بِسْمِ اللَّـهِ الـرَّحْمــنِ الرَّحِيـم

اَلـْحَمْــــدُ لِلَّـهِ رَبِّ الْــعَـــــالــَمِــيْــن، وَالصَّــــلاَةُ وَالسَّـــلاَمُ عَلـى سَــيِّــــدِنَـا مـُحـَمَّـدٍ خـَـــاتـَــمِ ألْأنْــبِـيــَــاءِ وَالـْمُــرْسَــلِــيْــن، وَعَـلى آلِــــهِ وَصَــحْــبِــهِ أجْـمَـعِــيْــن.

الـلَّـهُــمَّ ارْحَــمْـنَـــــا بـِالْــقُــــرْآن؛ وَاجْــعَـلْــهُ لَــنَــــا إِمَــامًـــــا وَنُــــوْرًا وَهُــــدًى وَرَحْـمَــــةً؛ الـلَّهُــــمَّ ذَكِّــــرْنَــــا مِــنْـــهُ مَــانَـسِـيْــنَــا، وَعَــلِّـمْـنَــــا مِـنْــــهُ مَـــاجَــهِــلْـنَــــا، وَارْزُقْــنَــــــا تـِــلاَوَتَــــــهُ آنَــــــاءَالَّــلـيْــــلِ وَأَطْــرَافَ النَّـــهَـــارِ، وَاجْــعَــلْــهُ لَــنَـــــاحُـــجَّــــةَّ يَــارَبَّ الْــعَــــالَــمِـــيْــــن.

الــلَّهُــــمَّ إِنـَّــــاعِــبَـــــادُكَ، وَأَبْــنَـــــــاءُ عِـبَــــادِكَ، وَأَبْــنَـــــاءُ إِمَــــائـِــــكَ، نـَـوَاصِــينَـــــا بِــيَـــــــدِكَ، مَــاضٍ فِــيــنَـــــــا حُـكْــمُــــكَ، عـَــدْلٌ فِــيْـنَـــــا قَضَــــــاؤُكَ، نَــسْـــــأَلُــكَ بِــكُلِّ اسْـــــمٍ هُــوَلَـكَ، سَـــــمَّـيْـتَ بِـــــهِ نـَـفْسَــكَ، أَوْأَنْــــــزَلْــتَـــــهُ فِـــى كِــتَــــابـِــكَ، أَوْعَـــلَّـمْــتَــــهُ أَحَــــدًا مِــنْ خَــلْـقِــــكَ، أَوِاسْــــتَـأْثَــــــرْتَ بـِـــــهِ فِــى عِـــــلْــمِ الْـــغَـــيْــبِ عــِنْـــــدَكَ، أَنْ تَــجْــعَــــلَ الْـقُـــــرْآنَ رَبِــيـــــعَ قُــــلُـــــوبِــنَــــــا، وَنــُـــورَ صُــــدُورِنـَـــــا، وَجـــــلَاءَ غَـمِّـنَــــا، وَذَهَـــــابَ حـُـــزْنِـنَـــــا وَهَـمِّنَـــــــا.

الــلَّهُــــمَّ أَصْـــلـحْ لَـنَـــــا دِيْـنَنَـــــا الَّـــذِى هُــــوَعِـصْـمَـــةُ أَمْــرِنـَـــــا، وَأَصْــلــحْ لَــنَــــا دُنْــيَـــانَـــــا الَّـتِـــى فِيْــهَــــا مَـعَـــــاشُـــنَــا، وَأَصْــلــــحْ لَــنَـــــا آخِــــــــرَتَــنَــــــا الَّـتِــى فِـيـهَـــــا مَـعَــــادُنـَــــــا، وَاجْــعَـــــلِ الْــحَـيَـــــاةَ زِيـَـــــادَةَّ لَــنَـــــا فِـى كُــلِّ خَـيْـــرٍ، وَأجْــعَـــلِ الْــمَــــوْتَ رَاحَــــــةً لَّــنَــــا مِـــن كُــلِّ شَـــــرٍّ.

الــلَّهُــــمَّ اجـْـعَـــلْ خَـيْـــرَ عُـمُــــرِنـَـــا آخِـــــرَهُ، وَخَـيْــرَ عَـمَــلِنَــــا خَـوَاتِـمَـــــــهُ، وَخَيْــــرَ أَيَّـــامِـنَـــــا يــَـــوْمَ نَــلْقَــــــاكَ فِـيْــــه.

الــلَّهُــــمَّ إِنَّــــا نَـسْـــئَلُـكَ مُـــوْجِبَـــــــاتِ رَحْــمَتِـــــكَ، وَعَــــزَائِــــــمَ مَــغْــفِـــــرَتـِـــكَ، وَالـسَّــــلَامَـــةَ مِــن كــُلِّ إِثْــــمٍ، وَالْـغَـنِــيْــمَـــةَ مِــن كــُلِّ بِـــــرِّ، وَالْــفَــــوْزَ بـِـالْــجَنَّــــــــةِ، وَالـنَّـجَـــــــاةَ مِـنَ الـنَّـــــارِ؛ الــلَّهُــــمَّ أَحْـسِـــنْ عَــــاقِـبَتَـنَــــــا فِــى ألْأُمــــورِ كُــلِّهَــــا، وَأجِـــرْنَـــــا مِــن خِـــــزْىِ الـــدُّنْـيَــــا وَعَـــذَابِ اْلآَخِـــــرَةِ.

الــلَّهُــــمَّ اقْسِمْ لَـنَـــــامِـــن خَـشْــيَــتِكَ مَـاتَــحُـــــوْلُ بـِــهِ بَــيْــنَـنَــــا وَبَــيْـــــنَ مَـعْصِـيَـــــتِكَ، وَمِــن طَــاعَــتِــكَ مَــاتُـبَـلِّـغُـنَـــــا بـِـهَــاجَـنَّـتَـــكَ، وَمِــنَ الْــيَـقِـــيْــنِ مَـــا تُــهَــــوِّنُ بِــــهِ عـَلَـيْـنَــــا مَـصَـــائـِــبَ الــدُّنـْـيَـــــا، وَمَـتِّــعْــنَــــا بـِــأسْـــمَـاعِـنَــــا وَأبْــصَــــارِنَــــا وَقُـــوَّتِـنَـــــا مَــــا أَحْـيَـيْـتَـنَـــــا، وَاجْـــعَـلْـــــهُ الْــــوَارِثَ مِــنَّـــــا، وَاجْــعَــلْ ثَــــــأرَنـَــــا عَـلَى مَـــن ظَـلَـمَنَـــــا، وَانْـصُـــرْنَـا عَـلى مَــن عَـــادَانَـــــا، وَلاَتَــجْـعَــــلْ مُـصِـيْــبَـتَــنَـــا فِى دِيْــنِـنَـــا، وَلاَتَــجْــعَــلِ الـــدُّنْــيَـــا أكْبَرَ هَـــمِّـنَــــا، وَلاَمَــبْـلَـــغَ عِـلْـمِـنَــــا، وَلاَ تُـسَــــلِّطْ عَــلَـيْـنَـــــا مَـــنْ لاَيَـــــرْحَـمُـنَــــــا.

الــلَّهُــــمَّ لاَتـَـــــدَعْ لَــنَـــــا ذَنْــبًـــــا إِلاَّ غَـفَــــــرْتـَـــــهُ، وَلاَهَــمَّــــــا إِلاَّفَــــــرَّجْـــتَـــــهُ، وَلاَدَيْـــنًــــــا إِلاَّقَـضَـيْــتَـــــهُ، وَلاَحـَـــاجَــــةًّ مِــن حَـــوَائِـــــج الـــدُّنْـــيَــــا وَالآخِــــرَةِ إَلاَّقَـضَـيْـتَــهَـــــا يَـــــاأَرْحَــــمَ الـــرَّاحِـــمِـــيْــــن؛ رَبـَّـنَــــا آتـِــنَـــا فِــى الــدُّنْـيَـــا حَـسَــنَـــةً، وَفِــى الآخِــرَةِ حَــسَــنَــــةً، وَقِــنَـــا عَــــذَابَ الـــنَّـــارِ.

الــلَّهُــــمَّ بــَــارِكْ لَــنَــــا فِــى مَــكْـتَــبِـنَــــاهَـــــذَا، وَبـَــــارِكْ لَــنَــــا فِـى عَــمَــلِنَــــافِـيْــــهِ، وَوَفِّـقْـنَــــــا فِــيـــهِ لـِـمَـــــاتُــحِـبُّـــــهُ وَتَـــــرْضَـــــاهُ، وَلِـمَــــا فِــيْــــهِ خَـيْــــــرُ شَعْـبِــنَــا وَبِــــــلاَدِنَـــــا خَـــــاصَّـــــةً، وَصَــــالِـــــحُ الإِسْــــلاَمِ وَالْـمُسْــلِـمِــيــنَ عَـامَّـــةً؛ بِـــرَحْـمَـتِـــــكَ يَـــــاوَاسِـــعَ الْـمَـغْـفِـــــرَةِ، وَيَــــارَحْــمٰـــنُ يَــــارَحِــيــم.

"رَبـَّـــنَــــا اغْــفِــــرْلَــنَــــا وَلإِخْــــــوٰنِــنَــــــا الَّـــــذِيـــنَ سَـبَــقُــونَــــا بِــــاْلإِيْــمَــــــانِ، وَلاَتَــجْــعَــــلْ فِــى قُـــلُوبِــنَـــا غـِــلاَّ لِــلَّـــذِيْـــنَ ءَامَنُــــــوْا؛ رَبَّــنَـــــا إِنَّــــكَ رَءُوفٌ رَّحِـيــــمٌ" 

وَصَــلَّى اللَّـهُ عـَلى رَسُـــولِـنَـــــا سَــيِّـــدِنَــــا مُــحَــمَّــدٍ، وَعَــلى آلِـــــهِ وَأصْــحَـــابِــــــهِ الأَخْــيَــــــارِ، وَسَـــلَّـــمَ تَــسْـــلِــيْــمًـــــا كَــثِـــيْـــــرًا؛ سُــبْــحَــــانَ رَبِّـــــكَ رَبِّ الْـــعِـــــــزَّةِ عَــمَّــــــا يَــصِــفُــــونَ، وَسَـــــلاَمٌ عَـلــى الْــمُـــرْسَــلِـيْــنَ، وَالْـــحَـمْــــدُ لِلَّـهِ رَبِّ الْــعَــــالَـمِــيْـــن. آمــيــن.

بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، އާ އިމާރާތަކަށް ބަދަލުވުމާ ގުޅިގެން، އަދި ރާއްޖޭގެ މިހާރުގެ ކުރިއެރުމާއި ތަރައްޤީއާ އެކަށީގެންވާފަދަ އިމާރާތަކަށް، ދައުލަތުގެ މައި މަރުކަޒު، އާދެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ބަދަލުވުމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދެއްވައި، ބައިވެރިވެވަޑައިގެންދެއްވާ ހުރިހާ ފަރާތްތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކީގައި ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ، އަޅުގަނޑުމެން މި އިމާރާތަށް މި ބަދަލުވީ، ޙަޤީޤަތުގައި މާ ފެންވަރު މޮޅު، ރަނގަޅު އިމާރާތަކަށް ބަދަލުވުމުގެ ބޭނުމެއްގައެއްނޫން. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން، ކުރިން މަސައްކަތް ކުރައްވަމުން އައި އިމާރާތް، އެ އިމާރާތް ވަރަށް ބާވެ، އަދި ކުޑަވެ، އެ އޮފީހުގެ މަސައްކަތްތައް ގިނަވެ، މުވައްޒަފުންވެސް ގިނަވުމާއެކީގައި، އެ އިމާރާތް އެއީ އެއްގޮތަކަށްވެސް ފުދޭ ތަނަކަށް ނުވާތީ، އެ އިމާރާތް ޖެހުނީ ބަދަލުކޮށްލަން. އެއަށްވުރެ ތަނަވަސް، އަދި އެ އޮފީހުގައި ހިންގަންޖެހޭ މުހިންމު ކަންތައްތައް ހިންގޭކަހަލަ، ވަސީލަތްތައް ހުރި އިމާރާތަކަށް ބަދަލުކުރަން އަޅުގަނޑުމެންނަށް ޖެހުނީ.

ދެން މި އިމާރާތް ކުރިއިރު ޚިޔާލުކުރެވުނީ، ރާއްޖޭގެ މިހާރުގެ ތަރައްޤީއާއި ކުރިއެރުމާ އެކަށީގެންވާ ފެންވަރެއްގައި، މި އިމާރާތް ކުރެވިފައި ހުރުމަކީ، ބޭނުންތެރިކަމެއް ކަމުގައި. އާދެ، އެނގިވަޑައިގަންނަވާނޭ ފަދައިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ، ދައުލަތުގެ ޤަދަރާއި ހައިބަތު ތަމްސީލުކޮށްދޭ ތަނަކަށް ވާންޖެހޭނެ. އަދި އެތަނަކީ، ވަޒީރުންގެ މަޖިލީހާއި އަދި އެނޫންވެސް އެކިއެކި މުހިންމު މަޖިލީސްތަކުގެ ޖަލްސާތައް ކުރެވޭ ތަނަކަށް ވާންޖެހޭ. މީގެއިތުރުން، ބޭރުގެ ޢިއްޒަތްތެރިން، އާދެ، އެކި ޤައުމުތަކުގެ ރަސްރަސްކަލުންނާއި، ރައީސުންނާއި، ބޮޑުވަޒީރުންނާއި، އަދި އެނޫން ޢިއްޒަތްތެރިން ރާއްޖެއަށް ޒިޔާރަތް ކުރައްވާ. އެ ބޭފުޅުންނާ އިސްތިޤްބާލު ކުރެވޭ ފެންވަރުގެ ތަނަކަށްވެސް ވާންޖެހޭ. ހަމައެފަދައިން، ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރުންގެ ފަތްކޮޅު ބަލައިގަތުމުގެ އިންތިޒާމުވެސް ރަނގަޅުގޮތެއްގައި، އެކަށީގެންވާ ފެންވަރެއްގައި ހަމަޖެހިފައި ހުރި ތަނަކަށް ވާންޖެހޭ.

ހަމައެއާއެކީގައި، މި އޮފީހުގެ މަސައްކަތްތައް ގިނަވެ، މުވައްޒަފުން އިތުރުވުމުގެ ސަބަބުން، އެންމެންނަށް މަސައްކަތް ކުރުމުގެ ޖާގައޮތް އިމާރާތަކަށްވެސް އެތަން ވާންޖެހޭ. ހަމައެއާއެކީގައި، މި ޒަމާނުގެ ވަސީލަތްތައްވެސް އެތާނގައި ޤާއިމުވެފައި ހުންނަންޖެހޭ. އެހެންވީމާ، މި އިމާރާތް މިގޮތަށް ހެދިފައި މިހިރީ. މާތްﷲގެ ވާގިފުޅާއި ތައުފީޤާއެކީގައި، އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިވަގުތަށް ފުދޭވަރަކަށް ކުރިންވެސް ދެންނެވިފަދައިން، ދައުލަތުގެ ޤަދަރާއި، ހައިބަތު ތަމްސީލުކޮށްދޭފަދަ ގޮތަކަށް އަދި މި ޒަމާނުގެ ތަރައްޤީއާގުޅޭފަދަ ގޮތަކަށް، މި އިމާރާތް ކުރެވިފައި މިހިރީ.

މިކަން މިގޮތަށް ކުރުމުގައި، ވަރަށްގިނަ ފަރާތްތަކެއްގެ އިޚްލާޞްތެރި އެއްބާރުލެއްވުމާއި، އެހީތެރިކަން، އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށް އާންމުގޮތެއްގައި، އަޅުގަނޑު ޝުކުރު ދަންނަވާލަން ބޭނުންވޭ. އާދެ، އޭގެތެރޭގައި، އިމާރާތް ފަރުމާކުރެއްވި ފަރާތްތަކާއި، އިމާރާތުގެ މަސައްކަތްކޮށްދެއްވި ފަރާތްތަކާއި، އަދި އިމާރާތަށް ބޭނުންވާ އެކިއެކި ތަކެއްޗާއި ވަސީލަތްތައް ހޯއްދައިދެއްވުމުގައި އެހީތެރިވެވަޑައިގެންދެއްވި ފަރާތްތަކާއި، މަސައްކަތުގައި އުޅުނު ހުރިހާ ފަރާތްތަކެއް، އަޅުގަނޑު މި ޝުކުރުގައި ޝާމިލުކުރަން.

ޚާއްޞަގޮތެއްގައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސް، އަލްފާޟިލް ޢުމަރު ޒާހިރު، މި މަސައްކަތަށް ބެހެއްޓެވި އަހަންމިއްޔަތާއި، ސަމާލުކަމާއި، އަދި އެ މިނިސްޓްރީގެ އެހެން ވެރިންނާއި މުވައްޒަފުންނާއި، އެ މިނިސްޓްރީގެ އާކިޓެކްޓުންނާ، މި ހުރިހާ ބޭފުޅުން، އިމާރާތް ފަރުމާކުރުމުގައްޔާއި އަދި އިމާރާތްކުރަމުން ދިޔައިރު، އެ މަސައްކަތް ސުޕަރވައިޒް ކުރައްވައި ބެލެހެއްޓެވުމުގައްޔާއި އަދި ތަނަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމުގައި، އެ ބޭފުޅުންގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު. އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެޔާއެކީގައި، މިކަމުގައި އުޅުއްވި މި އޮފީހުގެ ވެރިންނާއި މުވައްޒަފުންވެސް، އަޅުގަނޑުގެ ޝުކުރުގައި ޝާމިލުކުރަން. ވަރަށް ބުރަކޮށް، ވަރަށްގިނަ ވަގުތު އެބޭފުޅުން މިކަމުގައި ހޭދަކުރެއްވި. ގާތްގަނޑަކަށް ފަސްއަހަރެއްހާ ދުވަހުގެ މަސައްކަތް އަޅުގަނޑުމެންނަށް މިހާރު ފެނިގެން މިދަނީ.

ހަމައެޔާއެކީގައި، ރައީސްއޮފީހުގެ މުވައްޒަފުން ނޫނަސް، ޚާއްޞަކޮށް، ތީމުގޭގެ މުވައްޒަފުން، އާދެ، އެތާނގެ ވެރިންނާއި މުވައްޒަފުންވެސް، މި އިމާރާތް ފުރިހަމަކުރުމުގައްޔާއި، އަދި ބޭނުންވާ ތަކެތި ހޯދުމުގައްޔާއި، ވަސީލަތްތައް ޤާއިމުކުރުމުގައި އަޅުގަނޑުމެންނަށް ވަރަށްބޮޑަށް އެހީތެރިވެދެއްވި. އެހެންވީމާ، އެ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

ހަމައެޔާއެކީގައި، މި ތަނުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން ކުރެއްވި މަސައްކަތްތަކާއި، އެތަނުން ވެވަޑައިގެންދެއްވި އެހީތަކަށްޓަކައިވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ޙަޤީޤަތުގައި، މިކަން ކުރެވިފައި މިވަނީ، ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި، އެއްބާރުލެއްވުން ލިބިގެން. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. ވަކިވަކި ބޭފުޅުންގެ ނަންފުޅުތައް ނުދެންނެވި ކަމުގައިވިޔަސް، ހުރިހާ ބޭފުޅުންވެސް، އަޅުގަނޑު އެ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރާކަމުގައި ގަބޫލުކުރެއްވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

ދެން މި މުހިންމު އިފްތިތާޙީ ބައްދަލުވުމުގައި، މި އޮފީހުގެ ވަރަށް އިސްބޭފުޅަކު، ކަންދިމާވިގޮތުން ވަޑައިގެންނެތްކަމީ، މި ބައްދަލުވުމަށް ލިބުނު ވަރަށްބޮޑު އުނިކަމެއް. އާދެ، އެއީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް އަލްފާޟިލް މުޙަންމަދު ޙުސައިން. މުޙަންމަދު ޙުސައިން، މި މަޝްރޫޢުގެ މަސައްކަތަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވި. އެކަމުގެ ތެރޭގައި ފެށުނީއްސުރެ، އޭނާ ފުރާވަޑައިގަންނަވަންދެން ވަރަށްބޮޑަށް އުޅުއްވި. އެހެންވީމާ، އޭނާ ވަޑައިގެންނެތްކަމީ، މި ޖަލްސާއަށް ނުވަތަ މި ބައްދަލުވުމަށް ލިބުނު ވަރަށްބޮޑު އުނިކަމެއް ކަމުގައި އިޙްސާސް ކުރެވޭތީ، އޭނާއަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

އާދެ، ދެން މި އިފްތިތާޙީ ބައްދަލުވުމަކީ، މާދިގުކޮށް ގެންދަން ރޭވިފައި އޮތް ކަމެއްނޫން. ތިޔަ ހުރިހާ ބޭފުޅުންވެސް، އަޅުގަނޑުގެ ދަންނަވާލުމަކަށް މިތަނަށް ވަޑައިގެންދެއްވައި، އަދި ކީރިތި ޤުރްއާނުގެ ބަރަކާތުން މި އިމާރާތް އިފްތިތާޙުކުރުމުގައި ބައިވެރިވެވަޑައިގެންދެއްވީތީ، ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

ދެން އަޅުގަނޑު ކުރިން އޮފީހުގައިވެސް ދަންނަވާލި ފަދައިން، މިފަދަ އިމާރާތެއް ހެދި، އެތާނގައި އަޅުގަނޑުމެންގެ މަސައްކަތް ފެށުމުން، އެއީ އަޅުގަނޑުމެންގެ މަޤްޞަދު ޙާޞިލުވީކަމުގައި ބަލައިގެންނުވާނެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ރައްޔިތުންނަށް ޚިދުމަތްކުރުން. އަޅުގަނޑުމެންގެ މަޤްޞަދަކީ، ރާއްޖެއަށް އިތުރު ތަރައްޤީއާއި ކުރިއެރުން ހޯދައިދިނުން.

އެހެންވީމާ، މިކަމުގައި މި ލިބުނު ފަސޭހަތަކުގެ ސަބަބުން، އަޅުގަނޑުމެން ކުރާ މަސައްކަތްތައް ހަލުވިވެ، އަދި ޢާންމު ރައްޔިތުންނަށް އަޅުގަނޑުމެން ދޭ ޚިދުމަތްތައް މިހާރަށްވުރެ ފަސޭހަކޮށް، މިހާރަށްވުރެ ހަލުވިކޮށް ލިބިދެވޭގޮތްވުމަކީ، އެއީ އަޅުގަނޑު ހިތުން މިފަދަ އިމާރާތެއް ކުރުމުގެ އެންމެ މުހިންމު ބޭނުމަކަށްވާނީ.

އެހެންވީމާ، އަޅުގަނޑު އެދެނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާއި ވެރިން، މިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، އަޅުގަނޑުމެންގެ މަސައްކަތުން، އަޅުގަނޑުމެން ރައްޔިތުންނަށް ދޭ ޚިދުމަތުން، އަޅުގަނޑުމެންނަށް މި ލިބުނު ކުރިއެރުން ފާހަގަކޮށްދެއްވުން. އެގޮތަށް އޮފީހުގެ ހުރިހާ ބޭފުޅުން މަސައްކަތް ކޮށްދެއްވައިފިއްޔާ، އަޅުގަނޑުމެންނަށް މިފަދަ އިމާރާތަކަށް ބަދަލުވުމުގެ އެންމެ މުހިންމު މަޤްޞަދު ޙާޞިލުވީކަމަށް އަޅުގަނޑު ދެކެން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ވަރުގަދަ ޢަޒުމަކާއެކީގައި، އަބަދުމެ ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަޅުގަނޑުމެން ކުރާ މަސައްކަތުގައި އެކަލާނގެ ބަރަކާތް ލައްވައި، ދިވެހިރާއްޖެއަށް އަބަދުވެސް އަމަންއަމާންކަމާއި، ޞުލްޙަމަސްލަޙަތާއި، ކުރިއެރުމާއި ތަރައްޤީއާއި، ތަނަވަސްކަމާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.