ޖަރުމަންވިލާތު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ޔެންސް ޕްލޯޓަނަރ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުގެ އާ ސަފީރަށް މަރްޙަބާ ވިދާޅުވިއެވެ. މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޖަރުމަނާދެމެދު ތަރައްޤީގެ އެކިދާއިރާތަކުގައި އެއްބާރުލުން އިތުރުކުރެއްވުމާމެދު ރައީސުލްޖުމްހޫރިއްޔާއާއި މިސްޓަރ ޕްލޯޓަނަރއާ ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ޓޫރިޒަމް ދާއިރާގައި ތިމާވެށްޓާ ގުޅުންހުރި ޓެކްނޮލޮޖީ ބޭނުންކޮށް، މިހާރަށްވުރެ ބޮޑަށް ތިމާވެށްޓާ ރައްޓެހި ޓޫރިޒަމެއް ރާޢްޖޭގައި އުފެއްދުމަށް ޖަރުމަނުވިލާތުގެ އެހީތެރިކަން ހޯދުމާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް އިޞްލާޙީ ބަދަލުތައް ގެނައުމުގައި ޖަރުމަނު ސަރުކާރުގެ އެހީތެރިކަން ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް ލިބުނުކަމަށާއި، ވަކިން ޚާއްޞަކޮށް ޖަރުމަނު ސަރުކާރުން ރާއްޖެއަށް އޭރު ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ލިބިވަޑައިގެންނެވި ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާނގައިވެސް ޖަރުމަނުވިލާތުގެ އެއްބާރުލުން ރާއްޖެއަށް ލިބިގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޖަރުމަނު ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުތަކަށް ތަޢުރީފްކުރެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތަށް ދަތުރުފުޅެއްކުރެއްވުން އެއީ ޖަރުމަނު ޗާންސެލަރ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމެއް ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.