މިއަހަރުގެ ޖުލައިމަހު ތަޞްދީޤުކުރި ހެއްކާބެހޭ ޤާނޫނާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް އެ ޤާނޫނު އަލުން އިޞްލާހުކުރުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކޮށް ބޭއްވި ފުރަތަމަ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ {ށ} އަށް، ގެނެވުނު އިސްލާހާމެދު މީޑިއާގެ ކަންބޮޑުވުމެއް އޮތްކަން ފާހަގަކުރެވޭކަމަށާއި އެކަމާގުޅޭގޮތުން އެމަނިކުފާނު މީޑިއާގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާކަމުގައެވެ. ރައީސުލްްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނޫސްވެރިކަމަށް ޤާނޫނީ ހުރަހެއްގެ ގޮތުގައި ކުރިން، "އަބުރު ރައްކާތެރިކުރުމުގެ ނަމުގައި" އޮތް ޤާނޫނު މި ސަރުކާރުން އުވާލައްވައި ނޫސްވެރިންނަށް މިކަމުގައި އޮތް ކަނބޮޑުވުން ވެސް ޙައްލުކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ބްރޯޑްކާސްޓިންގެ މަސައްކަތްތައް ފެށިގެން އައި ގޮތުގެ މައްޗަށާއި ޓީވީއާ ރޭޑިޔޯއިން ރާއްޖޭގެ މުޖުތަމަޢަށް ގެނެސްދިން ރަނގަޅު ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މިރޭގެ ޙަފްލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯރޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ކަމުގައިވާ ސަމަރު-ބުލޫ އިބްރާހީމް މަނިކް އަދި އަލް މަރްޙޫމާ ޒާހިދާ އިބްރާހީމްގެ އެވޯރޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ދެ ބޭފުޅުންނަކީ ޒަމާނާއެކު އޭރު ރާއްޖެއަށް އަންނަމުންދިޔަ ބަދަލުތަކުގެ ތެރޭގައި އެކިއެކި ދާއިރާތަކުން ޢާންމު ރައްޔިތުން ހޭލުންތެރިކޮށް ކަންކަމަށް އަހުލުވެރިކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި، ބްރޯޑްކާސްޓް ދާއިރާ ޚިދުމަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ދެ ބޭފުޅުންނެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ނޫސްވެރިކަން އަންނަން އޮތް ޖީލުތަކާ ހަމައަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި އޮތްނަމަވެސް ނޫސްވެރިން ހިފަހައްޓަންޖެހޭ އަޚްލާޤީ މިންގަޑުގެ ތެރޭގައި ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމުގައި ކުރިޔަށްދިއުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ނޫސްވެރިންނަށް ބޭނުންވާ ހުނަރާ، ޤާބިލްކަމާ، ތަމްރީނު، ލިއްބައިދިނުމަށް ކުރިޔަށްވުރެ ބޮޑަށް، މިހާރު މަސައްކަތް ކުރަންޖެހޭ ކަން ފާހަގަކުރައްވައި އެކަމުގައި ސަރުކާރާ އަދި ވަކިން ޚާއްޞަކޮށް ބްރޯޑްކާސްޓިންގ ކޮމިޝަނާ، މީޑިއާ ކައުންސިލްގެ ދައުރުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

މި ރޭގެ ޙަފްލާގައި މޯލްޑިވްސް ބްރޯޑްކާސްޓް އެވޯރޑް 2022ގެ ޖޫރީގެ އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.