بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިނިވަން 25ގެ ރަސްމިއްޔާތުތައް މިއަދު މި ފެށުނީ. އޭގެތެރެއިން އެންމެ ފުރަތަމަ ކަމަކަށް މިއޮތީ އަޅުގަނޑުމެންގެ ވަރަށް ރަޙްމަތްތެރި ޤައުމެއް ކަމުގައިވާ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ވެދެއްވި އެހީއެއްގައި، އެ އެހީގެ ބޭނުންކޮށްގެން ދިވެހި ސަރުކާރުން ޢިމާރާތްކުރި މާލޭ ހައުސިންގ ޕްރޮޖެކްޓް ފޭސް I ގެ ފުރަތަމަ ޢިމާރާތް، އާދެ، "ސިނަމާލެ I" ޗައިނާ ސަރުކާރުން ދިވެހި ސަރުކާރާ ޙަވާލުކުރެއްވުމާއި، މި މަޝްރޫޢުގެ ދެވަނަ މަރްޙަލާގެ ޢިމާރާތް ހަދަން ޤަޞްދު ކުރެވިފައިވާތީ، އެ ޢިމާރާތުގެ ބިންގާއެޅުމާ، މި ދެ ކަންތައް.

ޝައްކެއްނެތް، އަޅުގަނޑުމެންގެ އުފާވެރި މިނިވަން 25ގެ ޚާއްޞަ އިޙްތިފާލުތަކުގެ ތެރެއިން އެންމެ ފުރަތަމަ އިޙްތިފާލު ކަމުގައި މިކަން ވެގެންދިޔުމުގެ ސަބަބުތަކެއްވެސް އެބަހުރި. އެއިން ދޭހަކޮށްދޭ ވަރަށް ފުން މާނަތަކެއްވެސްވޭ. އާދެ، އެއިން ދޭހަކޮށްދޭ އެއް މާނައަކީ ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާ ދޭތެރޭގައި އޮތް ގުޅުމުގެ ރަނގަޅުކަން. އަޅުގަނޑުމެންގެ ރާއްޖެއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ތަރައްޤީގެ މަގުގައި މިހާރު އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާ ރާއްޖެއެއް. އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ޤައުމަކަށްވެފައި، އަޅުގަނޑުމެންގެ ރާއްޖޭގައި ޤުދްރަތީ މުއްސަނދިކަމުގެ ވަސީލަތްތައް މަދުކަމުން، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، އަޅުގަނޑުމެންވެސް ކުރިއަށްދާން ޖެހިފައި މިވަނީ ބޭރު ދުނިޔޭގެ އެހީ ލިބިގެން. އާދެ، އެގޮތުން އަޅުގަނޑުމެންނަށް ބޭރުގެ ވަރަށްގިނަ ޤައުމުތަކުގެ އެހީ ލިބެމުންދޭ. އަޅުގަނޑުމެންގެ ތަފާތު މުހިންމު އެކިއެކި މަޝްރޫޢުތައް ހިންގުމުގައި، އެފަރާތްތަކުގެ އެހީ ލިބިގެން އެފަރާތްތަކާއި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ގުޅިގެން އަޅުގަނޑުމެންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުން މިގެންދަނީ.

އާދެ، އޭގެތެރެއިން ވަރަށް މުހިންމު މަޝްރޫޢެއްގެ އެއް މަރްޙަލާގެ ނިމުން އަދި އަނެއް މަރްޙަލާއެއްގެ ފެށުން އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ. އާދެ، ޝައްކެއްނެތްގޮތުގައި މިއަދު އެތަނެއް ޢިމާރާތްކޮށް ނިމިގެން އެތަނުގައި ދިރިއުޅޭނެ މީހުންނަށް އެ ފްލެޓްތައް ޙަވާލުކުރެވޭ ކުރެވުން ހިމެނިގެންދާނީ އަޅުގަނޑުމެންގެ ތާރީޚުގެ ވަރަށް މުހިންމު ޞަފްޙާއެއް ކަމުގައި. ދެންމެ މާލޭ މުނިސިޕަލް ކައުންސިލްގެ ރައީސް އަދި މާލޭ މުނިސިޕަލްޓީގެވެސް ރައީސް އަލްފާޟިލް ޢުމަރު ޒާހިރު އެ ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ ވެރިކަންކުރާ ރަށް މާލެއަށް ބިމުގެ ދަތިކަން ވެރިވެފައިވަނީ ވަރަށް މަތީ ދަރަޖައަކަށް. އަޅުގަނޑުމެންގެ މާލޭގައި ދިރިއުޅޭ މީހުންގެ ޢަދަދު، ފަހަކަށްއައިސް ވަރަށްބޮޑުތަން ވަނީ އިތުރުވެފައި. މީގެ ވިއްސަކަށް އަހަރު ކުރިން މާލޭގައި ދިރިއުޅެމުން ގެންގޮސްފައިވަނީ ހަމައެކަނި ފަނަރަހާސް މީހުންނޭ ދަންނަވާލުމުން އެކަމުގެ ހެތްކެއް ކަމުގައި ފުދޭނެ. މިއަދު މި މާލޭގައި އެންމެފަހުގެ ބޯހިމެނިހިސާބު ދައްކާގޮތުން ފަންސާސް ހަހާސް މީހުން ދިރިއުޅެމުން އެބަގެންދޭ. ލަފާކުރެވޭގޮތުގައި މިހާރު އެއަށްވުރެވެސް ގިނަވާނެ. އެހެންނަމަވެސް، މާލެއަކީ ޤުދްރަތީ ގޮތުން ކުޑަކުޑަ ރަށެއް. މާލޭގައި ދިރިއުޅޭ އަދި ދިރިއުޅެން ބޭނުންވާ އެންމެންނަށް މާލެއިން ކުރިން ދީ އުޅުނުގޮތަށް ގޯތިދެވޭކަށެއް އެއްގޮތަކަށްވެސް ނެތް. އެއީކީ މުސްތަޤްބަލްގައި ވާނެކަމެއްވެސް ނޫން. އެހެންވީމާ، އަޅުގަނޑުމެންނަށް ޖެހިފައި މިއޮތީ އަޅުގަނޑުމެންގެ ބިމުގެ ދަތިކަން ހުރިގޮތުން، މާލޭގެ ރަށްވެހިންގެ ތެރެއިން ނުވަތަ މާލޭގެ ވަޒަންވެރިންގެ ތެރެއިން މާލޭގައި ދިރިއުޅެން ބޭނުންވާ މީހުންނަށް ހިޔާވަހިކަން ހޯދައިދިނުމުގައި މިފަދަ މަޝްރޫޢުތައް ރާވައިގެން ހިންގުން.

އާދެ، ކޮންމެ މީހަކަށް ގޯއްޗެއް ދިނުމަކީ މިހާރު ކުރެވޭވަރުގެ ކަމަކަށްނުވޭ. އެހެންވީމާ، އެންމެ މޮޅުގޮތުގައި އެކަން ކުރެވޭނެ ކަމަށް ސަރުކާރަށް ފެނިގެން މިއުޅެނީ މިފަދަ ޢިމާރާތްތަކެއް ހަދާފައި، އެ ޢިމާރާތްތަކުގެ ފްލެޓްތައް އެކަށީގެންވާ ނުވަތަ ހަމަޖެހޭ ކުއްޔަކަށް ރައްޔިތުންގެ ތެރެއިން އެކަމަށް އެދޭ އަދި އެކަމުގެ ޝަރުޠު ފުރިހަމަވާ މީހުންނަށް ދިނުން.

އާދެ، މި މަޝްރޫޢު ހިންގުމުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރުން އަޅުގަނޑުމެންނަށް ލިބުނީ ވަރަށް މަތިވެރި އެހީއެއް. އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމަކީ ޒަމާނުއްސުރެ އޮންނަ ގުޅުމެއް. އަޅުގަނޑުމެންގެ ތާރީޚުގެ ފަތްފުތްތަކުންވެސް ޗައިނާއާއި ރާއްޖެއާ ދޭތެރޭގައި އޮތް ގުޅުން ދޭހަވޭ. އަޅުގަނޑުމެންގެ ރާއްޖެ މިނިވަންވުމަށްފަހުގައި، ޗައިނާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި އޮންނަ ގުޅުން ފަހަކަށްއައިސް މިއޮތީ އެއް އަހަރުން އަނެއް އަހަރަށް، އެއްދުވަހުން އަނެއް ދުވަހަށް ބަދަހިވަމުން އައިސްފައި.

އާދެ، މީގެ ހައެއްކަ އަހަރު ކުރިން ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ޒިޔާރަތް ކުރުމުގެ އުފާ އަޅުގަނޑަށް ލިބުނު. އެ ދަތުރުގައި ޗައިނާގެ އެންމެ އިސް ޒަޢީމުންނާ ބައްދަލުކޮށް، ދެ ޤައުމުގެ ދޭތެރޭގައި އޮތް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވާހަކަދައްކައި، އަޅުގަނޑުމެންގެ އެކިއެކި އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ޕްރޮގްރާމްތަކުގައި ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ކުރިއަށް ގެންދެވޭތޯ ދެފަރާތުން ވާހަކަދައްކައި، ގޮތްތަކެއް ނިންމުނު. އާދެ، އޭގެ ނަތީޖާއެއްގެ ގޮތުން ޗައިނާ ސަރުކާރުން އަޅުގަނޑުމެންނަށް ބައެއްކަހަލަ އެހީތައް ވެދެއްވަން ނިންމެވި. އޭގެތެރެއިން އެއް އެހީއެއްގެ ފައިދާ އަޅުގަނޑުމެން މިއަދު މި ލިބިގަންނަނީ. އާދެ، އެއީ މާލޭ ހައުސިންގ ޕްރޮޖެކްޓްގެ ފުރަތަމަ ޢިމާރާތް ހަދައި ނިމި، އެ ޢިމާރާތް، އެ ޢިމާރާތުގައި ދިރިއުޅެން މީހުންނާ ޙަވާލުކުރުން.

އާދެ، މި އެހީއަކީ ތިޔަބޭފުޅުންނަށް މިހާރު މަޢުލޫމާތު ލިބިވަޑައިގެންފައިވާނޭ ފަދައިން، ފައިސާގެ ގޮތުން އެ ސަރުކާރުން ވެދެއްވި އެހީއެއް. އޭގެތެރެއިން އެއްބަޔަކީ ހިލޭ އެހީގެ ގޮތުގައި ދިވެހި ރައްޔިތުންނަށް ޗައިނާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ހަދިޔާކުރި އެއްޗެއް. އަނެއްބަޔަކީ 10 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އަނބުރާ ދައްކަންޖެހޭ ދަރަންޏެއް. އެ ދަރަނި ދައްކަންޖެހެނީ 1991 ވަނަ އަހަރުން ފެށިގެން. އާދެ، މި އެހީއަކީ ވަރަށް ދީލަތިގޮތުގައި ލިބުނު އެހީއެކޭ މި ދަންނަވަނީ. ބައެއް އެހެން ޤައުމުތަކުން އަދި އެހެން ޖަމާޢަތްތަކުންވެސް އަޅުގަނޑުމެންނަށް އެހީ ލިބޭ. ބައެއް އެހެން ޤައުމުތަކުން އަދި އެހެން ޖަމާޢަތްތަކުން އަޅުގަނޑުމެންނަށް ލިބޭ އެހީއަކީ އެހީއެއް ކަމުގައިވިޔަސް، އޮންނަނީ ދަރަންޏެއްގެ ގޮތުގައި. އެއީ އިންޓްރެސްޓަކާ އެކުގައި ވަކި މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކަން އޮންނަ އެއްޗެއް. އަޅުގަނޑުމެންނަށް ޗައިނާ ސަރުކާރުން މި ދެއްވި އެހީއަކީ، ކުރިންވެސް ދެންނެވިފަދައިން، އޭގެ ދެބައިކުޅައެއްބައި ހިލޭ އެހީއެއްގެ ގޮތުގައި ދެއްވި އެއްޗެއް. އަނެއްބަޔަކީ އިންޓްރެސްޓެއް ނެތް ލޯނެއްގެ ގޮތުގައި 10 އަހަރު ދުވަހުގެތެރޭގައި އަނބުރާ ދައްކަން ދެއްވި އެއްޗެއް.

ކޮންމެއަކަސް ޗައިނާ ސަރުކާރުން ރާއްޖެއަށް ބަހައްޓަވާ އަހަންމިއްޔަތާއި ގާތްކަމަށްޓަކައި ޗައިނާ ސަރުކާރުގެ އިސްވެރިންނަށާއި ޗައިނާގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ މިއަދުގެ އަޅުގަނޑުގެ ވަރަށް އުފާވެރި ވާޖިބެއް. އަދި ޗައިނާ ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންގެ މިނިވަން 25ގެ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ވަޑައިގެންނެވި ވައިސް މިނިސްޓަރ އޮފް ފޮރިން އިކޮނޮމިކް ރިލޭޝަންސް އެންޑް ޓްރޭޑް މިސްޓަރ ލޫ ޒުވޭ ޖިއާންއަށް މަރްޙަބާ ދެންނެވުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެމަނިކުފާނުގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުމާމެދު ބައްލަވައިލެއްވި. އަދި އަޅުގަނޑުމެންގެ މި ރަޙްމަތްތެރި ދެ ޤައުމުގެ ގުޅުން، އެއްދުވަހުން އަނެއްދުވަހަށް ބަދަހިވެ، ތަފާތު ރޮނގުތަކުގައި އަޅުގަނޑުމެންގެ އެއްބާރުލުން ކުރިއަށްދާނެކަމުގެ އުންމީދު އޭނާ ފާޅުކުރެއްވި. އަދި އެއީ ޗައިނާ ސަރުކާރުގެ އުންމީދު ކަމުގައިވެސް ވިދާޅުވި. އެކަމަށްޓަކައި ދިވެހި ސަރުކާރުގެ ނަމުގައި އަޅުގަނޑު ވަރަށްބޮޑަށް އުފާކޮށް، އެމަނިކުފާނަށާއި އެމަނިކުފާނުގެ ސަރުކާރަށާއި، އެމަނިކުފާނުގެ ޤައުމުގެ ރައްޔިތުންނަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން މިފަދަ ކޮންމެ މަޝްރޫޢެއް މި ހިންގަނީ ތަފާތު ފަރާތްތަކާ ގުޅިގެން. ނަތީޖާއެއްގެ ގޮތުން ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެން. މި މަޝްރޫޢަށް ދިވެހި ސަރުކާރުންވެސް ފައިސާތަކެއް ހޭދަކުރަންޖެހުނު. ބައެއް ކަންތައްތައް ކުރަންޖެހުނު. އޭގެ ތަފްޞީލްތަކަކަށް އަޅުގަނޑު ދާކަށްނެތިން. އެހެންނަމަވެސް، އެއީ މިކަހަލަ ކޮންމެ މަޝްރޫޢެއްގައި، ދިވެހި ސަރުކާރުންވެސް ވާންޖެހޭ އެހީތަކެއް. އެއީ އަޅުގަނޑުމެންގެ އަމިއްލަ ކުރިއެރުމަށް ކުރާ ކަންތައްތަކުގައި، އަޅުގަނޑުމެންގެ ޙިއްޞާ ވަރަށްބޮޑަށް އޮންނަންޖެހޭނެކަމީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ޝައްކުކުރާނެ ކަމެއްނޫން.

އާދެ، މި މަސައްކަތް މިހާ ފުރިހަމަ ގޮތެއްގައި، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން މިދިޔައީ ވަރަށް ގިނަ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން. އެންމެ ފުރަތަމަ ޗައިނާ ސަރުކާރުގެ ފަރާތުން މި ޢިމާރާތް ކުރުމުގެ މަސައްކަތްކުރި ޗައިނާގެ ކުންފުންޏާއި އަދި ދިވެހިރާއްޖޭގެ ސަރުކާރުގެ ބައެއް ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން
މި ޢިމާރާތް މިހާ ފުރިހަމަގޮތެއްގައި، މިހާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ގޮސްފައި މިވަނީ. އާދެ، ދިވެހި ސަރުކާރުގެ ފަރާތްތަކުގެ ތެރެއިން، މާލޭ މުނިސިޕަލްޓީ، އޮފީސް ފޮރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިން، މޯލްޑިވްސް އިލެކްޓްރިކް ސިޓީ ބޯޑު، އަދި އަޅުގަނޑު ހިތުން މި ޢިމާރާތުގެ ބައެއް ފަސޭހަތަކާ ބެހޭގޮތުން ވަރަށްގިނަ ލަފާ ދެއްވައި އެހީތެރިކަން ވެދެއްވި ދެފަރާތެއްވެސް އެބަވޭ. އެއީ މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީއާއި މާލޭ ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޕްރޮޖެކްޓްގެ ޔުނިޓް. މި ދެ ފަރާތް. އާދެ، އެހެންވީމާ މިހުރިހާ ފަރާތްތަކަކުން މިކުރެއްވި މަސައްކަތް މިއަދު އަޅުގަނޑުމެންނަށް ވަރަށް ރީތިކޮށް، ވަރަށް އުޖާލާކޮށް ފެންނަން ހުރުމާއެކު، އެހުރިހާ ފަރާތްތަކަކަށް ސަރުކާރުގެ ނަމުގައި ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، ހިޔާވަހިކަމަކީވެސް އިންސާނީ ޙައްޤުތަކުގެ ތެރެއިން ޙައްޤެއް. އާދެ، އިންސާނީ ޙައްޤުތަކަކީ އިންސާނާ މި ދުނިޔޭގައި ރަނގަޅު ޙަޔާތެއް ޤާއިމުކޮށް، ދިރިއުޅުމަށްޓަކައި ބޭނުންވާ އަސާސީ ކަންތައްތައް. މިނިވަންކަމުގެ ޙައްޤު، މަސައްކަތްކުރުމުގެ ޙައްޤު، ހިޔާވަހިކަމުގެ ޙައްޤު. އާދެ، އެއީ އެހެން ޢިބާރާތަކުން ދަންނަވަންޏާ، އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ ހުރިހާ އަސާސީ ކަންތައްތަކެއް. މިނިވަންކަން ޤައުމަށް ލިބެނީ އަޅުވެތިކަމަކީ ނުވަތަ އެހެން ބާރެއްގެ ދަށުގައި ޤައުމު އޮތުމަކީ ޤައުމުގެ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު އަނިޔާއަކަށްވާތީ. ޤައުމުގެ ރައްޔިތުން ބޭނުންވާގޮތަށް ޤައުމުގެ ކަންތައްތައް ނިންމުމުގައި، އެހެން ބައެއްގެ ލަފާ ނުވަތަ އެހެން ބައެއްގެ ނަޞޭޙަތަށް ބޭނުންވާ ކަމަށްވަންޏާ އެޤައުމަކަށް، އެޤައުމަކަށް ބޭނުންވާގޮތަކަށް ކަންތައްތަކެއް ނުކުރެވޭނެ. ނުވަތަ އެހެން ބައެއްގެ ނުފޫޒުގެ ދަށުވެފައިވާނަމަ، އެއްވެސް ޤައުމަކަށް އެކަށީގެންވާ ގޮތުގައި ކުރިޔަކަށް ނުދެވޭނެ.

އެހެންވީމާ، ޤައުމީ މިނިވަންކަމަކީ ޤައުމުތަކުގެ އަސާސީ ޙައްޤެއް. ހަމައެފަދައިން، އެޤައުމުގައި ދިރިއުޅޭ ރައްޔިތުންގެ ޙައްޤުތަކެއްވެސްވޭ. އޭގެތެރެއިން ފަޤީރުކަމުން މިނިވަންވުމުގެ ޙައްޤާއި، ޖާހިލުކަމުން މިނިވަންވުމުގެ ޙައްޤާއި، އުޅޭނެ ތަނެއް ނެތުމުގެ ސަބަބުން ލިބޭ ދަތިތަކުން މިނިވަންވުމުގެ ޙައްޤާއި، ބަނޑުހައިހޫނުކަމުން މިނިވަންވުމުގެ ޙައްޤާއި، މިހިރީ ހުރިހާ ޤައުމުތަކެއްގައިވެސް އިންސާނީ ޙައްޤުތައް ކަމުގައި ބަލާ ޙައްޤުތަކެއް. އާދެ، އިންސާނީ ޙައްޤުތައް އެހެން ހުރިކަމުގައިވިޔަސް، އެހުރިހާ ޙައްޤަކީ އަޅުގަނޑުމެންގެ ނުވަތަ އެހެން ޤައުމުތަކުގެވެސް ކަންތައްތައް ހުންނަގޮތުން އެއްފަހަރާ ހުރިހާ އެންމެންނަށް ލިބޭ ޙައްޤުތަކަކަށްނުވޭ. އާދެ، މިސާލަކަށް ހިޔާވަހިކަމުގެ ޙައްޤު އެއީ އިންސާނީ ޙައްޤަކަށްވިޔަސް، ތަނުގެ ކަންތައްތައް ހުންނަގޮތުން ހަމަ ކޮންމެ މީހަކަށް ގެއެއް ނުވަތަ ދިރިއުޅޭނެ ތަނެއް ލިބިފައި އޮތުމަކީ ވާކަމެއްނޫން. އެކަން އެހެންވުމުގައި ވަރަށް ގިނަ ހުރަސްތަކެއްހުރޭ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެކަން އޮތީ ހަމަ އެގޮތަށް. މާލޭގައިވެސް ވަރަށްގިނަ ޢަދަދެއްގެ މީހުން، އެމީހުންގެ އަމިއްލަ ގެއެއް، ވަޒަނެއްނެތި އަދިވެސް ދިރިއުޅެމުން އެބަގެންދޭ. ރާއްޖެތެރޭގައިވެސް، ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި އެފަދަ ގޮތަކަށް މީހުންނަށް ދިރިއުޅެން ޖެހިފައި އެބައޮތް. އެހެންވީމާ، އެއީ އަޅުގަނޑުމެންނަށް ވަގުތުން ޙައްލުކުރެވެން ނެތް ދައްޗަކަށްވިކަމުގައިވިޔަސް، އެ ދަތިކަން ޙައްލުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭނެކަމީ ޝައްކެއްއޮތްކަމެއްނޫން. އެރޮނގުން ދިވެހި ސަރުކާރުންވެސް މަސައްކަތް ކުރަމުން މިގެންދަނީ.

ކުރިންވެސް ދެންނެވިފަދައިން، މާލޭގެ ބިމުގެ ދަތިކަން އޮތްގޮތުން މާލޭގެ ރަށްވެހިންގެ ތެރޭގައި އަދި ގޯތިގެދޮރުގެ ނިޢުމަތް ލިބިފައިނުވާ އެތައްހާސް ބައެއް ތިބުމާއެކު، އެ އެންމެންނަށް މާލޭގެ ބިމުން ކުރިން ދޫކުރިގޮތަށް ގޯތި ދޫކުރަމުން ގެންދިޔުމަކީ މިއަދު ކުރެވެން އޮތް ކަމެއްނޫން. އެއާ ޚިލާފަށް، މިކަހަލަ ޢިމާރާތްތައް ހަދައިގެން، އެ ޢިމާރާތްތަކުގައި ގިނަ ޢަދަދެއްގެ ބަޔަކަށް ދިރިއުޅެވޭނެގޮތް ހަދައިދިނުން އެއީ މިހާރު ސަރުކާރަށް ފެންނަގޮތުގައި އެންމެ ހަމަޖެހޭ ގޮތަކަށްވާނީ.

އާދެ، ބިން ހިއްކުމުގެ މަޝްރޫޢަކީ، 1979 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަރަށް ގިނަ ޚަރަދުތަކެއް ކޮށްގެން، ވަރަށް ބުރަ މަސައްކަތެއް ކޮށްގެން ނިންމި މަޝްރޫޢެއް. އެ މަޝްރޫޢު ނިމުނީ މީގެ ހަތަރު އަހަރު ކުރިން، 1986 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު. އެ މަޝްރޫޢަކީ މި ދެންނެވި މަޤްޞަދު ޙާޞިލުކުރުމުގެ ބޭނުމުގައި ހިންގުނު މަޝްރޫޢެއް. އެހެން ދެންނެވިކަމުގައިވިޔަސް، ބައެއް ފަރާތްތަކަށް އަރާފައިވާ އޮޅުމެއް ފިލުވައިދިނުމުގެ ގޮތުން އެއްޗެއް ދަންނަވާލަން ބޭނުންވޭ.

އާދެ، ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވަނީ ހަމައެކަނި އެމީހުންގެ ގޯތިގެދޮރު އަޅާނެ ބިންކޮޅެއް ނޫން. ނުވަތަ ހިޔާވަހިކަމެއް ނޫން. އެއީ ވަރަށް ބޭނުންކަމެއް. އެހެންނަމަވެސް، އޭގެއިތުރުން ރައްޔިތުންނަށް ބޭނުންވާ ވަރަށް މުހިންމު އަސާސީ ޚިދުމަތްތަކެއް ހުރޭ. މިސާލަކަށް ކުދިންނަށް، ދަރިންނަށް ކިޔަވައިދޭނޭ މަދަރުސާތައް ހުރުން. އެމީހުން ބަލިވެއްޖެނަމަ ބޭސްކުރަން ދާނެ ތަނެއް ހުރުން. އަދި އެމީހުންނަށް ޤައުމުގެ ފަރާތުން ނުވަތަ ސަރުކާރުގެ ފަރާތުން ލިބިދޭންޖެހޭ އެހެން ޚިދުމަތްތައް ދޭނެ ތަންތަން ހެދުން. މިސާލަކަށް، އިންޖީނުގެއެއް ހެދުން. ނުވަތަ މާލޭގައި މިހާރު ކަންތައް ދިމާވެފައި އޮތް ގޮތުން، ބޯފެނުގެ ކަންތައްތައް ހުރިގޮތުން ބޯފެން ތާނގީތަކެއް ހެދުން. މިހެންގޮސް ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ ވަރަށް ގިނަ ފަސޭހަތައް ސަރުކާރުން އެމީހުންނަށް ތައްޔާރުކޮށް ހޯދައިދޭންޖެހޭ. އެ ފަސޭހަތައް އެގޮތަށް ހޯދައިދިނުމަށްޓަކައި ބިމަށް ބޭނުންވޭ. މަދަރުސާ އަޅާނެ ބިން ބޭނުންވޭ. ހޮސްޕިޓަލްތައް އަޅާނެ ބިން ބޭނުންވޭ. އަދި ކުރިން ދެންނެވި އެހެން ޚިދުމަތްތައް ދޭންވެސް އެކަންތައްތައް ކުރާނެ ބިން ބޭނުންވޭ. އެހެންވީމާ، މާލޭގެ ބިން ހިއްކީ ހަމައެކަނި މީހުންނަށް ގޯތިދޭކަށެއް ނޫން. މީހުންނަށް ގޯތިދޭށާއި އަދި އެތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ލިބިދޭށާއި މި ދެ ކަންތަކަށްޓަކައި. އެހެންވީމާ، އެއީ މިއަދު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ.

އަޅުގަނޑު ހިތުން މާލޭގެ ރައްޔިތުންވެސް ޤަބޫލުކުރައްވާނެ، މާލޭ މުޅިރަށް، މީހުން ދިރިއުޅޭ ގެތަކުން ފުރިފައި، މާލޭގެ ރައްޔިތުންގެ ނުވަތަ މާލޭގައި ދިރިއުޅޭ މީހުންގެ ދަރިން ދާނެ ސްކޫލެއް، މަދަރުސާއެއް ނެތުން އެއީކީ ހަމަޖެހޭކަމަކަށް ނުވާނެ. އެމީހުން ބަލިވެއްޖެނަމަ ބޭސްކުރަންދާނެ ހޮސްޕިޓަލް ނެތުން އެއީވެސް ހަމަޖެހޭ ކަމަކަށް ނުވާނެ. އަދި އެމީހުންނަށް ބޭނުންވާ ތަކެތި ގަންނަން ލިބޭނެ ފިހާރަތަކެއް ނެތުން، އެމީހުންގެ ޒުވާނުން ކުޅިވަރު ކުޅޭނެ ދަނޑެއް ނުވަތަ ބިމެއް ނެތުން، އެމީހުންނަށް ބޭނުންވާ އިލެކްޓްރިސިޓީއާއި، ފެނާއި މިނޫންވެސް އެފަދަ ފަސޭހަތައް އެމީހުންނަށް ވާޞިލްކޮށްދޭނެ ތަންތަން ހެދިފައި ނެތުން، މިއީ އަޅުގަނޑު ހިތުން އެއްވެސް މީހަކު ޤަބޫލުކުރާނެ ކަމެއްނޫން. އެހެންވީމާ، މާލޭގެ ހިއްކާފައިވާ ތަނުން މި ދެންނެވިކަހަލަ ކަންތައްތަކަށް، ޢާންމު ފައިދާއަށް، ރައްޔިތުންގެ ޢާންމު ފައިދާއަށް ބޭނުންވާ ތަންތަން ހަދަންޖެހެނީ.

އާދެ، މިއަދު ރާއްޖޭގައި މި ފާހަގަކުރެވޭ މިނިވަން 25ގެ އިޙްތިފާލުގެ އެންމެ ފުރަތަމަ ކަމަކަށް މިއޮތީ، ޗައިނާ ސަރުކާރުގެ އެހީގައި ދިވެހި ސަރުކާރުން ޢިމާރާތްކުރި ހައުސިންގ ސްކީމްގެ ފުރަތަމަ މަރްޙަލާގެ ޢިމާރާތް ދިވެހި ސަރުކާރާ ޙަވާލުވުން، އެއްކަމަކަށް. މި މަޝްރޫޢުގެ ދެވަނަ މަރްޙަލާގެ ދަށުން ހެދޭ ޢިމާރާތުގެ ބިންގާ އަޅައިދިނުން، އަނެއްކަމަކަށް. އަދި އެންމެ އުފާވެރި ކަމަކަށް މިއަދު މިއޮތީ މާލޭ ހައުސިންގ ސްކީމްގެ ފުރަތަމަ މަރްޙަލާގެ ދަށުން ހެދުނު ސިނަމާލެ 1ގެ ފްލެޓްތައް، އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ ޙަވާލުކުރުން. އާދެ، އެއީ އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ޙާޞިލްވި ކަމެއް. މިފަހަރު މި ފުލެޓްތަކުގައި ދިރިއުޅޭނޭ މީހުން ހޮވުމުގައި، ސަރުކާރުން ގެންގުޅުނު އުޞޫލު ތިޔަބޭފުޅުންނަށް ވާނީ އެނގިވަޑައިގެންފައި. ފުރަތަމަ އެތަނަށް ބޭނުންވާ މީހުންގައި ހުންނަ ޝަރުޠުތަކެއް ސަރުކާރުން ކަނޑައެޅީ. އޭގެފަހުން އެކަން އިޢުލާނުކުރީ. މިފަހަރު އެ ކަނޑައެޅުނު ޝަރުޠުތައް ތަންކޮޅެއް ހަރުކަށިކަމަށްވެދާނެ. އެހެންނަމަވެސް، އެހެން ހަދަންޖެހުނު ސަބަބަކީ މިފަދަ ފްލެޓްތަކަށް އެދޭނެ މީހުން ގިނަކަން ސަރުކާރަށް އިޙްސާސް ކުރެވޭތީ، ކޮންމެވެސްގޮތަކުން ޝަރުޠުހަމަވާ މީހުން މަދުކޮށްގެން ނޫނީ، ފަހުން ހަމަޖެހޭގޮތަކަށް ފްލެޓްތައް ބަހާލެވެން ނޯންނާނެތީ.

އާދެ، އެހެންވީމާ، މާލޭގެ ރަށްވެހިންނަށްވުން ޝަރުޠަކަށްވީ. ޢުމުރުން 21 އަހަރު ވެފައިވާ ދިވެހި ރައްޔިތުން ކަމަށްވުން ޝަރުޠަކަށްވީ. އެމީހަކު ބަލަމުންގެންދާ އަދި އެމީހަކު ބަލަންޖެހޭ އަނބިދަރިން ތިބުން ޝަރުޠަކަށްވީ. އަދި ދަރިންގެ ޢަދަދުވެސް އެންމެ މަދުވެގެން ތިނަކަށްވުން ޝަރުޠަކަށްވީ. ހަމައެފަދައިން، އެމީހަކީ މާލެއިން ގޯއްޗެއް ލިބިފައިވާ ނުވަތަ ގޯއްޗަކުން ބައެއްވިޔަސް ލިބިފައިވާ ނުވަތަ ގޯއްޗަކުން ބައެއްވިޔަސް ލިބެން އޮތް މީހަކު ކަމުގައި ނުވުންވެސް ޝަރުޠަކަށްވީ. އާދެ، މި ހުރިހާ ޝަރުޠުތަކެއް ހަމަވާ މީހުން މިކަމަށް އެދި ފޯމު ފުރާފައި މާލޭ މުނިސިޕަލްޓީއަށް ޤަވާޢިދުން ފޮނުވީ. ތިންސަތޭކަ އެތައް މީހަކު. ދެން މިދެންނެވި ޝަރުޠުތައް ފުރިހަމަވާ މީހުން ބެލިއިރު، އެވީ 57 މީހުން ކަމުގައި މިފަހަރު. އެ 57 މީހުންގެ ތެރެއިން ހޮވަން މިޖެހެނީ 24 ފަރާތެއް. އެ 24 ފަރާތް ހޮވުމުގައި ސަރުކާރުން މިފަހަރު ޢަމަލުކުރީ ޤުރުޢަތުގެ އުޞޫލުން. އެ އުޞޫލަކީ އިސްލާމްދީނުގައިވެސް ކަނޑައެޅިފައި އޮންނަ އުޞޫލެއް.

އާދެ، މާލޭގެ އަވަށް އަވަށުގެ މަންދޫބުން ވަޑައިގެން ތިއްބަވައިގެން، މާލޭ މުނިސިޕަލްޓީގެ ފަރާތުން އެ ޤުރުޢަތުލެއްވުމުގެ ކަންތައްތައް ބޭއްވެވީ އެންމެންގެ ކުރިމަތީގައި. ފްލެޓްތަކަށް އެދުނު އެންމެންގެ ކުރިމަތީގައި. އެންމެންގެ ޙާޟިރުގައި. ވަރަށް އިންޞާފުވެރި ރަނގަޅު ގޮތަކަށް އެކަން ނިމިގެންދިޔައީ. އެހެންވީމާ، ޤުރުޢަތުން ހޮވުނު ނަޞީބުވެރި 24 ފަރާތަކާ މިއަދު މި ފްލެޓްތައް މި ޙަވާލުކުރެވެނީ. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ތަހުނިޔާ އަދާކުރަން. އަދި އެބޭފުޅުން މި ފްލެޓްތަކުގައި ދިރިއުޅުއްވަމުން ގެންދަވާއިރު، އެބޭފުޅުންނަށް ހުރިހާ ފަސޭހަތަކެއް ލިބިގެންދާނެކަމުގެ އުންމީދުވެސް އަޅުގަނޑު ފާޅުކުރަން. އެބޭފުޅުން މިފްލެޓްތަކުގައި ދިރިއުޅުއްވާ ދިރިއުޅުއްވުމަކީ ހަމަޖެހޭ އުފާވެރި ދިރިއުޅުމަކަށް ވާނެކަމަށްވެސް އަޅުގަނޑު އުންމީދުކުރަން.

އާދެ، މިކަހަލަ ޢިމާރާތެއްގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ދަތިތަކެއް ހުންނާނެ. އަދި ޢަމުދުން އަޅުގަނޑުމެން ކަހަލަ، މިކަހަލަ ކަންތައްތަކަށް އަދި އާދަވެފައި ނުވާ މީހުންނަށް، ކުއްލިއަކަށް މިހެން އުޅެންޖެހުމުން ވަރަށްގިނަ ދަތިތަކަކާ ކުރިމަތިލާންޖެހޭނެ. އެހެންނަމަވެސް، ދުވަސްކޮޅަކުން އެދަތިތައް އަޅުގަނޑު ހިތުން ފިލަމުންދާނެ. އޭގެތެރެއިން އެއް ނުކުތާއެއް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. އެއީ އަވަށްޓެރިންގެ މެދުގައި އޮންނަންވާ ގުޅުން. އެއީ ވަރަށް މުހިންމު ގުޅުމެއް. ޚާއްޞަކޮށް، އެ ޢިމާރާތެއްގައި ތަފާތު ފުލެޓްތަކުގައި މީހުން ދިރިއުޅެމުން ގެންދާއިރު، ޖެހިގެން ހުންނަ ފްލެޓާއި ތިމާ ދިރިއުޅޭ ފްލެޓާ، އެ ދެ ތަނުގައި ދިރިއުޅޭ މީހުންގެ ދެމެދުގައި އޮންނަންޖެހޭނީ ވަރަށް އެކުވެރި ރަޙްމަތްތެރި ގުޅުމެއް. ކޮންމެ މީހަކުވެސް އަނެކަކަށް ދޫކުރެވެން އޮތްވަރަކަށް ދޫކޮށްގެން، އެހެން މީހުންނަށް ކަމޭހިތައިގެން އުޅެންޖެހޭނީ. އެހެންނޫނީ ވަރަށް ގިނަ މައްސަލަތައް ނުކުންނަން ފަށާނެ. އަދި އެމައްސަލަތަކަކީ ސަރުކާރަށް ޙައްލުކުރަން ފަސޭހަ މައްސަލަތަކަކަށްވެސް ނުވެހިނގައިދާނެ.

އެހެންވީމާ، މި ޢިމާރާތުގައި ދިރިއުޅޭ ދޭދޭ ޢާއިލާގެ ދެމެދުގައި އޮންނަ ގުޅުމާއި، އަވަށްޓެރިކަމުގެ ގުޅުން އެއީ ވަރަށް ހަރުދަނާ ބިންގަލެއްގެ މައްޗަށް އުފެދިފައިވާ ގުޅުމަކަށް ހައްދަވަންޖެހޭނެ. މި ފުލެޓްތައް މިއަދު ޙަވާލުވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަކުންވެސް މިދެންނެވި ނުކުތާއަށް ވަރަށް ބޮޑަށް ވިސްނާވަޑައިގަތުން އެދެން. އަދި މި ޢިމާރާތަކީ ދިވެހި ރައްޔިތުންގެ ޢިމާރާތެއް. ސަރުކާރުން އެ ޢިމާރާތް ބަލަހައްޓަނީ. އެހެންވީމާ، ޢިމާރާތަށްވެސް ފަރުވާތެރިކަން ބެހެއްޓެވުމާއި، ތަންތަން ހަލާކުވެގެންދިޔަނުދިނުމާއި އަދި އެއްވެސް ގެއްލުމެއް ތަނަކަށް ލިބިއްޖެނަމަ ވަގުތުން އަންގަވަންޖެހޭ ފަރާތަކަށް އެންގެވުމާއި އަދި މިހާރު ތިޔަ ސޮއިކުރެއްވި އެގްރިމެންޓްގައިވާ ގޮތުގެމަތިން ހުރިހާ ކަމެއް ޤަވާޢިދުން ގެންދެވުމާ، މިކަންތައްތަކަށް ވަރަށްބޮޑު ސަމާލުކަމެއް ހުރިހާ ބޭފުޅުންވެސް ދެއްވަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން.

އާދެ! އަދިވެސް އެއްފަހަރު، މި ފްލެޓްތައް މިއަދު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި ހަމައެފަދައިން، މި މަޝްރޫޢު، މިގޮތަށް ނިންމާލުމުގެ ތައުފީޤު ދެއްވި ކަމަށްޓަކައި، އެންމެ ފުރަތަމަވެސް اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. އަދި އަޅުގަނޑުމެންގެ ރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްޤީގައި އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަކަށްވެސް ޝުކުރު ދަންނަވަން. އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާ ހުރިހާ ޤައުމުތަކަކަށް އަދި ބައިނަލްއަޤްވާމީ ހުރިހާ ޖަމާޢަތްތަކަކަށް ޝުކުރު ދެންނެވުމުގެ އުފާވެސް އަޅުގަނޑު ހާޞިލްކުރަން. ވަކިން ޚާއްޞަގޮތެއްގައި މިއަދު އަޅުގަނޑުމެން މިތަނަށް އެއްވެ މިތިބަ މި ޖަލްސާ ކުރަމުން މިގެންދާ މުހިންމު މަޝްރޫޢުގެ ކަންތައްތައް ކޮށްދެއްވި ފަރާތް ކަމުގައިވާ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކި އަބަދަށްޓަކައި މިނިވަން ރާއްޖެއެއް ކަމުގައި ލެއްވުން. ރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ދެއްކެވުން. އަޅުގަނޑުމެންގެ އަސާސީ ބޭނުންތައް ފުދޭނެގޮތެއްގެ މަތިން ދިވެހި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ތަފާތު މަޝްރޫޢުތަކެއް ހިންގައި، އޭގެ ފައިދާ ދިވެހިރައްޔިތުންނަށް ލިބެމުން ދިޔުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.