އަޅުގަނޑުމެން ކޮންމެ ކަމެއްވެސް ކުރަންވާނީ ރާވައިގެން މަޝްވަރާގެ އުސޫލުގެ މަތިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ވެރިކަން ބަދަލުކުރުމުގައި ތަކަންދޫ ރައްޔިތުން ކުރެއްވި މަސައްކަތާއި އަދި ތަކަންދޫ ރައްޔިތުން މިއަދުވެސް ސަރުކާރަށް ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުން ފާހަގަކުރެއްވިއެވެ. ތަކަންދުއަށްޓަކައި ސަރުކާރުގެ ތަޞައްވުރެއް އެބައޮތްކަން ބަޔާންކުރައްވަމުން، ތަކަންދޫ ބަނދަރުގެ މައްސަލަ މިހާރު އޮތްގޮތް ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ސާފުކޮށްދެއްވިއެވެ. ބަނދަރަކީ، އެރަށެއްގެ ރައްޔިތުން ބޭނުމަށް ހެދޭ ބަނދަރަކަށްވާތީ، ބަނދަރެއް ނިމޭއިރު އެ ބަނދަރެއް އޮންނަންޖެހޭނީ، ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އަޑު ނާހާ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތެއް މިއަދު އަޅުގަނޑުމެންނަކަށް ނެތް ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަކަންދޫ ނަރުދަމާގެ ކަންތައް ގެންދަވާނީވެސް ރައްޔިތުންގެ މަޝްވަރާގެ މަތިން، ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމަށް ވިދާޅުވެ، ފެނާއި ނަރުދަމާގެ ކަންތައް ގެންދަން ގަސްދު ކުރައްވާ ގޮތް ދާދި އަވަހަށް ރައްޔިތުންނަށް ހުށަހަޅުއްވާނެކަން ހާމަކުރެއްވިއެވެ. އަދި ސަރުކާރުން ކުރައްވަން ނިންމަވާފައި ހުރި ކަންކަން އިރާދަކުރެއްވިއްޔާ ކުރައްވާނެ ކަމަށާއި، ސަރުކާރު ދެމި މި އޮންނަނީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ތިލަދުންމަތީ އުތުރުބުރިއަށް ކުރައްވަމުން މި ގެންދަވާ ދަތުރުފުޅުގައި، މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އިހަވަންދޫގައި މިރޭ ބާއްވަވާ ޚާއްޞަ ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.