بســم اللّـه الرّحمـن الرّحيــم 

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، އަޅުގަނޑުމެންގެ މި އުފާވެރި މިނިވަން 25ގެ އިޙްތިފާލުތަކުގެ ތެރެއިން މިރޭ އަޅުގަނޑުމެން މި ކުރާ އިޙްތިފާލަކީ ސަރުކާރު މުވައްޒަފުންގެ ނާދީ ހުޅުވުމުގެ އިޙްތިފާލު. އަދި، މިއިޙްތިފާލުގެ ތެރޭގައި ހިމެނޭ، މީގެ ބަރާބަރު 25 އަހަރު ކުރިން އާދެ، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އުފަންވި ދިވެހި ޒުވާނުންތަކެއްގެ ޢީދު މީލާދުވެސް ފާހަގަކުރުމުގެ އިޙްތިފާލު.

އާދެ، އެންމެ ފުރަތަމަ، އަޅުގަނޑު އެއްޗެއް ދަންނަވާލާނީ، ސަރުކާރު މުވައްޒަފުންގެ ނާދީއާ ބެހޭގޮތުން. ސަރުކާރު މުވައްޒަފުން އިޖުތިމާޢީ ގޮތުން ބައްދަލުކޮށްލައި، އެކަކު އަނެކަކާ ވާހަކަ ދައްކާލައި، އެއްބަޔަކު އަނެއްބަޔަކާ މަޝްވަރާކޮށްލައި، އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ މަޤްޞަދުގައި، މިރޭ މި ހުޅުވޭ ނާދީއަކީ، ތަންކޮޅެއް ކުރިއްސުރެ ސަރުކާރުން އެކަމާމެދު ޚިޔާލުކުރަމުން ގެންގޮސްފައިވާ ކަމެއް. މިފަދަ ނާދީއެއް ހުރުމުގެ ބޭނުންތެރިކަމުގެ ބޮޑުކަންވަނީ އިޙްސާސް ކުރެވިފައި.

އާދެ، އަޅުގަނޑުމެންގެ ސަރުކާރުގައި މިހާރު ވަރަށް ގިނަ ޢަދަދެއްގެ މުވައްޒަފުން އެބަ ތިއްބެވި. އެ މުވައްޒަފުން ބައްދަލުކޮށްލައި، ވާހަކަދައްކާލާނެ ތަނެއް ނެތުމުގެ ސަބަބުން، މުވައްޒަފުންގެ މެދުގައި އޮންނަންވާ އެކުވެރިކަމުގެ ގުޅުމަށް އޮންނަނީ ކޮންމެވެސްވަރެއްގެ ހުރަހެއްއެޅިފައި. ޚާއްޞަކޮށް، ތަފާތު އޮފީސްތަކުގެ މެދުގައި ހުންނަ ބައެއްކަހަލަ މައްސަލަތަކަކީ، އަޅުގަނޑު ހިތުން މިކަހަލަ އުފާވެރި ޖައްވެއްގައި، އެތަންތާނގެ މުވައްޒަފުން ބައްދަލުކޮށްލައި ވާހަކަ ދައްކާލުމުން ވަރަށް ފަސޭހައިން ޙައްލުވެގެންދާނެ ކަންތައްތަކެއް. އެކަހަލަ އެއްވެސް ފުރުޞަތެއް ނެތުމުން ސަރުކާރުގެ މުވައްޒަފުންނަށް އެމީހުން އަރާމުކޮށްލައި، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާނެ ތަނެއްވެސް ނުހުރޭ. އަދި އެއީ އެމީހުންގެ ޙަޔާތަށް ލިބޭ ވަރަށް ބޮޑު އުނިކަމެއް ކަމުގައި އޮންނަނީ ފާހަގަކުރެވިފައި.

އާދެ، ދުނިޔޭގެ އެހެން ތަންތާނގައިވެސް އެކަހަލަ ނާދީތައް ހުރޭ. ހަމައެކަނި ސަރުކާރުގެ މުވައްޒަފުން އެއްވެ އުޅޭ ނާދީތަކެއް ނޫން. އޭގެ އިތުރުން، އެ ޤައުމުތަކުގެ ތަފާތު ބައިތައް ނުވަތަ ތަފާތު ޖަމާޢަތްތައް ބައްދަލުކޮށް ވާހަކަދައްކާލައި، އެކިކަހަލަ ކުޅިވަރު ކުޅެލައި، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައި، އެތަންތާނގައި އެ ޖަމާޢަތްތަކުން ނާދީތައް ހުޅުވައި އިންތިޒާމުކޮށްފައި ހުރޭ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިކަހަލަ ތަނެއް ހުރުމުގެ ބޭނުންތެރިކަން ވަރަށް ބޮޑު. މިދެންނެވީ ސަރުކާރުގެ މުވައްޒަފުންނަށްވެސް އެކަހަލަ ތަނެއް ހުންނަން އެބަޖެހޭ. އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ދިރިއުޅޭ އެހެން ޖަމާޢަތްތަކަށްވެސް އެފަދަ ތަންތަން ހުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ވަރަށް ގިނަ ބަޔަކަށް ފާހަގަކުރެވޭ. މިކަމުގެ އެންމެ ދަތިކަމަކަށްވީ އެކަށީގެންވާ ތަނެއް ނުލިބުން. މި ޚިޔާލު ސަރުކާރުން ކޮށްގެން އުޅޭތާ ދުވަސްތަކެއްވެއްޖެ. އެހެންނަމަވެސް، އެކަށީގެންވާ ތަނެއް ނުލިބުމުގެ ސަބަބުން މި ޚިޔާލު ދުނިޔޭގެ އަލިކަން އަދި ނުދެކި އޮތީ. އެންމެފަހުން ސަރުކާރުން ޤަޞްދުކުރީ، އަޅުގަނޑުމެން މިހާރު މިތިބަ ގޯތިތެރެއާއި މިއާ ގުޅިފައިވާ ޢިމާރާތް ނުވަތަ މި ގޯތިތެރޭގައި ހުރި ޢިމާރާތް އެއީ މިކަމަށް އެންމެ އެކަށީގެންވާ ތަން ކަމަށް ފެންނާތީ، މިތާނގައި ސަރުކާރުގެ މުވައްޒަފުންގެ ނާދީ ޤާއިމުކުރަން.

ކޮންމެއަކަސް، މިކަހަލަ ނާދީއެއް ހުރުމުން ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ މުވައްޒަފުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް، އެމީހުންގެ ބޭނުންތަކެއް ފުދިގެންދާނެ. އެހެންވީމާ، އަޅުގަނޑަށް ހީވާގޮތުގައި މިކަމަކީ މުވައްޒަފުންގެ ވަރަށް ގިނަ ބައެއްގެ ތަރުޙީބު ލިބެމުންދާނެ ކަމެއް.

އާދެ، މިކަހަލަ ނާދީތައް ހުޅުވުމުން، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި، އިޖުތިމާޢީ ގުޅުން ބަދަހިވެގެންދާނެކަމާމެދަކު ޝައްކެއްނެތް. އެހެންނަމަވެސް، އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ، މިކަހަލަ ކޮންމެ ތަނެއްވެސް ހަމަޖެހޭގޮތެއްގައި ހިނގަމުންދާނީ، ކޮންމެވެސް ކަހަލަ ޤަވާޢިދުތަކެއް އޮވެގެންކަން.

އާދެ، އަޅުގަނޑުމެންގެ ތެރެއިން މި ނާދީގެ މެންބަރުންނަށް ވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް، އެ ޤަވާޢިދުތަކަށް ޙުރްމަތްތެރިކޮށްހިއްތަވަންވާނެ ކަމަށް އަޅުގަނޑަށް ފެނޭ. އޭރުން މިނާދީގެ ކަންތައްތައްވެސް އެކަށީގެންވާ ގޮތެއްގައި، ހަމަޖެހޭ ގޮތެއްގައި ކުރިއަށް ގެންދެވޭނީ. ތަނުގެ ޢިމާރާތަށް ރައްކާތެރިވުމާއި، އެހެން ތަކެއްޗަށް ރައްކާތެރިވުމާއި އަދި ވީހާވެސް ހަމަޖެހޭ، އޮމާން ރަނގަޅު ގޮތެއްގައި ތަނުގެ ބޭނުން އެންމެންނަށް ހިފޭނެގޮތެއް އޮންނަންޖެހޭނެ. އެހެންވީމާ، އެކަމަށް ފަހިކޮށްދޭ ކޮންމެވެސްކަހަލަ ޤަވާޢިދެއް، އަޅުގަނޑު ހިތުން އެކުލަވައިލެވިފައި އޮންނަންވާނެ. އަދި ތަން ބެލެހެއްޓުމަށްވެސް ކޮންމެވެސް ބަޔަކު ތިބެންވެސްޖެހޭނެ.

އާދެ، ކޮންމެއަކަސް މިރޭގެ އެންމެ ފުރަތަމަ ކަމަކީ މި ދެންނެވީ. އާދެ، އަޅުގަނޑުގެ މިވާހަކަކޮޅު ދައްކާލުމުން، މި ނާދީ ހުޅުވުނީ ކަމުގައި ޕްރޮގްރާމްގައި ހަމަޖައްސަވާފައި އެބައޮތް. އެހެންވީމާ، ހުޅުވައިދޭކަށް އިތުރު ކަމެއް ކުރާކަށް ނުޖެހޭހެން އަޅުގަނޑަށް ހީވަނީ.

ދެން އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވަނީ، މިރޭގެ މި އިޙްތިފާލުގައި ދެން އޮތް ނަންބަރާ ބެހޭގޮތުން. އާދެ، އެއީ މިނިވަން 25ގެ ޒުވާނުންގެ އުފަންދުވަސް ފާހަގަކުރުން. އާދެ، އެޒުވާނުންގެ އުފަންދުވަހަކީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަސް. އެއީ އަޅުގަނޑުމެންގެ ރާއްޖެއަށް ޤައުމީ މިނިވަންކަން ލިބުނު ދުވަސް. އެހެންކަމުން، އެދުވަހު ރާއްޖެއަށް އުފަންވި ޒުވާނުންނަށް ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން މަރުޙަބާ ކިޔަން. އެމީހުންނަށް ހުރިހާވެސް ހެޔޮއެދުންތަކެއް ފޮނުވަން. އާދެ، އެ ޒުވާނުންނަކީ ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ލިބިގެންވާ އަދި ޤައުމަށް ރަނގަޅު ޚިދްމަތްތަކެއް ކުރަމުން ގެންދާނެ ޒުވާނުންތަކެއް ކަމުގައި ވާނެ ކަމަށް ހަމަގައިމުވެސް އަޅުގަނޑު ޔަޤީންކުރަން.

އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި މި މުނާސަބަތުގައި އުފަންވިކަމަށް އަޅުގަނޑަށް އެނގިފައިވަނީ 12 މީހަކު. ދުނިޔޭގައި ތިބީ 10 މީހުން ކަމަށް އެނގިފައި ވަނީ. ކޮންމެއަކަސް، އެ 10 މީހުން ނުވަތަ އޭގެ ތެރެއިން 9 މީހަކު އަޅުގަނޑުމެންނާ އެކީގައި މިހާރު މި ރަސްމިއްޔާތުތަކުގައި އެބަ ބައިވެރިވޭ. އެމީހުންނަށް ވަރަށް ޚާއްޞަ މަރްޙަބާއެއް އަޅުގަނޑުވެސް ކިޔަން. އަދި އަޅުގަނޑަށް ޔަޤީންކުރެވޭ ގޮތުގައި، ތިޔަ ހުރިހާ ބޭފުޅުންވެސް އެ ޒުވާނުންނަށް ވަރަށް އުފާވެރި، ހިތްހެޔޮ މަރުޙަބާއެއް ވިދާޅުވާނެ.

އާދެ، އެމީހުންގެ ޢުމުރަކީ އަޅުގަނޑުމެންގެ މިނިވަންކަމުގެވެސް އުމުރު. 25 އަހަރު. އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ރާއްޖެއަށް މިނިވަންކަމުގެ ވަރަށް ގިނަ އަހަރުތަކެއް އައުން. އާދެ، ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި އަބަދަށްޓަކައިވެސް ލެހެއްޓެވުން. ޤައުމަކީ ވަރަށް ގިނަ ދުވަސްވަންދެން ދެމިއޮންނާނެ ތަނެއް. އެހެންނަމަވެސް، އިންސާނުންނަކީ އެހާ ގިނަ ދުވަސްވަންދެން ދެމިތިބޭނެ ބައެއް ނޫން. އެކަން އެހެން އޮތް ކަމުގައިވިޔަސް، މިނިވަން 25ގެ ޒުވާނުންނަށް އަޅުގަނޑު އެދެނީ، ފުރިހަމަ ޞިއްޙަތާއި، ޢާފިޔަތާއި އަދި ދިގު ޢުމުރެއް. އަދި އެމީހުންގެ އެ ޢުމުރުގެ އަހަރުތަކުގައި، ދިވެހި ޤައުމަށް ރަނގަޅު ޚިދުމަތްތަކެއް ކޮށްދިނުން.

އާދެ، މިރޭ މި އުފާވެރި ބައްދަލުވުމުގައި، މާ ދިގުކޮށް އަޅުގަނޑު ވާހަކަ ދައްކާކަށް ގަޞްދެއްނުކުރަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މިނިވަން 25ގެ ޒުވާނުންނަށް އަދިވެސް އެއްފަހަރު، ތަހުނިޔާއާއި މުބާރަކުބާދީ އަދާކުރަމުން. ހަމަ އެއާއެކު، އަޅުގަނޑުމެންގެ މިނިވަން ދިވެހިރާއްޖެއަށް އަދަށްވުރެ ބާއްޖަވެރި، އުފާވެރި، ތަރައްޤީވެފައިވާ މާދަމާއެއް ދެއްކެވުން އެދި ގެ ޙަޟްރަތުގައި ދަންނަވަމުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.