بســم اللّـه الرّحمـن الرّحيــم

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މިރޭ އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމަށް މިއައި އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެއް. އެހާމެ ބޮޑު ޝަރަފެއް.

އާދެ، ރާއްޖޭގެ ޗީފް ސްކައުޓްގެ މަޤާމުގައި ހުންނަން މިއަދު ދިމާވެފައި މިއޮތީ އަޅުގަނޑަށް. އެ މަޤާމުގައި ހުރުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ދަންނަވަންޖެހޭ. އަޅުގަނޑުގެ މަސައްކަތް ހުންނަ ގޮތުންނާއި، ވަރަށް އަވަދިނެތިކޮށް އުޅެންޖެހިފައިވުމުގެ ސަބަބުން ސްކައުޓް ޙަރަކާތުގައި އަދި ތިޔަބޭފުޅުންގެ އެކިއެކި ކަންތައްތަކުގައި އަޅުގަނޑު ބޭނުންވާވަރަށް ބައިވެރިނުވެވުނު ކަމުގައިވިޔަސް، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތްޕުޅާއި، ކުރިއަށް ގެންދަވާ ޙަރަކާތްތައް އަޅުގަނޑު ދަނީ ވަރަށް ބޮޑަށް ބަލަމުން. އެކަންކަން އެހެން ދިމާވި ކަމުގައިވިޔަސް، މިކަމަށް ވެވެންއޮތް އެހީއެއްވިއްޔާ ވަމުން، އަދި ތިޔަބޭފުޅުން ކުރައްވާ ޚިދުމަތުގެ އަގުވެސް ވަޒަންކުރަމުން މިގެންދަނީ.

އާދެ، މިރޭ އަޅުގަނޑު މިތަނަށް އައިސް ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލީވެސް، ދެންމެ ޗީފް ސްކައުޓް ކޮމިޝަނަރ އެ ވިދާޅުވިފަދައިން، މި ދޭތެރެއިން ރާއްޖެއިން ބޭރަށްދިޔަ އަޅުގަނޑުމެންގެ ސްކައުޓުން، އެކުދިން އެ ބައިވެރިވި ޖަމްބަރީތަކުގައި އެކުދިން ހޯދާފައިވާ ކާމިޔާބީއަށްޓަކައި އުފާކޮށް، އެކުދިންނަށް މަރުޙަބާ ކިޔުމުގެ ބޭނުމުގައި. ޝައްކެއްނެތް، އެކުދިން ރާއްޖެއިން ބޭރަށްގޮސް އެންމެ ފުރަތަމަ އިންޑިޔާގައި، އިންޑިޔާގެ 11 ވަނަ ނޭޝަނަލް ޖަމްބަރީގައި ބައިވެރިވެ އެ ހޯދި ކާމިޔާބީއަކީ، އަދި އޭގެފަހުން ސާރކް ޤައުމުތަކުގެ މެދުގައި ޝްރީލަންކާގައި ބޭއްވުނު އެންމެ ފުރަތަމަ ސްކައުޓް ޖަމްބަރީގައި ބައިވެރިވެ، އެ ޖަމްބަރީންވެސް އެކުދިން އެ ހޯދި ރީތި ނަމަކީ ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ ސްކައުޓުން ވަރަށް ބޮޑަށް ފަޚްރުވެރިވާނެ ކާމިޔާބީއަކާއި ރީތި ނަމެއް.

އާދެ، އެކަމަށްޓަކައި އަޅުގަނޑު ޗީފް ސްކައުޓްގެ ޙައިޘިއްޔަތުން އަދި ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުންވެސް ވަރަށް ބޮޑަށް އުފާކޮށް، އެ ދެ ޖަމްބަރީގައި ބައިވެރިވި ހުރިހާ ކުދިންނަށް ތަހުނިޔާ އަދާކުރަން. މަރްޙަބާ ކިޔަން. އަދި ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެންގެ ރާއްޖޭގެ ނަން މިހާރަށްވުރެވެސް ބޮޑަށް ވިދަމުންދާނެ ގޮތެއްގެ މަތިން ހުރިހާ ސްކައުޓުންގެ ޙަރަކާތްތައް، ސަރަޙައްދީ ކަންތައްތަކުގައްޔާއި، ބައިނަލްއަޤްވާމީ ކަންތައްތަކުގައި ބެހެއްޓެވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ކަމުގައިވެސް ދަންނަވަން.

އާދެ، ރާއްޖޭގެ ސްކައުޓް ޙަރަކާތަކީ މިހާރު ވަރަށް ހަލުވިކަމާއެކު ކުރިއަރަމުންދާ ޙަރަކާތެއް. އެ ޙަރަކާތް ކުރިއަށްދިޔުމުގެ އެންމެ ބޮޑު ސަބަބަކީ، އަޅުގަނޑު ދަންނަވާނީ މިހާރު ސްކައުޓްގެ ޙަރަކާތް ހިންގެވުމަށް ތިއްބެވި ބޭފުޅުންގެ ޤާބިލްކަމޭ. އެންމެ ފުރަތަމަ ޗީފް ސްކައުޓް ކޮމިޝަނަރ ފަޟީލަތުއްޝައިޚް އަޙްމަދު ޝާޠިރު. އެމަނިކުފާނަކީ ސްކައުޓް ޙަރަކާތަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ބަހައްޓަވާ، ސްކައުޓް ޙަރަކާތް ކުރިއަށް ގެންދެވުމަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ބޭފުޅެއް.

އާދެ، ކަންދިމާވިގޮތުން އެންމެ ފުރަތަމަ އެ މަނިކުފާނު ސްކައުޓް ޙަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ދުވަސްވަރު އަޅުގަނޑަށްވެސް އެމަނިކުފާނާ އެކުގައި އުޅެންދިމާވި. އާދެ، މިޞްރުގައި އަޅުގަނޑުމެން ތަޢުލީމު ޙާޞިލް ކުރަން ތިބި ދުވަސްވަރު، ފަޟީލަތުއްޝައިޚް އަޙްމަދު ޝާޠިރު މިޞްރުގެ ސްކައުޓް ޙަރަކާތުގައި ބައިވެރިވެވަޑައިގަތީ. ބައިވެރިވެވަޑައިގެން އެކަމުގެ ހުނަރުތައް ދަސްކުރައްވައިގެން، ހުރިހާ ޙަރަކާތްތަކެއްވެސް ވަރަށް ފުރިހަމައަށް ކުރިއަށް ގެންދަވާ. ސްކައުޓް ކޭމްޕްތަކުގައި ވަރަށް ރީތި ނަމެއް ވަނީ ހޯއްދަވާފައި. އަދި ކަމާބެހޭ ސެޓްފިކެޓްތައްވެސް ވަނީ ޙާޞިލް ކުރައްވާފައި.

އެހެންވީމާ، އެމަނިކުފާނުގެ އަރިހުގައި، ވަރަށް ކައިރީގައި އުޅެން ދިމާވެފައިވާ މީހެއްގެ ގޮތުން، އެ މަނިކުފާނު ސްކައުޓް ޙަރަކާތަށް ބަހައްޓަވަމުން ގެންދެވި ޝައުޤުވެރިކަމާއި، އެކަމުގައި ކުރިއަށް ވަޑައިގެންނެވުމަށްޓަކައި ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅު އޮތީ އަޅުގަނޑަށް ވަރަށް ރަނގަޅަށް ފެނިފައި. އޭގެ ފަހުން މިހާރު މާލޭގެ އަޅުގަނޑުމެންގެ ސްކައުޓް ޙަރަކާތުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި އެހުންނެވީ އެމަނިކުފާނު. އާދެ، ޗީފް ސްކައުޓް ކޮމިޝަނަރގެ ޙައިޘިއްޔަތުން.

އެހެންވީމާ، ރާއްޖޭގެ ސްކައުޓް ޙަރަކާތަށް ހަލުވިކަން ލިބުމަކީ، އަދި ވަރަށް އަވަހަށް ކުރިއަށްދިޔުމަކީ އަޅުގަނޑު އެއްގޮތަކަށްވެސް އެކަމާމެދު ޙައިރާންވާ ކަމެއް ނޫން. އާދެ، އެއާއެކުގައި ދަންނަވަންޖެހެނީ، ޗީފް ސްކައުޓް ކޮމިޝަނަރުގެ އަރިހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ތިޔަބޭފުޅުން. އާދެ، އެސިސްޓެންޓް ކޮމިޝަނަރުންނާއި އަދި ކައުންސިލްގެ މެމްބަރުން. ތިޔަބޭފުޅުން ތިޔަ އަދާކުރައްވަމުން ގެންދަވަނީ ވަރަށް މުހިންމު ދައުރެކޭ. ތިޔަބޭފުޅުންގެ މުރާލިފުޅުކަމާއި، ހީވާގިކަމާއި އަދި ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތްޕުޅުތަކުގެ ސަބަބުންނޭ، ރާއްޖޭގެ ސްކައުޓް ޙަރަކާތް އެއްދުވަހުން އަނެއްދުވަހަށް ކުރިއަރަމުން މިދަނީ.

އާދެ، ރާއްޖޭގެ ސްކައުޓް ޙަރަކާތް ފެށުނީ އަޅުގަނޑު ހަނދާންވާ ގޮތުގައި 1961 ވަނަ އަހަރު. އެހާތާނގައި. އެހެންނަމަވެސް، ކުރީކޮޅުގައި ރާއްޖޭގެ ކަންތައްތައް އޭރު ހުރިގޮތުންނާވެސް އެކުގައި، މާ ހަލުވިކަމާއެކު ކުރިއަކަށް ނުދޭ. ފަހަކަށްއައިސް ރާއްޖޭގެ ހުރިހާ ކަމެއްވެސް ތަރައްޤީވަމުންދާލެއް ހަލުވިކަމާއެކު، ސްކައުޓް ޙަރަކާތަށް އިތުރު ދިރުމެއް އައިސްގެން މިހާރު ކުރިއަރަމުންދާތާ އަޅުގަނޑު ދަންނަވާނީ ދިހަވަރަކަށް، ބާރަވަރަކަށް އަހަރުވެއްޖެއޭ. މި މުއްދަތުގެ ތެރޭގައި، ރާއްޖޭގެ ސްކައުޓުންގެ ޢަދަދުވެސް ވަރަށް ގިނަ ޢަދަދަކަށް އިތުރުވެގެން ހިނގައްޖެ. އެންމެފަހުން، މިރޭ އަޅުގަނޑު މިތަނަށް އައިފަހުން ޗީފް ސްކައުޓް ކޮމިޝަނަރ އަޅުގަނޑަށް ދެއްވި މަޢުލޫމާތުން އެނގޭގޮތުގައި، ރާއްޖޭގައި މިހާރު 3200 ސްކައުޓުން އެބަތިބި. 2500 ސްކައުޓުން ރާއްޖެތެރޭގައި އެބަތިބި. 700 ސްކައުޓުން މާލޭގައި އެބަތިބި. އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް ބޮޑު ޢަދަދެކޭ. އެކަމަށްޓަކައި އަޅުގަނޑުމެން އުފާކުރުން ޙައްޤޭ.

އާދެ، ސްކައުޓް ޙަރަކާތަކީ ވަރަށް މުހިންމު ޙަރަކާތެއް. ޚާއްޞަކޮށް، ޒުވާނުންގެ މެދުގައި ސްކައުޓް ޙަރަކާތް އުފެދިގެންދިޔުމަކީ، ޤައުމު ބިނާކުރުމުގައި ވަރަށް މުހިންމު ބައެއް އަދާކުރާނެ އެއްޗެއް. ދެންމެ ފަޟީލަތުއްޝައިޚް އަޙްމަދު ޝާޠިރު އެ ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވާ އުޞޫލުތައްވެސް، ސްކައުޓް ޙަރަކާތުގައި ތަމްސީލުވެގެން އެބަދޭ. އާދެ، އެންމެ ފުރަތަމަ ދީނަށް ޙުރްމަތްތެރިކޮށްހިތުން. ޤައުމަށް ވަފާތެރިވުން. އަނެކުންނަށް އެހީވެދިނުން. ހިލޭސާބަހަށް މަސައްކަތް ކުރުން. ތިމާގެ އަމިއްލަ ތަރައްޤީއަށްޓަކައި ތިމާ ޖިސްމާނީ ގޮތުންނާއި އަދި ވިސްނުމުގެ ގޮތުން ކުރިއަށްދިޔުން. މި ހުރިހާ ކަމެއް ސްކައުޓް ޙަރަކާތުގައި ހިމެނިފައިވޭ. މިކަންތައްތައް މިއީ އަޅުގަނޑުމެންގެ މާތްވެގެންވާ ދީންވެސް ބާރުއަޅާ ކަންތައްތަކެއް.

އެހެންވީމާ، އަޅުގަނޑު ދަންނަވާނީ ސްކައުޓް ޙަރަކާތަކީ ޤައުމަށް ވަރަށް ބޭނުންތެރި ޙަރަކާތެކޭ. ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފެއްދުމަށްޓަކައި، ރަޙްމަތްތެރިކަން އުފެއްދުމަށްޓަކައި އަދި ޞުލްޙަވެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައިވެސް މިފަދަ ޙަރަކާތެއް އެއީ ކޮންމެހެން އޮންނަންޖެހޭނެ ކަމެކޭ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އަދި އަޅުގަނޑަށް އެނގޭ، ސްކައުޓް ކައުންސިލްގެ މެމްބަރުންވެސް އަދި ރާއްޖޭގައި ތިބި ތަފާތު ޙަރަކާތްތަކުގައި ބައިވެރިވާ ސްކައުޓުން، ހުރިހާ ކުދިންވެސް މިކަމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭނެކަން. ސްކައުޓް ޙަރަކާތް އެކަށީގެންވާ ގޮތެއްގައި ގެންދިޔުމަށް ބާރުއަޅާނެކަން.

އާދެ، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތިން. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިރޭ ރާއްޖޭގެ އެންމެ ފުރަތަމަ ވޫޑް ބެޖް އެ ޙާޞިލް ކުރެއްވި އަލްފާޟިލް އަޙްމަދު ޢިމާދަށް އިޅްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވަން. ތަހުނިޔާ ދަންނަވަން. ހަމަ އެއާއެކުގައި، މިރޭގެ ވޮރަންޓް ޙާޞިލް ކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް ހިތުގެ އެންމެ ފުންމިނުން ތަހުނިޔާއާއި މުބާރަކްބާދީ ރައްދުކުރަން.

އަޅުގަނޑު އެދެނީ، ރާއްޖޭގެ ސްކައުޓް ޙަރަކާތަށް އިތުރު ކުރިއެރުމާއި ތަރައްޤީ. ސްކައުޓް ޙަރަކާތުގެ ސަބަބުން، ރާއްޖޭގެ ކިޔަވާކުދިންނާއި ޒުވާނުންގެ މެދުގައި އެއްބަނޑުއެއްބަފާކަމާއި، އިތުރު ހޭލުންތެރިކަން އުފެދިގެންދިޔުން. އަދި އެކުދިންގެ ސަބަބުން ޤައުމަށް އެކަށީގެންވާ ޚިދުމަތްތަކެއް ލިބިގެންދިޔުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.