بســم اللّـه الرّحمـن الرّحيــم

މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން 2000 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ބޯހިމެނުން ފަށައިދިނުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ހަމަ އެއާއެކީގައި، މި ބޯހިމެނުމަށް ތައްޔާރުވުމުގެ ގޮތުން، ވަރަށް ބޮޑެތި އަދި ބުރަ މަސައްކަތްތަކެއް ކުރެއްވި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓްގެ ވެރިންނަށާއި، ޚާއްޞަކޮށް އެމިނިސްޓްރީގެ ތަފާސްހިސާބާ ބެހޭ ބައިގެ ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ވަކިން ޚާއްޞަކޮށް، މިނިސްޓަރުގެ ޙައިޘިއްޔަތުން މަނިކުފާނު ކުރައްވާފައިވާ މަސައްކަތްތައްވެސް އަޅުގަނޑު ހަނދާންކޮށް، މަނިކުފާނާއި، މިނިސްޓަރުގެ ނައިބާއި އަދި މިނިސްޓްރީގެ އެހެން ވެރިން މިކަމަށް ތައްޔާރުވުމުގެ ގޮތުންނާއި، މިކަން ރާއްވަވައި ހިންގެވުމުގެ ގޮތުން ކުރައްވާފައިވާ ބުރަ އަދި ބޮޑެތި މަސައްކަތްތަކަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

ހަމައެއާއެކީގައި، ތިޔަ ވިދާޅުވިހެން މި މަސައްކަތުގައި ވަރަށްގިނަ މީހުން އެބަ ޙަރަކާތްތެރިވޭ. މާލެއާއި އަތޮޅުތަކުގައި ގާތްގަނޑަކަށް 3700 މީހުން މިފަހަރު އެބަ މަސައްކަތްކުރޭ. އެހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، އޭގެތެރެއިން ވަރަށްގިނަ ބަޔަކީ ސަރުކާރުގެ މުވައްޒަފުން. އެހެންވީމާ، ސަރުކާރުގެ އެ މުވައްޒަފުން ވީއްލަވައިދެއްވި ހުރިހާ މިނިސްޓްރީތަކަށާއި އޮފީސްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، މީގެތެރޭގައި ޖީ.ސީ.އީ. އޯ ލެވެލް ފެންވަރުގެ ވަރަށްގިނަ ކުދިން މިފަހަރު އެބަ ޙަރަކާތްތެރިވޭ. އެހެންވީމާ، އެކުދިންނަށާއި އަދި އެކުދިންގެ މައިންބަފައިންނަށާއި ބެލެނިވެރިންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ދެން ތިޔަ ވިދާޅުވިހެން މިފަހަރުގެ ބޯހިމެނުމަކީ ޚާއްޞަ ބޯހިމެނުމެއް. އެއީ އާ ސާސްކަފުގައި ޤައުމުގެ ތަރައްޤީގެ ރޭވުންތައް ބިނާކުރެވޭނީ، މި ބޯހިމެނުމާއި އަދި މީގެފަހުން އަންނަ ބޯހިމެނުންތަކުން ލިބޭ މަޢުލޫމާތުތަކުގެ މައްޗަށް. ހަމައެއާއެކީގައި، ރާއްޖޭގެ ޤައުމީ ތަރައްޤީގެ ހަވަނަ މަޝްރޫޢު، ކުރިއަށް އޮތް ފަސް އަހަރަށް ރާވާއިރުވެސް، މި ބޯހިމެނުމުން ލިބޭ މަޢުލޫމާތުތައް އެއީ ވަރަށް މުހިންމު އެއްޗަކަށްވާނެ.

މި ހުރިހާ ކަމަކަށްޓަކައި އަޅުގަނޑު ދެކޭގޮތުގައި މި ބޯހިމެނުމަކީ ވަރަށް މުހިންމު ބޯހިމެނުމެއް. އަދި މިކަމަށް ތައްޔާރުވުމުގެ ގޮތުން، ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މިނިސްޓްރީން ކުރެއްވި މަސައްކަތްތައް، މިނިސްޓްރީންނާއި، ޓީ.ވީ.އިންނާއި ރޭޑިއޯއިންނާއި އަދި ނޫސްތަކުން ކުރެއްވި މަސައްކަތްތައްވެސް އަޅުގަނޑު ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން.

ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް. ކުރީފަހަރުތަކުގައިވެސް މިކަމުގައި ޢާންމުންގެ ތަރުޙީބާއި އެއްބާރުލެއްވުން ވަރަށްބޮޑު މިންވަރަކަށް އޮތީ ލިބިފައި. އަދި އަޅުގަނޑު ޔަޤީންކުރާ ގޮތުގައި މިފަހަރު ކުރީފަހަރުތަކަށްވުރެވެސް ބޮޑަށް ޢާންމުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ބޯހިމެނުމަށް ލިބޭނެ.

ޝައްކެއްނެތް، ތިޔަ ވިދާޅުވިހެން ބޯހިމެނުމުން މިލިބޭ މަޢުލޫމާތުތަކަކީ، ހަމައެކަނި ސަރުކާރަށް ބޭނުންކުރެވޭނެ މަޢުލޫމާތުތަކެއް ނޫން. ސަރުކާރާއި ރައްޔިތުންނަށް ބޭނުންކުރެވޭނެ، އަދި ރައްޔިތުންގެ ތެރޭގައި އެކި ކަންކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ލިބޭ ވަރަށް މުހިންމު މަޢުލޫމާތުތަކަކަށްވާނެ.

އެހެންވީމާ، އަޅުގަނޑު އެދެނީ، މިފަހަރުގެ ބޯހިމެނުމަކީ ވަރަށް ކާމިޔާބު ބޯހިމެނުމަކަށް ވެގެންދިޔުން. އަދިވެސް އެއްފަހަރު، ތިޔަބޭފުޅުން ތިޔަ ކުރެއްވި މަސައްކަތަށް އަދި މިއަދާއި ކުރިއަށް އޮތް ހަފްތާގެ ތެރޭގައްޔާއި އަދި އޭގެފަހުންވެސް ނަތީޖާ ނެރުއްވުމަށް ކުރައްވާނެ މަސައްކަތްތަކަށްޓަކައި، މިނިސްޓްރީގެ ބޭފުޅުންނަށާއި އަދި މިކަމުގައި ޙަރަކާތްތެރިވެވަޑައިގެންނަވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.