އަންނަ ޑިސެމްބަރުމަހު ކޯޕަންހޭގަންގައި އޮންނަ އދ ގެ މޫސުމާބެހޭ ބައްދަލުވުމުގެ ކުރިން، ޔުނިސެފުން އިންތިޒާމް ކޮށްގެން ބާއްވާ "ޗިލްޑްރަންސް ކްލައިމެޓް ފޯރަމް ކޯޕަންހޭގަން 2009" ގައި ރާއްޖެ ތަމްސީލުކުރާ ކިޔަވާ ކުދިންނާ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ބަޔަކީ ކުޑަކުދިން ކަމަށް ގަބޫލުކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، މި ފޯރަމްގައި ބައިވެރިވާ އެހެން ޤައުމުތަކުގެ ކުޑަކުދިންނަށް، މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި، ރާއްޖެފަދަ ކުދި ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލައެއްނޫންކަމާއި، މިކަމުގެ ސަބަބުން މުޅިދުނިޔޭގެ އެންމެންނަށް ނުރައްކާވާނެކަން ވިސްނައިދީ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، އެ ކުދިންގެ ބެލެނިވެރިންނާއި، އެކުދިން ތަމްސީލުކުރާ ޤައުމުތަކަށް ބާރުއަޅައިދިނުމަށް އެދިވަޑައިގެންނެވިއެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ކަރބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް މިހާރުކުރެވެމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު، މިކުދިންނަށް ދެއްވިއެވެ. އަދި، ކޯޕަންހޭގަންގައި އޮންނަ އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ރާއްޖެއިން ހުށަހަޅާ ކަންތައްތަކާބެހޭ މަޢްލޫމާތުވެސް ނައިބު ރައީސް އެކުދިންނަށް ދެއްވިއެވެ.
މި ނޮވެމްބަރު މަހުގެ 28ން ޑިސެމްބަރު މަހުގެ 4އަށް ކޯޕަންހޭގަންގައި އޮންނަ "ޗިލްޑްރަންސް ކްލައިމެޓް ފޯރަމް ކޯޕަންހޭގަން 2009" ގައި ރާއްޖެ ތަމްސީލުކުރާ ހަތަރު ދަރިވަރުންނަކީ:
1. މުޙަންމަދު އަކްސަމް - މަޖީދިއްޔާ ސްކޫލް
2. މުޙަންމަދު އަންސަރު - ދަރުމަވަންތަ ސްކޫލް
3. އާމިނަތު ރިއުމާން ވާޞިފް - ޏ. އަތޮޅު ތަޢުލީމީ މަރުކަޒު
4. ޢާއިޝަތު ޝިފާނާ އަޙްމަދު - ބ. އަތޮޅު ތަޢުލީމީ މަރުކަޒު