بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علٰـى خاتم الأنبياء والمرسلين، وعلى آلـه وَصَحْبِـهِ أجمعـين.

އާދެ، ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މިރޭ އަޅުގަނޑަށް ތިޔަ ދެއްވި މަތިވެރި ޝަރަފަށްޓަކައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން. މި ޝުކުރުގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ހުރިހާ މެންބަރުން އަޅުގަނޑު ޝާމިލްކުރަން. ހަމަ އެފަދައިން، މަޖިލިސްގެ ޢިއްޒަތްތެރި ރައީސާއި، އަދި މަޖިލީހަށް، މަޖިލިހުގެ މެންބަރުން އިންތިޚާބު ކުރެއްވި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންވެސް ހިމަނަން. ހަމަ އެއާއެކު، މިރޭގެ މި އިޙްތިފާލުގައި ވާހަކަފުޅު ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ހުރިހާ މެންބަރުންނަށް އަޅުގަނޑު ދަންނަވާ ޝުކުރަކީ ހިތުގެ އެންމެ ފުންމިނުން ދަންނަވާ ޝުކުރެއް. އެއީ އެބޭފުޅުންގެ ވާހަކަފުޅުގައި، އަޅުގަނޑާ ދޭތެރޭގައި ފާޅުކުރެއްވި އިޚްލާސްތެރިކަމުގެ ޝުޢޫރުތަކާއި، އޯގާތެރި ޚިޔާލުފުޅުތަކަށްޓަކައި.

އާދެ، އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށާއި، މަޖިލީހުގެ ރައީސަށާއި، މަޖިލީހުގެ މެންބަރުންނަށާއި، އަދި ރައްޔިތުންނަށް ޢާންމުކޮށް، މިރޭގެ މުނާސަބަތުގައި ޝުކުރު ދެންނެވި ކަމުގައިވިޔަސް، އަޅުގަނޑު ހަމަ އެ ނޭވާގައި ދަންނަވާލަން ބޭނުންވާ ކުޑަކުޑަ ވާހަކައެއް އެބައޮތް. އާދެ، އަޅުގަނޑު ދެކޭގޮތުގައި މިރޭ އަޅުގަނޑަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ތިޔަ ދެއްވި މަތިވެރި ޝަރަފަކީ އަޅުގަނޑަށް ޙައްޤުވާ ޝަރަފެއް ނޫން. އާދެ، އެހެން މިދަންނަވަނީ ތެދުވެރިކަމާއެކުގައި، އިޚްލާޞްތެރިކަމާއެކުގައި. އެހެން ދަންނަވަންޖެހޭ ސަބަބަކީ، އެ މަސައްކަތެއް ކުރުމުގެ ސަބަބުން ދުނިޔޭގެ ތިމާވެށި ޖަމުޢިއްޔާއިން އަޅުގަނޑަށް އިނާމެއް ދިންކަން އެއީ އެއްވެސް ޙާލެއްގައި އަޅުގަނޑުގެ ޝަޚްޞަށް ނުވަތަ އަޅުގަނޑުގެ ޒާތަށް އެފަރާތުން ދިން އިނާމެއް ކަމުގައި އަޅުގަނޑު ނުދެކޭކަން.

އާދެ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ތިމާވެށްޓާބެހޭ ދަތި މައްސަލަތައް، ބައިނަލްއަޤްވާމީ ދާއިރާއަށް އަޅުގަނޑު ހުށަހެޅިކަމުގައިވިޔަސް، އެކަމުގެ ފަހަތުގައި ވަރަށްގިނަ ފަރާތްތަކެއް ތިބި. އެ މަސައްކަތްތައް ކުރުމުގައި އަޅުގަނޑަށް އެހީވެދެއްވި ސަރުކާރުގެ އެކި ފެންވަރުގެ ވެރިންނާއި ބޭފުޅުން ތިއްބެވި. ހަމައެއާއެކުގައި، ސަރުކާރުގައި ނުހިމެނުނަސް، ޢާއްމު އެތައް ފަރާތެއްގެ އެހީވެސް އަޅުގަނޑަށް މިކަމުގައި ލިބުނު. އެހެންވީމާ، އެ ކުރި މަސައްކަތުގެ ސަބަބުން، އަޅުގަނޑަށް އެއްވެސްކަހަލަ ތަޢުރީފެއް ދުނިޔޭގެ ފެންވަރުގައި ނުވަތަ އެނޫން ފެންވަރެއްގައި ލިބުނު ކަމުގައިވިޔަސް، އެ ތަޢުރީފުގެ ޙައްޤުވެރި ފަރާތްތަކަކީ، އަޅުގަނޑު ދެކޭގޮތުގައި، އެމަސައްކަތްތަކުގައި ބައިވެރިވެދެއްވި އަދި އަޅުގަނޑަށް އެހީވެދެއްވި ހުރިހާ ފަރާތެއް. އެހެންކަމާއެކު، މިރޭ އަޅުގަނޑަށް ތިޔަ ދެއްވި ޝަރަފަކީ އެ ހުރިހާ ފަރާތަކަށް ޙައްޤުވެގެންވާ ޝަރަފެއް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ. އާދެ، އެ ޝަރަފް ބަލައިގަތުމަކީ އަޅުގަނޑަށް މިރޭ މާފަސޭހަކަމަކަށްނުވި. ހަމަ އެފަދައިން، މިފަދަ އިޙްތިފާލެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގެ ބާވަތުން މިތާނގައި އިނުމަކީވެސް އަޅުގަނޑަށް މާފަސޭހަކަމަކަށްވިއެކޭ ދެންނެވޭކަށް ނެތް. މަޖިލީހުގެ ފަރާތުން މިކަން ނިންމަވައި، މިފަދަ އިޙްތިފާލެއް ބާއްވަވަން ޤަޞްދުކުރެއްވިކަން އަޅުގަނޑަށް އެނގުނުހިނދުން ފެށިގެން، އަޅުގަނޑުގެ ހިތުގައި މިކަމާ ދޭތެރޭގައި ތަފާތު ޝުޢޫރުތައް އުފެދިގެންދިޔަ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިއްތިފާޤުން ފާސްކުރައްވާ ޤަރާރަކީ، އެއަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކު އިޙްތިރާމް ކުރަންޖެހޭނެ ޤަރާރެއް ކަމުގައި އަޅުގަނޑު ދެކޭތީ، އެބޭފުޅުންގެ އެ ޤަރާރު އަނބުރާ ރައްދުކުރުމަކީ އަޅުގަނޑަށް ކުރެވޭވަރުގެ ކަމަކަށްނުވި.

އެކަން އެހެން އޮތުމުގެ ސަބަބުން މިރޭ މި އިޙްތިފާލް މިގޮތަށް މި ބޭއްވުނީ. އަދި މި އިޙްތިފާލުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ފާޅުކުރެއްވި އިޚްލާޞްތެރި، ހިތްޕުޅުހެޔޮ ޝުޢޫރުތަކާއި ޚިޔާލުފުޅުތައް ފާޅުވެގެން އެދިޔައީ.

އާދެ، އަޅުގަނޑު ދެކެނީ، މިރޭ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ ނަމުގައި އަޅުގަނޑަށް ތިޔަ ދެއްވި ޝަރަފުގެ މާނައަކީ، ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވަމުން އަންނަ ނުރައްކާތަކުން، ރާއްޖެ ސަލާމަތްކުރުމަށްޓަކައި ނުވަތަ ރާއްޖެ ސަލާމަތްކުރެވޭތޯ މަސައްކަތް ކުރުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް، މަޖިލީހުން ކުރައްވާ ތާއީދުގެ ވަރުގަދަ ދަލީލެއް ކަމުގައި. ހަމަ އެއާއެކުގައި، ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަ ދެއްވި ޝަރަފަކީ، އެ ސިޔާސަތު ކުރިއަށް ގެންދިޔުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އެޅުއްވި ބާރެއް ކަމުގައި.

އާދެ، މި ރޮނގުން ސަރުކާރުން މިހާރު ފަށައިގެން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުން އަޅުގަނޑަށް ކުރެއްވި އިޝާރާތެއް ކަމުގައި. އާދެ، ރައްޔިތުންގެ މަޖިލީހުން އަޅުގަނޑަށް ކުރައްވާ އިޝާރާތަކީ އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ކުރާ އަމުރެއް. އެހެންވީމާ، އެ އަމުރު ތަންފީޛުކޮށް، އެއަށް އެކަށީގެންވާ ޠާޢަތްތެރިކަން އަދާކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހެއްގެ ވާޖިބެއް ކަމުގައި ނޫނީ ނުވާނެ. އާދެ، އެގޮތުން އަޅުގަނޑު މިރޭ ރާއްޖޭގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހަށް މި ޔަޤީންކަން އަރުވަނީ، ހަމަ އެއާއެކުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މި ޔަޤީންކަން އަރުވަނީ، ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާ ބެހޭގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން.

އާދެ، މިހާތަނާ ޖެހެންދެން އަޅުގަނޑުމެންނަށް، ދުނިޔޭގެ ތިމާވެށްޓަށް މިއަންނަ ބަދަލުތަކާ ބެހޭގޮތުންވެސް ލިބިފައިވަނީ ވަރަށް ކުޑަކުޑަ މަޢުލޫމާތުކޮޅެއް. އަޅުގަނޑުމެންނަށް އެކަމުގެ ޙަޤީޤީ ސިއްރުތަކެއް ރަނގަޅަކަށް އޮޅުމެއްނުފިލާ. ހަމަ އެއާއެކުގައި ދުނިޔޭގެ ތިމާވެށްޓަށް އެއަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި، އަދި ކުރިމަތިވެދާނެ ކަމަށް ސައިންޓިފިކް ތަޙުލީލުތަކުން ދައްކާ ނުރައްކާތެރި ކަންތައްތައް، އެއީވެސް އަޅުގަނޑުމެންނަށް އޭގެ ސިއްރުތައް އަދި ރަނގަޅަށް އޮޅުންނުފިލާ ކަންތައްތަކެއް. އެހެން ކަމުގައިވިޔަސް އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ޙަޤީޤަތެއް. އެ ޙަޤީޤަތް އަޅުގަނޑުމެން ޖެހޭނެ ޤަބޫލުކުރަން.

އެހެންވީމާ، އަޅުގަނޑަށް ދަންނަވަންޖެހެނީ، މިހާރު އަޅުގަނޑުމެން ފަށައިގެން މިގެންދާ މަސައްކަތްތަކަކީ ވަރަށް ބޮޑު މަސައްކަތްތަކެއްގެ ފެށުން ކަމުގައި. ފަހަރެއްގައިވެސް އަޅުގަނޑުމެންނަށް މިދާއިރާގައި އެކަށީގެންވާ ހިސާބަކަށް އަދި ކުރިއަކަށް ނުދެވޭ. އަދި އަޅުގަނޑުމެންނަށް މިހާރު ފެނިފައިވާ ނަތީޖާތައް އެއީ އެންމެފަހުގެ ނަތީޖާތަކެއް ނޫން. އަޅުގަނޑުމެންނަށް ޖެހޭ މިހާރުން ފެށިގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން. ދުނިޔޭގެ ތިމާވެށްޓަށް މި އަންނަ ބަދަލުތަކުގެ ސަބަބަކީ ކޮބައިކަން އަޅުގަނޑުމެން ޖެހޭ ދެނެގަންނަން. އަދި އެބަދަލުތައް އެހެން އައުމުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓަށް އަންނަ ބަދަލުތަކާއި އަދި ރާއްޖޭގެ ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް މުސްތަޤްބަލުގައި ކުރިމަތިވާނެ ނުރައްކާތައް އެއީ ކޮންކޮން ކަންތައްތަކެއްކަން އަޅުގަނޑުމެން ޖެހޭ ދެނެގަންނަން. މިމަސައްކަތް މިހާރު ސަރުކާރުން ގެންދަނީ ކުރަމުން. ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން އިޝާރާތް ކުރެއްވި ފަދައިން، މިކަމަކީ ހަމައެކަނި އަޅުގަނޑުމެންގެ ޢިލްމީ ފެންވަރު ހުރިގޮތުން، އަޅުގަނޑުމެންނަށް ކުރެވޭވަރުގެ ކަމަކަށްނުވޭ.

އެހެންވީމާ، މިކަން ފުރަތަމަ ދެނެގަތުމުގައިވެސް ބޭރުގެ އެހީއަށް ވަނީ ބޭނުންވެފައި. ބޭރުގެ ތަޖުރިބާކާރުންނާއި މާހިރުން އެތައް ފަހަރެއްގެ މަތިން މިހާރުވަނީ ރާއްޖެއަށް ގެނެވިފައި. މި ދެންނެވި މަސައްކަތް ކުރުމުގެ ގޮތުން އެއީ. އާދެ، ތިމާވެށްޓާބެހޭ ދާއިރާއަކީ ވަރަށް ތަނަވަސް ދާއިރާއެއް. ވަރަށް ފުޅާ ދާއިރާއެއް. އެއީ ހަމައެކަނި ކަނޑުގެ ލޮނުގަނޑު އުސްވަމުންދާ އުސްވުމެއްނޫން. ނުވަތަ ފަޟާގެ އޯޒޯން ފަށަލައަށް އަންނަ ބަދަލުތަކެއް ނޫން. އެއަށްވުރެ މާފުޅާ ދާއިރާއެއްގައި އިންސާނީ ޙަޔާތަށް އަންނަ ބަދަލުތަކެއް އެއީ. އިންސާނުންގެ ވަށައިގެންވާ ކޮންމެ ކަމަކަށް އަންނަ ބަދަލުތަކެއް އެއީ. އެހެންވީމާ، އެހުރިހާ ބަދަލުތަކެއް ދެނެގަނެ، އޭގެ ސަބަބުތައް އޮޅުންފިލުވައި، އެ ސަބަބުތަކުން ކުރިމަތިވެދާނެ ނުރައްކާތަކަކީ ކޮބައިކަންވެސް ދެނެގަނެ، އެ ނުރައްކާތެރި ކަންތައްތަކުން ދިފާޢުވުމަށްޓަކައި، ޙިމާޔަތްތެރިކަން ހޯދުމަށްޓަކައި އަޅަންޖެހޭނީ ކޮންކޮން ފިޔަވަޅުތަކެއްތޯ ބަލަން އެބަޖެހޭ. މި މަސައްކަތުގެ ފެށުމުގައި އަޅުގަނޑުމެން މިހާރު މިތިބީ.

އާދެ، މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ސަރުކާރުން މިހާރު ތަފާތު މަސައްކަތްތަކެއް ފަށައިގެން ހިންގަމުން އެބަދޭ. ބައެއް ބޭފުޅުން އިޝާރަތް ކުރެއްވި ފަދައިން، ރާއްޖޭގައި މިހާރު މަޢުލޫމާތު އެއްކުރުމުގެ ވަރަށް ގިނަ ކަންތައްތައް އެބަކުރެވޭ. އޮއިވަރާއި، ދިޔަވަރާއި، ރާޅަށް އަންނަ ބަދަލުތައް ވަޒަންކުރެވޭތޯ، އެކަމާބެހޭ ސައިންޓިފިކް ސާމާނު ރާއްޖޭގެ ބައެއް ތަންތާނގައި ވަނީ ބެހެއްޓިފައި. އަދި ރާއްޖޭގެ ފަރުފަރަށާއި، ރަށްރަށަށް ކުރިމަތިވާ ނުރައްކާތަކަކީ ކޮބައިތޯ ބެލުމަށް ދެފަހަރެއްގެ މަތިން ވަނީ ބޭރުގެ ކަމާބެހޭ ތަޖްރިބާކާރަކު ގެނެވިފައި. އޭނާގެ ފުރަތަމަ ރިޕޯޓް ވަނީ އަޅުގަނޑުމެންނަށް ލިބިފައި. ހަމަ އެއާއެކުގައި، މިހާރުވެސް ދަނީ މިމޭރުމުން މަސައްކަތް ކުރެވެމުން.

އާދެ، އަޅުގަނޑު އުފަލާއެކު ދަންނަވަން، ކުރިއަށް އޮތް ދެތިންމަސް ދުވަހުގެތެރޭގައި، ކަނޑުގެ ލޮނުގަނޑު އުސްވުމާ ބެހޭގޮތުން މިހާތަނަށް ދުނިޔޭގައި އެންމެގިނަ ސައިންޓިފިކް ތަޙްލީލުތައް ކޮށްފައިވާ ޢިލްމުވެރިޔާ، އެމެރިކާގެ ސައިންޓިސްޓެއް، ޑޮކްޓަރ ޓައިޓަސް، އޭނާ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިންމަސް ދުވަހުގެތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާނެ. އޭނާ އެކުރައްވާ ޒިޔާރަތަކީ، ސަރުކާރުން ދެކޭގޮތުގައި ވަރަށް މުހިންމު ޒިޔާރަތެއް. އެއީ މިހާތަނަށް ދުނިޔޭގެ އެކި ޖަމުޢިއްޔާތަކުންނާއި، ޢިލްމީ އެކި ދާއިރާތަކުން ކޮށްފައިވާ ހުރިހާ މަސައްކަތެއް ވަނީ އޭނާ ބައްލަވާފައި. އޭނާ އެކަމާބެހޭ ރިޕޯޓުތަކެއް ވަނީ ލިޔުއްވާފައި. އަޅުގަނޑުމެންގެ ސަރުކާރުން ބައިނަލްއަޤްވާމީ ދާއިރާގައި މިހާރު ދައްކާފައިވާ ވާހަކަތަކާއި އަދި ހުށަހަޅާފައިވާ ރިޕޯޓުތައް ހުށަހަޅާފައިވަނީ، މިދެންނެވި ޑޮކްޓަރ ޓައިޓަސްގެ ލިޔުއްވުންތަކުގެ މައްޗަށް ބަލައިގެން، އޭގައިވާ ކަންތައްތައް ޚުލާޞާކޮށްގެން. އެހެންވީމާ، އެފަދަ ސައިންޓިސްޓަކު، ދުނިޔޭގައި މިރޮނގުން މަޝްހޫރުވެފައިވާ ބޭކަލަކުގެ ޚިދުމަތް ރާއްޖެއަށް ލިބޭކަން ޝައްކެއްނެތްގޮތުގައި އެއީ އަޅުގަނޑުމެން އެކަމަށްޓަކައި އުފާކުރަންޖެހޭނެ ކަމެއް. އެއީ އޭގެފަހުން އަޅުގަނޑުމެންނަށް ހަދަންވީގޮތް އޮޅުންފިލުން އެއީ އެކަށީގެންވާ ކަމަކަށްވާތީ. އަދި ކަންތައްތައް ވަމުންދާގޮތް އަޅުގަނޑުމެންނަށް އޮޅުންފިލާކަމުގައިވަނީނަމަ، އެކަމާ ބެހޭގޮތުން ބައިނަލްއަޤްވާމީ ދާއިރާގައްޔާއި، ސަރަޙައްދީ ދާއިރާގައި، އަޅުގަނޑުމެން ޙަރަކާތްތެރިވާންވީ މިންވަރު އަދި ޙަރަކާތްތެރިވާންވީ ގޮތް އަޅުގަނޑުމެންނަށް އެނގެމުންދާނެ.

އާދެ، މިހާތަނަށް ބައިނަލްއަޤްވާމީ ދާއިރާގައި ދިވެހި ސަރުކާރުން ކޮށްފައިވާ މަސައްކަތަކީ ފަހަރެއްގައިވެސް ދުނިޔޭގެ ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ ނުރައްކާތެރި ކަންތައްތަކުން ދުނިޔެ ސަލާމަތް ކުރުމަށްޓަކައި ދިވެހި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކެއް ނޫން. އެ މަސައްކަތްތަކަކީ ހަމަ ކަނޑައެޅިގެން އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކަކުން ރާއްޖެ ސަލާމަތް ކުރެވޭތޯ ކޮށްފައިވާ މަސައްކަތްތަކެއް. އަޅުގަނޑު އެހެން ދަންނަވަން މިޖެހެނީ، ދުނިޔޭގެ ތިމާވެށީގެ ޖަމުޢިއްޔާގެ ފަރާތުން އަޅުގަނޑަށް ދެއްވި ލިޔުމުގައިވެސް، އެފަރާތުން ވިދާޅުވެފައިވޭ. "ދުނިޔޭގެ ތިމާވެށްޓަށް އަންނަ ބަދަލުތަކާ ބެހޭގޮތުންނާއި ޚާއްޞަކޮށް، އޯޒޯން ފަށަލައަށް އަންނަ ބަދަލާއި، އޭގެ ސަބަބުން އިންސާނިއްޔަތަށް ކުރިމަތިވާ ނުރައްކާތެރި ކަންތައްތަކާ ބެހޭގޮތުން، ރާއްޖޭގެ ރައީސް އެކިއެކި މަސައްކަތްކޮށް، ޢިލްމީ ހޯދުންތައް ހޯދާފައިވާތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން އެފަރާތުން ދެއްވާ އިނާމެކޭ." އެއީ. "އެހެންނަމަވެސް، އެއީ އެފަރާތުގެ އިޚްލާޞްތެރިކަމުން، ނުވަތަ އޯގާވެރިކަމުން ވިދާޅުވި އެއްޗެއް ކަމަށް އަޅުގަނޑު ދެކެނީ. ދިވެހި ސަރުކާރުން މަސައްކަތް ކުރަނީ، އެއްގޮތަކަށްވެސް ދުނިޔޭގެ ތިމާވެށްޓަށް އަންނަ ބަދަލުތަކާ ބެހޭގޮތަކުންނެއް ނޫން. އަދި ދުނިޔެއަށް ކުރިމަތިވެދާނެ ނުރައްކާތަކަކާ ބެހޭގޮތަކުންވެސް ނޫން. އެއީކީ އަޅުގަނޑުމެންނަށް ކުރެވޭވަރުގެ ކަމަކަށްވެސް ނުވާނެ. އަޅުގަނޑުމެން ކުރަންޖެހޭ ކަމެއްވެސް ނޫން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ހަމައެކަނި ދިވެހިރާއްޖެއަށްޓަކައި. ހަމައެކަނި ދިވެހި ރައްޔިތުންނަށްޓަކައި. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކަކުން ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރާނީ ކިހިނެއްތޯ ބެލުމަށްޓަކައި، އެ މަޤްޞަދުގައި އެކަނި ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކެއް މިހާރު ފަށައިގެން ކުރަމުން މިގެންދަނީ.

އާދެ، މި އިނާމު ލިބުމުން އެކަމުން އަޅުގަނޑަށް ލިބުނު ޝުޢޫރަކީ ރާއްޖެއަށްޓަކައި ފަޚްރުވެރިވުން. އާދެ، އެހެން މި ދެންނެވީ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ރާއްޖެއެއް. ދުނިޔޭގެ ނިސްބަތުގައި، ދުނިޔޭގެ ޤައުމުތަކުގެ ސަފުގައި ވަރަށް ފަހަތުގައިވާ ޤައުމެއް. ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން ހުރީ ވަރަށް އާދައިގެ ގޮތެއްގައި. ރާއްޖޭގެ ޢިލްމީ ފެންވަރު ތިޔަ އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ރާއްޖެއަކީ ބައިނަލްއަޤްވާމީ މަސްރަޙުގައި ބަސްކިޔޭވަރުގެ ޤައުމަކަށް ނުވޭ. އެކަން އެހެންއޮއްވައި، މި މައްސަލައިގައި އަޅުގަނޑުމެން ދެއްކި ވާހަކަ، އެވާހަކަޔަށް ދުނިޔޭގެ ސަމާލުކަން ލިބުނުކަން، އަދި މި ކުޑަކުޑަ ދިވެހިރާއްޖޭގެ ފަރާތުން ދައްކާ ވާހަކަ އެއީ ބައިނަލްއަޤްވާމީ ގޮތުން އެވާހަކަޔަށް އެކަށީގެންވާ އަހަންމިއްޔަތެއް، ދުނިޔޭގެ ކަމާބެހޭ ފަރާތްތަކުން ދޭ ވާހަކައަކަށްވީކަން، އެއީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑަށް ލިބުނު ފަޚުރުވެރި ކަމުގެ ޝުޢޫރަކީ. އަޅުގަނޑު ދުވަހަކުވެސް ހިއެއްނުކުރަން، އަޅުގަނޑުމެން ފަދަ ކުޑަކުޑަ އަދި ބާރެއް ނެތް ޤައުމަކުން ބައިނަލްއަޤްވާމީ ދާއިރާގައި ދައްކާ ވާހަކައަކަށް، އެއްވެސް ފަރާތަކުން އެފަދަ ސަމާލުކަމެއް ދޭނެ ކަމަކަށް. އެއީ ދުނިޔޭގައި ކަންތައްތައް ހިނގަމުންދާ ގޮތުން އެއްވެސް މީހަކަށް އިންތިޒާރު ކުރެވޭނެ ކަމެއް ނޫން.

ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ދުނިޔޭގައި ބަސްކިޔައި އުޅެނީ ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކުން. ފައިސާގެ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުން. ޢަސްކަރީގޮތުން ބާރުގަދަ ޤައުމުތަކުން. އެގޮތްގޮތުން މަތީ ދަރަޖައަކަށް ކަންތައްތައް ހަމަޖައްސައި، މަތީ ފެންވަރެއް ޙާޞިލްކޮށްފައިވާ ޤައުމުތަކުގެ ވާހަކަ، ދުނިޔޭގައި މީހުން އަހައިއުޅެނީ. އަދި ޚާއްޞަކޮށް، ބައިނަލްއަޤްވާމީ ދާއިރާގައި، އެ ދާއިރާއަކީ ކިތަންމެ ޢަދުލު އިންޞާފަށް ލޯބިކުރާ ދާއިރާއެއް ކަމުގައި ބުނެވުނު ކަމުގައިވިޔަސް، އަދި އެ ދާއިރާގައި ވާހަކަ ދައްކާ ކޮންމެ މީހަކުވެސް، އެމީހާ އެ ތަމްސީލުކުރާ ޤައުމަކީ ޙައްޤަށް ލޯބިކުރާ އަދި ޢަދުލު އިންޞާފަށް ލޯބިކުރާ، ޢަދުލު އިންޞާފަށް ތާއީދުކުރާ ޤައުމެއް ކަމުގައި ވަކާލާތުކުރި ކަމުގައިވިޔަސް ޙަޤީޤަތަކީ އަޅުގަނޑު މި ދެންނެވީ، ދުނިޔޭގައި މީހުން އަޑުއަހަނީ ބާރުގަދަ މީހުން ދައްކާ ވާހަކައިގެ އަޑު. އެކަން އެހެންއޮއްވައި، އަޅުގަނޑުމެންފަދަ ކުޑަކުޑަ ރާއްޖެއެއްގެ ފަރާތުން ބައިނަލްއަޤްވާމީ ދާއިރާގައި ދެއްކި ވާހަކަތައް އެއީ މީހުން އަޑުއަހާކަހަލަ ވާހަކައަކަށްވީކަން އަޅުގަނޑު ހިތުން އެއީ، އަޅުގަނޑުމެން މިރޭ މި އުފާކުރާ ކަމަކީ. އެކަމަށްޓަކައި ދިވެހިރާއްޖެ ފަޚުރުވެރިވާ ކަމަކީ.

އާދެ، ދެން މިރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވަރަށް ކުޑަކުޑަ ވާހަކައެއް. އެއީ މިހާރު މި ލިބުނު ތަޖުރިބާއިންވެސް އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ، އެކިއެކި ސައިންޓިފިކް ތަޙްލީލުތަކުން ދައްކާ ނަތީޖާތަކާ ދޭތެރޭގައި އަޅުގަނޑުމެން އެއްވެސް ޙާލެއްގައި ފަރުވާކުޑަކޮށްގެން ނުވާނެ ކަމުގައި. އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ މާލޭގެ ތިމާވެށްޓާބެހޭ މައްސަލަތައް، ދެންމެ މި ޖަލްސާގައި ވާހަކަފުޅު ދެއްކެވި މާލޭގެ މެންބަރު ހާމަކޮށްދެއްވި. އާދެ، އޭގެތެރޭގައި އެންމެ ބޮޑު އެއް މައްސަލައަކަށްވަނީ، މާލޭގެ ބޯފެނުގެ މައްސަލަ. މި މައްސަލައަކީ މިހާރު އަޅުގަނޑުމެންނަށް މައްސަލައެއް ކަމުގައިވިޔަސް، މިކަމާބެހޭ ފުރަތަމަ ރިޕޯޓްތައް އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިފައިވޭ 1970 ވަނަ އަހަރުގެ މެދުތެރޭގައި. އާދެ، އަޅުގަނޑު އެއްވެސް ޙާލެއްގައި، އެއްވެސް ފަރާތެއްގެ ބޮލުގައި މިކަމުގެ ޒިންމާ އަޅުވަނީކީ ނޫން. އޭރުގެ ސަރުކާރުންވެސް އެކަމާ ދޭތެރޭގައި ވިސްނަވާނެކަން އަޅުގަނޑަށް ޔަޤީން. އަދި އެކަމާ ދޭތެރޭގައި އެޅުއްވެން ހުރި ފިޔަވަޅުތައް އޮންނަނީ އަޅުއްވާފައި. އެހެންނަމަވެސް، އަޅުގަނޑު މިދަންނަވަން އުޅޭ އެއްޗަކީ، އޭރު އެ ރިޕޯޓްތައް ލިބުމުން، އޭގެ މުހިންމުކަން އަޅުގަނޑުމެން ޢާންމު ރައްޔިތުންނަކަށް އެނގިފައެއް ނެތޭ. އަދި އަޅުގަނޑުމެންގެ ޢާންމު ރައްޔިތުންނަކަށް ވަޒަންކުރެވިފައެއްވެސް ނެތޭ، ކޮންފަދަ ކަމެއްކަން މުސްތަޤްބަލްގައި ކުރިމަތިވެގެން އަންނާނީއަކީ.

އެހެންވީމާ، އެކަމާ ބެހޭގޮތުން ޢާންމު ރައްޔިތުންގެ ހޭލުންތެރިކަން، ހަމަ އެއްގޮތަކަށްވެސް އުފެދިފައެއް ނެތް. މީގެ 15 އަހަރު ކުރިން، ނުވަތަ 14 އަހަރު ކުރިން، އަޅުގަނޑުމެންނަށް މާލޭގެ ފެން، ލޮނުވަމުން އަންނާނެކަމުގެ އެއްވެސް އިޝާރާތެއް ވެފައެއް ނެތް. ނުވަތަ އެފަދަ އިޝާރާތެއްވިކަމުގައިވިޔަސް އެއީ ޙަޤީޤަތެއް ކަމުގައި އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ބެލިފައެއް ނެތް. ދާދިފަހާ ޖެހެންދެންވެސް، އާދެ، މީގެ ހަތަރު ފަސް އަހަރުގެ ކުރިޔާ ޖެހެންދެންވެސް، އަޅުގަނޑުމެންގެ ތެރެއިން ހަމަ ސަރުކާރުގައި ތިއްބެވި ބައެއް ދާއިރާތަކުގެ ބޭފުޅުންނަކަށް އޭރުވެސް ޤަބޫލެއްނުކުރެއްވޭ، މާލޭގެ ފެން ލޮނުވަމުން އަންނާނެކަން، އެއީ ދުވަހެއްގައިވެސް ޙަޤީޤަތަކަށްވާނެ ކަމެއް ކަމުގައެއް. އެބޭފުޅުން ވިދާޅުވަނީ، އެކަހަލަ ވާހަކަތައް ސައިންޓިސްޓުން ދައްކާނެއޭ. މިއޮތްހާ ޒަމާނުގައި ރާއްޖެ މި އޮތިއްޔޭ، މާލެވެސް މި އޮތިއްޔޭ. މާލޭގެ މީހުން ދިރިއުޅޭތާ އެތައް ޤަރުނެއް ވެއްޖެއޭ. ނުވަތަ އެއްހާސް އަހަރަށްވުރެވެސް ގިނަދުވަސްވެއްޖެއޭ. އެކަމަކު ދުވަހަކުވެސް އެކަހަލަ ކަމަކާ ކުރިމަތިލާން ޖެހިފައެއް ނެތޭ. އެހެންވީމާ، މުސްތަޤްބަލްގައި އިރާދަކުރެއްވިއްޔާ އެކަހަލަ ކަމެއް ކުރިމައްޗެއް ނުވާނެއޭ. އެހެން ކިޔާފައި، އެއްވެސް މީހަކު އެކަމަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދިން. ނުވަތަ އަޅުގަނޑުމެންނަށް އެ ސަމާލުކަން ދޭކަށް ނޭނގުނު. އެކަމަކު މިއަދު ކޮބައިތޯ ޙަޤީޤަތަކީ. މިއަދު ޙަޤީޤަތަކީ މާލޭގެ ފެން މިހާރު ލޮނުވެއްޖެ. ލޮނުވާކަށް ތަނެއްނެތް. އެކަން އެއޮތީ ވެނިމިފައި. މީގެ ސާދަ އަހަރު ކުރިން ނުވަތަ ދިހަ އަހަރު ކުރިން ނުވަތަ ފަސް އަހަރު ކުރިން މި ޙަޤީޤަތް އަޅުގަނޑުމެންނަށް ރަނގަޅަށް ޤަބޫލުކުރެވުނުނަމަ، ޝައްކެއްނެތްގޮތުގައި، އެއާ ދޭތެރޭގައި އަޅުގަނޑުމެންނަށް އަޅަންޖެހޭ ފިޔަވަޅުތައް އޮންނާނީ ކޮންމެވެސްވަރަކަށް އެޅިފައި. އެހެންނަމަވެސް، ހިތާމައަކީ ސައިންޓިފިކް ގޮތުން ސައިންޓިސްޓުން ކުރާ ތަޙްލީލުތައް ނުވަތަ އެކިއެކި މާހިރުން އެކި ކަންކަމާ ބެހޭގޮތުން ކުރާ ދިރާސާތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް ލިބުނީމާ، އެއާ ދޭތެރޭގައި އަޅައިނުލެވޭކަން. އެއަށް ދޭންޖެހޭ އަހަންމިއްޔަތު ނުދެވޭކަން. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު އަޅުގަނޑުމެން މި އިޙްސާސް ކުރަންޖެހޭ ހިތި ތަޖުރިބާ އިޙްސާސް ކުރަން ޖެހިފައި މިވަނީ.

އެހެންވީމާ، އަޅުގަނޑުގެ ވާހަކައަކީ، އަދިވެސް ރާއްޖޭގެ ބައެއް މީހުންގެ ހިތަށްއެރުން އެކަށީގެންވެއޭ، ޖައްވުގައި ވަކި ވައްތަރެއްގެ މާއްދާތަކެއް އިތުރުވެގެންދިޔުމުގެ ސަބަބުން ޖައްވުގެ ހޫނުކަން، އެއްދުވަހުން އަނެއް ދުވަހަށް މައްޗަށްދާނެއޭ އެ ބުނާ ބުނުން އެއީ ތެދަކަށްނުވާނެއޭ. އަދި ޖައްވުގެ ހޫނުކަން، އެއްދުވަހުން އަނެއް ދުވަހަށް މައްޗަށްދިޔަޔަސް، ކީއްވެހޭ ކަނޑުގެ ލޮނުގަނޑު އުސްވަމުންދާންވީ. މިދެންނެވީ، އެކަހަލަ ޚިޔާލުތައް އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން އުޅޭނެ. ސަރުކާރުން މިބުނާ ވާހަކަވެސް ނުވަތަ ސައިންޓިސްޓުން އެ ދައްކާ ވާހަކަވެސް ޤަބޫލުނުކުރެވޭ، ވަރަށް ގިނަ ފަރާތްތައް ތިބޭނެ.

އެހެންވީމާ، އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިހާރު އެކަން އެހިސާބުން އަޅުގަނޑުމެން އެބައި ދޫކޮށްލަންވެއްޖެ. މިހާރު ސައިންޓިސްޓުން އެބުނަނީ ޙަޤީޤަތްތަކެކޭ. އެއީ ޙަޤީޤަތެއްކަން އަޅުގަނޑުމެންނަށް ތަޖުރިބާއިން މިހާރު އެބަ ފެނޭ. އެބަ އެނގޭ. އެހެންވީމާ، މިހާރު ދުނިޔޭގެ ކަންތައްތައް އެދާގޮތަށް ދާކަމުގައިވަންޏާ، މުސްތަޤްބަލުގައި އެމީހުން އެބުނާ ކަންތައްތައްވާނެ. އެއްގޮތަކަށްވެސް އެއީ ނުވާނެ ކަންތައްތަކެއް ކަމުގައި ހީކޮށްގެން، އަޅުގަނޑުމެން މިއަދު ފަރުވާކުޑަކޮށްގެން ތިބެގެންނުވާނެ. ކުރިއަށް އޮތް ޖީލުތަކުގެ ސަލާމަތްކަން އޮތީ އަޅުގަނޑުމެންގެ އަތްމަތީގައި. މިހާރު ރާއްޖެ ސަލާމަތް ކުރުމަށް އަޅުގަނޑުމެން ކުރި މަސައްކަތެއްގެ ނަތީޖާ، މީގެ 20 އަހަރު ފަހުން ނުވަތަ 30 އަހަރު ފަހުން ނުވަތަ 50 އަހަރު ފަހުން، އޭރު ތިބި ބަޔަކަށް ފެންނާނީ. އަޅުގަނޑުމެން މިހާރު އަޅާނުލައި ތިބެއްޖެނަމަ، އޭރުން އެ ކަންތައްތައް ދިމާވާ ދުވަހަކުން އޭރު ރާއްޖޭގައި ދިރިއުޅޭ ރައްޔިތުން ކުރާނެ އެއްވެސް ކަމެއް ނޯންނާނެ.

އާދެ، އަޅުގަނޑުވެސް ނޭދެން، މިކަހަލަ އެއްވެސް ކަމެއް ރާއްޖެއަށް ކުރިމަތިވުމަކަށް. ރާއްޖޭގެ އެއްވެސް ރައްޔިތަކު ނޭދޭނެ. އެހެންނަމަވެސް، ދުނިޔޭގެ ކަންތައްތައް ވަމުންދަނީކީ، ވަކި އަޅުގަނޑުމެން އެދޭ ގޮތަކަށް ނޫން. އަދި ޚާއްޞަކޮށް، އިންސާނުންގެ ޢަމަލުތައް ހުންނަގޮތުން ތިމާވެށްޓަށް މި އަންނަ ބަދަލުތައް މިއީ މިހާރު ހުއްޓުމެއް ނުގެނެވޭ ހިސާބަށް މައްޗަށް ގޮސްފައިވާ ބަދަލުތަކެއް. ދުނިޔޭގައި ކޮންމެ ކަމެއްވެސް ﷲ ލައްވަވާފައިވަނީ ވަކި މިންވަރަކަށް. ދުނިޔޭގެ ފިނިހޫނުމިންވެސް ހުންނަނީ ވަކި މިންވަރަކަށް. އެއަށްވުރެ ހޫނު މައްޗަށް ހިނގައްޖިއްޔާ ވާނެގޮތްތައް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެއަށްވުރެ ފިނިކަން ބޮޑުވެއްޖިއްޔާ ވާނެ ގޮތްތައްވެސް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެން މި ނޭވާލާ ވައިގައި ހުންނަ އެކި މާއްދާތައް، އެ ހުންނަންވާވަރަށް ނުހުރެ ތަފާތުވެއްޖެނަމަ، ވާނެގޮތްވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑުގެ ކަންތައްވެސް އޮތީ އެހެން. ކަނޑުއަޑީގެ ކަންތައްވެސް އެހެން. ފަރުބަދަތަކާއި، ކޯރުތަކާއި އަދި އެތަންތާނގައި ލައްވާފައިވާ އެއްޗެތިވެސް އޮތީ ހަމަ އެހެން. މި ހުރިހާ އެއްޗެއް މިއޮތީ ވަރަށް ނާޒުކު ތިލަފަތެއްގެ މަތީގައި. އެ ތިލަފަތަށް އެއްވެސްކަހަލަ ބުރުލެއް އަތުވެއްޖެނަމަ، އޭގެ ނަތީޖާ އިންސާނިއްޔަތު އިޙްސާސް ކުރަންޖެހޭނެ. ޞިނާޢީގޮތުން ކުރިއަށްދިޔުމަށްޓަކައި ޤައުމުތަކުގެ ފަރާތުން އެކުރާ މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ ޖައްވު ކިލަނބުވެ، ނުސާފުވެ، ދުނިޔޭގެ ކަނޑުތަކާއި ކޯރުތަކާ، މި ހުރިހާ ތަނެއް ހަޑިވެ ނުސާފުވެ، މިހުރިހާ ކަމެއް ވަމުން އެދަނީ. ދުނިޔެއަށް ތަފާތު ބަދަލުތައް އަންނަމުން އެދަނީ.

އެހެންވީމާ، އެކަންތައްތައް އިންސާނުން އެގޮތަށް ކުރަމުންދާ ކަމުގައިވަނީނަމަ، ސައިންޓިސްޓުން އެބުނާ ދުވަސް ނައިހެއް ނޯންނާނެ. އަޅުގަނޑުމެންނަށް އެ ޢަމަލުތައް ހުއްޓުވަން ކުރެވޭނެ އެއްވެސް ކަމެއްނެތް. އަޅުގަނޑުމެން ޖެހެނީ އެފަދަ ކަމެއް މެދުވެރިވެދާނެކަން މިހާރުއްސުރެ ޤަބޫލުކޮށްގެން އެދުވަހަކަށް ތައްޔާރުވާން. މިހެން ދަންނަވާއިރު، އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް، ވަރަށްނެތޭވެސް ދަންނަވަންޖެހޭ. އެއީ ރާއްޖޭގެ ކުޑަކަމާއި، ފަޤީރުކަމާއެކުގައި. ކަނޑުގެ ލޮނުގަނޑު، އެއްފޫޓަށް އުސްވެއްޖިއްޔާ، ނުވަތަ ދޮޅުފޫޓަށް ނުވަތަ ދެފޫޓަށް، މީގެ 50 އަހަރު ފަހުން ނަމަވެސް ނުވަތަ އެއް ޤަރުނު ފަހުންނަމަވެސް އުސްވެއްޖިއްޔާ ދެންވާނެގޮތް، އަޅުގަނޑުމެން ހިތަކަށްވެސް ނުގެނެވޭ. އެކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން އަޅަންޖެހޭނީ ކޮންކޮން ފިޔަވަޅުތަކެއްކަންވެސް އަޅުގަނޑުމެންނަކަށް އަދިއެއް ނޭނގޭ. އެހިސާބުގައި އަޅުގަނޑުމެން މިތިބީ، އަދި އަޅުގަނޑުމެންގެ ރާއްޖެ މިކަމުގައި އެހެން ތަންތަނާ ވަރަށް ޚިލާފު. ދުނިޔޭގެ އެހެން ޤައުމުތަކުގައި އައްސޭރީގެ ހިސާބުތަކަށް، އެކިއެކި ނުރައްކާތައް އަތުވެއްޖިއްޔާ މީހުން ސަލާމަތްވާން ދާނެ ތަންތަން ބައިވަރު އެބަހުރި. ގިނަ ޤައުމުތަކުގައި ވަރަށް ބޮޑެތި ސަރަޙައްދު، ބިން ހުރޭ. ތަފާތު އުސްމިނުގައި އެ ބިންތައް ހުރޭ. ފަރުބަދަތައް ހުރޭ. އެތައް ހާސް ފޫޓެއްގެ އުސްމިނުގައި ހުންނަ ތަންތަން ހުރޭ ބައިވަރު. އެހެންވީމާ، އައްސޭރީގައި ދިރިއުޅޭ މީހުންނަށް ނުރައްކަލެއް މެދުވެރިވެއްޖިއްޔާ، އެމީހުން ސަލާމަތްކަން ހޯދަން ދާނެ ބިން، އެ ޤައުމުތަކުގައި ހުރޭ. ގިނަ ޤައުމުތަކުގައި މި ދެންނެވީ.

އަޅުގަނޑުމެންނާއި އަދި އަޅުގަނޑުމެން ކަހަލަ ޖަޒީރާ ޤައުމުތަކުގައި އަދި ޖަޒީރާ ޤައުމުތަކުގެ ތެރެއިންވެސް ފަސްގަނޑު ތިރި ޤައުމުތައް، އެހެން މިދެންނެވީ މިސާލަކަށް، އަޅުގަނޑުމެންގެ ކައިރީގައިވާ އޮޅުދޫކަރަ. އެވެސް ޖަޒީރާ ޤައުމެއް. އެހެންނަމަވެސް، އެތާނގައިވެސް ވަރަށް ގިނަ އުސް ތަންތަން އެބަހުރި. ފަރުބަދަތައް އެބަހުރި. މީހުންނަށް ސަލާމަތްކަން ހޯދުމަށްޓަކައި ދާނެ ތަންތަން އެބަހުރި. އަދި އެނޫން ކިތަންމެ ޖަޒީރާ ޤައުމެއްވެސް އެގޮތަށް އެބަހުރި. އަޅުގަނޑުމެންގެ ރާއްޖެއަކީ އެކަހަލަ އެއްވެސް ތަނެއް ނެތް، ސަލާމަތްކަން ހޯދަން މީހުން ދާނެ އެހެން ތަނެއް ނެތް ރާއްޖެއެއް. އެހެންވީމާ، އަޅުގަނޑުމެންގެ ނިސްބަތުގައި، މި ނުރައްކާ އެތައް ގުނައަކަށް އިތުރުވެގެންދޭ.

އާދެ، އަޅުގަނޑު މިދަންނަވަން އުޅޭ ވާހަކައަކީ، އެހެންވީމާ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެއޭ، މިހާރު ސައިންޓިފިކް ތަޙްލީލުތަކުން އެ ދައްކާ ނަތީޖާ އެއީ ވެދާނެ ކަމެއް ކަމުގައި. އެކަން ޤަބޫލުކޮށްގެން އެކަމަށްޓަކައި ތައްޔާރުވާށޭވީ. ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ އޭގެ ސަބަބުތައް ދެނެގަނެ، މުސްތަޤްބަލުގައި އެޅެންއޮތީ، އަދި މިހާރުން ފެށިގެން އެޅެންއޮތީ ކޮން ފިޔަވަޅުތަކެއްކަން އަޅުގަނޑުމެން ހޯދަން އެބަޖެހެއޭ. އަދި އެ ފިޔަވަޅުތައް އެނގުނީމާ، އެކަންތައްތަކަކީ އަޅުގަނޑުމެން އަމިއްލައަށް ނުކުރެވޭވަރުގެ ކަންތައްތަކެއް ކަމުގައިވަނީނަމަ، ބައިނަލްއަޤްވާމީ ގޮތުން އަޅުގަނޑުމެން އެހީއަށް އެދެންޖެހޭނެ. އެ މަސައްކަތް މިހާރު ސަރުކާރުން ފަށައިގެން މި ހިންގަމުން ގެންދަނީ. އެ މަޤްޞަދުގައި އަޅުގަނޑު ކޮމަންވެލްތުގެ އިސްވެރިންގެ ޖަލްސާގައި ވާހަކަދެއްކީވެސް. އަދި އ.ދ. މަޖިލީހުގައި ވާހަކަ ދެއްކީވެސް.

އާދެ، އަޅުގަނޑަށް ދުނިޔޭގެ ތިމާވެށީގެ ޖަމުޢިއްޔާގެ ފަރާތުން މި އިނާމު ދެއްވި ކަމުގައިވަނީނަމަ، އެ އިނާމަށް އަޅުގަނޑު ހުށަހެޅުނު ހުށަހެޅުމުގައި އެހީތެރިވި ފަރާތްތަކަށް އަޅުގަނޑު މިރޭ ޝުކުރު ދަންނަވަންޖެހޭ. އޭގެތެރެއިން އެންމެ އިސް އެއް ފަރާތަކީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޝްރީދަތު ރާމްފާލް. އޭނާ އަޅުގަނޑަށް ފޮނުއްވި ސިޓީއެއްގައި، މިދިޔަ އަހަރު ވިދާޅުވެފައި އޮތް، އ.ދ. މަޖިލީހުގައި ވަރަށް ޚާއްޞަ ޖަލްސާއެއް ދުނިޔޭގެ ތިމާވެށްޓާ ބެހޭގޮތުން ކުރުމަށް ވަނީ ހަމަޖެހިފައޭ. އެހެންވީމާ، އެ ޖަލްސާއަށް ރާއްޖޭގެ ފަރާތުން ރާއްޖޭގެ ރައީސް ޙާޟިރުވެ، އެ ޖަލްސާގައި ވާހަކަދައްކައިފިނަމަ، ދުނިޔޭގެ ސަމާލުކަން، ކަލޭމެންގެ މައްސަލަތަކަށް ލިބުމަކީ ވަރަށް އެކަށީގެންވާ ކަމެކޭ. ހަމަ އެއާއެކުގައި، ނޯވޭގެ ބޮޑުވަޒީރު އަލްފާޟިލާ ގްރޯހާލަމް ބްރުންޓްލަންޑް އަޅުގަނޑަށް ދަޢުވަތެއް ފޮނުއްވި، މި ޖަލްސާގައި ބައިވެރިވުމަށް. އެއީ އެކަމަނާއަކީ ދުނިޔޭގެ ތިމާވެށްޓާބެހޭ ކޮމިޝަންގެ މަޖިލީހުގެ ރައީސާ ކަމަށްވާތީ. އެހެންވީމާ، އެދެބޭފުޅުންގެ މަޝްވަރާއާއި އެހީފުޅުގައި އަޅުގަނޑަށް އެ ޖަލްސާއަށް ދެވުނީ. އެ ޖަލްސާއަށް ގޮސް ވާހަކަ ދެއްކުމުގެ ފުރްޞަތު ލިބުނީ. އެހެންވީމާ، ރާއްޖޭގެ ނަމުގައި، އެ ދެފަރާތަށް މިރޭ ޝުކުރު އަދާކުރުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އުފަލެއް ކަމުގައި ދެކެން.

ހަމައެފަދައިން، ދިވެހި ސަރުކާރުން މިކުރި މަސައްކަތްތަކުގެ އަގު ވަޒަންކުރެއްވި، ދުނިޔޭގެ ތިމާވެށީގެ ޖަމުޢިއްޔާއަށާއި، އެ ޖަމުޢިއްޔާގެ އިދާރީ ހިންގުންތެރިޔާ ޑޮކްޓަރ މުޞްޠަފާ ޠުލްބާއަށްވެސް އިޚްލާޞްތެރިކަމާއެކު މިރޭ އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، ދުނިޔޭގެ ތިމާވެށި ޖަމުޢިއްޔާގެ ފަރާތުން އަޅުގަނޑަށް އެ ދެއްވި އިނާމަކީ، އެ އިނާމު އަޅުގަނޑަށް ޙައްޤުވާކަމަށް އަޅުގަނޑު ދެކޭ އިނާމެއް ނޫން. އެ އިނާމުގެ ޙައްޤުވެރި ފަރާތަކީ، ދިވެހި ސަރުކާރު. އަދި ދިވެހި ސަރުކާރުގެ ތަފާތު ފެންވަރުތަކުގައި އަޅުގަނޑަށް އެހީވެދެއްވި ބޭފުޅުން. ހަމަ އެއާއެކުގައި، އެމަސައްކަތްތަކަށް ތާއީދުކޮށް، އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ހިތްވަރު ދެއްވި ދިވެހިރައްޔިތުން.

އެހެންވީމާ، މިރޭ އަޅުގަނޑުގެ ވަރަށް ޚާއްޞަ އުފަލެއް ކަމުގައި ދެކެން، ދުނިޔޭގެ ތިމާވެށީގެ ޖަމުޢިއްޔާގެ ފަރާތުން އަޅުގަނޑަށް ދެއްވި އިނާމު، އޭގެ ޙައްޤުވެރި ފަރާތަށް، އާދެ، ދިވެހި ސަރުކާރަށް އަދި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހަދިޔާ ކުރުން.