بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އިސްލާމީ އެހީތެރިކަމުގެ ގުޅުމުގެ ފަރާތުން މާލޭގައި ބިނާކުރެއްވި މި މިސްކިތް ހުޅުވައިދިނުމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވިކަމަށްޓަކައި، އެ ޖަމުޢިއްޔާގެ މަސްއޫލުވެރިންނަށާއި މެމްބަރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އިސްލާމީ އެހީތެރިކަމުގެ ގުޅުމަކީ، ރާއްޖޭގައި އުފެދިފައިވާ އަމިއްލަ ޖަމާޢަތެއް. އެޖަމާޢަތުގެ ފަރާތުން މިހާރު ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ވަނީ މިސްކިތް ބިނާކުރައްވައި ހުޅުއްވާފައި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މާލެއަތޮޅު ގުރައިދޫގައި، މާފުށީގައި، އަދި ރ. އަތޮޅު މީދޫގައި، މިހާރު މި ޖަމާޢަތުގެ ފަރާތުން ބިނާކުރައްވައި ހުޅުއްވާފައިވާ މިސްކިތްތައް ހުޅުވިފައި އެބަހުރި. އެ ތަންތަނަށް، އެ ތަންތާނގެ އަހުލުވެރިން ގޮސް، ނަމާދު ޤާއިމުކުރަމުން އެބަ ގެންދޭ.

އާދެ، އިސްލާމީ އެހީތެރިކަމުގެ ގުޅުމުން މި ކުރައްވާ ބުރަ މަސައްކަތުގައި އަދި ރައްޔިތުންނަށް މި ދެއްވާ މުހިންމު ޚިދުމަތުގައި، ރާއްޖެތެރެ އިސްކުރެއްވިކަން އެއީ އަޅުގަނޑު ވަރަށް ބޮޑު އުފަލަކާއެކު ފާހަގަކުރާ ކަމެއް. އެނގިވަޑައިގަންނަވާނެ ފަދައިން، މާލެއާއި ރާއްޖެތެރެއާ ދޭތެރޭގައި ތަފާތު އޮތްގޮތުން ސަރުކާރުންވެސް އެންމެ މުހިންމުކަން ދެނީ ރާއްޖެތެރެ ތަރައްޤީކުރުމަށް. އެކަން އެހެން އޮތުމާއެކު، އެ ޖަމުޢިއްޔާގެ ފަރާތުން އެގޮތަށް މި މަސައްކަތް ގެންދެވިކަން އެއީ އަޅުގަނޑު ހިތުން ރާއްޖެތެރެއަށް، މި ޖަމުޢިއްޔާގެ ފަރާތުންވެސް ދެއްވާ އަހަންމިއްޔަތު އޮޅުންފިލައިގެން ކަނޑައެޅިގެންދާ ކަމެއް.

އާދެ، ޝައްކެއްނެތް، މިސްކިތްތައް ބިނާކުރުމަކީ ވަރަށް މާތް ކަމެއް. އެކަމުގެ އަޖްރާއި ޘަވާބު، އެކަން ކުރައްވާ ފަރާތްތަކަށް اللهُ سُبْحَانَهُ وَتَعَالَى ދެއްވާނެ. އަދި މާލޭގެ މިހިސާބުގަނޑުގައި މިމިސްކިތް ޢިމާރާތް ކުރައްވައި، މި މިސްކިތް ހުޅުވުމުން، މިހިސާބުގަނޑުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް އެކަމުގެ ސަބަބުން ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބެމުންދާނެކަން ކަށަވަރު.

އާދެ، އަޅުގަނޑު މި މުނާސަބަތުގައި މާދިގު ވާހަކައެއް ދައްކާކަށެއްނެތިން. މިސްކިތެއް ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް، ވަރަށް ބޮޑު މާތް ކަމެއް. އެކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމުން، އިސްލާމީ އެހީތެރިކަމުގެ ގުޅުމުގެ ފަރާތުން، މާލޭގައި ބިނާކުރެއްވި މިސްކިތް، އާދެ، مسجدالفرقان ހުޅުވައިދިނުމުގެ އުފަލާއި ޝަރަފް އަޅުގަނޑު ލިބިގަންނަން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.