ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ކުރިން އަންދާޒާކުރެވުނު ވަރަށް ވުރެވެސް އަންނަނީ ރަނގަޅު ވަމުން ކަމަށާއި، ރާއްޖޭގެ ދަރަނި ނުދެއްކިދާނެކަމުގެ ބިރުވެރި ޙާލަތު ނެތް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ސަރުކާރުގެ މުހިންމު މަޢުލޫމާތުތައް ހާމަކުރެއްވުމަށް ސިލްސިލާކޮށް ކުރިޔަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ މާލީ ޙާލަތާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ، ރާއްޖޭގެ އިޤުތިޞާދީ ހާލަތު ވަރަށް ތަފްޞީލީގޮތެއްގައި ބަޔާންކޮށްދެއްވައި، އިޤުތިޞާދަށް އަންނަމުންދާ ކުރިއެރުންތަކާއި، ދައުލަތަށް ލިބޭ އާމްދަނީ އާއި މެދުރާސްތާ އަދި ދުރު ރާސްތާ ޕްލޭންތަކާއި ގުޅޭ، ތަފާސް ހިސާބު މަޢުލޫމާތުތައް ނޫސްވެރިންނާއި ޙިއްޞާކުރައްވާފައެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ، ދައުލަތުގެ ދަރަނި މެނޭޖް ކުރުމަށާއި ލޯނުތައް އަނބުރާ ދެއްކުމާއި ގުޅޭ މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި މެދު ދުނިޔޭގެ މާލީ އިދާރާތަކުން ނެރޭ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށްވެސް މިނިސްޓަރ އަމީރު އަލިއަޅުއްވާލެއްވިއެވެ. މިގޮތުން މިއަދު ފިޗްއިން ނެރުނު ރޭޓިންގ އައުޓްކަމް ރިޕޯޓުގައި، ރާއްޖޭގެ ރޭޓިން ވަނީ އެއް ހަމައެއްގައި ހިފަހައްޓާފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި، މިނިސްޓަރ އަމީރު ވިދާޅުވީ، ކޯވިޑަށް ފަހުގައި ރާއްޖޭގެ އިޤުތިޞާދު ރަނގަޅުވެ، ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުން ކަމަށާއި، އެހެންކަމުން ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްކުރުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި އެއްގޮތަށް ނަތީޖާ ހާސިލް ކުރެވެމުންދާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ނިޔަލަށް ހިލޭ އެހީ އާއި ނުލައި ދައުލަތަށް ލިބޭ އާމްދަނީން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.


ނޫސްވެރިންގެ މިބައްދަލުވުމުގައި، މިނިސްޓަރ އަމީރު ވަނީ، އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށައެޅުމަށް މަސައްކަތް ކުރެވެމުންދާކަމުގައި ވިދާޅުވެފައެވެ. އަދި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އަދަދަކީ، ކުރިންވެސް އަންދާޒާކޮށްފައިވާ އަދަދުކަމުގައި ހެއްދެވުމަށް މަސައްކަތް ކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ އަމީރު ވަނީ ރާއްޖޭގެ އިޤުތިޞާދީ ޙާލަތުގެ މައްޗަށް ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވެސް ވަނީ، ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި އަދި ކުރިޔަށް އޮތް ހަފްތާއަށް ރޭވިފައިވާ ކަންކަމުގެ މަޢުލޫމާތު ނޫސްވެރިންނާއި ޙިއްޞާކުރައްވާފައެވެ. މީގެއިތުރުން ކ ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެޗްއާރްސީއެމުން ކުރި ޒިޔާރަތަށްފަހު، އެކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަމާއި ގުޅޭ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާފައިވާކަމުގައި މިޢްވާން ވިދާޅުވިއެވެ. އަދި އެރިޕޯޓަކީ މާރިޗު މަހު އެޗްއާރްސީއެމުން އެ މަރުކަޒަށް ކުރި ޒިޔާރަތުގައި ފާހަގަ ކުރެވުނު ކަންކަމުގެ މައްޗަށް ބަލައި ޖުލައި މަހު ނެރުނު ރިޕޯޓެއް ކަމަށާއި، އެހެން ކަމުން މަރުކަޒުގެ ޙާލަތު މިހާރު އޮންނާނީ އެރިޕޯޓްގައި ފާހަގަކޮށްފައިވާ ޙާލަތުގައި ނޫންކަން މިޢްވާން ފާހަގަކުރެއްވިއެވެ.