بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިރޭގެ މި އުފާވެރި ބައްދަލުވުމަކީ، ދެންމެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓް އެ ވިދާޅުވިފަދައިން، 1990 ވަނަ އަހަރުގެ ރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތާނގެ ބޯހިމެނުމުގެ ހިސާބުގެ ނަތީޖާ، ވަގުތީ ނަތީޖާ އިޢުލާނު ކުރުމުގެ އިޙްތިފާލު. އެކަމަށްޓަކައި އަޅުގަނޑުމެން މިރޭގެ މި އުފާވެރި ބައްދަލުވުމުގައި މިތަނަށް އައިސް މިތިބީ. އާދެ، އެ ނަތީޖާ ދަންނަވާލުމުގެ ކުރިން، އަޅުގަނޑު އަދާކުރަންޖެހޭ ވަރަށް މުހިންމު އަދި އުފާވެރި ވާޖިބެއް އެބައޮތް.

އާދެ، އެއީ މި މަސައްކަތަކީ ރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތާނގެ ހިސާބެއް ނެގުމަކީ، ނުވަތަ އަޅުގަނޑުމެން އާދައިގައި ކިޔައިއުޅޭގޮތުގައި ބޯހިމެނުމަކީ، ވަރަށް ބުރަ މަސައްކަތެއް. އެ މަސައްކަތް އަޅުގަނޑުމެން މިފަހަރު މިކުރީ ޤައުމީ މަސައްކަތެއްގެ ގޮތުގައި. މިފަހަރު އެކަންޏެއް ނޫން. ދެންމެ އަލްއުސްތާޛް ފަތުޙުﷲ ޖަމީލުގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، 1978 ވަނަ އަހަރުވެސް އަދި 1985 ވަނަ އަހަރުވެސް މިމަސައްކަތް ސަރުކާރާއި ރައްޔިތުން ގުޅިގެން ކޮށްފައިވަނީ، ވަރަށް މުހިންމު ޤައުމީ މަސައްކަތެއްގެ ގޮތުގައި. މިފަހަރުވެސް އަޅުގަނޑުމެން މިކުރީ އެހެން. އެހެން ނަމަވެސް، ކޮންމެ ކަމެއްވެސް ގިނަފަހަރު ކުރަންޖެހުމުން އެކަމުގެ ތަޖްރިބާއާއި މަޢުލޫމާތު އިތުރަށް ލިބުމުގެ ސަބަބުން އެއްފަހަރަށްވުރެ އަނެއްފަހަރު ކުރެވޭލެއް ރަނގަޅުވުމަކީ ޠަބީޢީ ކަމެއް.

އެހެންވީމާ، އަޅުގަނޑަށް ދެންނެވޭނީ، އަޅުގަނޑުމެންނަށް މިފަހަރު ބޯހިމެނުމުގެ މަސައްކަތްތައް ގެންދެވިފައި ވަނީ، 1978 ވަނަ އަހަރުވެސް އަދި 1985 ވަނަ އަހަރުވެސް އެކަންތައް ގެންދެވުނުވަރަށްވުރެ މާފުރިހަމަކޮށޭ. އާދެ، މިކަމުގެ ސިއްރަކީ، ޝައްކެއްނެތްގޮތުގައި، އެންމެ މުހިންމު ސިއްރަކީ، ޢާންމު ރައްޔިތުންގެ އެއްބާރުލެއްވުން ލިބުނުލެއް ފުރިހަމަކަން.

އާދެ، މާލޭގައިވެސް އަދި ރާއްޖެތެރޭގައިވެސް، ބޯހިމެނުމުގެ މަސައްކަތުގައި ރާއްޖޭގެ ޢާންމު ރައްޔިތުން އެއްބާރުލެއްވީ ވަރަށް އެދެވޭ ގޮތެއްގައި. އެއްވެސްކަހަލަ މައްސަލައެއް ދިމާނުވޭ. ހަމަ ކޮންމެ ގެޔަކުންވެސް، އެގެޔަކާބެހޭ މަޢުލޫމާތެއް ދެއްވަމުން ގެންދެވީ، އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކުގައި. އަދި އެއީ، ޤައުމީ ވާޖިބެއް އަދާކުރެއްވުމުގެ ރޫޙުގައި. ރާއްޖެތެރޭގެ ރައްޔިތުންނާއި މާލޭގެ ރައްޔިތުން މިކަން މިހާ ފުރިހަމަކޮށް ގެންދެވިކަމަށްޓަކައި އަޅުގަނޑު އެންމެ ފުރަތަމަ ޝުކުރެއް އަދާކުރާހިތްވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް. ރާއްޖެތެރޭގެ ރައްޔިތުންނަށާއި މާލޭގެ ރައްޔިތުންނަށް. އާދެ، ދެން އަޅުގަނޑު ޝުކުރު ދަންނަވާލާހިތްވަނީ، މިކަމުގައި އިސްވެ އުޅުއްވި ބޭފުޅުންނަށް. އެންމެ ފުރަތަމަ ބޯހިމެނުމުގެ ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި އުފެދިފައިވާ ރިޔާސީ ކޮމިޓީގެ މެމްބަރުންނަށް. އެ ކޮމިޓީގައި ތިއްބެވީ ވަޒީރުންގެ ފެންވަރުގެ ބޭފުޅުންކޮޅެއް. އެބޭފުޅުން އެންމެ އިސް ކޮމިޓީއެއްގެ ގޮތުގައި މި މަސައްކަތް ހިނގާ ނުހިނގާ ގޮތް ބައްލަވައި، އެ މަސައްކަތްތަކަށް ބޭނުންވާނެ ކަންތައްތައް ހަމަޖައްސަވައިދެއްވަމުން ގެންދެވި. އެހެންވީމާ، އެ ކޮމިޓީގެ މެމްބަރުންނަށްވެސް، މިރޭ އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިމަސައްކަތަކީ، ޤާނޫނީގޮތުން މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓުން ކުރައްވަންޖެހޭ ކަމެއް. އެހެންވުމާއެކީގައި، އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުން މިކަމުގައި އުޅުއްވީ ވަރަށް ބުރަކޮށް. ވަރަށް އިޚްލާޞްތެރިކަމާ އެކުގައި އެބޭފުޅުން މަސައްކަތް ކުރެއްވީ. ހަމައެކަނި މި ބޯހިމެނުމުގެ ހިސާބު ނެގުނު 7 ދުވަހުގެ ތެރޭގައެއް ނޫން. މި ދެންނެވީ މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް އެކަންޏެއް ނޫން. މިކަމަކީ ވަރަށް ދުރާލައި ރާވައި އިންތިޒާމު ކުރަންޖެހޭނެ ކަމަކަށްވާތީ، ވަރަށް ކުރިއްސުރެ، އެ މިނިސްޓްރީގެ ބޭފުޅުން އަދި ޚާއްޞަކޮށް، އެމިނިސްޓްރީގެ ކަމާބެހޭ ސެކްޝަންގެ ބޭފުޅުން، އާދެ، އެއީ ސްޓެޓިސްޓިކަލްސް ސެކްޝަން، އެސެކްޝަންގެ ބޭފުޅުން، ވެރިންނާއި މުވައްޒަފުންނާ، އެ ހުރިހާ ބޭފުޅުން ވަރަށް ކުރިއްސުރެ މިމަސައްކަތަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދެވީ. އަދި ބޯހިމެނުމުގެ ކަންތައް ހިނގަމުންދިޔައިރުވެސް، އެކަންތައްތައް ކުރެއްވީ އަޅުގަނޑު ދަންނަވާނީ، ކަމަށްކަމޭހިއްތަވައިގެން، ޤައުމީ ވާޖިބެއް އަދާކުރެއްވުމުގެ ގޮތުގައޭ. އެހެންވީމާ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓްގެ ހުރިހާ މުވައްޒަފުންނަށް، އެތާނގެ ހުރިހާ ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް މިރޭ އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އުފަލެއް ކަމަށް ދެކެން.

ބޯހިމެނުމަކީ ޤާނޫނީގޮތުން މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން ކުރައްވަންޖެހޭ ކަމެއް ކަމުގައިވިޔަސް، ކަމުގެ ބާވަތުން، ކަމަކީ އެހާ މުހިންމު އަދި އެހާ ބުރަ ކަމަކަށްވާތީ، ސަރުކާރުގެ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލެއްވުން އޮތީ ބޭނުންވެފައި. އަދި އެއްބާރުލެއްވުން ވަނީ، ސަރުކާރުން އެދުނު ގޮތުގެ މަތިން ލިބިފައި. އާދެ، ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކުގެ މުވައްޒަފުން މިކަމުގައި އުޅުއްވި. އަދި ސަރުކާރުގެ އާދައިގެ އޮފީސްތަކުގެ މުވައްޒަފުންގެ އިތުރަށް، އެން.އެސް.އެސް.ގެ ބޭކަލުންވެސް، މިކަމުގެ ތެރޭގައި އުޅުއްވި. އަދި އޭގެ އިތުރަށް، ސްކޫލްތަކުގެ ކުދިން، ދަރިވަރުން، ޖީ.ސީ.އީ. އޭ ލެވެލް އާއި އޯ ލެވެލް ނިންމާފައި ތިބި ކުދިން، އަދި އަވަށް އަވަށުގެ ބޭފުޅުން، ރާއްޖެތެރޭގައި ނަމަ، އަތޮޅުއޮފީސްތައް، ރަށްރަށުގެ ރަށު އޮފީސްތައް، ރަށްރަށުގެ ކޯޓުތައް، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން މިކަމުގައި އުޅުއްވި. މި ހުރިހާ ފަރާތަކުން އަދި ރަށް ކުރިއަރުވާ ކޮމިޓީގެ މެމްބަރުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުން، އަންހެނުން ކުރިއަރުވާ ކޮމިޓީތަކުގެ މެމްބަރުން، މި ހުރިހާ ފަރާތަކުންވެސް ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންދެއްވީ ވަރަށް އިޚްލާޞްތެރިކަމާ އެކުގައި. އެހެންވީމާ، މި ބުރަ މަސައްކަތުގައި އުޅުއްވައިދެއްވި ހުރިހާ ފަރާތްތަކަކަށް، އެއީ ސަރުކާރުގެ މުވައްޒަފުން ކަމުގައިވިޔަސް، ނުވަތަ އަމިއްލަ ފަރާތްތައް ކަމުގައިވިޔަސް، އެ ހުރިހާ ފަރާތްތަކަށް މިރޭ ޙައްޤުވާ ޝުކުރަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށްވެސް ފުރިހަމަ އަދި އެހާމެ ފުންކޮށް، އަޅުގަނޑުމެން އަދާކުރަންޖެހޭ ޝުކުރެއް.

އާދެ، އަޅުގަނޑު މި ދަންނަވާލީ، ރާއްޖޭގެ ފަރާތްތަކުގެ ވާހަކަ. އޭގެ އިތުރުން މި މަސައްކަތަކީ، ބޭރުގެ އެހީއެއްވެސް ލިބިގެން ހިންގިފައިވާ މަސައްކަތެއް. އެކަމުގައި އެންމެ އިސް އެހީއެއް އަޅުގަނޑުމެންނަށް ވެދެއްވި ފަރާތަކީ، ޔޫ.އެން.އެފް.ޕީ.އޭ. އެހެންވީމާ، ޔޫ.އެން.އެފް.ޕީ.އޭ.ގެ ވެރިންނަށާއި، އެ އޯގަނައިޒޭޝަނަށް، މިކަމުގައި އެފަރާތުން ވެދެއްވި އެހީއަށްޓަކައި ސަރުކާރުގެ ނަމުގައްޔާއި އަދި ދިވެހި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

ބޯހިމެނުމަކީ ވަރަށް މުހިންމު ކަމެއް. އާދެ، އެއިން ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ކޮންމެ ޤައުމެއްގައިވެސް، އެ ޤައުމުގެ ތަރައްޤީގެ މަޝްރޫޢުތައް ރާވަނީ. އަދި ކުރިއަށް އޮތް ތާނގައި ކަންތައްތައް ގެންދާނެ ސިޔާސަތު ހަމަޖައްސަނީ. އެހެންވީމާ، މި ރާއްޖޭގައިވެސް ބޯހިމެނުން ބޭއްވުމުގެ ބޭނުމަކީ އެއީ. ބޯހިމެނުމުގެ ނަތީޖާއަށް ބަލާފައި، ސަރުކާރަށާއި އަދި ސަރުކާރު ނޫން ފަރާތްތަކަށްވެސް އެނގޭނެ، އެންމެ ފައިދާހުރި، ޤައުމަށް ރަނގަޅު ފައިދާތަކެއް ލިބޭނެ، އެންމެ މަޞްލަޙަތު ހުރި ގޮތުގައި ކަންތައްތައް ކުރިއަށް ގެންދާނީ ކިހިނެއްކަން. އެއީ ކޮންމެ ރޮނގަކުން ކަމުގައިވިޔަސް، ތަޢުލީމުގެ ދާއިރާއަށް ވިސްނިޔަސް، ޞިއްޙީ ދާއިރާއަށް ވިސްނިޔަސް، ވިޔަފާރީގެ ރޮނގުން ބަލައިލި ކަމުގައިވިޔަސް، އަދި އެނޫން ގޮތްގޮތުން ބެލިކަމުގައިވިޔަސް، ތަނުގައި ދިރިއުޅޭ މީހުންގެ ޢަދަދާއި، އެމީހުން އިތުރުވަމުންދާ މިންވަރާއި، އަދި ދިރިއުޅުމަށް އަޅުގަނޑުމެން ބޭނުންކުރާ ގޯތިގެދޮރު ހެދިފައި ހުންނަގޮތާއި، އެ ތަންތާނގައި މީހުން އުޅޭ ޢަދަދާއި، އެއަށް އަންނަ ބަދަލުތަކާ، މި ހުރިހާ ކަމެއް ރަނގަޅަށް އެނގިގެން ނޫނީ، މުސްތަޤްބަލުގައި ހަމަޖެހޭގޮތަކަށް ޤައުމަށް ފައިދާހުރި ގޮތެއްގައި، ކަންތައްތައް ރާވާނެ ގޮތެއް ނޭނގޭނެ. ދުނިޔޭގެ ހުރިހާ ޤައުމުތަކަކުންވެސް އެކަންތައް ކުރަނީ އެގޮތަށް. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެގޮތަށް އެކަންތައް މި ގެންދަނީ. އެހެންކަމާއެކު، މިމުހިންމު މަސައްކަތުގައި ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރުން އެހާ ބޮޑު ބައެއް ޙިއްޞާކޮށްފައިވާތީ، އެކަން އަޅުގަނޑު މިރޭ ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލާހިތްވޭ.

އާދެ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ބޯހިމެނުމުގެ މުހިންމުކަން، ކުރިންވެސް ދެންނެވި ގޮތުގެ މަތިން އޮތުމާއެކު، އަޅުގަނޑު ޤައުމާ މުޚާޠަބުކޮށް ފޮނުވި ޚިޠާބުގައި އެދިފައިވާ ގޮތުގެ މަތިން، ރާއްޖޭގެ ރައްޔިތުންނާއި، މިކަމުގައި އުޅުއްވާ ފަރާތްތައް މިހާ ފުރިހަމަގޮތެއްގައި އެއްބާރުލެއްވިކަން އެއީ، އަޅުގަނޑު ވަރަށް އުފަލާއި އަދި ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމެކޭ. އެހެންކަމުން، ބޯހިމެނުމުގެ ވަގުތީ ނަތީޖާ ދަންނަވާލުމުގެ ކުރިން، އަދިވެސް އެއްފަހަރު، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި އަދި މިކަމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ، ދެން އޮތީ ބޯހިމެނުމުގެ ވަގުތީ ނަތީޖާ ދަންނަވާލުން. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، 1985 ވަނަ އަހަރުގެ ބޯހިމެނި ހިސާބުގައި ވަނީ، ރާއްޖޭގައި ދިރިއުޅެނީ އެއްލައްކަ އަށްޑިހަހާސް އަށްޑިހަ އަށް މީހުން ކަމަށް. މިފަހަރު އެއަށްވުރެ ރައްޔިތުންގެ ޢަދަދު، ދިވެހިންގެ ޢަދަދު އިތުރުވެގެންދާނެ ކަމަށް އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ޤަބޫލުކުރެވޭނެ. އެކަންވީވެސް އެހެން. ބޯހިމެނުމުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މިހާރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޢަދަދަކީ، ދެލައްކަ ސާދަހާސް އެއްސަތޭކަ ތިރީސް ނުވައެއް. އެއީ ދިވެހިންގެ ޢަދަދު. ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ނުލާ. އޭގެތެރެއިން ގިނައީ ފިރިހެނުން. މީގެ ކުރީ ފަހަރުތަކުގައިވެސް ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން އަންހެނުންނަށްވުރެ ފިރިހެނުން ގިނަކަން. މިފަހަރުގެ ނަތީޖާވެސް ދައްކަނީ އެހެން. ރާއްޖޭގައި، 1990 ވަނަ އަހަރު، ބޯހިމެނުމުގެ ހިސާބު ނެގުނު ދުވަސްވަރު އާދެ، މާޗް 2 ން މާޗް 8ގެ ނިޔަލަށް، ރާއްޖޭގައި ތިބި ފިރިހެނުންގެ ޢަދަދު ކަމަށް ދައްކަނީ، އެއްލައްކަ ދިހަހާސް ދުއިސައްތަ ހަތްދިހަ އެކެއް. އަންހެނުންގެ ޢަދަދު ކަމަށް ދައްކަނީ، އެއްލައްކަ ތިންހާސް އަށްސަތޭކަ ފަސްދޮޅަސް އަށެއް. ގާތްގަނޑަކަށް ހަތްހާހުގެ ތަފާތެއް އެބައޮތް.

ދެން އަޅުގަނޑު ދަންނަވަން މިޖެހެނީ، މާލޭގެ މީހުންގެ ޢަދަދާއި، ރާއްޖެތެރޭގެ މީހުންގެ ޢަދަދު. އާދެ، އެންމެ ފުރަތަމަ ރާއްޖެތެރޭގެ މީހުންގެ ޢަދަދު ދަންނަވާލާނަން. ރާއްޖެތެރޭގައި ދިރިއުޅޭ ދިވެހިންގެ ޢަދަދަކީ، މިފަހަރު ބޯހިމެނި ހިސާބު ދައްކާގޮތުން، އެއްލައްކަ ފަންސާސް އަށްހާސް ހަތްދިހަ ނުވައެއް. މާލޭގައި ދިރިއުޅޭކަމަށް ދައްކަނީ، ފަންސާސް ހަހާސް ފަސްދޮޅަސް. އާދެ، މި ޢަދަދުތަކުގެ މައްޗަށް ތަފްޞީލުކޮށް ބަލައިލުމުގެ ވަގުތެއް ނޫން މިއީކީ. އެހެން ނަމަވެސް، އަޅުގަނޑު ކުޑަކުޑަ އެއްޗެއް ދަންނަވާލާހިތްވޭ. އެއީ ކުރިންވެސް ދެންނެވި ފަދައިން، 1985 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއިން އެންމެފަހުން ޔަޤީންކުރެވުނު ގޮތުގައި، އޭރު ރާއްޖޭގައި ތިބީ އެއްލައްކަ އަށްޑިހަހާސް އަށްޑިހަ އަށް މީހުން. ދެންމެ އަޅުގަނޑު މިދަންނަވާލި ވަގުތީ ނަތީޖާގައި އެއޮތީ، ރާއްޖޭގައި ދިރިއުޅޭ އަންހެން، ފިރިހެން އެންމެން. މާލެއާއި ރާއްޖެތެރޭގައި ދިރިއުޅޭ، އަންހެން، ފިރިހެން އެންމެން، ދިވެހިން. އެމީހުންގެ ޢަދަދަކީ، ދެލައްކަ ސާދަހާސް އެއްސަތޭކަ ތިރީސް ނުވައެއް ކަމުގައި.

އާދެ، އެހެންވީމާ، ތިރީސް ހަތަރުހާސް މީހުން އިތުރުވެގެން ހިނގައްޖެ، މިދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި. އަޅުގަނޑު ހިތުން އެއީ، އަޅުގަނޑުމެން ވިސްނާލަންވީ ނުކުތާއެއް. އެއާ ދޭތެރޭގައި އަޅުގަނޑު މާދިގުކޮށް ވާހަކައެއް ނުދައްކާނަން މިރެޔަކު. އެހެން ނަމަވެސް، ރާއްޖޭގެ ކަންތައްތައް ހުރިގޮތާއި، އަޅުގަނޑުމެންގެ އިޤްތިޞާދީ ކަންތައްތައް ހުރިގޮތާއި، އިޖްތިމާޢީ ޚިދުމަތްތައް ހުރިގޮތާއި، އަދި މުސްތަޤްބަލުގައި އަޅުގަނޑުމެން ތިބެން ބޭނުންވާގޮތާއި، ރާއްޖެ އޮންނަން ބޭނުންވާ ގޮތާ، މި ހުރިހާ ކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާއިރު، ރާއްޖޭގެ އާބާދީއަށް މިއަންނަ އަވަސް ބަދަލު އެއީ އަޅުގަނޑު ހިތުން އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށް ރަނގަޅަށް ވިސްނަންޖެހޭނެ ކަމެއް. ފަސްއަހަރު ދުވަހުގެ ތެރޭގައި، ތިރީސް ހަތަރުހާސް މީހުން އިތުރުވެގެން ހިނގައްޖެކަން އެއީ، ވަރަށް ބޮޑަށް އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ޚިޔާލުކުރަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، މިރޭގެ އަޅުގަނޑުގެ ވާޖިބު އަޅުގަނޑު ހިތުން އަދާކުރެވިއްޖެ. އެއީ އަޅުގަނޑަށް ހަމަޖެހިފައި އޮތީ، މިއަހަރުގެ ބޯހިމެނުމުގެ ވަގުތީ ނަތީޖާ ދަންނަވާލުން. އާދެ، ވަގުތީ ނަތީޖާގެ އެންމެ މުހިންމު ބައިތައް އަޅުގަނޑަށް ދަންނަވާލެވިއްޖެ. ދެން ހުރި ތަފްޞީލުތަކަކީ، އަޅުގަނޑު ހިތުން މިރޭގެ މި ބައްދަލުވުމުގައި ތިޔަބޭފުޅުންނަށް ދަންނަވާ ގޮތަކަށް ހަމަޖެހިފައިވާ ތަފްޞީލުތަކެއް ނޫން.

ކޮންމެއަކަސް، މިރޭގެ މި ޢަދަދުތައް މިއީ ހަމަ ވަގުތީގޮތުން ދަންނަވާލެވުނު ޢަދަދުތަކެއް. އެހެން މިދެންނެވީ، ފަހަރެއްގައި މި ޢަދަދުތައް ރަނގަޅަށް ބައްލަވައި ޗެކްކުރައްވައި ހައްދަވާއިރު، ތަފާތެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވާތީ. ރާއްޖެތެރޭގެ ޢަދަދުތައް މިނިސްޓްރީ އޮފް ޕްލޭނިންގއިން ހޯއްދަވާފައި މިއޮތީ ރޭޑިޔޯ މެސެޖްގެ ޛަރީޢާއިން. އޭގެފަހުން އެބޭފުޅުންނަށް ބޭނުންފުޅުވާ ހުރިހާ މަޢްލޫމާތުތަކެއް ލިބުނީމާ، ރަނގަޅަށް ބައްލަވައި، ޗެކްކުރައްވައި ހައްދަވާއިރު، ފަހަރެއްގައި މިނަތީޖާއަށް ކޮންމެވެސްވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް.

އާދެ، އެކަން އެހެން އޮތް ކަމުގައިވިޔަސް، އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް މި ކޮށް ނިންމުނީ ވަރަށް މުހިންމު، ވަރަށް ބޭނުންތެރި ޤައުމީ މަސައްކަތެއް. އެހެންކަމާއެކު، އަދިވެސް އެއްފަހަރު، މި މުހިންމު މަސައްކަތުގައި ބައިވެރިވެވަޑައިގެން ދެއްވި ހުރިހާ ބޭފުޅުންނަށާއި، އަދި ޚާއްޞަކޮށް، ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.