ސަރުކާރުގެ އޮފީސްތަކުން ކުރައްވާ އިޝްތިހާރާއި މާކެޓިންގގެ ޙަރަކާތްތައް ހިންގެވުމަށް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކުންފުނި އުފެއްދެވުމަށް ނިންމެވީ، މިކަމާބެހޭގޮތުން މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު، ސަރުކާރުގެ މަސައްކަތްތަކުގެ ތެރެއިން އެއްބާވަތުގެ މަސައްކަތްތައް އެއްތަނަކުން އެކުލަވާލެވި ކުރައްވާ ގޮތަށް ހަމަޖެއްސެވުމުގެ ސިޔާސަތުގެ ދަށުން، ސަރުކާރުގެ އެކިއޮފީސްތަކުން ކުރައްވާ އެކި އިޝްތިހާރާއި މާކެޓިންގ ޙަރަކާތްތައް ހިންގަވައި ބެލެހެއްޓެވުމުގެ ކަންތައް އެއްކުންފުންޏަކުން ކުރެއްވުމުން، މިކަންކަން އަވަސްވެ ހަލުވިވުމާއި، ނަތީޖާ ނެރެވޭނެ މިންވަރު ބޮޑުވެގެންދާނެ ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

ސަރުކާރުގެ އޮފީސްތަކުން ނެރުއްވާ އެކި ފޮތްތައް ނެރުއްވުމާއި، ގެޒެޓް ނެރުއްވުމުގެ މަސައްކަތާއި، އެކިއެކި ރަސްމިއްޔާތުތަކާއި ބައްދަލުވުންތައް އިންތިޒާމު ކުރެއްވުމާބެހޭ އެންމެހާ ކަންތައްތައްވެސް މިކުންފުނިން ކުރައްވާގޮތަށް ހަމަޖެއްސެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

މިއަދުގެ ޖަލްސާގައި، ރާއްޖޭގެ ވައިގެ ސަރަޙައްދުގައި ދެވޭ ނިޔަމިކަމާބެހޭ ޚިދްމަތް، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރާބެހޭ ޖަމްޢިއްޔާގެ މިންގަނޑުތަކާ އެއްގޮތަށް ދެއްވުމަށްޓަކައި ސިޔާސަތު އެކަށައަޅުއްވައި އެކަން ކުރެއްވޭނެ ގޮތެއް ކަނޑައެޅުއްވުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދުގައި އެއަރ ޓްރެފިކް ކޮންޓްރޯލް ސަރވިސްގެ ގޮތުގައި ދެވޭ އޭރިއާ ކޮންޓްރޯލް ސަރވިސްއާއި، ޓަރމިނަލް ކޮންޓްރޯލް ސަރވިސްގެ ޚިދްމަތް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވަކިކުރައްވައި، ދައުލަތުން ދެއްވާ ޚިދްމަތެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމެވިއެވެ. އަދި ކޮންޓްރޯލް ޒޯނުގައި ދެއްވާ އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދްމަތް ދެއްވުމުގެ ކަންތައް އެއަރޕޯޓް ހިންގަވާ ފަރާތުގެ ޒިންމާއެއްގެ ގޮތުގައި ބޭއްވެވުމަށް ނިންމެވިއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މިމަސައްކަތް ހިނގާނުހިނގާ ގޮތް ބެއްލެވުމަކީ، ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓްގެ ޒިންމާއެއްގެ ގޮތުގައި ބޭއްވެވުމަށާއި، އިކާއޯއާއި ބައިނަލްއަޤްވާމީ ފަރާތްތަކާ މުޢާމަލާތު ކުރާ ފަރާތަކީ ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓް ކަމުގައި ހަމަޖެއްސެވުމަށްވެސް ނިންމެވިއެވެ.