ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް އިއްޔެ ޒިޔާރަތްކުރައްވައިފިއެވެ.

އިއްޔެ ހެނދުނު އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ފިއްލަދޫއަށެވެ. އެރަށުގެ ރައްޔިތުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޘަޤާފީ ކުޅިވަރުތަކާއެކުގައެވެ. އެއަށްފަހު، އެރަށުގައި ކުޅުނު ޢީދު ކުޅިވަރުތަކުގައި ރައްޔިތުންނާއެކު އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން ފެންކުޅިއާއި މޫދަށްލުމުގެ ކުޅިވަރުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެފަހުން، ރައްޔިތުންނާ ބައްދަލުކުރައްވައި ރަށުގެ އެކިއެކި ކަންކަމާބެހޭ މަޢުލޫމާތު ހޯއްދެވިއެވެ.

ފިއްލަދޫއިން އެމަނިކުފާނު ވަޑައިގަތީ ކެލައަށެވެ. އެރަށުންވެސް އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ހާލު އައްސަވާ ޢީދުގެ ތަހުނިޔާ ވިދާޅުވިއެވެ. އަދި އެރަށުގައި ކުޅުނު ޢީދު ކުޅިވަރުތައް ބައްލަވާލެއްވިއެވެ. މި ކުޅިވަރުތަކުގެ ތެރޭގައި މަލިކު ދަނޑި ޖެހުންވެސް ހިމެނެއެވެ.

އެއަށްފަހު، އެމަނިކުފާނު މުޅަދުއަށް ވަޑައިގެން މުޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ޢީދުގެ ތަހުނިޔާ ވިދާޅުވުމަށްފަހު، ޢީދުގެ އުފަލުގައި މުޅަދޫގައި ބާއްވާ ކާނިވަލެއް ހުޅުއްވައިދެއްވިއެވެ.

މުޅަދޫއިން ނައިބު ރައީސް ވަޑައިގެންނެވީ އިހަވަންދުއަށެވެ. އެރަށުންވެސް ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އިހަވަންދޫގައި ޢީދު އުފާ 2009ގެ ކުޅިވަރުތައް ފަށްޓަވައިދެއްވީވެސް އެމަނިކުފާނެވެ. އޭގެފަހުން އެމަނިކުފާނު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރަށުގެ އެކިކަންކަމާބެހޭ މަޢުލޫމާތު ހޯއްދެވިއެވެ. އަދި މިއަހަރުގެ މަސްވެރިންގެ ދުވަސް އެރަށުގައި ފާހަގަކުރުމަށްޓަކައި ހިނގަމުންދާ ތައްޔާރީތައް ބައްލަވާލެއްވިއެވެ. މިގޮތުން އެރަށުގައި ހަދަމުންދާ ސްޓޭޑިއަމާއި، ކުޑަކުދިންގެ ޕާކަށް ޒިޔާރަތް ކުރައްވައި އެމަސައްކަތްތައް ހިންގާ ފަރާތާ ވާހަކަފުޅު ދައްކަވައި މަޝްވަރާ ކުރެއްވިއެވެ.

ނައިބު ރައީސް ތިލަދުންމައްޗަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ ހެނދުނުގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާ ގޮތަށްވަނީ ހަމަޖެހިފައެވެ.