މިމަހު ޑެންމާކުގެ ކޯޕަންހޭގަންގައި ބާއްވާ ތިމާވެށްޓާބެހޭ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ދިވެހިރާއްޖެއަށް ދިމާވެފައިވާ އިޤުތިޞާދީ ހީނަރުކަމާއި، ދައުލަތުގެ ބަޖެޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިޢާޔަތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖެއިން ބޭރަށް ކުރެއްވުމަށް ހަމަޖެހިފައިވާ ވަރަށް ގިނަ ދަތުރުފުޅުތައް، މިއަހަރުގެ އޯގަސްޓްމަހުވަނީ ކެންސަލް ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ކެންސަލްކުރެއްވި ދަތުރުފުޅުތަކުގެ ތެރޭގައި ކޯޕަންހޭގަން ދަތުރުފުޅުވެސް ހިމެނެއެވެ. އެހެންނަމަވެސް، އ.ދ.އާއި ޔޫރަޕިއަން ޔޫނިއަނުން އެހީތެރިވެދެއްވާފައިވާތީއާއި، މިސަމިޓުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައި، މިސަމިޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާގޮތަށް ހަމަޖެއްސެވީއެވެ.