މަޤްޞަދުގައި އައިސް އުޅޭ ބިދޭސީންނަށް، ނުވަތަ އެނޫން މީހުންނަށް ކަމޭހިތުމަކީ އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް ލާޒިމުކުރާ ކަމެއް. އެއީ، މާތް اللّـه އަންގަވާފައިވާފަދައިން، ކޮންމެ އާދަމުގެ ދަރިޔަކީ، ކޮންމެ އާދަމުގެ ދަރިޔަކީ މާތް اللّـه މާތްކުރައްވާފައިވާ މީހަކަށްވާތީ.

އާދެ، އެހެންވީމާ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެވެސް ޙައްޤުތަކެއް އެބަހުރި. އެ ޙައްޤުތަކަށް އަޅުގަނޑުމެން އެންމެން ރައްކާތެރިވާން އެބަޖެހޭ. އެހެން މީހުންގެ މުދަލަށް ރައްކާތެރިވާންޖެހޭ. އެހެން މީހުންގެ އަމާނާތްތަކަށް އަޅުގަނޑުމެން ރައްކާތެރިވާންޖެހޭ. އެހެން މީހުންނާ ދޭތެރޭގައި ހެޔޮކަމާއި، އިޙްސާންތެރިކަމާއެކު ޢަމަލުކުރަންޖެހޭ، އެއީ ކޮންމެ މީހަކު ކަމުގައިވިޔަސް. ގާތް މީހަކު ކަމުގައިވިޔަސް، ދުރު މީހަކު ކަމުގައިވިޔަސް، ކުޑަކުއްޖަކު ކަމުގައިވިޔަސް، ބޮޑުމީހަކު ކަމުގައިވިޔަސް، ރަޙްމަތްތެރިއަކު ކަމުގައިވިޔަސް އަދި ރަޙްމަތްތެރި ނޫން މީހަކު ކަމުގައިވިޔަސް، އެންމެންގެ ޙައްޤުތަކަށް އަޅުގަނޑުމެން ރައްކާތެރިވާންޖެހޭ. އަދި އެންމެންނަށް ކަމޭހިތަންޖެހޭ. އެންމެންނަށް އިޙްތިރާމުކުރަންޖެހޭ. އާދެ އިޙްތިރާމު ކުރުމުގެ އެންމެ މުހިންމު އެއްކަމަކީ އަޅުގަނޑުމެން ދައްކާ ވާހަކައިގައި ހެޔޮބަސް ބުނުން. އެއްވެސް މީހަކާ މުޚާޠަބުކޮށް ދައްކާ ވާހަކައިގައި ނުވަތަ މީހަކާ ބެހޭގޮތުން ދައްކާ ވާހަކައިގައި، އެމީހަކަށް އުނިކަމެއް ލިބޭނެ އެއްވެސް ގޮތަކަށް ވާހަކަނުދެއްކުން. އަޅުގަނޑުމެން ކޮންމެ އިންސާނަކުވެސް އެމީހެއްގެ ބާވަތް، އެމީހެއްގެ ހިތުގައި އޮންނަ އެއްޗެއް ނުވަތަ އެމީހެއްގެ އިޢުތިޤާދު ނުވަތަ އެމީހަކު ޤަބޫލުކުރާ އުޞޫލުތައް، އެންމެ ފުރިހަމަކޮށް ދައްކައިދޭ އެއްޗަކީ، އެމީހަކު ދައްކާ ވާހަކަ. އެމީހަކު ދައްކާ ވާހަކައިން އެމީހެއްގެ ގޮތް، އޭނާގެ ހިތުގައިވާ އެއްޗެއް މީހުންނަށް ވިސްނޭނެ، އޮޅުންފިލާނެ.

އެހެންވީމާ، ވާހަކަދައްކާއިރު އަޅުގަނޑުމެންގެ ހިތުގައިވާ އެއްޗެއް، އަޅުގަނޑުމެންނަކީ ރަނގަޅު ބަޔަކު ކަމުގައިވަންޏާ، އަޅުގަނޑުމެންގެ ވާހަކަވެސް ރަނގަޅުވާންޖެހޭނެ. އެހެން މީހުންނާ ދައްކާ ވާހަކަ ދައްކަންޖެހޭނީ ކަމޭހިތުމާއި، އިޙްތިރާމާއި، އޯގާތެރިކަމާ އެކީގައި. އެހެން މީހުންގެ އަބުރާއި ޝަރަފަށް އުނިކަމެއް ލިބޭ އެއްވެސްކަހަލަ ބަހެއް އަޅުގަނޑުމެން އެކަކުވެސް ބުނެގެންނުވާނެ. އަދި އެމީހަކީ އަޅުގަނޑުމެންގެ ރަޙްމަތްތެރިއަކަށްވިޔަސް އަދި ރަޙްމަތްތެރި ނޫން މީހަކަށްވިޔަސް، ގާތް މީހަކަށްވިޔަސް، ދުރު މީހަކަށްވިޔަސް، އެހެން މީހެއްގެ އަބުރާ ބެހިގެނެއްނުވާނެ. އެހެން މީހެއްގެ ޢިއްޒަތަކަށް، އަބުރަކަށް، ޝަރަފަކަށް އުނިކަމެއް އަންނަ އެއްވެސް ގޮތަކަށް އަޅުގަނޑުމެން އެއްޗެއް ބުނެގެންނުވާނެ. އެއީ ހުރިހާ އެންމެންނަކީ މާތް اللّـه މާތްކުރައްވާފައިވާ މީހުން ކަމަށްވާތީ. އާދަމުގެ ދަރިޔަކަށްވީތީ، އެކަލާނގެ ވަނީ ހުރިހާ އެންމެން މާތްކުރައްވާފައި. އަދި މާތްކުރެއްވުމުގައި އަޅުގަނޑުމެން ވިސްނަންޖެހޭ ތަންކޮޅަކީ، އަޅުގަނޑުމެން އެންމެންނަށްވެސް އިޙްސާންތެރިވުމަކީ އޭގެތެރެއިން ވަރަށް މުހިންމު ކަމެއް ކަމުގައި.

އާދެ، މާތް اللّـه ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވޭ، "وَقُولُواْ لِلنَّاسِ حُسْنًا وَأَقِيمُواْ الصَّــلَوٰةَ وَءَاتُواْالزَّكَــــوٰةَ." (البقرة:83) މާނައަކީ، "އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ. އަދި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތްދޭށެވެ." އާދެ، އެންމެ ފުރަތަމަ ވިސްނާލަންވީ، ހެޔޮބަސް ބުނުމަކީ ކޮބައިތޯ. ހެޔޮބަސް ބުނުމަކީ ތެދުބުނުން. ހެޔޮބަސް ބުނުމަކީ މާތް اللّـه ގެ މަގަށް ގޮވާލުން. ހެޔޮބަސް ބުނުމަކީ ހެޔޮ ނަޞޭޙަތްދިނުން. ހެޔޮބަސް ބުނުމަކީ އެހެން މީހުންނަށް ޝުކުރު އަދާކުރުން. މީހަކު ހެޔޮކަމެއް ކޮށްދީފިއްޔާ، އެމީހަކަށް ޝުކުރު އަދާކުރުން. އެމީހަކަށް އުފަލެއް ލިބިއްޖައީވިއްޔާ ތަހުނިޔާ އަދާކުރުން. ދެރަކަމެއް ދިމާވެއްޖިއްޔާ ތަޢުޒިޔާ އަދާކުރުން. ހެޔޮބަސް ބުނުމަކީ މިބާވަތުގެ ކަންތައްތައް ކުރުން. އެހެންވީމާ، މިއީ އަޅުގަނޑުމެން ކަންތައް ކުރަންޖެހޭނެގޮތަކީ. ދެން މި އާޔަތުގެ ލަފުޡުތައް އައިސްފައިވާ ގޮތާ ދޭތެރޭގައި ވިސްނާލީމާވެސް، އަޅުގަނޑު ހިތުން ވަރަށްބޮޑު އެއްޗެއް އޮޅުންފިލައިގެން އެބަދޭ. މާތް اللّـه ވަޙީކުރައްވަނީ، "وَقُولُواْ لِلنَّاسِ حُسْنًا وَأَقِيمُواْ الصَّــلَوٰةَ وَءَاتُواْالزَّكَــــوٰةَ ". "އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ. އަދި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތްދޭށެވެ."

ތަރުތީބު އައިސްފައި މިއޮތީ އެންމެ ފުރަތަމަ ހެޔޮބަސް ބުނުމަށް. ދެން ނަމާދު ޤާއިމުކުރުން. ދެން ޒަކާތް ދިނުން. ޝައްކެއްނެތް، ކީރިތި ޤުރްއާނަކީ އެންމެ މަތިވެރި މުޢުޖިޒާތް. ބަލާޣަތްތެރިކަމާއި ފަޞާޙަތްތެރިކަމުގެ އިންތިހާ. ކީރިތި ޤުރްއާނުގައި އެއްވެސް ބަހެއް، އޭގެ ޙައްޤު މަޤާމުގައި ނޫނީ ނޯންނާނެ. އާޔަތްތައް ތަރުތީބު ކުރައްވާފައި ހުންނާނީ މާތް اللّـه އިރާދަކުރައްވާ އެކަލާނގެ ޙިކުމަތްތެރިކަމުން އެކަން ނިންމަވާފައިވާ ގޮތަށް.

އެހެންވީމާ، އެންމެ ފުރަތަމަ ހެޔޮބަސްބުނާށޭ! އަންގަވާފައި ދެން ނަމާދު ޤާއިމުކުރާށޭ! ޒަކާތްދޭށޭ! މިހެން އެންގެވީމާ. އަޅުގަނޑުމެންގެ ހިތަށް އެއްޗެއް އެބަ އަރަންޖެހޭ. ހެޔޮބަސް ބުނުމަކީ ކިހާ މުހިންމު ކަމެއްކަން މިއިން އެބަ ދޭހަވޭ. ޝައްކެއްނެތް، ނަމާދުކުރުމަކީ ދީނުގެ އެންމެ މާތް ރުކުން ކަމުގައި އަޅުގަނޑުމެން އެންމެން ގަބޫލުކުރަމު. ޒަކާތް ދިނުމަކީ ހަމަ ވަރަށް މުހިންމު ރުކުނެއް. އެހެންނަމަވެސް، އެ ދެކަމުގެ ކުރިއަށް މާތް اللّـه މި އަންގަވަނީ، ތިޔަބައިމީހުން ހެޔޮބަސްބުނާށެވެ! އެހެންވީމާ، ހެޔޮބަސް ބުނުމަކީ ކިހާވަރެއްގެ ކަމެއްކަން، ކިހާބޮޑު ކަމެއްކަން، ކިހާ މާތް ކަމެއްކަން، ޝައްކެއްނެތި މި އާޔަތުގައި މިކަންތައްތައް ތަރުތީބު ކުރައްވާފައިވާ ގޮތުން އެބަ އެނގޭ.

އާދެ، ޞަދަޤާތް ދިނުމަކީ ވަރަށް މާތް ކަމެއް. ޒަކާތް ދިނުމަކީ މާތް ކަމެއް. އެހެންނަމަވެސް، އެކަމުގައިވެސް މާތް اللّـه ވަޙީކުރައްވާފައި މި އޮންނަނީ، "قَوْلٌۭ مَّعْرُوفٌۭ وَمَغْفِرَةٌ خَيْرٌۭ مِّن صَدَقَةٍۢ يَتْبَعُهَآ أَذًۭى." (البقرة ٢٦٣) މާނައަކީ، "އެ ޞަދަޤާތަކާ ގުޅިގެން އުނދަގުލެއްދޭ ޞަދަޤާތަކަށްވުރެ، ރަނގަޅު ހެޔޮބަހެއް ބުނުން އަދި ޢަފޫކުރުން ހެޔޮކަންމާބޮޑެވެ." މީހަކު މީހަކަށް އެހީވެދީފައި، އެ ވާހަކަ ދެއްކުން ނުވަތަ އެ މީހަކަށް އިހާނެތި ބަހެއް ބުނުން، ޞަދަޤާތެއް ކޮށްފައި އުނދަގުލެއް ކުރުން، މިހެން ކަންތައް ކުރުމަށްވުރެ، އެއްވެސް އެއްޗެއް ނުދީ، ހެޔޮ ބަހެއް ބުނުން މާހެޔޮކަންބޮޑޭ. "قَوْلٌ مَّعْرُوفٌ وَمَغْفِرَةٌ خَيْرٌ مِّن صَدَقَةٍ يَتْبَعُهَآ أَذًى." "އެ ޞަދަޤާތަކާ ގުޅިގެން އުނދަގުލެއްދޭ ޞަދަޤާތަކަށްވުރެ، ރަނގަޅު ހެޔޮބަހެއް ބުނުން އަދި ޢަފޫކުރުން ހެޔޮކަންމާބޮޑެވެ." އެހެންވީމާ، މިއިންވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ، ޞަދަޤާތް ދިނުމަކީ، ޒަކާތް ދިނުމަކީ ކިތަންމެ މުހިންމު ކަމަކަށްވިޔަސް، އެއަށްވުރެވެސް އައުލާކަންބޮޑުކަމަކީ، ހެޔޮކަންބޮޑު ކަމަކީ، ހެޔޮ ބަހެއް ބުނުންކަން.

ހަމައެހެންމެ، މުސްލިމުންގެ ތެރެއިން ކުށަކާނުލައި އެމީހުންގެ އަބުރާ ބެހުމުގެގޮތުން ނުވަތަ އެމީހުންގެ ޝަރަފް ނަގާލުމުގެގޮތުން، އެހެން މީހުން ދައްކާ ވާހަކަ އެއީ ވަރަށް ނުރައްކާތެރި އަދި ވަރަށް ނުރަނގަޅު ކަމެއްކަން ބަޔާންކުރައްވައި މާތް اللّـه ވަޙީކުރައްވާފައިވޭ. "وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَـــٰتِ بِغَيْرِ مَااكْتَسَبُواْ فَقَدِاحْتَمَلُواْ بُهْتَانًا وَإِثْمًا مُّبِينًا.'' (الأحزاب ٥٨) މާނައަކީ، "އަދި އެއުރެން ހޯދައިގަތް ކުށަކާނުލައި މުއުމިނު ފިރިހެނުންނަށާއި މުއުމިނު އަންހެނުންނަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެންނީ ބުހުތާން ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބަޔެކެވެ." އެހެންވީމާ، މީހަކު ކުރި ކުށަކާނުލައި އެމީހެއްގެ އަބުރު ނަގާލުމަށްޓަކައި، އެމީހެއްގެ އަބުރާ ބެހުމަށްޓަކައި، އެމީހެއްގެ ޢިއްޒަތާއި ޤަދަރު ވައްޓާލުމަށްޓަކައި ނުވަތަ އެމީހެއްގެ އަގު، މީހުންގެ ކުރިމަތީގައި ވައްޓާލުމަށްޓަކައި ދައްކާ ވާހަކަތައް އެއީ، ބުހުތާން ދޮގު، އަދި ފާޅުވެގެންވާ ފާފައެކެވެ. އެހެން މާތް اللّـه މި އާޔަތުގައި އެ އަންގަވަނީ. އެއް މުސްލިމަކު އަނެއް މުސްލިމަކަށް އިހާނެތި ބަހެއް ބުނުން ނުވަތަ ހުތުރު އެއްޗެތި ކިޔުން އެއީވެސް ވަރަށްބޮޑު ފާފައެއް ކަމުގައި رســول اللّـه صـلّى اللّـه علـيـه وسـلّم ޙަދީޘް ކުރައްވާފައިވޭ. ވަރަށްގިނަ ޙަދީޘްތައް މިކަމުގައި އެބަހުރި. އެއް ޙަދީޘެއްގައި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވޭ. "سِبَابُ اْلمُسْلِم فُسُوقٌ وَقِتَالُهُ كُفْرُ." މާނައަކީ، "މުސްލިމަކާ ދިމާއަށް ހަޑިހުތުރު އެއްޗެތި ކިޔުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އަދި މުސްލިމަކާ ހަނގުރާމަ ކުރުމަކީ ކާފިރުވުމެކެވެ." ހަމައެހެންމެ، رســول اللّـه صـلّى اللّـه علـيـه وسـلّم ހަދީޘް ކުރައްވާފައިވޭ. "مَا مِنْ شَىْءٍ أَثْقَلُ فى مِيزَانِ الْعَبْدِ المُؤمِن يَومَ القِيَامَةِ مِنْ حُسْنِ الْخُلقِ؛ وإِنَّ اللهُ يُبْغِضُ الفاحِشَ البَذِيَّ." "މާނައަކީ އަޚްލާޤް ރިވެތިވުމަށްވުރެ ބޮޑަށް ޤިޔާމަތް ދުވަހުން މުއުމިން އަޅާގެ ތިލަފަތް ބަރުކުރާނެ އެއްޗެއްނުވެއެވެ. އަދި ހަޑިހުތުރު ވާހަކަދައްކާ މީހާދެކެ މާތް اللّـه ނުރުހުންވެވޮޑިގެންވާކަން ކަށަވަރެވެ."

އެއްދުވަހަކު މުޢާޛު ބުން ޖަބަލް رضي الله عنه އާ މުޚާޠަބު ކުރައްވައި، رســول اللّـه صـلّى اللّـه علـيـه وسـلّم އެކަލޭގެފާނުގެ ދޫފުޅަށް އިޝާރާތް ކުރައްވައި ވިދާޅުވެފައިވޭ. "كُفَّ عَلَيْكَ هَـٰذا، قُلْتُ يَارَسُولَ اللهِ! وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ؟ فقال؛ ثَكِلَتْكَ أمُّكَ! وَهَلْ يَكُبُّ النَّاسَ فِى النَّارِ عَلٰى وُجُوهِهِمْ إِلَّا حَصَائِدُ أَلْسِنَتِهِمْ." (التّرمذى ރިވާކުރެއްވި ޙަދީޘެއް) މާނައަކީ، "އެކަލޭގެފާނުގެ ދޫފުޅަށް އިޝާރާތް ކުރައްވައި، މިއަށް ރައްކާތެރިވާށެވެ! ތިބާ ދުލަށް ރައްކާތެރިވާށެވެ!" މުޢާޛު ދަންނަވަނީ، ތިމަން ދެންނެވީމެވެ. "އޭ اللّـه ގެ ރަސޫލާއެވެ. އަޅުގަނޑުމެން ދައްކާ ވާހަކައިން، އަޅުގަނޑުމެން ކުށްވެރިވާނެތޯއެވެ؟" ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. "ތިބާގެ މަންމަ ތިބާ ކުޑައިރު ތިބާގެ މައްޗަށް ހިތާމަކޮށްފައިވާ ކަހަލައެވެ. އެބަހީ، ތިބާއަކީ ހާދަ ނުވިސްނޭ މީހެކެވެ. މީސްތަކުން މޫނުވަތަށް، ނަރަކައަށް ވައްޓާލަނީ، އެބައިމީހުންގެ ދުލުން ބުނާ ނުބައި އެއްޗެތި ފިޔަވައި އެހެން ކޮންއެއްޗެއް ހެއްޔެވެ! މީސްތަކުން މޫނުވަތަށް ނަރަކައަށް ވައްޓާލަނީ އެބައިމީހުންގެ ދުލުން ބުނާ ނުބައި އެއްޗެތި ފިޔަވައި އެހެން ކޮން އެއްޗެއް ހެއްޔެވެ." އާދެ، މިއީ ކީރިތި ޤުރްއާނުގައިވެސް ވަރަށްގިނަ އާޔަތްތަކުގައި މާތް اللّـه އަންގަވާފައިވާ އެންގެވުންތަކެއް. އެކަކު އަނެކަކަށް ކަމޭހިތުމާއި، އެކަކު އަނެކަކަށް ހެޔޮބަސް ބުނުމާއި، އެކަކު އަނެކަކަށް އިޙްތިރާމު ކުރުން. އެއާ ޚިލާފަށް ޢަމަލު ކުރުމަކީ ވަރަށް ނުރަނގަޅު އަދި ފާފަވެރި ކަމެއް ކަމުގައި ކީރިތި ޤުރްއާނުގައި މާތް اللّـه އަންގަވާފައިވޭ. ހަމައެފަދައިން، ކުރިންވެސް ދެންނެވިހެން، ރަސޫލާގެ ސުންނަތުގައި މިކަހަލަ ވަރަށްގިނަ މަތިވެރި އިރުޝާދުތައް ވަނީ ދެއްވާފައި.

މާތް اللّـه ވަޙީކުރައްވާފައިވޭ، "يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌۭ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًۭا مِّنْهُمْ وَلَا نِسَآءٌۭ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًۭا مِّنْهُنَّ ۖ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَـٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَـٰنِ ۚ وَمَن لَّمْ يَتُبْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ." (الحجرات: 11) މާނައަކީ، "(އޭ އީމާންވެއްޖެ މިސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ. އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަ ކުރެވުނު މީހުން މާހެޔޮކަންބޮޑު ކަމުގައި ވެދާނެއެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަ ކުރި މީހުންނަށްވުރެ، އެ ފުރައްސާރަ ކުރެވުނު މީހުން މާހެޔޮކަންބޮޑު ކަމުގައި ވެދާނެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ. އީމާންވުމަށްފަހު ފާސިޤުވުމުގެ ނަން ލިބުމަކީ ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާނުވިމީހާ (ދަންނާށެވެ!) ފަހެ އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ." އެހެންވީމާ، އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުމާ، އެކަހަލަ ކަންތައްތައް ކުރުމަކީ ކަނޑައެޅިގެން މާތް اللّـه ޙަރާމް ކުރައްވާފައިވާ ކަމެއްކަން، މި އާޔަތުންވެސް އެނގޭ.

ހަމައެހެންމެ، މާތް اللّـه ވަޙީ ކުރައްވާފައިވޭ، "وَيْــلٌ لِّكُلِّ هُمَزَةٍ لُّمَزَة." (الهمزة: 1) މާނައަކީ: "ޣީބަބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުއްޓެވެ!" އަދި ކީރިތި ޤުރްއާނުގައި އައިސްފައިވާ ނަޞޭޙަތުގެ ވަޙީ ބަސްފުޅުތަކުގެ ތެރެއިން ވަރަށް މާތް ބަސްފުޅެއްގައިވޭ. "وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ إِنَّ أَنكَرَ الْأَصْوٰتِ لَصَوْتُ الْحَمِيرِ." (لقمان:19) މާނައަކީ، "އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ޙިމާރުގެ އަޑުކަން ކަށަވަރެވެ." އާދެ، މާނައަކީ، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ހިނގާ ހިނގުމުގައި ބޮޑާވެގެން މީހުންގެތެރޭގައި އަތްފުޅާކޮށްފައި ނުހިނގާށެވެ! މަތިހަށިނަގާފައި ނުހިނގާށެވެ. މަޑުމައިތިރިކަމާއެކު ހިނގާށެވެ! މެދުމިނަކަށް ހިނގާށެވެ! އަދި މީހުންނާ ވާހަކަދައްކާއިރުވެސް އަޑުއުފުލާ އެއްޗެހިކިޔައި ނަހަދާށެވެ! އެންމެ އަޑުގަދަކުރާ އެއްޗަކީ އަދި އެ އެއްޗެއްގެ އަޑު އެންމެ ހުތުރުކަންބޮޑު އެއްޗަކީ ޙިމާރެވެ. އެހެންވީމާ، ހިނގާހިނގުމުގައިވެސް މަޑުމައިތިރިކަމާއި، މަޑުމޮޅިކަމާއި، ހިތްތިރިކަމާއެކުގައި ހިނގަންވީ. މީހުންނާއެކު ވާހަކަދައްކާއިރުވެސް، މަޑުމައިތިރިކަމާއި އިޙްސާންތެރިކަމާއެކުގައި ވާހަކަދައްކަންވީ. އަޑުގަދަނުކުރަންވީ. ބާރަށް އެއްޗެތި ނުބުނަންވީ. މިއީ، އަޅުގަނޑުމެންނަށް މި އާޔަތްތަކުންނާއި، މި ޙަދީޘްތަކުން އެނގޭ އެއްޗަކީ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މިފަދަ މާތް ރެއެއްގެ ޛިކްރާ އާކުރަމުންދާއިރު، މިފަދަ ރެއެއްގައި މާތް اللّـه އަޅުގަނޑުމެންނަށް ދެއްވާފައިވާ މަތިވެރި މުޢުޖިޒާގެ މަތިން ހަނދާންކުރަންޖެހޭނެއޭ. މާތް اللّـه އަޅުގަނޑުމެންނަށް ހަދިޔާކުރައްވާފައިވާ މަތިވެރި އިލާހީ ހަދިޔާއަށް ރައްކާތެރިވާންޖެހޭނެއޭ. އާދެ، އެއީ، ފަރުޟު 5 ނަމާދު ޤާއިމުކުރުން. ހަމައެއާއެކީގައި، މިކަމުން މި ދޭހަވާ މާނަތަކާ ދޭތެރޭގައި އަޅުގަނޑުމެން އަބަދުވެސް ވިސްނައި ފިކުރުކޮށް، އެއިން ޢިބްރަތް ޙާޞިލުކުރަންޖެހޭނެއޭ. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، އިންސާނުންނަށް މާތް اللّـه ދެއްވާފައިވާ މާތްކަމޭ. ކޮންމެ އިންސާނަކީވެސް މާތް މީހެއް ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެއޭ. ކޮންމެ އިންސާނަކަށްވެސް ރީތި ނަމަކާއި، އަބުރަކާއި، ޢިއްޒަތެއް ލިބިގެންވާކަން އަޅުގަނޑުމެން ދަންނަންޖެހޭނެއޭ. އަޅުގަނޑުމެންކުރާ މުޢާމަލާތުގައިވެސް، ދައްކާ ވާހަކައިގައިވެސް އެއްވެސް މީހަކަށް، އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް އަންނަގޮތަކަށް، އެއްވެސް މީހަކަށް ހުތުރުނަމެއް ރައްދުވާގޮތަކަށް ކަމެއްކޮށް، ވާހަކައެއްދައްކާ ހަދައިގެންނުވާނެއޭ. މި ޢިބްރަތްތައް އަޅުގަނޑުމެން ޙާޞިލުކުރުމަކީ، މިފަދަ މުނާސަބަތުތައް އިޙްތިފާލު ކުރުމުގެ އެންމެ މުހިންމު ބޭނުން. އެހެންވީމާ، މިއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ ވަރަށް މުހިންމު ފިލާވަޅުތަކެއް.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވުން. އަދި އެކަލާނގެ މިފަދަ މަތިވެރި ރެއެއްގައި ފަރުޟު ކުރެއްވި މާތް ނަމާދަށް ރައްކާތެރިވުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އެކަލާނގެ ފަޟުލްވަންތަވެރިކަމުން އަޅުގަނޑުމެންނަށް ދެއްވާފައިވާ މިޢުރާޖުގެ ބޭނުން ހެޔޮގޮތުގައި އަޅުގަނޑުމެން ކުރުމަށް އެކަލާނގެ މަދަދުވެރިވެވޮޑިގަތުން. އަދި އަޅުގަނޑުމެން ކުރާ ކަންތައްތަކުގައި ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ ދޫތައް ރައްކާތެރިކޮށްދެއްވައި، އަޅުގަނޑުމެންގެ ފަރާތުން އެއްވެސް އެހެން އިންސާނަކަށް ކުޑަވެސް އަނިޔާއެއް، އުނދަގުލެއް، އުނިކަމެއް ނުލިބޭ ގޮތެއްގެމަތިން، އަޅުގަނޑުމެންގެ ބަހާއި ޢަމަލު ބެހެއްޓުމުގެ ހެޔޮ ތައުފީޤު މާތް اللّـه އަޅުގަނޑުމެންނަށް ދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.