ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހަފްތާއަކު އެއްފަހަރު ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ދެއްވާ ރޭޑިޔޯ ޚިޠާބު، އަންނަ ހުކުރު ދުވަހުން ފެށިގެން ހެނދުނު 10 ޖަހާއިރު ފޮނުއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ. މިހާތަނަށް ރޭޑިޔޯ ޚިޠާބު ފޮނުއްވަމުން ގެންދެވީ ހުކުރު ދުވަހު ހެނދުނު 7.15 ގައެވެ.
އަންނަ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ މިދެއްވާ އެމަނިކުފާނުގެ 25 ވަނަ ރޭޑިޔޯ ޚިޠާބުގައި، އެޗް ވަން އެން ވަން ރޯގާ ރާއްޖޭގައި ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވާނެއެވެ. މީގެ އިތުރުން، ޤާނޫނުގެ ރައްކާތެރިކަމާއި ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ކޮންމެ މީހަކަށްވެސް ލިބިދިނުމުގެ މައްޗަށާއި، ކުރީގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްޗަށް ޖިނާއީ މައްސަލަތަކުގެ ތުހުމަތު ކުރެވި ތަޙުޤީޤު ކުރެވެމުންދާތީ، އެފަރާތްތަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤުތައް ލިބިދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ.
އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ 2010 ވަނަ އަހަރަށް ލަފާކުރައްވާ ބަޖެޓުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ. އަދި ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހަކީ، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން އ.ދ.އިން ފާހަގަކުރަމުން އަންނަ ދުވަސް ކަމަށްވުމާއެކު، މިދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.