އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ޢުމްރާނީ ތަރައްޤީ ހޯދައިގެނެއް ދެނެއް އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުލިބޭނެ ކަމަށާއި، ނަރުދަމާއާއި ބަނދަރު ހެދިޔަސް، ވާޓަރު ހެދިޔަސް، ބޮޑުހިލަ ބަނދަރު ހަދައި، އެއްގަމުތޮށިލައި ތާރު އަޅައި މަގު ހެދިޔަސް، ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެންނަށް ހޯދޭނީ އަޅުގަނޑުމެންގެ ވިސްނުމާއި ސިކުނޑި ތަރައްޤީވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މަންދު ކޮލެޖް އިފްތިތާޙް ކުރެއްވުމަށް އެކޮލެޖުގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން މަރުކަޒީ ކުރައްވާފައިވާ ހުރިހާ ބާރުތަކަކުން ނެއްޓި، މިނިވަން ވިސްނުމުގައި އަމިއްލަ ފަރާތްތަކުން ސަރުކާރާ ގުޅިގެން ހިންގާ މަޝްރޫޢުތަކުން ރާއްޖޭގެ ދަރިންނަށް ހެޔޮ ވިސްނުމެއް ލިބޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަތީ ތަޢުލީމުގެ ސިޔާސަތުގެ ނާރެސްތަކެއް ބިނާކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކޮށްދޭނީ ހަޔަރ އެޑިޔުކޭޝަން ކޮލެޖްތައްކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރަށް ލިބިވަޑައިގަންނަވާ އާމްދަނީއިން ރާއްޖޭގެ ހުރިހާ ކަމެއް، ހުރިހާ ރައްޔިތުންނަށް ސަރުކާރުން ކޮށްދެއްވޭނެ ކަމަކަށް ސަރުކާރުން ދެކެވަޑައިނުގަންނަވާ ކަމަށާއި، އެއްވެސް އިރެއްގައި އެކަމެއް އެގޮތަކަށް ނުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިޤަރުނަށް ރާއްޖެ ފުރޮޅިގެން އައިއިރު ހަތަރު އަނގޮޅިއެއްގެ މެދަށް އަޅުގަނޑުމެންގެ ތަރައްޤީ މިވަނީ ހުއްޓިފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ތަޢްލީމީ މީހުން މިހާރު ބިނާކުރެއްވުމަށް މިހާތަނަށް މަންދު ލަރނިންގ ސެންޓަރުން ކުރެއްވި މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި އެ ސެންޓަރު ކޮލެޖަކަށް ބަދަލުކުރެއްވުމަށް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް އިބްރާހީމް އިސްމާޢީލް ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައި އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.