ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ޑިކްސަން ސަރަތުޗަންދްރަ ދޭލާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގެ އާ ސަފީރަށް މަރްޙަބާ ވިދާޅުވިއެވެ. އަދި، ސްރީލަންކާއަކީ، ރާއްޖެއާ އަބަދުވެސް ވަރަށް ގާތް ރަޙްމަތްތެރި ގުޅުމެއް އޮންނަ ޤައުމެއް ކަމަށް ވިދާޅުވެ، ރާއްޖެއަށް ޒަމާނީ ޑެމޮކްރަސީއެއް ގެންނެވުމަށް ކުރެއްވި މަސައްކަތްޕުޅުގައި ސްރީލަންކާގެ ރައީސާއި ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގެންނެވިކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރެއްވޭނެ ގޮތްތަކާމެދު ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު މަޝްވަރާކުރެއްވިއެވެ. ދެޤައުމުގެ ގުޅުން ތަފާތު ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ސަފީރު ވިދާޅުވިއެވެ.