ހަވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދިޔުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފް، ޤައުމީ ޓިމުގެ މެނޭޖަރ މަޢުރޫފް އަޙްމަދާ މިއަދު ފޯނުން ގުޅުއްވައި ޤައުމީ ޓީމަށް ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވެ، ހިތްވަރު ދެއްވައިފިއެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕްގެ އެއްވަނަ ހޯދައި، ރާއްޖެ ސެމީ ފައިނަލުން ޖާގަ ހޯދީ، އިއްޔެ ހަވީރު އިންޑިޔާއާއެކު ކުޅުނު މެޗް ކާމިޔާބު ކޮށްގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފް، ޤައުމީ ޓީމުގެ މެނޭޖަރ މައުރޫފް އަޙްމަދާ ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، އިއްޔެގެ މެޗްގައި ރާއްޖެ ދެއްކި މޮޅު ކުޅުމަށް ތަޢުރީފް ކުރައްވައި ސާބަސް ދެއްވިއެވެ. އަދި މާދަމާގެ ސެމީ ފައިނަލް މެޗުވެސް ކާމިޔާބުކުރުމަށް ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ހިތްވަރާއެކު ކުޅުމަށް އެދިވަޑައިގެންނެވިއެވެ.