بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވަން އޮތީ އިޚްލާޞްތެރި ޝުކުރު. ތިންވަނަ ރިޔާސީ ދައުރަކާ އަޅުގަނޑު ޙަވާލުވުމުގެ މުނާސަބަތުގައި ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން މާލެއަށް ވަޑައިގެންނެވި މަންދޫބުން އަދި މާލޭގެ އަވަށްއަވަށުގެ ރައްޔިތުންގެ ފަރާތުން މިޖަލްސާއަށް ވަޑައިގެންނެވި މަންދޫބުންނާއި، ވިޔަފާރިވެރިންގެ ފަރާތުން ވަޑައިގެންނެވި މަންދޫބުން، އެހުރިހާ ފަރާތްތަކަކުން އަޅުގަނޑަށް ވިދާޅުވި މަރުޙަބާއާއި، ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް، އަދި ތިޔަބޭފުޅުން ތިޔަ ތަމްސީލު ކުރައްވާ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން، އަތޮޅުތަކުގެ މަންދޫބުންނާއި، މާލޭގެ އަވަށް އަވަށުގެ މަންދޫބުންނާއި، ވިޔަފާރިވެރިންގެ މަންދޫބުން ފާޅުކުރެއްވި ޝުޢޫރުތަކުން އަޅުގަނޑަށް ވަރަށްބޮޑު ހިތްވަރެއް ލިބިއްޖެ. އާދެ، ރާއްޖޭގެ ރައްޔިތުން ވޭތުވެދިޔަ ތާނގައި ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތް ވަޒަންކުރައްވާކަން އެނގުނުކަން އެއީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް. އަދި އުފަލެއް. ރާއްޖޭގެ ރައްޔިތުންވެސް ޤަބޫލުކުރައްވާނެފަދައިން، މިވޭތުވެދިޔަ ދެ ދައުރުގައި، އާދެ، 1978 ވަނަ އަހަރުން ފެށިގެން 1988 ވަނަ އަހަރާ ދޭތެރޭގައި މިހިނގައިދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރުން މަސައްކަތް ކުރަމުން އައިސްފައިވަނީ، ރައްޔިތުންގެ ފައިދާއާއި، ރައްޔިތުންގެ ލާބައަށްޓަކައި. ރައްޔިތުންގެ އަސާސީ ޙައްޤުތައް، ރައްޔިތުންނަށް ހޯދައިދިނުމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް، ރައްޔިތުންނަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި. ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކޮށް، މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތައް ރާއްޖޭގައި ޤާއިމުކޮށް، ރާއްޖެއަށް ބޭރު ދުނިޔޭގައި ރީތިނަމާއި، ތަޢުރީފު ލިބެނިވި ގޮތްތަކުގެމަތިން ކަންތައްތައް ކުރުމަށްޓަކައި.

އާދެ، ވޭތުވެދިޔަ މި ދެ ދައުރުގައި، މިދެންނެވި ރޮނގުރޮނގުން ސަރުކާރުން ކުރަމުން އައިސްފައިވާ މަސައްކަތްތައް ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރެއްވިކަމީ، ސަރުކާރަށް ލިބުނު ވަރަށް މަތިވެރި ހިތްވަރެއް. އަދި މިއުޞޫލުތައް ކުރިއަށް ގެންދިޔުމުގައި ސަރުކާރަށް ލިބުނު ވަރަށްވެސް މަތިވެރި ބާރެއް. ޝައްކެއްނެތް، އެއްވެސް ޤައުމެއްގައި ސަރުކާރެއް ހިންގޭނީ، އެޤައުމެއްގެ ރައްޔިތުން އެސަރުކާރަކަށް ތާއީދުކުރާ މިންވަރެއްގެ މަތިން. ރައްޔިތުންގެ ތާއީދު ނެތް އެއްވެސް ސަރުކާރަކީ، އެއްވެސް ޤައުމެއްގައި ކަމެއް ކުރެވޭނެ ސަރުކާރެއް ނޫން. އަދި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް މަސައްކަތް ނުކުރާ ސަރުކާރަކީ، ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް މަސައްކަތް ނުކުރާ ސަރުކާރަކީ، ދުނިޔޭގެ އެއްވެސް ތަނެއްގައި ޤާއިމުވެގެން ހިނގަމުންދާނެ ސަރުކާރެއް ނޫން. އެހެންކަމާއެކު، ރާއްޖޭގެ ރައްޔިތުން، އާދެ، ރާއްޖެތެރޭގެ ރައްޔިތުންނާއި، މާލޭގެ ރައްޔިތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ވަޒަންކުރައްވައި، އެކަމުގެ އަޑު މިޖަލްސާގައި އުފުއްލަވައިދެއްވިކަމީ އަޅުގަނޑުގެ ސަރުކާރަށް ލިބުނު ވަރަށްވެސް މަތިވެރި ހިތްވަރަކާއި ބާރެއް.

އާދެ، ތިޔަ ހުރިހާ ބޭފުޅުންގެ ވާހަކަފުޅުތަކުގައިވެސް ފާހަގަކުރެއްވި ފަދައިން، މިހިނގާ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއާ ކުރިމަތިވީ ވަރަށްވެސް ބޮޑު ނުރައްކަލެއް. ރާއްޖޭގެ މިނިވަންކަން ނަގާލުމަށްޓަކައި ރާއްޖޭގެ ދެމީހަކު ބޭރުގެ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ރާއްޖެއަށް ދިން ޙަމަލާއެއް އެއީ. އެ ޙަމަލާ ކާމިޔާބުވިނަމަ، ގެއްލިގެންދިޔަހީ ހަމައެކަނި ރާއްޖޭގެ މިނިވަންކަމެއް ނޫން. ރާއްޖޭގެ އަމްނުއަމާންކަމާއި ރާއްޖޭގެ ހަމަޖެހުމާއި ރައްޔިތުންގެ ސަލާމަތާއި، މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާ، މިހުރިހާ އެއްޗެއްވެސް ހަލާކުވެގެންދިޔައީސްކަން ކަށަވަރު.

އާދެ، ރާއްޖޭގެ ދެމީހަކު ބައިވެރިވެގެން ގެނައި، ބޭރުގެ ކުލީ ސިފައިން ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލު ނައްތާލުމަށްޓަކައި، ރާއްޖޭގެ އަމްނުއަމާންކަން ފުނޑުފުނޑުކޮށްލުމަށްޓަކައި، ރާއްޖޭގައި އޮތް ސިޔާސީ ހަމަޖެހުން ނައްތާލުމަށްޓަކައި، އެކުރި މަސައްކަތްތައް ނާކާމިޔާބުވެގެން އެދިޔައީ، އަޅުގަނޑު ދަންނަވާނީ ހަމައެކަނި ﷲގެ ތަނަވަސް ރަޙްމަތްފުޅުންނޭ. ﷲގެ ރަޙްމަތާއި ފަޟްލުވަންތަވެރިކަމާއި، އެކަލާނގެ ނަޞްރު، އެދުވަހު އަޅުގަނޑުމެންނަށް ނުލިބުނުނަމަ، މިއަދު ރާއްޖޭގެ ކަންތައްތައް އޮތީހީ ވަރަށްވެސް ހިތާމަކުރުން އެކަށީގެންވާ ގޮތެއްގައި.

އާދެ، މިހާރު އަޅުގަނޑު ވިސްނާލިޔަސް، އެދުވަހު ކަންތައްތައް ދިޔަގޮތާއި އަދި އެ ބޮޑު ނުރައްކަލުން އަޅުގަނޑުމެންގެ ޤައުމާއި މިނިވަންކަން ސަލާމަތްވެގެންދިޔަގޮތް އެއީ އަޅުގަނޑަށް ވަރަށްވެސް ބޮޑު ޙައިރާންކަމެއް ލިބިދޭ ކަމެއް. ހުރިހާ ކަމެއް ރޭވިގެންދިޔައީ ﷲގެ ޙިކްމަތްފުޅާ އެއްގޮތްވާގޮތުގެމަތިން، އެކަލާނގެ ރަޙްމަތްފުޅުން ރާއްޖެއަށް ކާމިޔާބާއި ނަޞްރު ލިބޭ ގޮތެއްގެ މަތިން. އެ ޙަމަލާ އައީ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު އިންތިޒާރުނުކޮށް ހުއްޓާ. ކުއްލިއަކަށް އައި ޙަމަލާއެއް، ޙަމަލާއަކީ. ވަރަށްގިނަ ޢަދަދެއްގެ މީހުން ކުއްލިއަކަށް މާލެއަށް އަރައި ޙަމަލާދޭން ފެށީ. ބޭނުންކުރި ހަތިޔާރުތަކަކީ، ތިޔަބޭފުޅުންނަށް މިހާރު އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށް ނުރައްކާތެރި ހަތިޔާރުތަކެއް. އެކިއެކި އޮޓޮމެޓިކް ހަތިޔާރު، މޯޓަރ ބޮމް، ރޮކެޓް، ގްރެނޭޑް، މިނޫންވެސް ޢިމާރާތްތަކާއި ތަންތަން ހަލާކުކޮށް ސުންނާފަތިކުރާފަދަ އަދި މީސްތަކުން މަރައި، ނެތިކޮށްލާފަދަ ބާރުގަދަ ހަތިޔާރުތަކެއް، އެމީހުން ބޭނުންކުރަމުން ގެންދިޔައީ. އެހެންނަމަވެސް، ﷲގެ ރަޙްމަތްފުޅުން އެމީހުންނަށް އެ ހަތިޔާރުތަކުގެ ބޭނުމެއްނުކުރެވުނު. އަދި ބޭނުންކުރިކަމުގައިވިޔަސް، އެ ހަތިޔާރުތަކުން އެމީހުން ހީކުރި ނަތީޖާއެއް ނުލިބުނު. ސިފައިންގެ ތެރެއަށް އެމީހުން ފޮނުވާލި އެތައް ބޮމެއް ހުރީ ނުގޮވާ. ސަރުކާރުގެ ބައެއް ޢިމާރާތްތަކުގެ ތެރެއިންވެސް ފެނުނު، ނުގޮވާ ހުރި ބޮމް. އިއްޔެ މާލޭގެ ފަޅުތެރެއިންވެސް ފެނުނު، އޭގެ ބޮމެއް. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ﷲގެ ރަޙްމަތްފުޅުންނޭ އެކަންތައްތައް އެހެން އެދިޔައީ. އަޅުގަނޑުމެން ކުރިކަމަކުން ނޫނޭ. އެބޮމް އައިސް، އަޅުގަނޑުމެން ތިބޭ ހިސާބަށް އައިސް ވެއްޓުމުން، އެންމެންވެސް ހީކުރާނީ، އެބޮމް ގޮވާނެ ކަމަށް. އެހެންނަމަވެސް، އެބޮމް ނުގޮވީ، އެއީ އަޅުގަނޑުމެން އިންސާނުންގެ ތަދުބީރަކުން ނޫން. އެއަށްވުރެ މާމަތީ ފަރާތެއްގެ ތަދުބީރުން.

ހަމައެހެންމެ ދަންނަވަން އޮތީ، އެދުވަހު ހިނގައިދިޔަ މިކަހަލަ ކިތަންމެ ކަމެއްގެ ވާހަކަ. އެމީހުން ޖެހި އުންޑަތައްވެސް، އެ އުންޑަތަކުގެ ޢަދަދު ގިނަކަމާއެކު، އަޅުގަނޑުމެންގެ މީހުންގެ ގަޔަކަށް ނާރަޔޭ ދެންނެވިޔަކަސް އެއީ ދޮގަކަށްނުވާނެ. އަޅުގަނޑުމެންގެ ތެރެއިން އެދުވަހުގެ ހަނގުރާމައިގައި ޝަހީދުވެގެންދިޔައީ 12 މީހުން. އެދުވަހުގެ ހަނގުރާމައިގައި ހާނީއްކަވީ ހަމައެކަނި 43 މީހުން. އެއަށްވުރެ މާގިނަ ޢަދަދެއްގެ އެތައް ސަތޭކަ ގިނަ ޢަދަދެއްގެ ވަޒަންތައް، އެމީހުން އެކި ދިމަދިމާއަށް ފޮނުވަމުން ގެންދިޔަ. މިކަމުންވެސް ﷲގެ ރަޙްމަތާއި ފަޟްލުވަންތަވެރިކަމާއި، އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވި ނަޞްރު، ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެންދޭ. އަދި އެމީހުން އެ ދިން ޙަމަލާގައި، ތަންތަން ހަލާކުވެގެންދިޔައީވެސް ހީނުކުރާހާވެސް މަދުން. ސިފައިންގެ ކުރިމަތިން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އެމީހުން ދިން ޙަމަލާތަކުން ވެފައިވާ ގޮތް. އެހެންނަމަވެސް، ކުރިން މިދެންނެވި ހަތިޔާރުތަކާއި، އެބޭނުންކުރި ބޮމްތަކާ އެއްޗެތިން އެއަށްވުރެ ބޮޑެތި ގެއްލުން ލިބޭނެކަން ހަމަ ކޮންމެ އިންސާނަކަށްވެސް ވަޒަންކުރެވޭނެ. އެކަމަކު އެހެނެއްނުވި. އަދި ބައެއް ދިމަދިމާއަށް އެމީހުން ދިން ބަޑީގެ ޙަމަލާ، އޭގެ އަމާޒުފަތްގަނޑަށް ނާރާހުރީ ވަރަށް ކުޑަކުޑަ ދުރުމިނެއްގައި. ޕޯސްޓެލް ޢިމާރާތަށް އާދެ، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަނާބެހޭ ޢިމާރާތަށް އެމީހުން ދިން ޙަމަލާގައި، މެޝިންބަޑިއަކުން ބަޑި ޖެހުމުން ނުކުމެގެން ގޮސްފައި އުންޑަތައް، އަޅުގަނޑު އެތަނަށްގޮސް ބެލިއިރު، އޭގެތެރެއިން ބައެއް އުންޑަ ގޮސްފައިހުރީ އެތާނގައި ހުރި ބެޓެރީތަކުގައި ނުޖެހި، ހަމަ އެންމެ އިންޗިއެއްގެ މިންވަރު. އެތާނގައި ތިއްބެވި ބޭފުޅުން އަޅުގަނޑު ގާތުގައި ވިދާޅުވީ، އެ، އެއިން ބެޓެރީއެއްގައި ޖެހުނުނަމަ، އެއިން ބެޓެރީއަކަށް އެވަޒަން އެރިނަމަ، އެތަނުގައި އަލިފާން ރޯވީހޭ. އެހެންނަމަވެސް، އެހެނެއްވެސް ނުވި. އެހެންވީމާ، އަޅުގަނޑަށް ދެންނެވޭނީ އަދި އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެންވެސް ޤަބޫލުކުރާނީ، އެދުވަހު އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީއާއި ނަޞްރަކީ ހަމައެކަނި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުން އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީއަކާއި ނަޞްރެއް ކަމުގައި.

އާދެ، ﷲގެ ފަޟްލުވަންތަވެރިކަމާއި ރަޙްމަތް ކިތަންމެހާވެސް ބޮޑު. ހަމައެއާއެކުގައި، އަޅުގަނޑުމެންގެ ސިފައިން ކުރި ހިތްވަރާއި ރައްޔިތުން ސާބިތުކޮށްދިން ހަމަހިމޭންކަމާއި، ކެތްތެރިކަން އެއީވެސް އަޅުގަނޑުމެންނަށް މި ނަޞްރު ލިބުމުގެ ވަރަށްބޮޑު ސަބަބެއް. އެދުވަހު ސިފައިން ހަނގުރާމަކުރަމުން ގެންދިޔައީ ޤައުމުގެ ދިފާޢުގައި، ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި، އިސްލާމްދީނުގެ ދިފާޢުގައި. އެކުރި ހަނގުރާމައިގައި އެމީހުން މަރާ ކުރިމަތިލީ ފިސާރި ކެރިގެން. އެމީހުންނަށް ލިބިފައިވާ ތަމްރީނަކީ، އަޅުގަނޑުމެންގެ ރާއްޖެއަށް ފުދޭވަރެއްގެ ތަމްރީނު ކަމުގައިވިޔަސް، މިފަދަ ހަނގުރާމައަކަށް އެކަށީގެންވާފަދަ ތަމްރީނެއް ނޫން. އެއީ މީގެ ކުރިން ދުވަހަކުވެސް އަޅުގަނޑުމެންނަކަށް މިފަދަ ކަމެއް ދިމާވެފައެއް ނެތް. އަދި ދިމާވެދާނެކަމުގެ އެއްވެސްކަހަލަ ހީއެއްވެސް ކުރެވިފައެއް ނެތް. ހަނގުރާމަ ކުރުމުގެ ތަޖުރިބާއެއް ނެތް، ސިފައިންގެ ބަޔަކު، އަޅުގަނޑުމެންގެ ސިފައިންގެ ގޮތުގައި ތިބީ. އެހެންނަމަވެސް، އެދުވަހު އެމީހުން އެކުރި ހިތްވަރާއި، އެމީހުން އެ ހަނގުރާމަކުރިލެއް ފުރިހަމަކަން އެއީ ހަމައެކަނި އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާ އެއްޗެއް ނޫން. ބޭރުން އަޅުގަނޑުމެންނަށް އެހީވުމަށްޓަކައި އެދުވަހު އައި އިންޑިޔާ ސިފައިންގެ އޮފިސަރުން، އަޅުގަނޑުމެންގެ ސިފައިންގެޔަށްގޮސް އެތާނގައި ކަންތައްތައް ހުރިނެތްގޮތް ބަލައި، އަދި ސިފައިން ހަނގުރާމަ ކުރަމުން ގެންދިޔަގޮތް ބަލާފައި، އެމީހުން އަޅުގަނޑުމެންގެ ސިފައިންނަށް ހިފެހެއްޓުމެއް ނެތް ތަޢުރީފުކުރި.

އާދެ، ސިފައިން އެދުވަހު އެކުރި ޖިހާދަކީ، ހުރިހާ މާނައެއްގައިވެސް ވަރަށް މަތިވެރި ޖިހާދެއް. އެމީހުންގެ ތެރެއިން ޝަހީދުވެގެން އެދިޔަ މީހުންނަކީ ﷲ ގެ މަގުގައި އިސްލާމްދީނުގެ ދިފާޢުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ޝަހީދުވެގެންދިޔަ ބައެއް. އެމީހުން އެދުވަހު އެވީ ޤުރުބާނީ އެއީ އަޅުގަނޑު ހިތުން ދުވަހަކުވެސް ރާއްޖޭގެ ތާރީޚުން ފިލައިގެންދާނެ ޤުރުބާނީއެއް ނޫން. އެހެންކަމާއެކު، ތިޔަބޭފުޅުންނެކޭ އެއްފަދައިން، އާދެ، ރާއްޖޭގެ ރައްޔިތުންނެކޭ އެއްފަދައިން، އަޅުގަނޑުވެސް ސިފައިންގެ ހިތްވަރުގަދަ، ކެރޭ އޮފިސަރުންނަށާއި، އެން.ސީ.އޯ. އިންނަށާއި، ޕްރައިވެޓުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރާއި ތަޢުރީފް އަދާކުރަން. އެދުވަހު ރާއްޖޭގެ ރައްޔިތުންވެސް ސާބިތުކޮށްދެއްވީ، ދިވެހި ރައްޔިތުންނަކީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި، އިޚްލާޞްތެރި ރައްޔިތެއްކަން. އަޅުގަނޑަށް އެނގިފައިވާގޮތުގައި، ރައްޔިތުންގެ އެއްވެސް ބަޔަކު، އެދުވަހު ބިރުން ކަމެއްކުރަން ނުކެރިފައެއް ނުތިބޭ. އަޅުގަނޑުމެންގެ ކުޑަކުދިންވެސް މަގުމައްޗަށް ނުކުމެ، އެކުދިންނަށް ވީވަރަކުން ހަތިޔާރު އަޅައިގެން ތިބި ކުލީ ސިފައިންނާ ދިމާކޮށްހެދި. އެދުވަހު އަޅުގަނޑުމެންގެ ރައްޔިތުންގެ އަތްމަތީގައި ހަތިޔާރު ހުރިނަމަ އަޅުގަނޑު ދަންނަވާނީ، އެދުވަހު މާލެއަށް އެ ޙަމަލަދިން ކުލީސިފައިންގެ އެކަކަށްވެސް އެމީހެއްގެ ފުރާނަޔާއިގެން ސަލާމަތެއް ނުވެވުނީހޭ. ދިވެހި ރައްޔިތުންނަކީ ވޭތުވެދިޔަ ތާނގައިވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ދިފާޢުކުރުމަށް އެތައް ޤުރްބާނީތަކެއް ވެފައި ތިބި ބައެއް. މިއަދުވެސް ދިވެހިރައްޔިތުން ތިބީ އެގޮތުގައި. އަދި މާދަމާވެސް ތިބޭނީ ހަމަ އެގޮތުގައި.

އާދެ، މި ނުރައްކާތެރި މުޢާމަރާ ރޭވުމުގައި ބައިވެރިވި ދެ ދިވެހިން ބުނާ ވާހަކަތައް، ހިސާބަކަށް މިހާރު ބޭރުގެ ނޫސްތަކުގައި ޖަހަމުން އެބަގެންދޭ. އަޅުގަނޑު ހިތުން އެކަން އަޅުގަނޑުމެންނަށް އެނގެންޖެހޭނެ. ނޫސްވެރިކަމުގެ މިނިވަންކަން، ދުނިޔޭގައި އޮންނަ ގޮތް، އިތުރަށް ތިޔަބޭފުޅުންނަށް ދަންނަވާކަށް ނުޖެހޭނެ. ޙަޤީޤަތަކީ ކޮބައިކަން އޮޅުންފިލުވުމެއްނެތި، ބޭރު ދުނިޔޭގެ ނޫސްތަކުގައި އެކި ވާހަކަތައް ޖަހަމުންގެންދަނީ، އެއްވެސް ދީނަކަށް، ޟަމީރަކަށް، އަޚްލާޤަކަށް ރިޢާޔަތް ކުރުމެއްނެތި. ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު އަޅުގަނޑުމެން މި ކުރަންޖެހުނު ހަނގުރާމައިގެ ޚަބަރުތައްވެސް، ދުނިޔޭގެ ނޫސްތަކުގައްޔާއި، ދުނިޔޭގެ ރޭޑިޔޯތަކުން ފޮނުވަމުން، ޝާއިޢުކުރަމުން ގެންދިޔައީ ތަފާތު ގޮތްގޮތަށް. ރާއްޖޭގެ ދުއިސައްތަ މީހުން މަރުވި ވާހަކަވެސް ޚަބަރުގައި ކިޔައި، ނޫސްތަކުގައި ޖެހި. ދެހާސް މީހުން ރަހީނުންގެ ގޮތުގައި، އެ ކުލީސިފައިން ހައްޔަރުކޮށްފައި ތިބި ވާހަކަވެސް، ބޭރު ދުނިޔޭގެ ރޭޑިޔޯތަކުންކީ. އަދި ނޫސްތަކުގައި ޖަހައިހެދި. ރައީސުލްޖުމްހޫރިއްޔާއާއި ކެބިނެޓްގެ ދެ މިނިސްޓަރުން، އެމީހުންގެ އަތްދަށުގައި ހައްޔަރުވެފައި ތިބި ވާހަކަވެސް ބޭރުގެ އެންމެ މަޝްހޫރު ރޭޑިޔޯތަކުން ގޮވަމުން ގެންދިޔަ. ނޫސްތަކުގައި ޖަހަމުންދިޔަ. އެހެންވީމާ އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ ރޭޑިޔޯތަކާއި ނޫސްތަކުގައި ޖަހާ ޚަބަރުތަކުގައި ތެދު ދޮގު ހުންނަ މިންވަރު. އެގޮތުން އަޅުގަނޑު ދަންނަވާނީ، މިހާރު މިހިސާބުގަނޑުގެ ބައެއް ޤައުމުތަކުގެ ނޫސްތަކުގައި، މި ރޭވުމުގެ އަޑީގައި ތިބި ދިވެހިން އެދައްކާ ވާހަކަވެސް ޖަހަމުންގެންދަނީ އެއްގޮތަކަށްވެސް އެއީ ޙަޤީޤަތަކަށްވާތީއެއް ނޫނޭ. ނޫސްވެރިކަމުގެ މިނިވަންކަން އެމީހުންނަށް ވިސްނިފައި އޮންނަ ގޮތަކުން، ކޮންމެ މީހަކު ބުނާ އެއްޗަކީވެސް އެމީހުން ނޫހުގައި ޖަހާނެ އެއްޗެއް. އަދި ވަކި މަޤްޞަދަކަށްޓަކައިވެސް ޖަހާފާނެ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެފަދައިން، ދިވެހިންގެ ތެރެއިން މިބޮޑު ޚިޔާނާތްވި މީހުން ގުޅިފައި ތިބީ ބޭރުގެ ޓެރަރިސްޓް ޖަމާޢަތަކާ. ހަތިޔާރު އެޅި، އެއްވެސްކަހަލަ އުޞޫލަކަށް ތަބަޢަނުވާ، ބޭނުންހާގޮތަކަށް މީހުން މަރަމުން، ތަންތަން ގޮއްވަމުން، އެމީހުންގެ މަޤްޞަދުތައް ޙާޞިލްކުރުމަށް މަސައްކަތް ކުރަމުން ގެންދާ ޖަމާޢަތަކާ. އެހެންވީމާ، ބޭރުގެ މި ދެންނެވި ނޫސްތަކުގައި، އެމީހުންގެ ފަރާތުން އެޖަހައިދޭ ވާހަކަތައް އެއީ މިދެންނެވި ޖަމާޢަތުގެ ފަރާތުން ޖަހާ ވާހަކައެއް ކަމުގައިވުންވެސް އެކަށީގެންވޭ. އޭގެތެރެއިން އެއް ވާހަކައަކީ، މިމުޢާމަރާގެ އަޑީގައި ތިބި ދެ ދިވެހިންގެ ބޭނުމަކީ، ރާއްޖޭގައި ޢަދުލުވެރި، އިސްލާމީ ސަރުކާރެއް ޤާއިމުކުރުން ކަމުގައި. މިކަމާ ދޭތެރޭގައި ވިސްނާއިރު، އަޅުގަނޑުގެ ވިސްނުން ކޮށިކަމުންވެސްކަންނޭނގެ އަޅުގަނޑަކަށް ނުވިސްނުނު، އެދުވަހު އެމީހުން ރާއްޖެއަށް އަރައި އެޙަމަލާ ދިންގޮތުން ކޮންކަހަލަ ޢަދުލުވެރި އިސްލާމީ ވެރިކަމެއްކަން ރާއްޖޭގައި ޤާއިމުކުރެވޭނީކީ. ޢަދުލުވެރި އިސްލާމީ ވެރިކަމެއް ޤާއިމުކުރެވޭނީ، ހަތިޔާރު އެޅި ކާފަރުންގެ ބަޔަކު ރާއްޖެއަށް ގެނެސްގެންތޯ؟ އެއްވެސް ދީނެއް ނެތް ބަޔަކު، އެއްވެސްކަހަލަ އުޞޫލެއް ޤަބޫލުނުކުރާ ބަޔަކު ހަތިޔާރާއެކު ރާއްޖެއަށް ގެނެސްގެންތޯ؟ ޢަދުލުވެރި އިސްލާމީ ވެރިކަމެއް ޤާއިމުކުރެވޭނީ، ކުށެއް ނެތް އެތައް ބަޔަކު މަރައި، އެމީހުންގެ ލޭ އޮހޮރުވައިލައިގެންތޯ؟ ޢަދުލުވެރި އިސްލާމީ ވެރިކަމެއް ޤާއިމުކުރެވޭނީ، އިސްލާމްދީނުގައި އެންމެ މާތް ކުރައްވާފައިވާ ތަންތަން ކަމުގައިވާ މިސްކިތްތަކުގެ ޙުރްމަތްކަނޑައި، މިސްކިތްތަކަށް އަރައި، ހަނގުރާމަކުރާ ތަންތަން ކަމުގައި އެތަންތަން ބޭނުންކޮށް އަދި ނަމާދު ޞައްޙަނުވާ މިންވަރަށް އެތަންތަން ނުތާހިރުކޮށްގެންތޯ؟ ޢަދުލުވެރި އިސްލާމީ ވެރިކަމެއް ޤާއިމުކުރެވޭނީ، އެކަން ކުރަން ތިބޭ ބަޔަކީ، ދީނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާ އަދި އެމީހުންގެ ޢަމަލުތައް ދައްކާގޮތުންވެސް، ދީނަކީ އެމީހުން ޤަބޫލުކުރާ އެއްޗެއްކަން ނޭނގޭފަދަ ދަރަޖައަކަށް އެމީހުންގެ ޢަމަލުތައް ގޮސްފައިވާ ބައެއް ގެނެސްގެންތޯ؟ އާދެ، އަޅުގަނޑު ދެންނެވިހެން، އަޅުގަނޑުގެ ވިސްނުން ކޮށިކަމުންކަންނޭނގެ އަޅުގަނޑަށް ނުވިސްނިގެން މިއުޅެނީ. އެހެންނަމަވެސް، އެއީ އެމީހުން ދައްކާ ވާހަކައެއް ކަމުގައި ޚަބަރު ލިބިފައިވަނީ.

ދެން އެދުވަހު އެމީހުން ޢަމަލު ހިންގިގޮތަށް ބަލާއިރުވެސް، މުޅި ރައްޔިތުންގެ ސަލާމަތަށްޓަކައި، ޤައުމުގެ ފައިދާއަށްޓަކައި ޢަމަލުކުރާ ބައެއްކަމުގެ އެއްވެސް ހެތްކެއް، ހަމަ ގައިމު އަޅުގަނޑަކަށް ނުފެނުނު. ރަހީނުންގެ ގޮތުގައި އެމީހުން ގެންދިޔަ މީހުންނަކީ، އޭގެ ތެރެއިން ބައެއް މީހުންނަކީ، އަޅުގަނޑު ދަންނަވާނީ، އަމިއްލަ ޙަސަދަވެރިކަމެއް ފިލުވައިލުމަށްޓަކައި ގެންދިޔަ ބައެކޭ. އެ ދިވެހީންގެ ދެމީހުންކުރެ ކޮންމެވެސް އެކަކަށް، އޭނާ ބޯޓު ދަތުރުކުރިއިރު ދިމާވެފައި އޮތް މައްސަލައެއް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގައި އޭނާ އެދޭގޮތަށް ޙައްލުވެފައި ނެތުމުގެ ސަބަބުން ގޮވައިގެންދިޔައީ އަޅުގަނޑުމެންގެ ޢިއްޒަތްތެރި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގ. އޭގެތެރެއިން އެކަކު ގަވާޢިދާ ޚިލާފަށް ކުރަން އުޅުނު ވިޔަފާރިއެއް މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުން ހުއްޓުވީމާ، ރަހީނުންގެ ގޮތުގައި އެމީހުން ގެންދިޔައީ، އެ މިނިސްޓްރީގެ އިސްވެރިޔެއް. މުޅި ރައްޔިތުންގެ ފައިދާއަށް ޢަމަލުކުރާ ބައެއްގެ ޢަމަލުތައް ހުންނަންވާނީ އެގޮތަކަށް ކަމެއް އަޅުގަނޑަކަށެއް ނޭނގެ. އަދިވެސް ބޭރުގެ ނޫސްތަކުގައި، އެމީހުންގެ ފަރާތުން ވަކާލާތުކޮށްދޭ މީހުން ބުނާ އެއް ވާހަކައަކީ، ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކޮށްފައި ތިބި ބައެއްގެ މައްޗަށް އެކުލެވޭ މަޖިލީހެކޭ. ޝައްކެއްނެތް، އެމީހުން އެބުނާ ބުނުމުން، އިހާނާތް އެ ރައްދުވަނީ ހަމައެކަނި އަޅުގަނޑަކަށެއް ނޫން. އެ ބޮޑު އިހާނާތް ރައްދުވަނީ ރާއްޖޭގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސްމެ.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެފަދައިން، ރާއްޖޭގެ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 48 މެންބަރުންގެ ތެރެއިން 40 މެންބަރުންނަކީ، ރާއްޖޭގެ އެކިއެކި ދާއިރާތަކުން މިނިވަން އިންޞާފުވެރި އިންތިޚާބަކުން ހޮވޭ މެންބަރުން. އެއްވެސް ޙާލެއްގައި އެއީ ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރާ ނުވަތަ ޢައްޔަންކުރާ ބައެއްނޫން. އެމީހުން ބުނަނީ ރައްޔިތުންގެ މަޖިލީހުގައި ތިބެނީ މުޅިންވެސް ރައީސް ޢައްޔަންކުރާ، ރައީސް ބުނާގޮތަކަށް ކަންތައް ކުރަންޖެހޭ ބައެއް ކަމުގައިވާތީ، ރައީސް އިންތިޚާބުވެދާނެއޭ، ދެވަނަ ދައުރަކަށްވެސް، ތިންވަނަ ދައުރަކަށްވެސް، އަދި އެއަށްވުރެ ގިނަ ދައުރަށްވެސް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ތިޔަބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވަރަށްގިނަ ޢިއްޒަތްތެރި މެންބަރުން އެބަ ތިއްބެވި. އެއްވެސް އިންތިޚާބެއްގައި، ވަކި މީހަކަށް ވޯޓު ދެއްވުމަކަށް އެއްވެސް ފަރާތަކުން ތިޔައިން އެއްވެސް ބޭފުޅަކަށް އަންގާފައިނުވާކަން، އެއީ ތިޔަބޭފުޅުން އަމިއްލަފުޅަށް ހެކިވެވަޑައިގަންނަވާނެ ކަމެއް. ފުރަތަމަ އިންތިޚާބުގައި އާދެ، 1978 ވަނަ އަހަރު އަޅުގަނޑު ހުރީ އާދައިގެ މީހެއްގެ ގޮތުގައި. އެފަހަރުވެސް އެއްވެސް މީހެއްގެ ގާތުގައި އަޅުގަނޑު އިންތިޚާބުކުރާކަށް، އަޅުގަނޑު ރައީސަކަށްވާން އެދޭ ކަމަކަށް ބުނެފައެއް ނޯންނާނެ. މިއީ ހަމަ އެންމެންވެސް ދަންނަ ޙަޤީޤަތެއް. އޭގެފަހުން 1983 ވަނަ އަހަރު، ދެވަނަ ފަހަރަށް އަޅުގަނޑު އިންތިޚާބުވީ އަޅުގަނޑު މި މަޤާމުގައި ހުއްޓާ. އަދި 1988 ވަނަ އަހަރު އާދެ، މިއަހަރު ތިންވަނަ ފަހަރަކަށް އަޅުގަނޑު މި އިންތިޚާބުވީވެސް އަޅުގަނޑު މި މަޤާމުގައި ހުއްޓާ. އެހެންވީމާ، ފަހަރެއްގައި މީހަކު ހީކޮށްފާނެ، ރައީސްކަމުގެ މަޤާމުގައި ހުންނަ މީހަކަށް އިންތިޚާބާ ބެހޭގޮތުން ނުފޫޒެއް ފޯރުވިދާނެއޭ. އެހެންނަމަވެސް، ކަމުގެ ޙަޤީޤަތް ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ސިއްރު ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރަނީ، އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުން. އެ މަޖިލީހުގައި ވޯޓު ދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާގޮތް، ތިޔަބޭފުޅުން އަމިއްލަފުޅަށް ވާނީ ދެކެވަޑައިގެންފައި. އެވޯޓު ދިނުމުގައި ތިޔަބޭފުޅުން އާދެ، މަޖިލީހުގެ މެންބަރުން ވާނީ ބައިވެރިވެވަޑައިގެންފައި.

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 48 މެންބަރުންގެ ތެރެއިން 40 މެންބަރުންނަކީ، ރާއްޖޭގެ އަތޮޅުތަކުންނާއި، މާލެއިން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅުން. އެ ބޭފުޅުން ރައީސަކު އިންތިޚާބު ކުރުމުގައިވެސް އަދި އެނޫން ކަންތައްތަކުގައިވެސް ޢަމަލުކުރައްވަނީ، އަދި ޢަމަލު ކުރައްވަންޖެހޭނީ އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ އެންމެ މަޞްލަޙަތުހުރި ފައިދާ ބޮޑު ގޮތަކަށް. ރައްޔިތުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާ 8 މެންބަރުންނަކީ، ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ބޭފުޅުންކޮޅެއް. 8 މެންބަރުން. އެބޭފުޅުންވެސް، ރައީސުލްޖުމްހޫރިއްޔާ ހޮވުމުގެ އިންތިޚާބުގައި ކަންތައް ކުރައްވަން ޖެހިވަޑައިގަންނަވާގޮތް، އެބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. 

އާދެ، 1983 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ދެވަނަ ދައުރަކަށް އަޅުގަނޑު ހޮވިއިރު، 1983 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް ފަސްއަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަން ފެންނަ މީހަކު، ރައްޔިތުންގެ މަޖިލީހުގެ ސިއްރު ވޯޓުން ހޮއްވެވިއިރު، އެޖަލްސާ ކުރުމުގެ ކުރިން އަޅުގަނޑު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ 8 މެންބަރުންނަށް ސިޓީފުޅެއް ފޮނުވިން. އެ މިހާރުވެސް ފެންނަން އޮންނާނެ. އެ ސިޓީފުޅުގައި އަޅުގަނޑު ދަންނަވާފައި ވާނީ، ޤާނޫނުގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކާލާތު ކުރައްވަން ޖެހިވަޑައިގަންނަވަނީ، އެބޭފުޅުން އިންތިޚާބުކުރި ނުވަތަ ޢައްޔަންކުރި ފަރާތެއްގެ ނަމުގައި ކަމަށްވިޔަސް، އިންތިޚާބުގައި ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާ މީހަކު ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ކުރެއްވުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ތިޔަބޭފުޅުންނަށް އެބައޮތޭ. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް އެކަން ގެންދެވުން އެދެމޭ. އެއީ 1983 ވަނަ އަހަރު ތިއްބެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުންނަށް އަޅުގަނޑު ފޮނުވި ސިޓީފުޅެއްގައިވާ ވާހަކަ. ހަމަ އެގޮތުގެ މަތިން، 1988 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި އެ ޖަލްސާ ކުރުމުގެ ކުރިން، އަޅުގަނޑު ސޮއިކޮށްފައި ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުންނަށް ފޮނުވި ސިޓީފުޅެއްގައި ހަމަ ދަންނަވާފައިވާނީ އެގޮތަށް. ކުރިއަށް އޮތް އިންތިޚާބުގައި ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވާށޭ. އެއްވެސް ޙާލެއްގައި، އެއްވެސްއިރަކު، އަޅުގަނޑަށް ވޯޓު ދެއްވާކަށެއް ނުދަންނަވަން. އެއީ ތާރީޚަށް ފެންނަން އޮންނާނެ ޙަޤީޤަތެއް. އެހެންވީމާ، އެ ދައްކާ ވާހަކަ އެއީ އެއްވެސް ތާކުންތާކުޖެހޭ ވާހަކައެއް ނޫންކަން، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހެންނަމަވެސް، ހިތާމައަކީ އެކަހަލަ ވާހަކަތައް ބޭރުދުނިޔޭގެ ނޫސްތަކުގައި ޖެހީމާ، ވަރަށް ގިނަ މީހުންނަށް، ބޭރު ދުނިޔޭގެ މީހުންނަށް އެއީ ތެދެކޭވެސް ހީވެދާނެ. އަދި އެއް ނޫހެއްގައި ޖަހާ ވާހަކަ، އެހެން ނޫސްތަކުގައިވެސް ޝާއިޢުކޮށްފާނެ. އެހެންވީމާ، އެކަންތައްތައް ދާނީ ފެތުރެމުން. އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް.

ހަމައެއާއެކީގައި، އެމީހުން ބުނާ އަނެއް ވާހަކައަކީ، ރާއްޖޭގައި މިނިވަންކަމެއް ނެތޭ. ރައްޔިތުންގެ މަޖިލީހަށް އެމީހުން ކުރާ ވަރަށްބޮޑު އިހާނަތެއްގެ ވާހަކަ ދަންނަވަން އޮތީ. ވަރަށް މަޢާފާއެކު މި ދަންނަވަނީ. އެމީހުން ބުނަނީ ރައްޔިތުންގެ މަޖިލީހަކީ، ރައީސުލްޖުމްހޫރިއްޔާ ނިންމާ ކަންތައްތަކުގައި، ތައްގަނޑުޖަހަން ތިބި ބައެކޭ. އެއްވެސްކަމަކާ ދޭތެރޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް އޮތް ބައެއް ނޫނޭ. އެއްވެސް ގޮތަކަށް ވޯޓު ދިނުމުގެ ޙައްޤު އޮތް ބައެއް ނޫނޭ. 

އާދެ، ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، އަޅުގަނޑު ރައީސްކަމާ ޙަވާލުވިތާ ވަރަށް ކުރީކޮޅު، ސީދާ އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި ޤާނޫނެއް އޮންނާނެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޤާނޫނީ ޙިމާޔަތް ލިބިދޭ ޤާނޫނު. އެ ޤާނޫނުގައި ބުނެފައި އޮންނާނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޚިޔާލުފާޅުކުރައްވާ ގޮތަކުން ނުވަތަ ވޯޓު ދެއްވާ ގޮތަކުން، އެ މެންބަރަކާ ދޭތެރޭގައި އެއްވެސް މައްސަލައެއް ނުޖެއްސޭނެއޭ. އެކަމަކީ އެބޭފުޅުންނަށް ފުރިހަމަ އިޚްތިޔާރު ލިބިވަޑައިގެންވާ ކަމެކޭ. އެއީ އެ ޤާނޫނުގެ މާނައަކީ. އެ ޢިބާރާތް އޮތްގޮތް ކަނަޑައެޅިގެން އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ. އެހެންވީމާ، އަޅުގަނޑު ވަރަށް ފަޚުރުވެރިވަން. އަޅުގަނޑު ރާއްޖޭގެ ރައީސްކަމާ ޙަވާލުވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިނިވަންކަންދިންކަން، ޤާނޫނީގޮތުން ސާބިތުވާން އޮތްކަން އެއީ އަޅުގަނޑު ހިތުން އަޅުގަނޑު ފަޚްރުވެރިވުން ޙައްޤު ކަމެއް. ޢަމަލީގޮތުން އެކަން ހިނގަމުންދަނީވެސް އެހެންކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ. ސަރުކާރުން ހުށަހަޅާ ބިލްތައްވެސް ހުށަހަޅާ ގޮތަކަށް ފާސްވަމުން ނުދޭ. ފާސްވާން ނުވެސްޖެހޭނެ. ރައްޔިތުންގެ މަޖިލީހުގައި އެކަމާ ދޭތެރޭގައި މިނިވަންކަމާއެކު ޚިޔާލުފާޅުކުރެވިގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ އިޞްލާޙުތަކަކާ އެކުގައި ބިލްތައް ފާސްވަމުންދަނީ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިނުގަންނަވާ ބިލެއްވިއްޔާ ފާހެއްވެސް ނުވާނެ. އެހާ މިނިވަންކޮށް، ރައްޔިތުންގެ މަޖިލީހުގެ ކަންތައްތައް އޮތީ. މިހާރު ހިނގަމުންދަނީވެސް. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމިއްލައަށް ހުށަހަޅުއްވާ ބިލްވެސް، ޤާނޫނީގޮތުން ފާސްވާގޮތަށް، އެ ހަމަތަކުގެމަތިން މަޖިލީހުން ފާސްވެއްޖިއްޔާ ފާސްވެގެންދަނީ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އެ ޤާނޫނުތައް އަޅުގަނޑު ތަޞްދީޤު ކުރަމުންވެސް އެބަ ގެންދަން. އެކަހަލަ ބައެއް ޤާނޫނުވެސް ފާސްވެފައި އެބަހުރި. އަޅުގަނޑު ތަޞްދީޤުކޮށްފައިވެސް ވާނެ. އެހެންނަމަވެސް، ވާހަކައޮތީ އަޅުގަނޑު މިދެންނެވި ގޮތަށް، ބޭރުގެ ބައެއް ނޫހުގައި ޝާއިޢުކުރެވިފައި.

އާދެ، ދެން އެމީހުން ބުނާ ވާހަކައަކީ، ރާއްޖޭގައި އޮތީ ރައްޔިތުން ނުރުހޭ، ރައްޔިތުން ނޭދޭ ސަރުކާރެކޭ. އެ ސަރުކާރު ބަދަލުކޮށްލެވޭނީ ހަމައެކަނި ބާރުގެ ބޭނުންކޮށްގެންނޭ. އެހެންވީމައޭ ތިމަންނާމެން ބާރުގެ ބޭނުން ކުރަންޖެހުނީ. އާދެ، ކުރިންވެސް ދެންނެވިފަދައިން، 1978 ވަނަ އަހަރު އަޅުގަނޑު ފުރަތަމަ އިންތިޚާބުވިއިރު، އަޅުގަނޑު ހުރީ އެއްވެސް ކަމަކަށް ބާރުފޯރުވޭކަހަލަ މަޤާމެއްގައެއް ނޫން. އެހެންވީމާ، އަޅުގަނޑު ރައީސްކަމަށް އައީ ބާރުގެ ބޭނުންކޮށްގެންނެއް ނޫން. އެކަން ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަދި 1983 ވަނަ އަހަރު، ދެވަނަ ފަހަރަކަށް އަޅުގަނޑު އިންތިޚާބުވީވެސް ބާރުގެ ބޭނުންކޮށްގެނެއް ނޫން. އަދި 1988 ވަނަ އަހަރު ތިންވަނަ ދައުރަކަށް އަޅުގަނޑު އިންތިޚާބުވީވެސް ތިޔަބޭފުޅުން ހެކިވެވަޑައިގަންނަވާނެ ގޮތުގައި ބާރުގެ ބޭނުންކޮށްގެނެއް ނޫން. އަޅުގަނޑަކީ އެއްވެސް ހާލެއްގައި ބާރުގެ ބޭނުންކޮށްގެން، ރާއްޖޭގެ ވެރިކަމުގައި ހުންނަން ބޭނުންވާ މީހެއް ނޫން. އަދި ބާރުގެ ބޭނުންކޮށްގެން، އެއްވެސް މަޤާމެއްގައި ހުންނަން ބޭނުންވާ މީހެއް ނޫން. އަޅުގަނޑު މި މަޤާމުގައި މިހުންނަނީ، ރާއްޖޭގެ ރައްޔިތުން އެކަމަށް އެދިވަޑައިގަންނަވާތީ. މިނިވަން އިންޞާފުވެރި އިންތިޚާބަކުން އަޅުގަނޑު އިންތިޚާބުވެގެން.

މިއަހަރު ބޭއްވުނު އިންތިޚާބު، ޢާންމު ރައްޔިތުންގެ އިންތިޚާބުގެ ކަންކަން ހިނގާ ނުހިނގާގޮތް ބެލުމަށްޓަކައި، ބޭރު ދުނިޔޭގެ ނޫސްތަކުގެ ރިޕޯޓަރުންވެސް އައި. މާލޭގައި އިންތިޚާބު ހިނގައިދިޔަގޮތްވެސް އެމީހުން ދުށް. އަދި އައްޑުއަތޮޅުގައްޔާއި، ހައްދުންމަތީގައި އެކަންދިޔަގޮތްވެސް، މަތިންދާ ބޯޓުން ދަތުރުކޮށްފައި ގޮސް އެދުވަހު އެމީހުން ދުށް. އެއިން އެއްވެސް މީހަކު، ރާއްޖޭގައި އިންތިޚާބު މިހިނގަނީ ނަހަމަގޮތެއްގައޭ، ދުނިޔޭގެ ބައެއް އެހެން ތަންތާނގައިވާހެން ޤަވާޢިދާ ޚިލާފަށޭ، އެހެން ބުނެފައެއް ނެތް. އެއިން އެއްވެސް މީހަކަށް، އެކަހަލަ ކަމެއް ފެނިފައެއް ނެތް. ކޮންމެ މީހަކުވެސް، އެމީހެއްގެ އަމިއްލަ ހިތުން ރުހުމުން އެމީހަކަށް ފެންނަ ގޮތަކަށް ވޯޓު ދީފައިވަނީ. އެކަން އިންތިޚާބުގެ ނަތީޖާއިންވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، އަޅުގަނޑަކީ ބާރުގެ ބޭނުންކޮށްގެން، ރައީސްގެ މަޤާމަށް އައިސްފައި ހުރި މީހެއް ނޫން. އަދި ގަދަބާރުގެ ބޭނުންކޮށްގެން، މިމަޤާމުގައި ހުންނަން ބޭނުންވާ މީހެއްވެސް ނޫން. ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަކަށް އަބަދުވެސް ކަންތައް ކުރަން ތައްޔާރަށް ހުރި މީހެއް. ހަމަ މިއަދުވެސް އަޅުގަނޑު މި މަޤާމު ދޫކޮށްލަން، ރައްޔިތުން ވިދާޅުވެއްޖެނަމަ، ހަމަ ވަގުތުން އަޅުގަނޑު ދޫކޮށްލާނަން. އެހެންވީމާ، އެއްގޮތަކަށްވެސް އެމީހުން އެބުނާ ވާހަކައަކީ ތެދެއް ނޫންކަން ތިޔަބޭފުޅުންނަށް ޔަޤީންވެވަޑައިގަންނަވަންޖެހޭނެ.

ރާއްޖޭގެ ވެރިކަމުގެ ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން. ވެރިކަމަކީ ރައްޔިތުން ބޭނުންވާ ބަޔަކަށް ދޭން އޮތް ކަމެއް. ރައްޔިތުން އެ ވެރިކަން ޙަވާލުކުރާނީ. ރައްޔިތުން، މީހުން ވެރިކަމުން ދުރުކުރާނީ. ވެރިކަމުގައި ހުންނަ މީހަކު ދުރުކުރުމުގެ ޤާނޫނީ ހަމަތަކެއް އަޅުގަނޑުމެންގެ ރާއްޖޭގައި އެކަށައެޅިފައިވޭ. ޤާނޫނުއަސާސީގައި އެކަން ބަޔާންވެގެންވޭ. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކު ކަންތައް ކުރަމުން ގެންދަނީ، ރައްޔިތުން ނުރުހޭ ގޮތެއްގެމަތިން ކަމުގައިވާނަމަ، ނުވަތަ ރައްޔިތުންނަށް ލާބަޔާއި މަންފާ ނުލިބޭ ގޮތެއްގެ މަތިން ކަމުގައިވާނަމަ އަދި ރައްޔިތުންގެ ޙައްޤުތަކަށް އެމީހަކު އަރައިގަންނަ ކަމުގައިވަނީނަމަ، އެމީހަކު މަޤާމުން ދުރުކުރުމުގެ ކަންތައް ގެންދަންވީގޮތް، ޤާނޫނުއަސާސީގައި ބަޔާންވެގެންވޭ. އެހެންވީމާ، އެ ބުނާ ވާހަކައަކީ އަޅުގަނޑު ހިތުން ހަމަގައިމުވެސް ރާއްޖޭގެ އެއްވެސް ރައްޔިތަކު ޤަބޫލުކުރާނެ ވާހަކައެއް ނޫން.

އާދެ، މިވާހަކަތައް އަޅުގަނޑު މި ދަންނަވާލީ، އަޅުގަނޑުމެންގެ ރާއްޖެއަކީ މިހާރު ބޭރުދުނިޔެއަށް ހުޅުވިފައިވާ ރާއްޖެއަކަށްވާތީ. ރާއްޖޭގައި ހިނގާ ކަންތައްތައް، ބޭރު ދުނިޔެއަށް އެނގޭ. ދުނިޔޭގެ ނޫސްތަކުގައި ޖަހާ. ރޭޑިޔޯތަކުން އެޚަބަރު ފޮނުވައި ހަދާ. އަދި ޚާއްޞަކޮށް، މިކަހަލަ ނުރައްކާތެރި ކަމެއް ދިމާވީމާ، ބޭރުގެ ނޫސްވެރިންގެ އަދި ޚަބަރު ފޮނުވާ ވަސީލަތްތަކުގެ ސަމާލުކަން، ރާއްޖެއަށް ވަރަށްބޮޑަށް ލިބޭނެ. އަދި މިހާރު އޮތީ ލިބިފައި. މިކަންކަން މިހެން އޮތުމުން، ކުރިންވެސް ދެންނެވިފަދައިން، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ބޭރުދުނިޔޭގައި އެއްވެސްކަހަލަ އުޞޫލެއް، ޤަވާޢިދެއް ނެތް އެއްޗަކަށްވާތީ، އެމީހަކު ބޭނުން އެއްޗެއް ބޭނުންގޮތަކަށް، ބޭރުގެ ނޫސްތަކުގައި ޖަހަމުންގެންދެވިދާނެ. އެކަހަލަ ވާހަކަތައް، ބޭރު ދުނިޔޭގެ މީހުން އަހާ. އެއީ ތެދެއް ކަމުގައިވެސް އެމީހުންނަށް ޤަބޫލުކުރެވޭގޮތް ދިމާވެދާނެ. އަޅުގަނޑުގެ ވާހަކައަކީ، އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ފަހަރެއްގައިވެސް އެކަންކަން އޮޅިގެނެއްނުވާނެ. ރާއްޖޭގައި ކަންތައްތައް ހިނގާ ނުހިނގާ ގޮތުގެ ފުރިހަމަ ޙަޤީޤަތް އެނގޭނީ، ރާއްޖޭގެ ރައްޔިތުންނަށް. ބޭރު މީހުންނަކަށް ނޫން. އަދި ރާއްޖޭގެ މިނިވަންކަން ނަގާލުމަށްޓަކައި، ރާއްޖޭގައި އުފެދިފައިވާ ދިމުޤްރާތީ ސަރުކާރު ނައްތާލުމަށްޓަކައި އެކިއެކި ރޭވުންތައް ރާވާ ދިވެހިންނަކަށްވެސް ނޫން. މިކަންކަން އަޅުގަނޑުމެން ރަނގަޅަށް ދަންނަންޖެހޭނެ.

އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، ޤާނޫނީ ހަމަތަކުގެމަތިން އަޅުގަނޑު ރައީސްގެ މަޤާމު ދޫކޮށްލަން، ރާއްޖޭގެ ރައްޔިތުން މިއަދުވެސް އެދިވަޑައިގެންފިނަމަ އަދި އެދިވަޑައިގެންނެވި ކޮންމެ ހިނދެއްގައި އެމަޤާމް ދޫކޮށްލަން އަޅުގަނޑު މިހުރީ ތައްޔާރަށް. އެހެންނަމަވެސް، ޤާނޫނާ ޚިލާފަށް، ހަތިޔާރުގެ ބޭނުންކޮށްގެން، ގޮށްމުށުގެ ބާރުން އަޅުގަނޑު މަޤާމުން ދުރުކުރަން އުޅޭ ކޮންމެ މީހަކާ އަޅުގަނޑު ހަނގުރާމަ ކުރާނަން. މިހެން މިދެންނެވީ، އަޅުގަނޑުގެ ބޮލުގައި އެޅިފައިވާ އަމާނަތަށް ރައްކާތެރިވުމުގެ ގޮތުން. އަޅުގަނޑު މި މަޤާމާ ޙަވާލުވަމުން ކުރި ހުވަޔަށް އިޚްލާޞްތެރިވުމުގެ ގޮތުން. އެ ހުވާގައި ބުނެފައިވަނީ، މާތްވެގެންވާ އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތުމަށް. ރާއްޖޭގެ ޤާނޫނުއަސާސީއަށް ޙުރްމަތްތެރިކޮށްހިތުމަށް. ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް. ކާފަރުންގެ ބައެއްގެ އަތްދަށަށް ރާއްޖެ ދިޔުމަކީ ޝައްކެއްނެތްގޮތުގައި، އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތުމަށް ހުވާކޮށްގެން ހުންނަ މީހަކަށް ޤަބޫލުކުރެވޭނެ ކަމެއް ނޫން. ޤާނޫނީ ހަމަތަކާ ޚިލާފަށް، ރާއްޖޭގެ ސަރުކާރު ބަދަލުކޮށްލަން ބަޔަކު އުޅުނަސް، ރާއްޖޭގެ ޤާނޫނުއަސާސީއަށް ޙުރްމަތްތެރިކޮށްހިތުމަށް ހުވާކޮށްގެން ހުންނަ މީހަކަށް އެކަމެއް ޤަބޫލެއް ނުކުރެވޭނެ. ރައްޔިތުންގެ ޙައްޤުތަކުގެ ތެރެއިން އެންމެބޮޑު ޙައްޤަކީ، އެންމެ އަސާސީ ޙައްޤަކީ، ރައްޔިތުން އެދޭ ވެރިކަމެއް ޤާއިމުކުރުން.

އެހެންވީމާ، ޤާނޫނީ ހަމަތަކުގެ މަތިން، ރައްޔިތުން އިޚްތިޔާރުކޮށް، އިންތިޚާބު ކޮށްފައިވާ ވެރިކަމެއް، ޤާނޫނާ ޚިލާފަށް ބަޔަކު ވައްޓާލުމަށް އުޅޭ ކަމުގައިވަނީނަމަ، އެކަމަކީވެސް ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ހުވާކޮށްގެން ހުންނަ މީހަކަށް ޤަބޫލުކުރެވޭނެ ކަމެއްނޫން. އާދެ، އެހެންވީމާ އަޅުގަނޑު މިދެންނެވީ ޤާނޫނުއަސާސީއާ ޚިލާފަށް ހަތިޔާރު ބޭނުންކޮށްގެންވެސް، ނުކޮށްވެސް އެއްވެސް ބަޔަކު ވެރިކަން ބަދަލުކޮށްލުމަށް ކުރާ މަސައްކަތަކީ، ފަހަރެއްގައިވެސް އެކަމާ ދެކޮޅަށް އަޅުގަނޑު މަސައްކަތް ކުރުމަށް، އަދި ހަނގުރާމަ ކުރަން ޖެހިއްޖެނަމަ، ހަނގުރާމަ ކުރުމަށް ޖެހިލުންވާނެ ކަމެއް ނޫނޭ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى ދިވެހިރާއްޖެއަށް އަމާންކަމާއި، އުފާފާގަތިކަމާއި، ޞުލްޙަމަޞްލަޙަތު މިންވަރުކުރެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ އަލިގަދަ ނޫރު އަބަދުވެސް ރާއްޖޭގައި ލެހެއްޓެވުން. ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލް ރައްކާތެރި ކުރުމުގައި އަބަދުވެސް މާތް ﷲގެ ނަޞްރާއި ނަޞީބާއި ކާމިޔާބު އަޅުގަނޑުމެންނާ އެކުގައިވުން. ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި، ބާއްޖަވެރި، ހަމަހިމޭން ދުވަސްތަކެއް اللهُ سُبْحَانَهُ وَتَعَالَى ދެއްކެވުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.