بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިއަދު އަޅުގަނޑަށް މިލިބޭ އުފަލަކީ ވަރަށްވެސް ބޮޑު އުފަލެއް. އާދެ، އެއީ ރާއްޖޭގެ އަމިއްލަ ފަރާތަކުން އިސްނަގައިގެން ކުރައްވާ، ވަރަށް ބޮޑު އިޤްތިޞާދީ މަސައްކަތެއް ހުޅުވައިދިނުން. އެ މަސައްކަތުގެ ފެށުން ރަސްމީގޮތުން ފާހަގަކޮށްދިނުން.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މާލޭ އެއިރޭޓެޑް ވޯޓަރ ކޮމްޕެނީއަކީ ރާއްޖޭގައި މިހާރު އުފެއްދުންތެރިކަން ކުރިއަށް ގެންދަވާ ކުންފުންޏެއް. އެ ކުންފުނި އުފެދިގެން ހިނގަމުންދާތާ އަހަރުތަކެއްވެއްޖެ. އެކުންފުނީގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށް ތަފާތު ޚިދުމަތްތައް ލިބެމުން އެބަދޭ. މިއަދު އެ ކުންފުނިން މި އަޅުއްވަނީ ތަރައްޤީގެ މަގުގައި އިތުރު ފިޔަވަޅެއް. އެފިޔަވަޅުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުން ލިބޭނެކަމާމެދަކު ޝައްކެއްނެތް. ރާއްޖެއަށް އިތުރު ހުނަރުވެރިކަމެއް އެބަ ގެނެވޭ. ރާއްޖޭގެ ރައްޔިތުންނަށް ވަޒީފާ އަދާކުރާނެ އިތުރު ފުރުޞަތުތަކެއް ލިބޭނެ. ހަމަ އެއާއެކުގައި، ސަރުކާރުން މިހާރު ގެންގުޅޭ އިޤްތިޞާދު ހުޅުވާލުމުގެ ސިޔާސަތަށް، މިކުންފުނީގެ ސަބަބުންވެސް ވަރަށް ބޮޑު ތަރައްޤީއެއް ލިބޭނެކަމާމެދު ޝައްކެއްނެތް.

އާދެ، ތަނެއްގެ އިޤްތިޞާދު ކުރިއަށްދާނީ، ޝައްކެއްނެތްގޮތުގައި، އެތާނގެ ސަރުކާރާއި، އެތާނގެ އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތްކޮށްގެން. އެހެންކަމާއެކު، ފަހަކަށްއައިސް ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ހުޅުވައިލުމުގެ ސިޔާސަތެއް ވަނީ ގެންގުޅެން ފަށާފައި. ވަރަށް ގިނަ ލުއިފަސޭހަތައް މިހާރު މިގެންދަނީ ޕްރައިވެޓް ސެކްޓަރަށް ދެމުން. އާދެ، ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، މިއަހަރު ފެށުނުއިރުވެސް، މިއަހަރުގެ ފެށުމާއެކު، ވަރަށް ގިނަ ކަންތައްތައް، ސަރުކާރުގެ ފަރާތުން ކުރަމުން އައި ކަންތައްތަކެއް މިހާރު އަމިއްލަ ފަރާތްތަކަކަށް، އެކަންތައްތަކުގައި ބައިވެރިވެވޭގޮތަށް ވަނީ ދޫކޮށްލާފައި.

އަޅުގަނޑުމެންގެ ހިކިކަނޑުމަސް އެކްސްޕޯޓް ކުރުން. ރޯމަސް އެކްސްޕޯޓް ކުރުން ފިޔަވައި މަހުގެ އެހެން ހުރިހާ ބާވަތްތަކެއް ތައްޔާރުކޮށް، އެކްސްޕޯޓް ކުރުން. ބޭސް އެތެރެކުރުން. ކާޑުގެ ބާވަތްތައް އެތެރެކުރުން. އަދި އިޤްތިޞާދުގެ ދާއިރާ ފުޅާކޮށް، ޕްރައިވެޓް ސެކްޓަރުން އެ އަދާކުރާ މުހިންމު ބައި ފަސޭހަކަމާއެކު އަދާކުރުމަށްޓަކައި އިތުރު ލުއިފަސޭހަތަކެއްވެސް ސަރުކާރުން ވަނީ މިހާރު ހަމަޖައްސާފައި. އޭގެތެރޭގައި އެއް ކަމެއް، ބޭންކުން ލޯނު ދިނުމަށް، ކުރިން ހަމަޖެހިފައި އޮތް ކޮންޓްރޯލްތައް ދޫކޮށްލުން. ބޭރުފައިސާ ދޫކޮށްލުން. މިގޮތުން، ސަރުކާރަށާއި ރައްޔިތުންނަށް ފައިދާވާނެ ކަމަށް ފެންނަ ވަރަށް ގިނަ ކަންތައްތަކެއް މިހާރުވަނީ ސަރުކާރުން ކޮށްދިނުމަށް ހަމަޖެހިފައި. އަދި ކޮށްދެމުން ގެންދަނީ.

އާދެ، އިމްޕޯޓްކުރާ އެއްޗެތީގެ ވަކި އުޞޫލެއް، ކުރިން ހަމަޖެހިފައި އޮވޭ. ކޯޓާ ސިސްޓަމެއް އޮވޭ. އެވެސް މިހާރު ވަނީ ދޫކޮށްލެވިފައި. މިކަންތައްތައް މިހެން ކުރުމުގެ ބޭނުމަކީ ޕްރައިވެޓް ސެކްޓަރ ތަރައްޤީކޮށް، ކުރިއަށް ގެންދިޔުމުގެ މަގު އެފަރާތަށް ތަނަވަސްކޮށްދިނުން. އެއީ ކޮންމެ ތަނެއްގައިވެސް އިޤްތިޞާދު ކުރިއަށްދާނީ އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތައްވެސް އެކަށީގެންވާ ހަލުވިކަމަކާއެކު ކުރިއަށްދާ ކަމަށް ސަރުކާރަށް ފެންނާތީ.

އާދެ، މިއަދު މިހުޅުވޭ "ކޮކާކޯލާ ބޮޓްލިންގ ޕްލާންޓަކީ" މި ދެންނެވި އުޞޫލުން ރާއްޖޭގެ ވިޔަފާރިއަށާއި އިޤްތިޞާދަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ތަނެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، ދެންމެ މިތާނގައި އެ ވާހަކަފުޅު ދެއްކެވި މުޙައްމަދު ސަޢީދު ޚާންވެސް ވިދާޅުވިފަދައިން، ދުނިޔޭގައި ވަރަށް މަޝްހޫރު ކުންފުންޏެއް ކޮކާކޯލާ ކުންފުންޏަކީ. އަދި ކޮކާކޯލާ ކުންފުނިން އެ ތައްޔާރުކުރާ ބުއިމަކީ ދުނިޔޭގެ ކުރިމަތީގައި ވަރަށް މަޤްބޫލު ބުއިމެއް. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރު އެ ބުއިން ވެފައިވަނީ ވަރަށް މަޤްބޫލު ބުއިމަކަށް. ޝައްކެއްނެތްގޮތުގައި، މިފަދަ ކަންތައްތައް ރާއްޖެއަށް ތަޢާރުފްވެ، އެއްދުވަހުން އަނެއްދުވަހަށް އެކަންތައްތައް ތަރައްޤީވެ ކުރިއަށްދިޔުމަކީ ދިވެހި ރައްޔިތުންނަށްވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ. އަދި ރާއްޖޭގެ އިޤްތިޞާދަށާއި ވިޔަފާރިއަށް ލިބޭ ކުރިއެރުމަކަށްވެސް ވާނެ.

އާދެ، މިކަންތައްތައް އިސްނަންގަވައިގެން ކުރައްވާ ފަރާތްތަކަށް އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ޝުކުރާއި ތަޢުރީފް މަތިވެރި. އާދެ، މާލޭ އެއިރޭޓެޑް ވޯޓަރ ކޮމްޕެނީގެ މެނެޖިންގ ޑިރެކްޓަރ ޑޮކްޓަރ އިބްރާހީމް ޢުމަރު މަނިކު، އަދި އޭނާގެ އަރިހުގައި މަސައްކަތް ކުރައްވާ އެހެން ޑިރެކްޓަރުންނާއި، އެކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން މިކަމަށް އިސްނަންގަވައިގެން ރާއްޖޭގައި މިފަދަ މަތީ ފެންވަރަކަށް ބުއިންތައް ތައްޔާރުކުރެވޭ ބޮޓްލިންގ ޕްލާންޓެއް އުފެއްދެވި ކަމަށްޓަކައި، އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރާއި މުބާރަކްބާދީ ދަންނަވަން.

އާދެ، އެ ބޭފުޅުން އެ ތަމްސީލުކޮށްދެއްވާ ޢާއިލާއަކީ، ރާއްޖޭގައި ވަރަށް ކުރިއްސުރެ މިބާވަތުގެ ވިޔަފާރިތައް ހިންގަވާ ޢާއިލާއެއްކަން އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ. ވަރަށް ކުރިއްސުރެ މާލޭގައި ސޮޑާއަޅާ ކުންފުންޏެއްވެސް ހުރި. އަދި، އެކަހަލަ މަސައްކަތްތައް ކުރެވެމުންދާތާ ފަންސަވީހަކަށް ނުވަތަ ތިރީހަކަށް އަހަރު ވެދާނެކަންނޭނގެ. މިހާރު ދުނިޔޭގެ ކަންތައްތައް ތަރައްޤީވަމުންދާ ފަދައިން، އެބޭފުޅުންވެސް އެބޭފުޅުންގެ މަސައްކަތް އެގެންދަވަނީ ތަރައްޤީ ކުރައްވަމުން. އެހެންވީމާ، އެފަރާތުން އެކުރައްވާ މަސައްކަތް އަޅުގަނޑު ވަޒަންކުރަން. ހަމައެއާއެކުގައި، ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިންނާއި، އަމިއްލަ މަސައްކަތްތެރިން، ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް، ރާއްޖެއަށް އިޤްތިޞާދީ ގޮތުން ލިބެންވާ ފައިދާތައް ހޯދުމަށްޓަކައި އެކުރައްވާ މަސައްކަތްތައްވެސް ހަމަ މި ފުރުޞަތުގައި ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލަން.

އާދެ، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރ މިހާރުވަނީ ވަރަށް ބޮޑުތަން ތަރައްޤީވެފައި. ވަރަށް ގިނަ ތަފާތު ކަންތައްތައް އެފަރާތްތަކުން ކުރަމުން ގެންދޭ. ރާއްޖޭގައި އިތުރު މަސައްކަތްތެރިކަން ދަނީ އެއްދުވަހުން އަނެއްދުވަހަށް ތަޢާރުފްވަމުން. އަދި ރާއްޖެއިން އެކްސްޕޯޓް ކުރާ އެއްޗެތިވެސް ދަނީ ގިނަވަމުން. ޝައްކެއްނެތް، ތަނެއްގެ އިޤްތިޞާދު ކުރިއަށްދާނީ އެތަނަކުން އެކްސްޕޯޓް ކުރެވޭ ތަކެތި ގިނަވެގެން. އަދި އެ ތަނަކަށް އިމްޕޯޓް ކުރެވޭ ތަކެތި މަދުވެގެން.

އާދެ، މިއަދު މި ހުޅުވޭ ކުންފުނީގެ ސަބަބުން، މިތަނުން އެއް މަޤްޞަދު ޙާޞިލްވާނެ ކަމަށް އަޅުގަނޑު ދެކެން. އާދެ، އެއީ މިހާތަނަށް ކޮކާކޯލާ ކަހަލަ އެއްޗެތި އަޅުގަނޑުމެން މި އަންނަނީ ރާއްޖެއަށް އިމްޕޯޓް ކުރަމުން. އެހެންނަމަވެސް، މިއަދު މި ހުޅުވޭ ކުންފުނީގެ ސަބަބުން އެތަކެތި ރާއްޖޭގައި އުފެއްދޭނެގޮތް މެދުވެރިވީމާ، ދެން އެބާވަތުގެ ތަކެތި ރާއްޖެއިން ބޭރުން ގެންނާކަށެއް ނުޖެހޭނެ. އެއީ އަޅުގަނޑުމެންނަށް ބޭރުފައިސާވެސް ރައްކާތެރި ކުރެވޭނެ ކަމެއް. އަދި ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްވެސް އެއްދުވަހުން އަނެއްދުވަހަށް ރަނގަޅު ކުރެވޭނެ ކަމެއް.

އާދެ، އަޅުގަނޑަށްވެސް އެނގޭ، ރާއްޖޭގައި މިކަހަލަ މަސައްކަތްތައް ފަށައި ހިންގުމުގައި ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވާކަން. އެހެންނަމަވެސް، އެ ދަތިތައް ޖެހޭނީ އަޅުގަނޑުމެން ފިލުވައިލަން. ރާއްޖޭގެ މަސައްކަތްތެރިން ނުލިބޭކަން އެއީ އަބަދުވެސް އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ ކަމެއް. މި ކުންފުނީގައިވެސް ވަރަށް ގިނަ ޢަދަދަކަށް ބިދޭސީން ތިބި ކަމަށް އަޅުގަނޑަށް އެނގިފައިވޭ. 76 ދިވެހިންނާއި، 40 ބިދޭސީން އެބަ މަސައްކަތް ކުރޭ. އެހެންނަމަވެސް، ބައެއް އެހެންކަހަލަ މަސައްކަތްތަކުގައި އެއަށްވުރެވެސް މާގިނަ ޢަދަދަކަށް ބިދޭސީން ބޭނުންކުރަންޖެހޭ. އެއީ އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ނުކުތާއެއް. މަސައްކަތްކުރާ ފެންވަރުގެ މީހުން ރާއްޖޭގައި އަދިވެސް އެބަތިބި ކަމަށް އަޅުގަނޑު ދެކެން. އެމީހުން މިބާވަތުގެ މަސައްކަތްތަކުގެ ވަޒީފާތަކުގައި އުޅުން އެއީ އަޅުގަނޑު ހިތުން ހަމަ ރާއްޖެއަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމެއް. ރާއްޖެއަށް މާގިނަ ޢަދަދަކަށް ބޭރުގެ މަސައްކަތްތެރިން ގެނައުމަކީ އެއްވެސް ޙާލެއްގައި ރާއްޖެއަށް ފައިދާކުރާނެ ކަމެއް ނޫން. އެއީ އިޤްތިޞާދީ ގޮތުންވެސް އަޅުގަނޑުމެންނަށް ކުރެވޭ ބޭކާރު ޚަރަދަކަށްވާނީ، ބޭރުމީހުންނަށް މަތީ މުސާރަ ދީގެން ގެންގުޅުން. އަދި އިޖުތިމާޢީ ގޮތުންވެސް ތަފާތު މައްސަލަތަކެއް ނުކުންނަމުންދާނެ. ސިޔާސީގޮތުންވެސް އެފަދަ މައްސަލަތައް ނުކުތުމަކީ އެކަށީގެންވާ ކަމެއް.

އެހެންވީމާ، އަޅުގަނޑު ހިތުން އަޅުގަނޑުމެން މަސައްކަތް ކުރަންވީ ރާއްޖޭގައި، ރާއްޖޭގެ މީހުން ވަޒީފާގައި ތިބޭނެ ގޮތްތަކެއް ރޭވުމަށްޓަކައި. އެފަދަ ގޮތްތަކެއް އަޅުގަނޑު ހިތުން ސަރުކާރާއި އަމިއްލަ ފަރާތްތަކާ މަޝްވަރާކޮށްގެން، ދެފަރާތުން އެއްބައިވެގެން ވިސްނައިގެން ކުރަމުންގެންދާ ކަމަށްވަންޏާ، ކުރެވިދާނެ. އެހެންވީމާ، މިއަދު އަޅުގަނޑު ފާހަގަކޮށްލާ ނުކުތާއެއް އެއީވެސް.

އާދެ، މިއަދުގެ ވާހަކަ ދެން އަޅުގަނޑު މާ ދިގުކުރާކަށް ޤަޞްދެއްނުކުރަން. އަޅުގަނޑު އަދިވެސް އެއްފަހަރު، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގައި މިފަދަ އުފެއްދުންތެރި ކަމެއް ތަރައްޤީ ކުރެއްވި ފަރާތަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އެފަރާތުން އެކުރައްވާ މަސައްކަތްތަކަށް ކާމިޔާބަށް އެދެން. އަޅުގަނޑު ޔަޤީންކުރަނީ، މިއަދު މި ހުޅުވޭ ޕްލާންޓްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިތުރު ފައިދާތަކެއް ކުރާނެ ކަމަށް. ހަމަ އެއާއެކުގައި، ރާއްޖޭގައި މަސައްކަތް ކުރައްވާ އެހެން އަމިއްލަ ފަރާތްތަކަށް މިކަމުން އިތުރު ހިތްވަރެއް ލިބޭނެކަމަށް. އަދި މިފަދަ ކިތަންމެ މަސައްކަތްތަކެއް، ރާއްޖޭގައި ކުރެވެން ހުންނާނެކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، އެފަދަ މަސައްކަތްތައް ކުރެއްވުމަށް އަމިއްލަ ފަރާތްތަކުން އިސްނެންގެވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. އެފަރާތްތަކުން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، ސަރުކާރަށް ކޮށްދެވެން އޮތް ކަމެއް ވެއްޖިއްޔާ ސަރުކާރުން ކޮށްދޭނެ.

އާދެ، އަޅުގަނޑުގެ ވާހަކަ ދިގުނުކޮށް، މާލޭ އެއިރޭޓަޑް ވޯޓަރ ކޮމްޕެނީގެ ޑިރެކްޓަރުންނަށާއި، ހިންގުންތެރިންނަށާއި އަދި މުވައްޒަފުންނަށް، ހަމަ އެފަދައިން މި މަޝްރޫޢުގައި އެކިގޮތްގޮތުން ބައިވެރިވެވަޑައިގަންނަވާ ކޮކާކޯލާ ކޯޕަރޭޝަންގެ ބޭފުޅުންނަށާއި އަދި ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިންނާއި، އަމިއްލަ މަސައްކަތްތެރިކަން ކުރިއަށް ގެންދަވާ ފަރާތްތަކަށް ތަހުނިޔާއާއި މުބާރަކްބާދީ ރައްދުކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.