بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى خاتم الأنبياء والمرسلين، وعلـٰى آلـه وَصَحْبِـهِ  أجمعـين.

އާދެ، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކުބާދީ ރައްދުކުރުން.

ޝައްކެއްނެތް، ޤައުމީދުވަހަކީ ވަރަށް މުހިންމު ދުވަހެއް. އެދުވަސް އަޅުގަނޑުމެން ފާހަގަކުރަމުން މިގެންދަނީ ވަރަށްމާތް މަޤްޞަދުތަކެއް ހާސިލުކުރުމަށްޓަކައި. އެ މަޤްޞަދުތަކުގެ ވާހަކަ އަޅުގަނޑުމެންނަށް މިރޭވެސް ވަރަށް ބަލާޣަތްތެރި ރީތި ޢިބާރާތްތަކަކުން އިވިގެން ހިނގައްޖެ.

އާދެ! އަޅުގަނޑުގެ ވާހަކަ ކުރިޔަށް ގެންދިޔުމުގެ ކުރިން، މި ޖަލްސާގައި ބައިވެރިވުމަށް އަޅުގަނޑަށް ދަޢްވަތު ދެއްވީތީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ ރައީސްގެ ބަދަލުގައި ހުންނެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދަށް ޝުކުރު ދަންނަވަން. ހަމައެއާއެކުގައި ޕްރޮގްރާމްގައި ހިމެނިފައި ނުވާ ކަމަކަށް އަޅުގަނޑަށް ކުރިމަތިލެވުނު ކަމަށްޓަކައި އޭނާގެ އަރިހުންނާއި، އަދި މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިންގެ އަރިހުން މަޢާފަށްވެސް އެދެން.

އާދެ! ދެންމެ އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، މިޖަލްސާއަށް ހާޒިރުވުމުގެ އެދުން އަޅުގަނޑުގެ ހިތުގައި އުފެދުމާއެކު، އެވާހަކަ އޭނާއަށް މިއަދު މެންދުރު ދަންނަވާލިން. އޭރު އަޅުގަނޑު އެއްގޮތަކަށްވެސް ޤަޞްދުކޮށްފައެއް ނެތް، މިޖަލްސާއަށް އައިސް އެއްވެސް ވާހަކައެއް ދައްކާކަށެއް. އަޅުގަނޑުގެ ހިތުގައި އޮތީ މިފަދަ މުހިންމު ޖަލްސާއެއް ކުރެވޭއިރު، އަޅުގަނޑު މާލޭގައި ހުރެ، އެ ޖަލްސާއަށް ހާޒިރުނުވުމަކީ އެކަށީގެންވާ ކަމެއްނޫނޭ. އެހެންވީމާ، ޖަލްސާގައި ބައިވެރިވުމުގެ އުފާ ލިބިގަތުމަށްޓަކައި އަޅުގަނޑު މިތަނަށް މިއައީ. ހަމައެއާއެކުގައި، އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުޢޫރަކީ، މިޖަލްސާގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ބޭފުޅުންކޮޅަކީ، އަޅުގަނޑު އެބޭފުޅުން ދައްކަވާ ވާހަކަފުޅުތައް ވަރަށްބޮޑު ޝައުޤުވެރިކަމަކާއެކު އަޑުއަހާހިތްވާ ބޭފުޅުންކޮޅެއް ކަމަށްވީކަން. އާދެ، މަދަރުސާ ކުދިންނާއި، ޒުވާނުންނާއި، ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުން.

މިތަނަށް އައުމުން އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް އިޙްސާސްވި. މަދަރުސާތަކުގެ ކުދިން ދެއްކި ވާހަކަތަކުން އަޅުގަނޑަށް ވަރަށްބޮޑު ހިތްހަމަޖެހުމެއްވެސް ލިބުނު. އާދެ، އެންމެ ފުރަތަމަ މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާގެ ޠާލިބަކު ކަމުގައިވާ މުޙަންމަދު ޙަނީފްގެ ވާހަކަދެއްކުން. އޭގެފަހުގައި، އީ.ޕީ.އެސް. ސްކޫލްގެ ޠާލިބާއަކު ކަމުގައިވާ ޢާދިޔާ ޢަބްދުއްޝަކޫރުގެ ވާހަކަ ދެއްކުން. އަދި އޭގެފަހުގައި އަޅުގަނޑުމެންގެ ޒުވާން ވާހަކަ ދެއްކުންތެރިއެއް ކަމުގައިވާ އަލްފާޟިލް އަޙްމަދު ޝަކީބުގެ ވާހަކަ ދެއްކުން. މިހުރިހާ ކަމަކުން އަޅުގަނޑުގެ ހިތަށް ވަރަށްބޮޑު ހަމަޖެހުމެއް ލިބިގެންދިޔަ. ވަރަށްބޮޑު އުފަލެއް އަޅުގަނޑަށް އިޙްސާސް ކުރެވުނު.

އާދެ، އެއަށްފަހުގައި ތިލަދުންމަތީ އުތުރުބުރީގެ އަތޮޅުވެރިޔާ އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން ދެއްކެވި ވާހަކަފުޅާއި، އަދި އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ވާހަކަފުޅުންވެސް، އަޅުގަނޑަށް ވަރަށް މަތިވެރި ދަރަޖައަކަށް އުފާ ލިބުނު. ހަމައެފަދައިން، މި ޖަލްސާ ތަޢާރުފު ކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވި ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު ވަޙީދުގެ ވާހަކަފުޅުންވެސް އަޅުގަނޑަށް ވަރަށްބޮޑު ހިތްވަރެއް ލިބިގެންދިޔަ.

އާދެ! މިރޭ އަޅުގަނޑު އައިސް މިތަނަށް މިހުއްޓުނީ، މިވާހަކަތައް އަޑުއެހުމާއެކުގައި، އަޅުގަނޑުގެ ހިތުގައި އުފެދިގެންދިޔަ ޝުޢޫރެއް ހާމަކޮށްލުމުގެ ގޮތުން. އާދެ! ތެދުތެދަށް ދަންނަވަންޏާ، އެޝުޢޫރަކީ ހަމައެކަނި މިރޭ އަޅުގަނޑުގެ ހިތަށް ވަން ޝުޢޫރެއް ނޫން. އެޝުޢޫރަކީ، މިފަދަ ކޮންމެ މުނާސަބަތެއްގައި އަޅުގަނޑުގެ ހިތަށް ވަންނަ ޝުޢޫރެއް.

އަޅުގަނޑުމެން ކޮންމެ އަހަރަކު ޤައުމީ ދުވަހެއް ފާހަގަކުރަމުން އެބަ ގެންދަމު. ޤައުމީ ދުވަހުގެ މުނާސަބަތުގައި، ތަފާތު ކަންތައްތައް އެބަ ކުރަމު. އޭގެތެރޭގައި ކުރެވޭ އެންމެ މުހިންމު ކަމަކީ، ޤައުމީ ރޭ ބާއްވާ ރަސްމީ ޖަލްސާ. މިޖަލްސާގައި ޤައުމީ ޢަބްޠާލުންނަށް އަޅުގަނޑުމެން ތަޢްރީފު އަދާކުރަމުން ގެންދަމު. އެ އަބްޠާލުން ކުރެއްވި ޖިހާދުގެ ވާހަކަ ދައްކަމު. އަދި ޤައުމިއްޔަތާ ބެހޭގޮތުން އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދިފައިވާ ޝުޢޫރުތައްވެސް ހާމަކުރަމުން ގެންދަމު. ހަމައެއާއެކުގައި، ޤައުމީ ރީތި ލަވަތައް އިވުމުގެ އުފާވެސް އަޅުގަނޑުމެން ލިބިގަންނަމު. މިރޭވެސް، ވަރަށްރީތި، ވަރަށް ހިތްގައިމު ޤައުމީ ދެ ލަވައެއް އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. ވަރަށް ރާގުހުރި މިއުޒިކީ އަޑުތަކަކުން އަޅުގަނޑުމެންނަށް އެލަވަތައް އިވިގެންދިޔައީ.

އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުޢޫރަކީ، ޤައުމީ ޝުޢޫރު އާލާކުރުމަށް ނުވަތަ ޤައުމިއްޔަތު ދިރުވުމަށް އަޅުގަނޑުމެން ކުރަންވީ ކަންތައްތަކަކީ އެއީބާވައޭ! އެހިސާބުން އަޅުގަނޑުމެންގެ ވާޖިބު އަޅުގަނޑުމެންނަށް އަދާކުރެވުނީ ކަމުގައި ބަލަންވީބާވައޭ! މިރޭ މިޖަލްސާ ބާއްވައި، މިރޭ މިޖަލްސާގައި އިވިގެންދިޔަ ވާހަކަތައް، އަޅުގަނޑުމެންނަށް އިވިގެންދިޔަ ލަވަތައް، އަޅުގަނޑުމެންނަށް އިވުމުން އަޅުގަނޑުމެންގެ ހިތުގައި ޤައުމީ ޝުޢޫރު އުފެދެންވީވަރަށް އުފެދުނީ ކަމަށް އަޅުގަނޑުމެން ބަލައި، އެހިސާބުން ކަންތައްތައް ނިންމާލަންވީބާވައޭ. ނުވަތަ އޭގެފަހުގައިވެސް އަޅުގަނޑުމެންގެ ޢަމަލާއި ސުލޫކާއި އަޚްލާޤާއި ވިސްނުން ވަކިގޮތަކަށް ގެންދިޔުމަށް މަސައްކަތްކުރަންޖެހޭނެބާއޭ!

އާދެ! އަޅުގަނޑަށް ފެންނަ ގޮތުގައި، ހަމައެކަނި މިފަދަ ޖަލްސާއެއް ބާއްވާލުމަކުން، އަދި
އެޖަލްސާގައި ދެކެވޭ މުހިންމު ޤައުމީ ވާހަކަތަކަކުން ނުވަތަ އިވޭ ރީތި ޤައުމީ ރާގުތަކަކުން އަޅުގަނޑުމެން ފުއްދާލައިގެންވާކަށް ނޯންނާނެ. އަޅުގަނޑު ދެކޭގޮތުގައި، ޤައުމިއްޔަތުގެ ޝުޢޫރުތައް ދިރުވުމުގެ ބޭނުމަކީ، އެއަށްވުރެ މާބޮޑު ކަމެއް. ޤައުމުދެކެ ލޯބިވުމާއި، އަޅުގަނޑުމެންގެ ލޭގައި ޤައުމީ ޝުޢޫރު ހިނގާ ބަޔަކު ކަމުގައި އަޅުގަނޑުމެންވުމާއި، މިކަމަށް އިތުރު މަސައްކަތެއް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. އާދެ! އެކަމަކީ އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެންނަށްޓަކައި ފަޚްރުވެރިވާނެ ބަޔަކު ކަމުގައިވުން ކަމަށް އަޅުގަނޑު ދެކެން. އާދެ! އަޅުގަނޑުމެންނަކީ ހަރުދަނާ، އަބުރުވެރި، ކެރޭ ބަޔަކު ކަމުގައިވުން އެއީ، އަޅުގަނޑު ހިތުން ޤައުމުދެކެ ލޯބިވުމަކީ. އަދި އަޅުގަނޑުމެންގެ ލޭގައި ޤައުމީ ޝުޢޫރު ހިނގުމުގެ ނަތީޖާއަކަށް ވާންވާނެ ކަމަކީ އެއީ.

އާދެ! އަޅުގަނޑުމެންނަކީ މުސްތަޤިއްލު މިނިވަން ޤައުމެއް. މިހާރު ދިވެހިރާއްޖެ ވަނީ ދުނިޔެ ތެރެއަށް ނުކުމެފައި. އަޅުގަނޑުމެންނަކީ ހަމައެކަނި އަޅުގަނޑުމެންގެ މިކުދިކުދި ޖަޒީރާތަކުގައި ދިރިއުޅޭ ބައެއްގެ ގޮތުގައި މިއަދު ފުއްދާލެވޭކަށް ނެތް. ސިޔާސީ މައިދާނުގައިވެސް، ބައިނަލްއަޤްވާމީ ދާއިރާގައިވެސް، އަޅުގަނޑުމެން ދަނީ ޙަރަކާތްތެރިވަމުން. އިޤްތިޞާދީ މައިދާނުގައި، ބޭރުމީހުންނާ ގުޅިގެން އަޅުގަނޑުމެން ތަފާތު އިޤްތިޞާދީ މަސައްކަތްތައް ކުރަމުން މިހާރު އެބަ ގެންދަމު. އެހެންގޮސް، ކުޅިވަރުގެ މައިދާނުގައިވެސް މިހާރު އަޅުގަނޑުމެން ވަނީ ބައިނަލްއަޤްވާމީ ދަނޑަށް ނުކުމެފައި.

އާދެ، އެންމެފަހުން މިބޭއްވުނު 24 ވަނަ އޮލިމްޕިކް މުބާރާތުގައި ދިވެހިރާއްޖެ ވަނީ ބައިވެރިވެފައި. މިގޮތުން، މިހާރު އަޅުގަނޑުމެންނަކީ ހަމައެކަނި އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢުގައި ދިރިއުޅޭ ބަޔަކަށްވުމުގެ އިތުރަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުގައިވެސް ކޮންމެވެސްވަރެއްގެ ޙިއްޞާއެއް އަދާކުރަމުން ގެންދާ ބަޔަކު ކަމުގައި އަޅުގަނޑުމެން ވެއްޖައީމު. އެހެންވީމާ، އެހުރިހާ ގޮތަކުން ބަލާއިރު، މިހުރިހާ ދާއިރާއެއްގައިވެސް، ދިވެހިންނަކީ ބޭރުމީހުންގެ ކުރިމަތީގައިވެސް، ހަރުދަނާ، އަބުރުވެރި، ކެރޭ ބަޔަކަށް ވާންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން.

އާދެ! ހަރުދަނާ ބަޔަކަށްވެވޭނީ، އަޅުގަނޑުމެން ބުނާ ކޮންމެ ބަހަކީ، އެކަމާ ދޭތެރޭގައި ވިސްނާފައި ބުނާ ބަހަކަށްވެގެން. އަޅުގަނޑުމެން ކުރާ ކޮންމެ ޢަމަލަކީ، އެކަމާ ދޭތެރޭގައި ވިސްނާފައި ކުރާ ޢަމަލަކަށްވެގެން. އާދެ! އަޅުގަނޑުމެން އެބުނާ ބަހަކީ އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން އަޅުގަނޑުމެންގެ ޢާއިލީ ޙަޔާތުގެ ދާއިރާގައި ބުނާ ބަހަކަށްވިޔަސް، އަދި މުޖުތަމަޢުގެ ދާއިރާގައި ބުނާ ބަހަކަށްވިޔަސް، ނުވަތަ ބައިނަލްއަޤްވާމީ މައިދާނުގައި އަޅުގަނޑުމެން ބުނާ ބަހަކަށްވިޔަސް، އެބަހެއް އަޅުގަނޑުމެން ބުނަންވާނީ، އެކަމާ ދޭތެރޭގައި ވިސްނާފައި، ހަރުދަނާކަމާއެކުގައި.

ހަމައެފަދައިން، އަޅުގަނޑުމެން ކުރާ ކޮންމެ ޢަމަލަކީ، އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން ކުރާ ޢަމަލެއް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ޢާއިލީ ޙަޔާތުގައި މައިންބަފައިންނާ ބެހޭގޮތުން، ދަރިންނާ ބެހޭގޮތުން، އަނބިދަރިންނާ ބެހޭގޮތުން ކުރާ ޢަމަލެއް ކަމުގައިވިޔަސް، ނުވަތަ މުޖުތަމަޢުގެ ފެންވަރުގައި ކުރާ ޢަމަލެއް ކަމުގައިވިޔަސް، ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގައި އަޅުގަނޑުމެން ކުރާ ކަމެއް ކަމުގައިވިޔަސް، އަޅުގަނޑުމެންނަކީ ހަރުދަނާ ބަޔަކު ކަމުގައި ވާންޖެހޭނެ. އަޅުގަނޑުމެންނަކީ، އަބުރުވެރި ބަޔަކު ކަމުގައި ވާންޖެހޭނެ. އަޅުގަނޑުމެންނަކީ ކެރޭ ބަޔަކު ކަމުގައި ވާންޖެހޭނެ. އަޅުގަނޑުމެންނަކީ، ފަހަރެއްގައިވެސް އަޅުގަނޑުމެންގެ ހިތަށް ވަގުތީގޮތުން ވެރިވާ ޝުޢޫރެއްގެ ސަބަބުން ހަމައިން ނައްޓާލައިގެންދާ ބަޔަކު ކަމުގައި ވެގެންނުވާނެ. އަޅުގަނޑުމެންގެ ހިތަށްވެރިވާ ރުޅިވެރިކަމެއްގެ ޝުޢޫރުގެ ސަބަބުން ނުވަތަ އުފާވެރި ކަމެއްގެ ސަބަބުން ނުވަތަ އެހެންވެސް އެފަދަ ޝުޢޫރެއްގެ ސަބަބުން އަޅުގަނޑުމެން ބުނާ ބަހަކީ، ހަރުދަނާކަން ކުޑަ ބަހެއްކަމުގައި ވެގެންނުވާނެ.

ހަމައެއާއެކުގައި އަޅުގަނޑުމެން އެކުރާ ޢަމަލަކީވެސް ހަރުދަނާކަން ކުޑަ، ސާބިތުކަމެއް ނެތް ޢަމަލަކަށް ވެގެނެއްނުވާނެ. އަބުރުވެރި ބަޔަކަށްވުމުގެ ވާހަކަ އަޅުގަނޑު މިދަންނަވަނީ އެއީ ވަރަށް މުހިންމު ސިފައަކަށްވާތީ. އަޅުގަނޑުމެން ކޮންމެ އިންސާނަކީވެސް އަބުރެއް އޮތް މީހެއް. ޢިއްޒަތުއްނަފްސުގެ މަތިވެރިސިފަ ލިބެންޖެހޭނެ މީހެއް. އެއީ، ޝައްކެއްނެތްގޮތުގައި އިންސާނުންނާއި ހައިވާނުންނާ ދޭތެރޭގައި އޮތް އެންމެބޮޑު ތަފާތު. ކޮންމެ އިންސާނަކީ އަބުރުވެރި މީހެއް. އެމީހާގެ އަބުރު ހިފަހައްޓަންޖެހޭނީ އެމީހާ.

އިސްލާމްދީނުގައި އަންގަވާފައިވާ އުޞޫލުތަކާ ޚިލާފަށް އަޅުގަނޑުމެން ޢަމަލުކުރަމުންދާ ކަމުގައިވަނީނަމަ، މާތްﷲ މަނާކުރައްވާފައިވާ ކަންތައްތައް ކުރަމުންދަނީ ކަމުގައިވަނީނަމަ، އެކިއެކި ފާފަތަކަށް އަރައިގަންނަމުންދާ ކަމުގައިވަނީނަމަ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުގެ ކުރިމަތީގައި އޮންނާނީ އަޅުގަނޑުމެންގެ ކޮން އަބުރެއްތޯ؟ ހަމައެފަދައިން، އަޅުގަނޑުމެން ކުރާ މުޢާމަލާތުތަކުގައި މަކަރުހަދައި، ހީލަތްހަދައި، މީހުންނަށް އޮޅުވާލައި، މިގޮތަށް ކަންތައް ކުރަމުންދާ ކަމުގައިވަނީނަމަ، އަޅުގަނޑުމެންގެ އަމިއްލަ ނަފުސުގެ ކުރިމަތީގައި އަޅުގަނޑުމެންގެ އެއްވެސް އަބުރެއް އޮންނާނެތޯ؟

އާދެ! މިވާހަކަ މިދަންނަވަންޖެހެނީ، ފަހަކަށްއައިސް މިކަހަލަ ކަންތައްތައް އަޅުގަނޑުމެންގެތެރެއަށް ވަރަށްމަތީ ދަރަޖައަކަށް ގެނެވިފައިވާތީ. މިކަން އަޅުގަނޑަށް މިހާރު ވަރަށްގިނަފަހަރަށް ފެންނަމުން އެބަދޭ. އަޅުގަނޑުމެންގެ ތެރޭގައި ތެދުވެރިކަން ކުޑަވުން، އަޅުގަނޑުމެން ކުރާ މުޢާމަލާތުތަކުގައި އެކަކު އަނެކަކަށް އޮޅުވާލުން، މަކަރުހެދުން، ހީލަތްހެދުން، ވަގުހެދުން. މިކަންތައްތައް މިއީ ހަމަ އެއްވެސް ބެލުމެއްނެތި، އެއްވެސް ހުއްޓުމެއްނެތި، އެއްވެސްކަހަލަ ބިރެއްނެތި، އަޅުގަނޑުމެން ކުރަމުން ގެންދާ ކަމެއް ކަމުގައިވެއްޖެ. އެފަދަ ޢަމަލުކުރާ މީހެއްގެ އަބުރަކީ، ޝައްކެއްނެތްގޮތުގައި، އެމީހާގެ ކުރިމަތީގައިވެސް އޮންނާނެ އެއްޗެއް ނޫން. އަދި މުޖުތަމަޢުގެ ކުރިމަތީގައިވެސް އޮންނާނެ އެއްޗެއް ނޫން.

މިދެންނެވި ބާވަތުގެ ނޭދެވޭ ޢަމަލުތައް ހިނގަނީ ހަމައެކަނި އަޅުގަނޑުމެންގެ މުޖުތަމަޢުގެ ދާއިރާގައި އެކަންޏެއް ނޫން. އަޅުގަނޑުމެންގެ މިކަހަލަ ޢަމަލުތައް މިހާރު ބޭރުދުނިޔެއަށްވެސް އެބަދޭ. އޭގެ ސަބަބުން ދިވެހިރާއްޖެއަށް ލިބެންވީ ރީތި ނަމުގެ ބަދަލުގައި، އަޅުގަނޑުމެން ދިވެހިރާއްޖެއަށް ހޯދައިދޭންވީ ރީތިނަމުގެ ބަދަލުގައި، އަޅުގަނޑުމެންގެ ބައެއް މީހުން ދިވެހިރާއްޖެއަށް ވަރަށް ހުތުރުނަން، މިހާރު އެބަ ހޯދައިދެމުން ގެންދޭ. އަޅުގަނޑު އަހާގޮތުގައި، ބައެއް ޤައުމުތަކަށް އަޅުގަނޑުމެން ދާއިރު، ދިވެހި ޕާސްޕޯޓެއް ހިފައިގެންދާ މީހަކުނަމަ، ބައެއް ތަންތާނގެ ކަސްޓަމުން އިތުރު ބެލުން ބަލަން އެބަޖެހޭ. އެހެން މީހުންނާ ވަކިކޮށްލާފައި، ދިވެހިން އެއްކިބާކޮށްލާފައި، އެމީހުންގެ ފޮށިތަންމަތި، އެހެން މީހުންނަށްވުރެ މާބޮޑަށް ފާސްކޮށް، އެމީހުންނާ އިތުރު ސުވާލުކޮށް، އެތައް ގަޑިއިރެއް ވަންދެން އެއަރޕޯޓުގައި އެމީހުން އެބަ ތިބެންޖެހޭ.

އެހެންވީމާ، އަޅުގަނޑުމެންނަށް މިކަމުން އެލިބެނީ ކިހާބޮޑު ހުތުރު ނަމެއްތޯ! ބައެއް ޤައުމުތަކުގެ ކުރިމަތީގައި، ހުރިހާ ދިވެހިންނަކީ މަކަރުހަދާ މީހުން، ވަގުން، ވަގު ވިޔަފާރިކުރާ މީހުން. އެގޮތަށް އަޅުގަނޑުމެން ޢަމަލުކުރާ ކަމުގައިވަނީނަމަ، އަޅުގަނޑުމެންގެ ޤައުމުގެ އޮންނާނީ ކޮން އަބުރެއްތޯ! އަޅުގަނޑުމެންގެ ކުރިމަތީގައިވެސް އަބުރެއް ނެތް. ބޭރުޤައުމުތަކުގެ ކުރިމަތީގައިވެސް އަޅުގަނޑުމެންގެ އަބުރެއް ނެތް. އަޅުގަނޑުމެން ޤައުމީ ޝުޢޫރު އާލާކުރާއިރު، އަދި ޤައުމީ ދުވަހު، ޤައުމީ އަބްޠާލުންގެ ހަނދާން އާކޮށް، އެބޭފުޅުން އެކުރެއްވި މަތިވެރި ޖިހާދުގެ ވާހަކަ ދައްކައި، އެއިން ޢިބްރަތް ލިބިގަންނައިރު، އެއީތޯ އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަންވީ ގޮތަކީ.

ހަމައެފަދައިން، ދަންނަވާލަންޖެހޭ ކަމެއް. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށްޓަކައި އަޅުގަނޑުމެންގެ ޤައުމު ފަޚުރުވެރިވާނީ އަޅުގަނޑުމެންނަކީ ކެރޭ ބަޔަކު ކަމުގައިވެސްވެގެން. އާދެ! މިހެން ދަންނަވަން މިޖެހެނީ، އަޅުގަނޑުމެން ދިވެހިންނަކީ، ބައެއް ކަންތައްތަކުގައި ކެރޭ ބަޔަކު ކަމުގައިވިޔަސް، ބައެއް މުހިންމު ކަންތައްތަކުގައި ލަދުގަތުމުގެ ސަބަބުން އަޅުގަނޑުމެން އަދާކުރަންޖެހޭ ވާޖިބުތައްވެސް އަދާކުރަން ބައެއްފަހަރަށް ޖެހިލުންވާ ބަޔަކު ކަމުގައިވާތީ. އާދެ! ފަހަރެއްގައިވެސް ދިވެހިންނަށް ނުވަތަ ދިވެހި ރައްޔިތުންނަށް، ނުވަތަ ދިވެހި ޤައުމަށް އަޅުގަނޑު ކުޑައިމިސްބަހެއް ރައްދުކުރަނީކީ ނޫން. އަޅުގަނޑަށް ފެނިފައިވާ ޙަޤީޤަތެއް ހަމައެކަނި ދަންނަވާލަނީ. އަޅުގަނޑު މިހުރި މަގާމުގެ ގޮތުންވެސް އަޅުގަނޑަށް ހީވަނީ، އަޅުގަނޑަށް ފެންނަ ލަފައެއް، އިރުޝާދެއް ދިނުމަކީ އަޅުގަނޑުގެ ވާޖިބަކަށްވާނެ ކަމެއްހެން. އެހެންވީމާ، އަޅުގަނޑު އެވާހަކަ މިދަންނަވާލަނީ.

ޝައްކެއްނެތް. ލަދުގަތުމަކީ ރަނގަޅު ސިފައެއް. އެހެންނަމަވެސް، ލަދުގަންނަންވީ ލަދުގަންނަންޖެހޭ ކަންތައްތަކުގައި. ފާފަކުރުން، ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތައް ކުރުން، އެއީ، އަޅުގަނޑުމެން ލަދުގަންނަންޖެހޭނެ ކަމެއް. އެފަދަ އެއްވެސް ކަމެއް ކޮށްގެނެއްނުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އެފަދަ ކަންތައްތަކަށް ލަދެއްނުގަނޭ. އެފަދަ ކަންތައް ކުރަނީ ހަމައެކަނި ސިއްރުގައެއް ނޫން. ފާޅުގައިވެސް ކުރަނީ. މިއާ ޚިލާފަށް، ލަދުގަންނަނީ، ލަދުގަތުން އެކަށީގެންނުވާ، ނުވަތަ އެފަދަ ކަމެއްގައި ލަދުގެންފިނަމަ، އެމީހާގެ ޙައްޤު ގެއްލިގެން ހިނގައިދާނެފަދަ ކަންކަމުގައި.

ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެން މިހާރު މިތިބީ ބޭރުދުނިޔެއަށް ނުކުމެ. ގާތްގަނޑަކަށް ބޭރު ދުނިޔޭގެ ހުރިހާ ފަރާތްތަކަކާ އަޅުގަނޑުމެން މުޢާމަލާތު ކުރަމުން އެބަގެންދަމު. އެކުވެރި ޤައުމުތަކާ އަޅުގަނޑުމެންނާ ދޭތެރޭގައި ސިޔާސީ މުޢާމަލާތު ހިނގާ. ވިޔަފާރީގެ މުޢާމަލާތު ހިނގާ. އަދި އެހެނިހެން ދާއިރާތަކުގައިވެސް މުޢާމަލާތު ހިނގާ. އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކާއި އަޅުގަނޑުމެންނާ ދޭތެރޭގައިވެސް އެފަދަ މުޢާމަލާތު ހިނގާ. ބައިނަލްއަޤްވާމީ އެކިއެކި މަޙްފިލުތަކުގައި އަޅުގަނޑުމެން ބައިވެރިވާންޖެހޭ. އަޅުގަނޑުމެން ޚިޔާލުފާޅުކުރަންޖެހޭ. އަޅުގަނޑުމެންގެ ޤައުމުގެ ޙައްޤުގައި އަޅުގަނޑުމެން އަދާކުރަންޖެހޭ ވާޖިބުތަކެއް އަދާކުރަންޖެހޭ.

އެކަންތައްތައް އަދާކުރަމުން ގެންދާއިރު، ބައެއްފަހަރަށް އަޅުގަނޑުމެންނަކަށް ނުކެރޭ އަޅުގަނޑުމެން ބޭނުންވާގޮތަށް އެއްޗެއް ބުނާކަށް ނުވަތަ ޢަމަލުކުރާކަށެއް. އަޅުގަނޑުމެންނަށް ހީވަނީ އަޅުގަނޑުމެންނަކީ ތަންދޮރު ނުދަންނަ ބައެއްހެން. އަޅުގަނޑުމެންނަކީ، ކަންތައްތައް ކުރަން އެކަށީގެންނުވާ ބައެއް ކަމުގައި އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީހެން އަޅުގަނޑަށް ހީވަނީ. އަޅުގަނޑުމެންނަކީ، އެއްވެސްކަހަލަ ކަމެއް ކުރުމުގެ ޤާބިލިއްޔަތު ހުރި ބައެއް ނޫންކަމުގައި އަޅުގަނޑުމެންގެ ހިތަށް ވަދެފައި އޮންނަނީ ކަމަށްވެސް ވެދާނެ.

އެހެނެއްނޫން، މުސްތަޤިއްލު ޤައުމެއްގެ އަފްރާދުން ވާންޖެހޭނެ، ފިސާރި ކެރޭ، އެމީހުންގެ އަބުރު ހިފަހައްޓާ ބަޔަކަށްވާން. ބޭރުދުނިޔޭގައި އަޅުގަނޑުމެން ވަކާލާތު ކުރާއިރު، އަޅުގަނޑުމެން ވަކާލާތު ކުރަންޖެހޭނީ ކެރިގެން. އަޅުގަނޑުމެންގެ ޤައުމާ ގުޅޭ ކަމެއްގައި އެއްޗެއް ބުނާނަމަ، އަޅުގަނޑުމެންގެ ޤައުމުގެ ޙައްޤު ރައްކާތެރިކުރަން ކެރިގެން އެވާހަކަ ދައްކަންވާނީ. ބޭރުބަޔަކު ބުނީތީ، އެބަޔަކު އެބުނާގޮތަށް އެއްވެސް ކަމެއް ދޫކޮށްލައިގެން ނުވާނެ.

އަޅުގަނޑުމެން ހަމަ ކޮންމެ ކަހަލަ ކަމެއްގެ ވާހަކަ ދެއްކިޔަސް، ވަރަށްގިނައިން ވާގޮތެއް މިދެންނެވީ. އެންމެ ކުޑަވެގެން ވިޔަފާރީގެ ކަމެއްގައި ވާހަކަ ދެއްކިޔަސް، ބޭރުމީހަކު ބުނެފިއްޔާ ދެން އިތުރަށް އެއްޗެއް ބުނާކަށް ނުކެރޭ. އެމީހުން އެބުނާގޮތަށް ކަންތައް ކުރުމުން އަޅުގަނޑުމެންނަށް ގެއްލުމެއް ލިބޭކަހަލަ ކަންކަމުގައިވެސް އަޅުގަނޑުމެންނަށް ވާގޮތަކީ، އެމީހުން އެއީ މާމޮޅު ބައެކޭ ހިތަށްއަރަނީ. އަޅުގަނޑުމެންނަކީ، މާ ތަޢުލީމެއް ނެތް، މާ ތަޖުރިބާއެއް ނެތް، މާ ނިކަމެތި ބައެކޭ ހިތަށްއަރަނީ. އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެން ޢަމަލުކުރަންވީ ގޮތަކީ އެއީއެއް ނޫން. އަޅުގަނޑުމެން ޖެހޭނެ ކެރެން. އެގޮތަށް ކަންތައް ކުރުމުން، ބޭރުމީހުންގެ ކުރިމަތީގައި އަޅުގަނޑުމެންގެ އަބުރެއް ނޯންނާނެ. އަޅުގަނޑުމެންނަކީ ކެރޭ ބަޔަކަށް ނުވާނެ.

އެހެންނަމަވެސް، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންނަކީ ކެރޭ ބައެއްކަމުގައިވިޔަސް، އަޅުގަނޑުމެން ޖެހޭނެ ހަރުދަނާ ބަޔަކަށްވާން. އަޅުގަނޑުމެން ބުނާ ވާހަކަތައް، ދައްކާ ވާހަކަތައް، ނުވަތަ ކުރާ ޢަމަލުތައް ބިނާވެފައި އޮންނަންޖެހޭނީ ވަރަށްބޮޑަށް ވިސްނާފައި، އަޅުގަނޑުމެންނަށް އެންމެ ފުރިހަމަގޮތުގައި އެކަމެއް އެގޮތަށް ގެންދިޔުން ޤަބޫލުކުރެވޭ ގޮތަކަށް. އަދި ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ އަމިއްލަ އަބުރު ހިފަހައްޓާ ބަޔަކަށްވެސް ވާންޖެހޭނެ. އޭރުން، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންނަށްޓަކައި ދިވެހިރާއްޖެ ފަޚުރުވެރިވާ ބަޔަކަށްވާނީ. އަދި އަޅުގަނޑުމެންގެ ލޭގައި ހިނގަމުންދާ ޤައުމީ ޝުޢޫރު އަޅުގަނޑުމެންގެ ޢަމަލުތަކުން ތަރުޖަމާކުރާ ބަޔަކަށްވާނީވެސް އޭރުން.

އާދެ! މިއީ އަޅުގަނޑުގެ ހިތުގައި މިރޭވެސް، އަދި މީގެކުރިންވެސް މިކަހަލަ މުނާސަބަތުތަކުގައި ހިނގަމުންދާ ޝުޢޫރުތަކަކީ. އެހެންވީމާ، ޕްރޮގްރާމްގައި ނެތްކަމުގައިވިޔަސް، އެވާހަކަ ދަންނަވާލާ ހިތުން އަޅުގަނޑު މިތަނަށް އައިސް މިރޭ މިހުއްޓުނީ.

އާދެ! އަޅުގަނޑު އަދިވެސް އެއްފަހަރު، ތިޔަބޭފުޅުންގެ އަރިހުން މަޢާފަށް އެދެން. އެހެންނަމަވެސް، އަޅުގަނޑު ޔަޤީންކުރާ ގޮތުގައި އަޅުގަނޑު މިދެއްކި ވާހަކައިންވެސް، ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންނަށް އެއީ ބޭނުންތެރި ވާހަކައެއް ކަމުގައި ކޮންމެވެސްވަރަކަށް ހީފުޅުކުރެއްވޭނެ. އެހެންކަމާއެކު، އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، އަޅުގަނޑުގެ ވާހަކަ އަޑުއެއްސެވުމަށް ތިއްބެވި ކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އަދި ދިވެހިރާއްޖެއަށް ފާގަތި މުސްތަޤްބަލެއް މިންވަރު ކުރެއްވުން އެދި ގެ ޙަޟްރަތަށް ދުޢާކުރަމުން، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ހަރުދަނާ، އަބުރުވެރި، ކެރޭ ބަޔަކު ކަމުގައި ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވަމުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.