ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށީ ރައްޔިތުންނާއެކު އެރަށުގެ ދެއަވަށުގައި ރާވާފައިވާ ކުޅިވަރުތަކުގައި މިއަދު ހެނދުނު ބައިވެރިވެވަޑައިގެންފިއެވެ. އަދި މިއަދު ހެނދުނު އެމަނިކުފާނު ކުޅުދުއްފުށީގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރައްވައި ޢީދުގެ ތަހުނިޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ނައިބު ރައީސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި ހޮސްޕިޓަލްގެ ކަންތައްތައް ހުރިނެތްގޮތް ސާފުކުރައްވައި އޫރު ރޯގާއާބެހޭ މަޢުލޫމާތު ހޯއްދެވިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ނައިބު ރައީސް ނޮޅިވަރަމްފަރަށްވެސް ވަޑައިގެންނެވިއެވެ. ނައިބު ރައީސް ނޮޅިވަރަމްފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ޢީދުގެ ތަހުނިޔާ ވިދާޅުވިއެވެ. އަދި މިދަތުރުފުޅުގައި ނޮޅިވަރަމްފަރުގެ އެކިކަންކަމާބެހޭ މަޢުލޫމާތު ހޯއްދަވައި، އެރަށުގައި އަލަށް އާބާދުކުރާ ސަރަޙައްދުތަކުގައި އަޅާ ގެތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީގައި ބޭއްވި ކުޅިވަރުތައްވެސް ނައިބު ރައީސް ބައްލަވާލެއްވިއެވެ. އެއަށްފަހު، އެމަނިކުފާނު ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންނަށްވެސް ޢީދުގެ ތަހުނިޔާ ވިދާޅުވިއެވެ. އަދި ރަށާބެހޭ މަޢުލޫމާތު ހޯއްދަވައި ނޮޅިވަރަމްގެ ހުވާސް ކުލަބްގެ އިދާރީ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވިއެވެ.