بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އިސްލާމީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މިއަދު ފާހަގަކުރާ، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މަތިވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސް ކުރަމެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް، މި އުފާވެރި މުނާސަބަތުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ.

މައުލިދުއް ނަބަވީގެ ވަސްމީރު ޒިކުރާ އަޅުގަނޑުމެން އާކުރަނީ، އެކަލޭގެފާނުގެ ނަބަވީ ސީރަތުން ލިބިދޭ ޢިބްރަތްތެރި ފިލާވަޅުތަކުން، އަޅުގަނޑުމެންގެ ދެދުނިޔެ ބާއްޖަވެރި ކުރުމުގެ މަތިވެރި މަޤްޞަދުގައެވެ. އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުމެވެ. އިސްލާމީ އުންމަތް އުފެދި ބިނާވެގެން އައީ، އަދި އޭރު ދުނިޔޭގައި އޮތް ބާރުތަކާއި ޙަޟާރަތްތަކުގެ މައްޗަށް އިސްލާމީ އުންމަތް ކާމިޔާބު ހޯދީ، އެ ވަރުގަދަ ގުޅުމުގެ ސަބަބުންނެވެ.

އެކަލޭގެފާނުގެ ނަބަވީ ރިސާލަތުގެ މައިގަނޑު ފަލްސަފާއަކީ، ޙިކްމަތްތެރިކަމާއި މަޑުމައިތިރިކަމާއެކު މީސްތަކުންނާ ގުޅުން ބަދަހިކުރައްވައިގެން އެބައިމީހުންގެ ހިތްތައް ފަތަޙަ ކުރެއްވުމެވެ. ދެކޮޅުވެރިންނާއި ޢަދާވާތްތެރިންނާ ވެސް އެކަލޭގެފާނު މުޢާމަލާތުކުރެއްވީ، އޯގާތެރިކަމާއެކު ރިވެތި ބަސްތަކުންނެވެ. ބަދަލު ހިއްޕެވުމުގެ މައްޗަށް އިސް ކުރެއްވީ ޢަފޫކުރެއްވުމެވެ. ރުޅިވެރިކަމުގެ މައްޗަށް އިސްކުރެއްވީ އެކުވެރިކަމާއި ޞުލްޙަވެރިކަމެވެ. ގުޅުން ކެނޑުއްވުމުގެ ބަދަލުގައި ކޮންމެ ބަޔަކާ އެކުގައިވެސް ގުޅުން ބަދަހިކުރެއްވުމަށް އިސްކަން ދެއްވިއެވެ. އޭގެ ސަބަބުން، ދުނިޔޭގެ ތާރީޚު ބަދަލުކޮށްލި ހެޔޮލަފާ އުންމަތެއް އުފަންވެގެން ދިޔައެވެ.

އަޅުގަނޑުމެންނަކީ ވެސް، އެ މަތިވެރި އުންމަތުގެ ފަރުދުން ކަމަށްވާއިރު، އެ މަތިވެރި ސިފަތަކުން ޒީނަތްތެރިވުމަށް މަސައްކަތްކުރުމަކީ، އެ މާތް ޒިކުރާ އާކުރުމުގެ އެންމެ މުހިންމު ބޭނުމެވެ. އަޅުގަނޑުމެންގެ ތެރެއަށް އިޞްލާޙީ އެތައް ބަދަލުތަކެއް މިއަދު ބޭނުންވެއެވެ. އަދަބު އަޚްލާޤުގެ ރޮނގުން އަޅުގަނޑުމެންގެ އުޅުމަށް އިންޤިލާބީ ބަދަލުތަކެއް ގެންނަންޖެހެއެވެ. އިޖްތިމާޢީ ހަމަތަކާއި އުޞޫލުތަކަށް އިޙްތިރާމްކުރުމުގެ އާދަ އަޅުގަނޑުމެންގެ ކިބައިގައި އަށަގަންނުވަންޖެހެއެވެ. އަނެކުންނަށް އިހްތިރާމް ކުރުމާއި އޯގާތެރިވެ އެހީތެރިވުމުގެ މަތިވެރި ސިފަ އަޅުގަނޑުމެން އެންމެންގެ ކިބައިގައި ހަރުލައްވަންޖެހެއެވެ. އެއިން ކޮންމެ ކަމަކަށް ހުރި އެންމެ މަތިވެރި ނަމޫނާއަކީ ނަބަވީ ސީރަތެވެ.

އަހަރަކު އެއްފަހަރު، މައުލިދުއް ނަބަވީ ފާހަގަކުރާ އިރު، އަޅުގަނޑުމެންގެ ދިރިއުޅުމުން ހެޔޮ ބަދަލުތަކެއް ފެންނަންޖެހެއެވެ. މުޖްތަމަޢުގައި ހަމަޖެހުމާއި އުފާވެރިކަން ޤާއިމުވެ އޮންނާނީ އެފަދަ ބަދަލުތަކެއް ގެނެވިގެންނެވެ. ޙަސަދަވެރިކަމާއި ދެކޮޅުވެރިކަން ދޫކޮށް، ހިތްހެޔޮކަމާއި ހިތްތިރިކަމާއެކު އަނެކުންނާ މުޢާމަލާތުކުރުމަކީ، އިޖްތިމާޢީ ހަމަޖެހުން ޤާއިމުވުމުގެ އިތުރުން، އަޅުގަނޑުމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ނުހަނު ބޭނުންތެރި ކަމެކެވެ. ކޮންމެ މީހަކާ ވެސް ހިނިތުންވުމާއި އުފާވެރި މޫނަކާއެކު ބައްދަލުކުރުމަކީ، މިއަދު އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންޖެހެއެވެ.

މި އުންމަތުގެ މާތް ނަބިއްޔާގެ ޢީދު މީލާދު ފާހަގަކުރާއިރު، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ރިސާލަތު ދަމަހައްޓައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމުގެ ޢަޒުމް އާކުރަންޖެހެއެވެ. އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަށްޓަކައި، އަޅުގަނޑުމެންގެ ދިރިއުޅުމުން އެ ކުދިންނަށް ނަމޫނާ ދައްކަމާ ހިންގަވާށެވެ. މުޖްތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެން ކޮންމެ މީހަކީ، ނުރަނގަޅު އެންމެހައި ކަންކަމަށް ޢަމަލާއި ބަހުން ނޫނެކޭ ބުނާ މީހަކަށް ވަމާ ހިންގަވާށެވެ.

މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގައި އަޅުގަނޑުމެންގެ ހިތްތައް ސާބިތުކުރައްވައި، މި ރާއްޖެއަކީ ކޮންމެ މީހަކަށް ވެސް ޞުލްޙަވެރިކަމާއި އަމާންކަން ލިބިދޭ ޤައުމެއްކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ކީރިތި މާތް ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާގެ މަތީގައި އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމުގެ ހެޔޮ ތައުފީޤް، އެންމެހައި ދިވެހިންނަށާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރައްވާށިއެވެ. އާމީން.