2004 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް އަލަށް ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ދޫކުރައްވާފައިވާ ރަށްތަކުގެ ތެރެއިން، މިހާރު ނުހެދި އޮތް 64 ރަށުގެ ކަންތައްތައް ގެންދަވާނެ އުސޫލެއް ސަރުކާރުން ކަނޑައަޅުއްވައިފިއެވެ. އެގޮތުން ކަނޑައެޅުއްވި އުސޫލު މި ދަންނަވަނީއެވެ.

• އަލަށް ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކުރެވުނު ރަށްތަކުގެ ތެރެއިން، މިހާރު ނުހެދި އޮތް 64 ރަށުގެ ތެރެއިން، ޢަމަލީގޮތުން ރަށުގެ މަސައްކަތް ފެށިފައިވާ 25 ރަށާ ގުޅޭގޮތުން އެ ރަށަކުން ސަރުކާރަށް ހުށަހަޅާ ހުށަހެޅުންތަކެއްގެ މައްޗަށް ބިނާކޮށް، އެ ރަށަކާ ގުޅޭގޮތުން ވަކިވަކިން ގޮތެއް ނިންމެވުން.

• ޢަމަލީގޮތުން މަސައްކަތް ނުފެށި އޮތް 39 ރަށް ކުއްޔަށް ހިފާފައިވާ ފަރާތްތަކާ ވާހަކަ ދައްކަވައިގެން، ކުއްޔަށް ހިފާފައިވާ ފަރާތާ ސަރުކާރާ އެއްބަސްވާ އުސޫލަކުން، އެފަރާތްތަކާއެކު ކުރެވިފައިހުރި ކޮންޓްރެކްޓުތައް ބާޠިލުކުރެއްވުން.

• މިގޮތުން، ކޮންޓްރެކްޓް ބާޠިލުކުރައްވާ ރަށްރަށް، ސަރުކާރާއެކު ޙިއްޞާވާގޮތަށް، ޖޮއިންޓް ވެންޗަރ އުސޫލުން ރިޒޯޓުގެ ގޮތުގައި ތަރައްޤީ ކުރެއްވުން.

މިކަން މިގޮތަށް ނިންމެވީ، މިދިޔަ އަންގާރަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ. މި މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތް، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން އެކުލަވާލައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.