ބަރުމާގެ ވާދަވެރި ލީޑަރ އަންގ ސަން ސޫ ޗީ ދޫކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވާފައިވާ ގޮވާލެއްވުން، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅިގެން އަނެއްކާވެސް ތަކުރާރުކުރައްވައިފިއެވެ.

ބަރުމާގެ އަސްކަރީ ސަރުކާރުގެ ވެރިޔާ، ތާން ޝްވެއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅެއްގައި، އަންގ ސަން ސޫ ޗީ ބަންދުގައި ހުރުމުގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ،
ސޫ ޗީއަށް އިސްތިޢުނާފަށް ހުށަހެޅިދާނެ ކަމުގެ އިޝާރާތެއް ބަރުމާގެ ސްޕްރީމް ކޯޓުން ކުރައްވާފައިވާތީ، އެކަމަށް ދިވެހި ސަރުކާރުން މަރުޙަބާ ވިދާޅުވެ، މިއީ، ސޫ ޗީ ދޫކޮށްލުމަށް އެޅޭ ފުރަތަމަ ފިޔަވަޅުކަމަށް އުންމީދު ކުރައްވާކަމަށް ހާމަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، އަންގ ސަން ސޫ ޗީއާއި، އެމެރިކާގެ އިސް މަންދޫބުންނާއެކު، ބަރުމާ ސަރުކާރުން މިހާރު ކުރިއަށް ގެންދާ ވާހަކަތަކަށްވެސް މަރްޙަބާ ވިދާޅުވެފައިވެއެވެ. އަދި މިވާހަކަތަކަކީ، ބަރުމާއަށް ސިޔާސީ އިޞްލާޙުތައް ގެނެސް، އެޤައުމަށް ޞުލްޙަވެރިކަން ގެނައުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި މިފުރުސަތުގެ ބޭނުން، ބަރުމާގެ ހުރިހާ ފަރާތްތަކަކުންނާއި ބައިނަލްއަޤްވާމީ ފަރާތްތަކުން ރަނގަޅަށް ހިފައިފިނަމަ، އެޤައުމުގެ ޑިމޮކްރެޓިކް އިޞްލާޙީ ޕްރޮގްރާމް ފުރިހަމަވެ، ބަރުމާގައި އަންނަ އަހަރު މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ބަޔާން ކުރައްވާފައިވެއެވެ.