އަންނަ އަހަރުގެ ބަޖެޓަކީ، ވަރަށް ބޮޑަށް ސީދާ ޢާންމު ރައްޔިތު މީހާގެ ޖީބަށް ފައިސާ ފޯރުއްވައިދެއްވުމަށް ސަރުކާރުން ޚަރަދު ކުރައްވާ ބަޖެޓެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، ބާރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބަޖެޓާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫއިއްޔާ ބައްލަވާލައްވަމުން، ސަރުކާރުން ހިންގަވާ ރަށްވެހި ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމަނުއްވައިގެން، ބާރަށުގައި ރަނގަޅު ފެންވަރުގެ ބަނދަރެއް ހެއްދެވުމުގެ މަޝްރޫޢަކީ، ސަރުކާރުން އިސްކަންދެއްވާ މަޝްރޫޢެއް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހެދޭ ބަނދަރުތަކަކީ، ރަނގަޅު ފެންވަރަކަށް ހެދިފައި ހުންނަ ބަނދަރުތަކަކަށް ވާންޖެހޭކަން ބަޔާންކުރައްވަމުން، ރަނގަޅު ބަނދަރެއް އޮތިއްޔާ 24 ގަޑިއިރުގެ ތެރޭގައި މުދާ ހުސްކުރެވެން ޖެހޭނެ ކަމަށާއި، ބާރަށު ބަނދަރު ހައްދަވާނީ މައިގަނޑު ޚިދްމަތްތައް ދެވޭ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބާރަށަކީ، މަދިރީގެ އުނދަގޫ ފޯރާފައިވާ ރަށެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެރަށަކީ، މަދިރީގެ އުނދަގުލުން ސަލާމަތްވެފައިވާ ރަށަކަށް ހެއްދެވުމުގެ ޕްރޮގްރާމެއް ހިންގަވާނެ ކަމަށާއި، ކުރިއަށް އޮތް 3 މަހެއް 4 މަހެއްގެ ތެރޭގައި މަދިރީގެ އުނދަގުލުން ރަށް ސަލާމަތް ކުރެވޭނެ ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަޝްރޫޢުގެ ދަށުން ބާރަށު ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދްމަތް، ކުރިއަށް މިއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޙަޤީޤީ ތަރައްޤީއެއް ހޯދަންވެއްޖެނަމަ، އެކަން ވާންއޮތީކީ، ހަމައެކަނި ކޮންކްރީޓަކުން ނޫން ކަމަށާއި، އެކަންވާން އޮތީ އަޅުގަނޑުމެންގެ ހިތްވަރުން، އަޅުގަނޑުމެންގެ ޖީބަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދައިގެން ކަމުގައިވެސް ވިދާޅުވިއެވެ.