بســم اللّـه الرّحمـن الرّحيــم

اَلْحَمْدُ لِلَّهِ الَّذِى اشْتَرَى مِنَ الْمُؤمِنِين أَنْفُسَهُمْ وَأَموَالَهُمْ بِأَنَّ لَهُم الْجَنَّة، وَالصَّلاَة والسَّلاَم علَى سَيِّدِنَا مُحَمَّد، صَاحِب الِّلوَاء الْمَعْقُود، وَالسَّيفِ الْمَسلُول، وَعَلَى آلِهِ وَصَحْبِهِ الَّذِينَ يَذَلُوا أَنفُسَهُم رَخِيصَةً فِى سَبِيلِ اللَّـه، وَبَاعُواْ أَرْوَاحَهُم ابْتِغَاءَ مَرْضَاةِ اللَّـه، فَـأَسْكَنَهُم دَارُالنَّعِيم، وَذَٰلِكَ هُوَالْفَوز الْعَظِيم.

ރާއްޖޭގެ ލޮބުވެތި ރައްޔިތުންނޭވެ!

މިއަދު އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ މުޚާޠަބުކުރަން މިފަށަނީ ވަރަށް ތަފާތު ޝުޢޫރުތަކަކާއެކު. އާދެ! ރާއްޖޭގެ މިޒަމާނުގެ ތާރީޚު މީގެކުރިން ދެކެފައިނުވާފަދަ ބޭރުބައެއްގެ ޢަސްކަރީ ޙަމަލާއަކުން ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގެ މިނިވަންކަން ސަލާމަތްކުރެއްވި ކަމަށްޓަކައި ކީރިތިވަންތަ اللَّـه سبحانه وتعالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަމުން. މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖިބަކަށްވާނީ، ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެބޮޑެތި ޚާއިނުންގެ ބަޔަކު ރާވައިގެން ބޭރުގެ ހަނގުރާމަވެރި ބަޔަކު ރާއްޖެއަށް ދިން ޙަމަލާގައި ޝަހީދުވި ކުށެއްނެތް ދިވެހިދަރިންނަށް ދިވެހި ޤައުމުގެ ނަމުގައި ޝުކުރާއި ތަޢްރީފު ރައްދުކުރުން. އަދި އެ ޝަހީދުންގެ ފުރާނައަށް ﷲ ގެ ޙަޟްރަތުން އަބަދުގެ ނިޢްމަތް އެދި ދުޢާކުރުން.

މި ދަނޑިވަޅުގައި އަޅުގަނޑު ތިޔަ އެންމެބޭފުޅުންގެ އަރިހުން މި އެދެނީ، މިމަހުގެ 3 ވަނަ ދުވަހު، މާތްވެގެންވާ އިސްލާމްދީނަށްޓަކައި، އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށްޓަކައި، އަދި ދިވެހި ޤައުމުގެ ޢިއްޒަތާއި ކަރާމަތަށްޓަކައި ޝަހީދުވެގެންދިޔަ ހިތްވަރުގަދަ އަބްޠާލުންގެ ހަނދާނުގައި ތިޔަބޭފުޅުން ތެދުވެވަޑައިގެން ސުކޫތެއް ގެންނެވުމަށް.

ޝައްކެއްނެތް. އެދުވަހު އެ ޝަހީދުވެގެންދިޔަ ދިވެހިން، އެމީހުންގެ ފުރާނަތައް އެޤުރްބާންކޮށްލީ ދިވެހި ޤައުމުގެ ދިފާޢުގައި. ރާއްޖޭގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކުރުމުގައި. އަދި ކީއްތޯ! އިސްލާމީ ޢަޤީދާގެ ޙައްޤުގައި. އެހެންކަމުން، އެ އަގުހުރި ދަރިންނަށް އަޅުގަނޑުމެން ދަރަނިވެރިވާން ޖެހިފައިވަނީ ވަރަށް މަތިވެރި ދަރަޖައަކަށް. އެ ވަރުގަދަ މުޖާހިދުންގެ ނަންތައް ރާއްޖޭގެ ތާރީޚުގައި ލިޔަންޖެހޭނީ ދުވަހަކު ފިލައިގެން ނުދާނޭފަދަ ކުލަގަދަ ރަން އަކުރަކުން، ދީނާއި ޤައުމަށްޓަކައި ޝަހީދުވެފައިވާ މަތިވެރި ބަޠަލުންގެ ލިސްޓުގައި.

މިއަދު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ އަޅުގަނޑު މުޚާޠަބުކުރަން މިފަށަނީ އަޅުގަނޑުމެންގެ ހިތްވަރުގަދަ، ކެރޭ، ސިފައިން، އާދެ، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ބޭކަލުންނަށްޓަކައި ފަޚުރުވެރިވަމުން. އެ ބޭކަލުން ކުރެއްވި ވަރުގަދަ ޖިހާދަށްޓަކައި އުފާކުރަމުން. އާދެ، ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ފަތިހު ސިފައިންގެ މައި މަރުކަޒަށް ބޭރުގެ ކުލީ ސިފައިން ދިން ޢުދުވާނީ ޙަމަލައަކީ، ރާއްޖޭގެ މިނިވަންކަން ނިގުޅައިގަތުމަށް ދިން ޙަމަލާއެއް. ރާއްޖެ، ބޭރުބައެއްގެ އަތްދަށަށް ގެންދިޔުމަށްޓަކައި ދިން ޙަމަލާއެއް. އަޅުގަނޑުމެންގެ ސިފައިން އެދުވަހު އެކުރި ހަނގުރާމައަކީ ދިވެހިރާއްޖެ ބޭރު ބައެއްގެ އަޅުވެތިކަމުގެ ދަށަށްދިޔަނުދިނުމަށްޓަކައި ކުރި ހަނގުރާމައެއް. އަޅުގަނޑުމެންގެ އިސްލާމީ ޢަޤީދާއާއި ދިވެހި ޤައުމުގެ އަބުރު ސަލާމަތްކުރުމަށްޓަކައި ކުރި ހަނގުރާމައެއް.

ގާތްގަނޑަކަށް 18 ގަޑިއިރު ވަންދެން ޢަދާވަތްތެރިން އެންމެ މިޒަމާނުގެ ހަތިޔާރާއެކު ދެމުން ގެންދިޔަ ޙަމަލާތައް އަޅުގަނޑުމެންގެ ސިފައިން ދިފާޢުކުރީ މަރާ ކުރިމަތިލުމަށް ފިސާރި ކެރިގެން. ދުޝްމަނުންގެ ވަޒަންތަކުން އަޅުގަނޑުމެންގެ ސިފައިންގެ އެތައްބަޔަކު މަރުވެގެން ވެއްޓެމުންދިޔައިރުވެސް، ސިފައިން، އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރަމުން ގެންދިޔައީ މުޅި ޤައުމުގެ ޝުކުރާއި ތަޢުރީފު ޙައްޤުވާފަދަ ގޮތެއްގައި. ދިވެހި ސިފައިން ސާބިތުކޮށްދިން ހިތްވަރާއި ޢަޒުމުގެ ސަބަބުން، އެދުވަހު ރާއްޖެއަށް ޙަމަލާދިން ކުލީ ސިފައިންނަށް ސިފައިންގެ މައި މަރުކަޒު އަތުލައިނުގަނެވޭނޭކަން އެދުވަހުގެ މެންދުރެއްހާއިރު ޔަޤީންވެއްޖެ. އެހެންކަމުން، އޭރުއްސުރެ އެމީހުން ގެންދިޔައީ ފިލައިގެން ދިޔުމަށް ތައްޔާރުވަމުން. އެރޭ ފަތިހުއްސުރެ ފެށިގެން ކުލީ ސިފައިންގެ މީހުން އަޅުގަނޑު ހުންނަ ގެ ކަމަށްވާ ތީމުގެއަށް ދެމުން ގެންދިޔަ ޙަމަލާތައްވެސް އެން.އެސް.އެސް.ގެ ބޭކަލުން ދިފާޢު ކުރައްވަމުން ގެންދެވީ ލާމަސީލު ހިތްވަރާއެކު. އެ ނުރައްކާތެރި ދަނޑިވަޅުގައި ތީމުގެއަށް ޙަމަލާ ދެމުންދިޔަ ކުލީ ސިފައިންގެ މީހުންނަށް ތީމުގެއަށް ނުވަދެވުނީވެސް އަޅުގަނޑުމެންގެ ސިފައިން އެތަން ދިފާޢުކުރަމުން ގެންދިޔަލެއް ފުރިހަމަކަމުންނޭ އަޅުގަނޑު މިދަންނަވަނީ ނުހަނު ފަޚުރުވެރިކަމާއެކު.

މިއަދު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ އަޅުގަނޑު މި މުޚާޠަބުކުރަނީ، ނުހަނު މަތިވެރި ޤައުމީ ފަޚުރަކާވެސް އެކުގައި. އާދެ، ރާއްޖޭގެ ރައްޔިތުންގެ ހިތްވަރުގަދަކަމާއި ސާބިތުކަމުގެ ހަރުދަނާކަމަށްޓަކައި. ރާއްޖޭގެ ރައްޔިތުންނަކީ ޤައުމަށްޓަކައި ޤުރްބާންވާން ތައްޔާރަށް ތިބި، ޤައުމުދެކެ ލޯބިވާ ރައްޔިތެއްކަން ޔަޤީންވެއްޖެ ކަމަށްޓަކައި. ރާއްޖޭގެ ރައްޔިތުންނަކީ، އެމީހުންގެ ދީނާއި މިނިވަންކަމާއި، އަމިއްލަ ވެރިކަމަށް ކުޑަވެސް ބުރުލެއްއެރިޔަނުދިނުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން ކެރިގެން ކުރިމަތިލާން ތިބި ބައެއްކަން ކަށަވަރުވެއްޖެ ކަމަށްޓަކައި. ރާއްޖޭގެ ރައްޔިތުންނަކީ އެމީހުންގެ ވެރިންދެކެ ލޯބިވާ، ވެރިންނަށް ކިޔަމަންތެރި، ވަފާތެރި ރައްޔިތެއްކަން ސާބިތުކޮށްދީފި ކަމަށްޓަކައި.

ރާއްޖޭގެ ޢިއްޒަތްތެރި މުވާޠިނުންނޭވެ!

މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، އަޅުގަނޑުމެންނާ ހަނގުރާމަކުރި ޤައުމުގެ ޚާއިނުންނާއި އެމީހުން ގެނައި ކުލީ ސިފައިން، އިތުރު ގެއްލުންތަކެއް ނުދީ އަވަސްއަވަހަށް ފިލައިގެންދިޔައީ، އަޅުގަނޑުމެންގެ އެކުވެރި ރަޙްމަތްތެރި ޤައުމެއް ކަމުގައިވާ އިންޑިޔާގެ ޢަސްކަރީ އެހީ ވަރަށް އަވަސްގޮތެއްގައި އަޅުގަނޑުމެންނަށް ލިބުނުކަމުންކަން މިފުރުޞަތުގައި އަޅުގަނޑު ހަނދާންކުރަން. އަދި އެމީހުން ފިލައިގެންދަމުން ގެންދިޔަ އަޅުގަނޑުމެންގެ ރަހީނުން ސަލާމަތްވީވެސް، އަދި ހުރިހާ ބާޣީން އަތުލައި ހައްޔަރުކުރެވުނީވެސް އިންޑިޔާ ސިފައިންގެ ގަދަ ހިތްވަރާއި މަސައްކަތުންކަން އަޅުގަނޑު ފާހަގަކުރަން. އިންޑިޔާގެ ޢަސްކަރީ މަދަދު އެހާ އަވަހަށް ނުލިބުނުނަމަ، މިކަންތައްތަކެއް އަޅުގަނޑުމެންނަކަށް ނުކުރެވުނީސް. އެހެންކަމުން، އިންޑިޔާގެ ބޮޑުވަޒީރު މިސްޓަރ ރަޖީވް ގާނދީއަށާއި އިންޑިޔާގެ ސަރުކާރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ވަރަށް މަތިވެރި ދަރަޖައަކަށް ޝުކުރު އަދާކުރަން. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދިނުމަށް އަދި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި އަމަން ޙިމާޔަތްކޮށްދިނުމަށް އިންޑިޔާ ސަރުކާރުން ވެދިން އެހީއަކީ، ޤައުމަށް އިޚްލާޞްތެރި، ޤައުމުދެކެ ލޯބިވާ އެއްވެސް ދިވެހި ރައްޔިތަކު ދުވަހަކުވެސް ހަނދާންނެތޭނޭ ކަމެއްނޫން.

އެދުވަހު ރާއްޖެއަށް ބޭރު ބަޔަކު ދިން ޙަމަލައާ ގުޅިގެން، ރާއްޖޭގައި ދީމިޤްރާޠީ ހަމަތަކުގެ މަތިން ޤާއިމުވެފައިވާ ޤާނޫނީ ސަރުކާރު ޙިމާޔަތްކޮށްދިނުމަށް އެމެރިކާއިންވެސް ރާއްޖެއަށް އެހީވެދޭން ތައްޔާރަށް އޮތްކަން އެމެރިކާ ސަރުކާރުން އަޅުގަނޑަށް އެންގެވި. އަދި އިންޑިޔާގެ އެހީ އެހާ އަވަހަށް ނުލިބުނުނަމަ، އެމެރިކާގެ ޢަސްކަރީ އެހީ އަޅުގަނޑުމެންނަށް ފޮނުވައިދޭނޭކަމުގެ ޔަޤީންކަން އަޅުގަނޑަށް ދެއްވި. މިހާރުވެސް ރާއްޖެއާ ވަރަށް ކައިރި ހިސާބެއްގައި އެމެރިކާގެ މަނަވަރުތައް އުޅެމުން އެބަދޭ. އަދި ދިވެހި ސަރުކާރުން އެދިއްޖެނަމަ، ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމީހުން ރާއްޖެއަށް އެހީވެދޭން އަންނާނެ. އެމެރިކާގެ މިއެކުވެރި އޯގާވެރިކަމަށްޓަކައި، ޕްރެޒިޑެންޓް ރޭގަންއަށާއި އެމެރިކާގެ ސަރުކާރަށާއި ރައްޔިތުންނަށް ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އެމެރިކާގެ އިތުރަށް، މެލޭޝިޔާއާއި ބަނގްލާދޭޝުން، ޝްރީލަންކާއާއި ޕާކިސްތާނުން، އަދި ބަޙްރޭނުންވެސް ރާއްޖެއަށް އެހީވެދޭން ތައްޔާރަށް ތިއްބެވިކަން އެތަންތާނގެ ވެރިންގެ ފަރާތުން އަޅުގަނޑަށް އެންގެވި. އަދި ކޮމަންވެލްތުގެ ސެކްރެޓެރީ ޖެނެރަލް ޝްރީދަތު ރާމްފާލްއާއި، އެކިއެކި ޤައުމުތަކުގެ ޒަޢީމުންގެ ފަރާތްޕުޅުން އެބޭފުޅުންގެ ތާއީދާއި އެއްބާރުލުން ލިބެމުންދިޔަ.

އާދެ، އެދުވަހު މުޅި ދުނިޔެ އޮތީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި، ރާއްޖޭގައި ދީމިޤްރާޠީ އުޞޫލުން އުފެދިފައިވާ ޤާނޫނީ ސަރުކާރު ޙިމާޔަތްކޮށްދޭން ތައްޔާރަށްކަން އެނގުނުކަން އަޅުގަނޑު މި މުނާސަބަތުގައި މިފާހަގަކުރަނީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެއްގެ ގޮތުގައި. އަދި ރާއްޖެއަށް ލިބޭ ނުހަނު ބޮޑު ފަޚުރެއްގެ ގޮތުގައި.

އިންޑިޔާގެ ސިފައިން ރާއްޖެއަށް އައީ، އަޅުގަނޑު އިންޑިޔާގެ ބޮޑުވަޒީރު މިސްޓަރ ރަޖީވް ގާނދީއަށް ދެންނެވި ދެންނެވުމެއްގެ މަތީން. އަދި އެމީހުން ގެނެވިފައި އެތިބަ ބޭނުން ނިމުމާއެކު، އެމީހުން އަނބުރާ ގެންދެވޭނެ.

އެދުވަހު އިންޑިޔާ ސިފައިން ރާއްޖެއަށް ގެނައުމަށް އަޅުގަނޑު އެދުނީ، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޤައުމަށް މެދުވެރިވާ ބޮޑެތި ކަންތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކުގެ މަތިން. އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ޙަވާލުވަމުން އަޅުގަނޑު ކޮށްފައިވާ ހުވަޔާ އެއްގޮތްވާ ގޮތުގެ މަތިން. މިއަދުވެސް، މީގެ ކުޑައިރުކޮޅެއް ކުރިން އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި މިކުރީ، ހަމަ އެ ހުވާ. އާދެ، މާތްވެގެންވާ އިސްލާމްދީނާއި، ރާއްޖޭގެ ޤާނޫނުއަސާސީއަށާއި، ރައްޔިތުންގެ ޙައްޤުތަކަށް ޙުރްމަތްތެރިކޮށް ހިތައި، އެއިން ކަމަކަށް ޚިޔާނަތްތެރިނުވެ، އަޅުގަނޑުގެ ލިޔާޤަތު ތަންދިން އެންމެމަތީ ދަރަޖައަކަށް ޤައުމަށް ޚިދްމަތްކުރުންމަތީ ދެމިހުރުމަށް.

މި ހުވާގައި ހިމެނޭ ރައްޔިތުންގެ ޙައްޤުތަކަށް ޙުރްމަތްތެރިކޮށް ހިތުމުގައި އެންމެބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެ ކަމަކީ އަޅުގަނޑު ދެކޭގޮތުގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން. ރާއްޖޭގެ ރަސްމީ ދީން ކަމުގައިވާ މާތްވެގެންވާ އިސްލާމްދީން ދިފާޢުކުރުން. އަދި ޤާނޫނީގޮތުން ރައްޔިތުން ޚިޔާރުކޮށްފައިވާ ސަރުކާރެއް ޙިމާޔަތްކުރުން. އެހެންކަމުން، ދިވެހިރާއްޖޭގެ ރައްޔިތުން ޤާނޫނީ ހަމަތަކުގެމަތިން ޚިޔާރުކޮށްފައިވާ ވެރިކަން، ޤާނޫނާ ޚިލާފަށް، އަދި ބޭރުގެ ބައެއްގެ ބާރު ބޭނުންކޮށްގެން ވައްޓާލުމަށް މަސައްކަތްކުރި ބަޔަކު ބަލިކޮށްލުމަށްޓަކައި، ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ މީހަކު ކުރަންޖެހޭނެ ކަމެއް. ހަމައެފަދައިން، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކުށެއްނެތް އެތައް ބައެއްގެ ފުރާނަތައް ގެއްލިގެންދާއިރު، އެކަން ހުއްޓުވުމަށް އެޅެން އޮތް ކޮންމެ ފިޔަވަޅެއް އެޅުމަކީވެސް މި މަގާމުގައި ހުންނަ މީހަކު ކުރަންޖެހޭނެ ކަމެއް.

ރާއްޖޭގެ ލޮބުވެތި ރައްޔިތުންނޭވެ!

މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖޭގެ ޚާއިނުން، ބޭރުގެ ކުލީސިފައިންގެ ބަޔަކު ރާއްޖެއަށް ގެނެސްގެން ރާއްޖޭގެ މިނިވަންކަން އަތުލައި، ރާއްޖޭގައި ދީމިޤްރާޠީ އުޞޫލުން އުފެދިފައިވާ ޤާނޫނީ ވެރިކަން ފުނޑުފުނޑުކޮށްލުމަށް އެކުރި ހަނގުރާމައަކީ، މީގެކުރިން ފެނިފައިނުވާފަދަ ނުރައްކާތެރި ހަނގުރާމައެއް. އެ ހަނގުރާމައަށް، އެއީ، ހަމައެކަނި ބަޣާވާތެކޭ ކިޔުން އެކަށީގެންވާ ކަމަކަށް އަޅުގަނޑު ނުދެކެން. މި ޢުދްވާނީ ހަނގުރާމައިގެ އަސަރުތައް ކުރާނީ ހަމައެކަނި މިހާރަކު ނޫން. އޭގެ އަސަރުތައް މުސްތަޤްބަލަށްވެސް ފޯރާނެ.

އަޅުގަނޑު މިހެން މިދެންނެވީ، އެދުވަހު ރާއްޖެއަށް ހަތިޔާރާއެކު ޙަމަލާ ދިން ބޭރުގެ ކުލީ ސިފައިންނަކީ، މިހާތަނަށް އެނގިފައިވާ ގޮތުގައި އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއްގައި އުޅޭ ޓެރަރިސްޓް ޖަމާޢަތެއްގެ ބައެއް. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ޓެރަރިސްޓުންނަކީ އެއްވެސް ހަމައެއް އުޞޫލެއް އޮންނަ ބައެއް ނޫން. އެމީހުންގެ ހަނގުރާމައަކީ ވަކި ޤަވާޢިދަކުން ވަކި ބަޔަކާ ކުރާ ހަނގުރާމައެއް ނޫން. އެމީހުންގެ ޢަމަލުތަކަކީ އެއްވެސް ރަޙްމެއް، އިންސާނިއްޔަތު ކަމެއް ހުންނަ ޢަމަލުތަކެއް ނޫން.

އެހެންކަމުން އަޅުގަނޑު ހިތާމަޔާއެކު ދަންނަވާނީ، މި ނުރައްކާތެރި ބޭރުގެ ޢުދްވާނީ ޙަމަލާ ރާއްޖެއަށް އައުމުން، މިއަދުގެ ދުނިޔޭގެ ހަމަނުޖެހުންތަކުގެ ތެރެއަށް ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެބޮޑެތި ޚާއިނުންގެ ބަޔަކު ރާއްޖެ ވެއްދީއޭ. އަދި 20 ވަނަ ޤަރުނުގެ ޓެރަރިޒަމް ރާއްޖެއަށްވެސް އައީއޭ.

މިއީ، އަޅުގަނޑުމެން ވަރަށް ޚާއްޞަ ސަމާލުކަމަކާއެކު ވިސްނަންޖެހޭނެ ކަމެއް. ދިވެހި ކޮންމެ ރައްޔިތަކުވެސް އެކަމާމެދު ފިކުރުކުރަންޖެހޭނެ ކަމެއް. އާދެ، މިފަހަރު ބޭރު ބަޔަކު އައިސް ކުއްލިގޮތަކަށް މިދިން ޙައިރާންވާފަދަ ނުރައްކާތެރި ޙަމަލާ، މާތްﷲ ގެ ރަޙްމަތްފުޅާއި، އަޅުގަނޑުމެންގެ ސިފައިންގެ ހިތްވަރުންނާއި، ރައްޔިތުންގެ ސާބިތުކަމުން ބަލިކޮށްލެވުނު ކަމުގައިވިޔަސް، ކުރިޔަށް އޮތްތާނގައި އަޅުގަނޑުމެންނަށް ދިމާވެދާނެ މައްސަލަތަކާމެދު ޣާފިލުވެގެން ތިބެވޭކަށް ނޯންނާނެ. އަދި މިއަށްވުރެވެސް ނުރައްކާތެރި ޙަމަލާއެއް މުސްތަޤްބަލުގައި ނާންނާނެ ކަމަށް ހީކޮށްގެން ނިދާފައި ތިބެވޭކަށްވެސް ނެތް.

މިހިސާބުން އަޅުގަނޑުގެ ސުވާލަކީ، އަޅުގަނޑުމެންގެ ޤައުމުގެ ދިފާޢަކީ އަޅުގަނޑުމެންގެ ތެރެއިން ވަކިބައެއްގެ މަސްއޫލިއްޔަތެއް ކަމުގައި ދެކިގެން ތިބެވެން އެބައޮތްތޯއޭ؟ އަޅުގަނޑުމެންގެ ތެރެއިން ގިނަ ޒުވާނުން، ގިނަ އާމްދަނީ ލިބޭ، މާ ފަސޭހަ މަސައްކަތްތަކުގައި އުޅެމުން، ޤައުމުގެ މިނިވަންކަމާއި ރައްޔިތުންގެ ސަލާމަތް ރައްކާތެރިކުރުމަކީ، އެހެންބަޔަކު ކުރަންޖެހޭނެ ކަމެއް ކަމުގައި ހަމަޖައްސާފައި ތިބެވެން އެބައޮތްތޯއޭ؟

ޝައްކެއްނެތްވެސް ނެތް. އެހެން ތިބެވޭކަށް ނެތް. އަޅުގަނޑުމެންގެ އަމަނާއި ދިފާޢު ވަރުގަދަނުކޮށް ވާކަށް ނެތް. ކޮންމެ ދިވެހި ރައްޔިތަކީ ޤައުމުގެ ދިފާޢުގައި ޙަރަކާތްތެރިވާން އެނގޭ، އަދި ކެރޭ މީހަކަށްނުވެ ވާކަށް ނެތް. އަޅުގަނޑުމެންކުރެ ކޮންމެ މީހަކީ ބޭރުގެ ނުފޫޒުތަކުން އަންނަ ޙަމަލަތަކާ ކުރިމަތިލެވޭފަދަ ހަރުދަނާ ހިތްވަރުގަދަ މީހަކަށްނުވެ ވާކަށް ނެތް.

ދިވެހިންގެ ބަޔަކާ ގުޅިގެން ބޭރުގެ ހަނގުރާމަވެރި ބަޔަކު ރާއްޖެއަށް މިދިން ޢުދްވާނީ ޙަމަލާ ބަލިކޮށްލުމުގައި، ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ބޭކަލުން ކުރެއްވީ ވަރަށްވެސް މަތިވެރި ޖިހާދެއް. އެބޭކަލުން އެފަދަ މަތިވެރި ޤުރްބާނީއެއް ވެލައްވައިގެން ނޫނީ އަޅުގަނޑުމެންގެ އިސްލާމީ ޢަޤީދާއާއި، ރާއްޖޭގެ މިނިވަންކަން އެދުވަހު ސަލާމަތެއް ނުވީސްކަން ޔަޤީން. އާދެ، މިހާރު އަޅުގަނޑުމެންގެ ޤައުމުގެ ދިފާޢަށްޓަކައި ބޭނުންކުރުމަށް އަޅުގަނޑުމެންގެ އަތުގައި އޮތް ބާރަކީ ހަމައެކަނި އެން.އެސް.އެސް. އަޅުގަނޑުމެންގެ ސިފައިން. ކަން މިހެން އޮތުމާއެކުވެސް ހިތާމަޔާއެކު އަޅުގަނޑު ފާހަގަކުރަންޖެހެނީ ސިފައިންގެ ތެރެއަށް ވަންނާނޭ މީހުން އަޅުގަނޑުމެންގެ ތެރެއިން ލިބެމުން ނުދާކަން. އާދެ، މަދަރުސާތަކުން ވަކިވާ ބައެއްކުދިން ސިފައިންގެ ތެރެއަށް ގެންދަންޖެހެނީ އެމީހުންގެ ހިތާދެކޮޅަށް. އަދި ކީއްތޯ! އެމީހުންގެ މައިންބަފައިންގެވެސް ނުރުހުމުގައި. މިގޮތަށް މިކަން އޮންނަކަމަށްވާނަމަ، އަޅުގަނޑުމެންގެ މުސްތަޤްބަލުގެ ހާލު ވަރަށްވެސް ބޮޑުވާނެ. އަޅުގަނޑުމެންގެ އަންނަން އޮތް ޒަމާން ވަރަށްވެސް އަނދިރިވާނެ.

މިއަދު، ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މި މުނާސަބަތުގައި، އަޅުގަނޑު ރާއްޖޭގެ އެންމެހާ ދަރީންނަށް މިގޮވާލަނީ، އަޅުގަނޑުމެންގެ ދިފާޢީ ބާރުތައް ވަރުގަދަކުރުމަށްޓަކައި އަޅުގަނޑުމެންތެރެއިން ޞިއްޙަތު ރަނގަޅު ޒުވާނުން، އުފަލާއެކު ސިފައިންގެ ތެރެއަށް ވަނުމަށް. ސިފައިންގެ ޚިދުމަތަކީ ޤައުމީ ޝަރަފެއް ކަމުގައި ދުށުމަށް. އަދި ޤައުމަށް ކުރިމަތިވެދާނެ ނުރައްކަލަކާ ކުރިމަތިލުމަށް ތައްޔާރުވެގެން ތިބޭ ބަޔަކަށް ރާއްޖޭގެ އެންމެންވުމަށް. އަޅުގަނޑު އުންމީދުކުރަނީ، އަޅުގަނޑުމެންގެ ޤައުމުގެ ސަލާމަތަށްޓަކައި، އަޅުގަނޑުމެންގެ މިނިވަންކަމުގެ ދިފާޢަށްޓަކައި، އަޅުގަނޑުގެ މި ގޮވާލުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ހެޔޮހިތުން އިޖާބަދެއްވާނެ ކަމަށް.

ރާއްޖޭގެ ލޮބުވެތި ރައްޔިތުންނޭވެ!

މީގެ އަށެއްކަ ދުވަސް ކުރިޔާ ހަމައަށް އަޅުގަނޑުމެންގެ ރާއްޖެއަކީ، މުޅި ދުނިޔޭގައި އޮތް އެންމެ ޞުލްޙަވެރި ޤައުމު. އެންމެ އަމާން ޤައުމު. އެދުވަހާ ހަމަޔަށް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހެއްގެ ހިތުގައި ޤައުމުގެ ތަރައްޤީއާއި، ބިނާކުރުމުގެ ޚިޔާލުތައް ފިޔަވައި އެހެން ޚިޔާލެއް ނެތް. އަޅުގަނޑުމެންގެ އަވަށްޓެރި ނުވަތަ ދުނިޔޭގެ ބައެއް އެހެން ޤައުމުތައް ފަދައިން، ދާޚިލީ ހަމަނުޖެހުންތަކާހުރެ، ނުވަތަ ޢަދާވާތްތެރިންނާހުރެ ދިފާޢީ ރޭވުންތަކެއް ރޭވުމުގެ ޚިޔާލުކުރަންޖެހިފައެއް ނެތް. އެހެންކަމުން، ވޭތުވެދިޔަ ދިހަ އަހަރު އަޅުގަނޑުމެން ދެކެފައިވަނީ، އަޅުގަނޑުމެންގެ ޤައުމު ތަފާތު އެތައް ރޮނގެއްގައި ކުރިއަރަމުން އައިސްފައިވަނިކޮށް. މީގެކުރިން ދުވަހަކުވެސް ރާއްޖެ ކުރިޔަށް ދަތުރުކޮށްފައި ނެތްފަދަ ބާރުމިނެއްގައި ކުރިއަރަމުން އައިސްފައިވަނިކޮށް. ހަމައެކަނި އިޤްތިޞާދީ ގޮތުން ބެލިނަމަވެސް، ފެންނަނީ ރާއްޖޭގެ އިޤްތިޞާދީ އުފެއްދުންތެރިކަން ދެގުނައަށް އިތުރުވެފައިވަނިކޮށް.

މިދެންނެވި ކުރިއެރުންތަކުގެ ނަތީޖާއަކަށްވެފައިވަނީ، ރައްޔިތުންގެ ފުދުންތެރިކަމާއި ތަނަވަސްކަން އިތުރުވުން. ފޯރުންތެރިކަމާއި ތިޔާގިކަން ފުޅާވެގެންދިޔުން. ޞިއްޙީ ޚިދްމަތުގެ ދާއިރާއާއި، ތަޢުލީމީ ވަސީލަތްތަކުގެ ދާއިރާވެސް އެތައް ތަނެއް ކުރިއަރައިގެން ދިޔުން.

މިކަންކަން މިގޮތަށް ކުރިޔަށް ގެންދިޔުމުގައި އެހީވެދީފައިވަނީ، އަޅުގަނޑުމެންގެ ރާއްޖޭގައި ވެރިކަންކުރަމުންދިޔަ ޞުލްޙަވެރިކަމާއި އަމާންކަން. ސިޔާސީ އަދި އިޖްތިމާޢީ ހަމަޖެހުން. ރައްޔިތުންގެ މެދުގައި އެއްވެސްކަހަލަ ބައިބައިވުމެއް ނެތްކަން.

އެހެންކަމުން ކުރިޔަށް އޮތްތާނގައިވެސް އަޅުގަނޑުމެން މަސައްކަތްކުރަންވީ، އަޅުގަނޑުމެންގެ މުޖްތަމަޢަކީ ޞުލްޙަވެރި މުޖްތަމަޢަކަށް ހެދޭތޯ. އަޅުގަނޑުމެންގެ ޤައުމަކީ ސިޔާސީ ހަމަޖެހުން ހިފެހެއްޓިފައި އޮންނަ ޤައުމަކަށް ހެދޭތޯ. އާދެ، ޤައުމެއް ކުރިޔަށްދިއުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު ބިންގަލަކީ، އެ ޤައުމެއްގެ ސިޔާސީ ހަމަޖެހުން. އެ ޤައުމެއްގެ ރައްޔިތުންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަމާއި އެއްބާރުލުން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުންނޭވެ!

މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ 3 ވަނަ ދައުރަކަށް ޙަވާލުވާއިރު އަޅުގަނޑު ދަންނަވާނީ، ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައިވެސް އަޅުގަނޑުގެ ސަރުކާރު ހިންގަމުން އައި ސިޔާސަތުތައް ކުރިޔަށް ގެންދިޔުމަށް މި ފެށޭ އައު ދައުރުގައި އަޅުގަނޑު އިތުރު ބާރެއްލާނެ ކަމުގައި. އާދެ، ރާއްޖޭގެ ދާޚިލީ ސިޔާސަތަކީ، އިސްލާމްދީނުގެ ތެދުމަގުން ޤައުމުގެ ކަންތައްތައް އިޞްލާޙުކޮށް، ކުރިޔަށް ގެންދިޔުމާއެކު، ރައްޔިތުންގެ މެދުގައި ޢަދްލު އިންޞާފާއި ހަމަހަމަކަން ޤާއިމުކުރުން. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް ތަރައްޤީކުރުމުގެ މަގު ފަހިކޮށްދެވޭތޯ މަސައްކަތް ކުރުން. ކުރިޔަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން މަސައްކަތް ކުރާނީ މިހާރަށްވުރެވެސް ބޮޑަށް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދެވޭތޯ. އަދި ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ ކަންތައްތައް ހަމަޖައްސައިދެވޭތޯ.

އާދެ، ސަރުކާރުން ހަދާފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަކީ، ޤައުމުގެ ލާބައާއި، ޢާންމު ރައްޔިތުންގެ މަޞްލަޙަތަށްޓަކައި ހެދިފައިވާ ޤާނޫނުތަކަކާއި ޤަވާޢިދުތަކެއް. ނަމަވެސް، މިހާރު އަޅުގަނޑުމެންގެ މުޖްތަމަޢަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކޮށް، ރައްޔިތުންގެ ލުއިފަސޭހައަށްޓަކައި އެކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ކުރިޔަށް އޮތްތާނގައި ގެނެވޭނެ. ސަރުކާރުން ރައްޔިތުންނަށް ދޭ އަސާސީ ޚިދްމަތްތައް ކަމުގައިވާ ތަޢުލީމާއި ޞިއްޙަތުފަދަ ޚިދްމަތްތައްވެސް ރައްޔިތުން އެދޭގޮތާ ވީހާވެސް އެއްގޮތަކަށް ދެމުން ގެންދެވޭތޯ ސަރުކާރުން މަސައްކަތް ކުރާނެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައިވެސް، ކުރިޔަށް އޮތް 5 އަހަރުގެތެރޭގައި ވޭތުވެދިޔަ ދިހަ އަހަރު ގެންގުޅެމުން އައި ސިޔާސަތު ކުރިޔަށް ގެންދިޔުމަށް ގަދައަޅައި މަސައްކަތްކުރާނަން. އެސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަ ވެރިކަމަށް ޤަދަރުކުރާ ހުރިހާ ފަރާތަކާ އެކުވެރިކަމުގެ ގުޅުން އުފެއްދުން. އާދެ، އެ ސިޔާސަތުގެ ފޮނިމޭވާ އަޅުގަނޑުމެންނަށް މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި ހަނގުރާމަ ދިފާޢުކުރުމުގައި އަޅުގަނޑުމެންނަށް ލިބުނު ބޭރު ޤައުމުތަކުގެ އެހީން ސާބިތުވެއްޖެ. ޚާއްޞަކޮށް އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކޮށް، އިސްލާމީ އެކުވެރިކަމާއި އެއްބައިވަންތަކަމަށް ތަރްޙީބުދިނުން. ސަރަޙައްދީ އެއްބާރުލުންތަކުގައި ބައިވެރިވުން. ދުނިޔޭގެ ޢަދްލުއިންޞާފާއި ޞުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ތާއީދުކޮށް، އެ މަސައްކަތްތަކުގައި ރާއްޖޭގެ ނިސްބަތުން ވެވުނުވަރަކުން ބައިވެރިވުން. ވަކިފަރާތަކަށް ނުޖެހުމުގެ އުޞޫލުގައި ހިފެހެއްޓުމާއި، އެއްވެސް ޤައުމެއްގެ ދާޚިލީ ކަންތައްތަކާ ނުބެހުން.

ރާއްޖޭގެ ޢިއްޒަތްތެރި ރައްޔިތުންނޭވޭ!

އަޅުގަނޑުގެ މިއަދުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު އަދާކުރަންޖެހޭ ވާޖިބެއް އެބައޮތް. އެއީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ތިންވަނަފަހަރަށް އަޅުގަނޑު ހޮއްވެވި ކަމަށްޓަކައި އަޅުގަނޑުގެ ހިތުގައި އުފެދޭ އިޚްލާޞްތެރި ޝުކުރު، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަދާކުރުން. ރާއްޖޭގެ ރައްޔިތުން މި މުހިންމު މަގާމަށް އަޅުގަނޑު ތިންވަނަ ދައުރަކަށް ހޮއްވެވިކަން އެއީ އަޅުގަނޑަށް ލިބުނު ވަރަށް މަތިވެރި ޝަރަފެއް ކަމުގައި އަޅުގަނޑު ދެކެން. އަދި މިފަހަރު އަޅުގަނޑު އިންތިޚާބު ކުރެއްވީ، މީގެކުރީ ދެފަހަރަށްވުރެވެސް މަތީ އަޣްލަބިއްޔަތަކުން ކަމަށްވީކަމީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ފަޚުރެއް ކަމުގައިވެސް އަޅުގަނޑު ދެކެން. އެހެންކަމުން، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާނީ ހިފެހެއްޓުމެއްނެތް ޝުކުރު. ހަމަ މިނޭވާގައި އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް ޔަޤީންކޮށް އަރުވާނީ، އަޅުގަނޑާ މި ޙަވާލުކުރެއްވި މަތިވެރި މަގާމުގެ ވާޖިބުތައް އަޅުގަނޑު މިއަދު މިކުރި ހުވަޔާ އެއްގޮތްވާގޮތުގެ މަތިން، އަޅުގަނޑުގެ ލިޔާޤަތު ތަންދިން އެންމެމަތީ ދަރަޖައަކަށް އަދާކުރަމުން ގެންދާނޭ ކަމުގައި.

މިފުރުޞަތުގައި، މިއަދުގެ އިޙްތިފާލަށްޓަކައި ވަޑައިގެން ތިއްބެވި ބޭރުގެ ޢިއްޒަތްތެރި މެހްމާނުންނަށް މަރްޙަބާ ނުދަންނަވައި އަޅުގަނޑަށް ހުއްޓާލެވޭކަށެއް ނެތް. ނުހަނު ދުރު ޤައުމުތަކުން ދަތުރުކުރައްވާފައި ވަޑައިގެން އަޅުގަނޑުމެންގެ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިކަމީ ތިޔަބޭފުޅުންގެ ސަރުކާރުތަކާއި ތިޔަބޭފުޅުން، އަޅުގަނޑުމެންގެ ދިވެހި ޤައުމާ ބަހައްޓަވާ ގާތްކަމާއި އެކުވެރިކަން ހާމަވެގެންދާ ކަމެއް. އެކަމަށްޓަކައި އަޅުގަނޑު ތިޔަ އެންމެބޭފުޅުންނަށް، އަދި ތިޔަބޭފުޅުން މެދުވެރިކޮށް ތިޔަބޭފުޅުންގެ ސަރުކާރުތަކަށް ޝުކުރު ދަންނަވަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުންނޭވޭ!

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ އަޅުގަނޑު 3 ވަނަ ދައުރަކަށް މި ޙަވާލުވަނީ، ރާއްޖެ ދުވަހަކުވެސް ދެކިފައިނުވާފަދަ ބޭރުގެ ނުރައްކާތެރި ޙަމަލާއެއްގެ ޙަރަކާތްތައް ރާއްޖޭގައި ހިނގައި ނާކާމިޔާބުވެގެންދިޔަ ވަގުތެއްގައި. އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ މީހުންގެ ހިތަށް ވެރިވެގެންދިޔަ ހަމަނުޖެހުން އަދި މުޅިން ހަމައަކަށް ނޭޅިގެން އުޅެނިކޮށް. އެކަމުގެ ސަބަބުން މުޅިޤައުމަށް ލިބުނު ހިތާމަތައް އަދި ފިލަން ކައިރިވެސް ނުވަނީސް.

ނަމަވެސް އަޅުގަނޑުގެ ޢަޒުމް ވަރުގަދަ. އަޅުގަނޑުގެ މަޤްޞަދު މާތް. އަޅުގަނޑުގެ ނިޔަތް ތެދުވެރި. އެހެންކަމުން އަޅުގަނޑު މި މަގާމާ މި ޙަވާލުވަނީ، މީގެކުރީ ދެފަހަރެކޭވެސް އެއްފަދައިން، މާތްﷲ ގެ ކިބައިން ވާގިއެދޭ ހާލު، ކެރިހުރުމާއި ސާބިތުކަމާއެކުގައި. ހިތްވަރާއި އީމާނާއެކުގައި.

اللَّـه سبحانه وتعالى މާތްވެގެންވާ އިސްލާމްދީނުގެ އަލިގަދަ ނޫރުން އަބަދަށްޓަކައި ދިވެހިރާއްޖެ އުޖާލާކުރައްވާށި! އަމާންކަމާއި ޞުލްޙަވެރިކަމުގެ ހިޔާވަހިކަން އަބަދަށްޓަކައި އަޅުގަނޑުމެންގެ ޤައުމަށް ދެއްވާށި! އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ ދަރިންނާއި، އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ރާއްޖެއަކީ އުފާވެރި އަމާން ބާއްޖަވެރި އަދި ތަނަވަސް ރާއްޖެއެއް ކަމުގައި ލައްވާށި! އާމީން.

رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا.
رَبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ. صَدَقَ اللَّـه الْعَظِيم.

والسّلام عليكم ورحمة اللّـه وبركاته.