اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިއަދު އަޅުގަނޑުމެންނަށް މިޙާޞިލްވަނީ، ވަރަށް ކުރިއްސުރެ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ކުރަމުން އައި ފޮނި އުންމީދެއް. ތާނަ އަކުރު އެއީ އަޅުގަނޑުމެންގެ ދިވެހިބަހުގައި އެންމެން ދަންނަ ހަމައެކަނި އަކުރު. މިހާރު ބޭނުންކުރާ އަކުރު. ދިވެހިބަސް، އޭގެ ކުރީގައި ތަފާތު އަކުރުތަކަކުން ލިޔެވެމުން އައިސްފައިވާކަން އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ދަންނާނެ. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެން މި ބޭނުންކުރާ އަކުރަކީ މިހާރުގެ ތާނަ. އެ އަކުރުވެސް ޒަމާނާ އެއްގޮތަށް ބޭނުންކުރުމަށްޓަކައި ބޭނުންވާ އެކިއެކި ފަސޭހަތައް އަޅުގަނޑުމެންގެ ތެރެއަށް ގެނައުން އެއީ މި ޖީލުގެ ވާޖިބެއް ކަމުގައި މިއޮތީވެފައި. އެހެންކަމާއެކު، އެހެން ބަސްބަހެކޭ އެއްފަދައިން، ދިވެހިބަސްވެސް ޓައިޕްރައިޓަރުން ޖެހޭގޮތްވުން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވަރަށް ކުރިއްސުރެ ކުރަމުން އައި އުންމީދެއް. ހަމައެކަނި އުންމީދެއް ނޫން. އުންމީދު ކުރުމުގެ އިތުރަށް، އެ އުންމީދު ޙާޞިލް ކުރެވޭތޯ އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު މަސައްކަތްވެސް ކޮށްފައިވޭ.

އާދެ، ކޮންމެއަކަސް ފަރުދީގޮތުން ބަޔަކު މީހުން ނުވަތަ މީހަކު ކުރާ މަސައްކަތާއި ސަރުކާރަކުން ކުރާ މަސައްކަތާ ކޮންމެވެސްވަރަކަށް ތަފާތުވާނެ. އެ މަސައްކަތް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެކިގޮތްގޮތަށް ހިނގަމުންއައިސް، ސަރުކާރުގެ ފަރާތުން ޢާންމުކޮށް ބޭނުންކުރުމަށްޓަކައި އުފެއްދި ތާނަ ޓައިޕްރައިޓަރު މިއަދު ވުޖޫދަށް މި އަންނަނީ. އެހެންވީމާ، އެއީ އަޅުގަނޑު ހިތުން ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު މުޙަންމަދު ޒާހިރު ޙުސައިން ވިދާޅުވި ފަދައިން، ވަރަށް މުހިންމު ކަމެއް. ދިވެހިބަސް ކުރިއަށް ގެންދިޔުމުގައި، ދިވެހިބަހުގެ ލިޔެކިޔުން ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމުގައި، ނޫސް މަޖައްލާފަދަ އެއްޗެތި ޝާއިޢުކުރުމުގައި އަދި ޗާޕުގެ މަސައްކަތުގައި މިއަދު މި ވުޖޫދަށް އައި ޓައިޕްރައިޓަރުގެ ބޭނުން ނުވަތަ އެއިން އުފެދޭ، އެއިން ތަރައްޤީ ކުރެވޭ ޓައިޕްރައިޓަރުތަކުގެ ބޭނުންކުރެވޭނެ. އެގޮތަށް އޭގެ ބޭނުންކުރެވިއްޖެނަމަ، ޝައްކެއްނެތްގޮތުގައި، ދިވެހިބަހަށް، ދިވެހިއަދަބަށް، ދިވެހި ލިޔުންތެރިކަމަށް ވަރަށް ބޮޑު ތަރައްޤީއެއް އަންނާނެ.

އާދެ، ޓައިޕްރައިޓަރު، ޢާންމުކޮށް ދަންނަވަންޏާ، އެހެން ބަސްބަހުން ލިޔެއުޅޭ، މިދެންނެވީ ދުނިޔެއަށް އައީ ވަރަށް ގިނަ ދުވަސް ކުރިން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެންމެ ފުރަތަމަ ތަޖުރިބާ ކުރުމަށް ޓައިޕްރައިޓަރެއް ހަދައި، އެކަން ރެކޯޑު ކުރެވުނީ އިނގިރޭސިވިލާތުގައި، މީލާދީން 1714 ވަނަ އަހަރު. އެންމެ ފުރަތަމަ ޢާންމުންނަށް ބޭނުންކުރެވޭފަދަ ޓައިޕްރައިޓަރެއް އުފައްދައި، އެކަން ޤަވާޢިދުން ރަޖިސްޓަރީ ކުރެވުނީ، އެމެރިކާގައި 1867 ވަނަ އަހަރު. "ކްރިސްޓޮފަރ ޝޯލްސް" ކިޔާ މީހެއްގެ ނަމުގައި އެ ޓައިޕްރައިޓަރު ރަޖިސްޓްރީ ވެގެންދިޔައީ.

އާދެ، އެހެންވީމާ މިކަމަކީ ވަރަށް ކުރިއްސުރެ ދުނިޔޭގެ މީހުން ޚިޔާލުކޮށްގެން ކުރިއަށްގެންދިޔަ ކަމެއް. އެންމެ ފުރަތަމަ އިނގިރޭސިބަހުން ޓައިޕްރައިޓަރު އުފެއްދުނީ މި ދެންނެވި ތާރިޚުތަކުގައި. އޭގެފަހުގައި، ދުނިޔޭގެ އެކި ބަސްބަހުން ޓައިޕްރައިޓަރުތައް ހެދެމުން އައިސްފައިވޭ. އެންމެފަހުން ދިވެހިބަހުންވެސް މިހާރު ތާނަ އަކުރު ލިޔެވޭ ޓައިޕްރައިޓަރު މިހެދުނީ. މި މަސައްކަތަކީ ކޮންމެ ބަހެއްގައިވެސް، އެބަހެއްގެ ލިޔެކިޔުން ކުރިއަށް ގެންދިޔުމަށްޓަކައި ވަރަށް ބޮޑު އަހަންމިއްޔަތެއް ދެމުން އައިސްފައިވާ ކަމެއް.

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މި ޚިޔާލުކުރި ވާހަކަ މި ދަންނަވަނީ އެއީ ޙަޤީޤަތަކަށްވާތީ. އަޅުގަނޑުމެން ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާޞިލްކުރި ދުވަސްވަރުވެސް ތާނަ ޓައިޕްރައިޓަރެއް ހެދޭނީ ކޮން ދުވަހަކުންބާވައޭ ހިތަށްއަރާ. އަދި އެކަމުގެ ޚިޔާލު ކޮންމެވެސްވަރަކަށް އަޅުގަނޑުމެންނަށްވެސް ކުރެވުނު. އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން އެ މަސައްކަތް ކޮންމެވެސްވަރަކަށް ކުރެއްވިވެސްމެ. އެހެންނަމަވެސް، ކާމިޔާބާ ހަމައަކަށް އޭރަކު އެކަމެއް ނުދޭ. އެހެން އެކަންތައްވަމުން ދަނިކޮށް، އަޅުގަނޑުމެންގެ ދިވެހިންގެ ބޭފުޅަކު އާދެ، އެއީ އައްޑުއަތޮޅު ހުޅުމީދޫ މައުލަވީ މުޙަންމަދު ނަސީމް، އެންމެ ފުރަތަމަ ތާނަ ޓައިޕްރައިޓަރެއް ހެއްދެވި ކަމަށް އެނގިފައިވަނީ. އޭނާ ހެއްދެވީ އެންމެ ޓައިޕްރައިޓަރެއް ނޫން. ތިންފަހަރުމަތިން ތިން ޓައިޕްރައިޓަރު ހެއްދެވި ކަމަށް އެނގިފައިވޭ. އޭގެތެރެއިން އެންމެ ފުރަތަމަ ހެއްދެވި ޓައިޕްރައިޓަރާއި، ތިންވަނައަށް ހެއްދެވި ޓައިޕްރައިޓަރު މިހާރުވަނީ އޭނާގެ ޢާއިލާގެ ފަރާތުން އަޅުގަނޑުމެންގެ ދާރުލްއާޘާރަށް ހަދިޔާކުރައްވާފައި. އާދެ، މި ފުރްޞަތުގައި އެފަދަ މަސައްކަތް ކުރެއްވި ޢިއްޒަތްތެރި ދިވެއްސަކު ހުންނެވީތީ، އެކަމަށްޓަކައި އަޅުގަނޑުވެސް ފަޚުރުވެރިވަން. އަދި އޭނާ މިއަދު އަޅުގަނޑުމެންނާ އެކުގައި މި ދުނިޔޭގައި ނެތްކަމުގައިވިޔަސް، އެ މަރްޙޫމުގެ ހަނދާނުގައި، އޭނާގެ ޢާއިލާގެ ބޭފުޅުންނަށް މިއަދު އެކަމުގެ ޝުކުރު އަޅުގަނޑު ދަންނަވަން.

އާދެ، މިއަދު އަޅުގަނޑުމެން އެ ޓައިޕްރައިޓަރެއް ވުޖޫދަށް އައުމުގެ އުފާ މިޙާޞިލްކުރާ ޓައިޕްރައިޓަރު ވުޖޫދަށް އައިސްފައިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން. ވަރަށް ގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. އާދެ، އެންމެ ފުރަތަމަ މިކަމުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޢިއްޒަތްތެރި މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު މުޙަންމަދު ޒާހިރު ޙުސައިން. އޭނާ ތާނަ ޓައިޕްރައިޓަރެއް އުފެއްދެވުމަށް ބެހެއްޓެވި ޝައުޤުވެރިކަމާއި، އެކަމުގެ ތެރޭގައި ޢަމަލީގޮތުން އުޅުއްވި މިންވަރު އަޅުގަނޑަށް އޮތީ ވަރަށް ބޮޑަށް ފެނިފައި. ވަރަށް ގިނަ ދުވަސްތަކެއްވަންދެން މި މަސައްކަތްޕުޅު ކުރައްވައިގެން، އޭގެ ނަތީޖާ މިއަދު އަޅުގަނޑުމެންނަށް މި ފެނުނީ. އޭނާގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، އެންމެ ފުރަތަމަ މިކަމަށް ޚިޔާލުކުރެވުމާއި އަދި މިކަމަށްޓަކައި ބޭނުންވާ ތަފާތު މަޢުލޫމާތު އެއްކުރުމުގެ މަރްޙަލާއަކަށްފަހުގައި، ބޭރުގެ ކުންފުންޏަކާ ޓައިޕްރައިޓަރު ހެދުން ޙަވާލުކުރެއްވިތާވެސް މިހާރު 7 އަހަރު ދުވަސްވެއްޖެ. 1980 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޓައިޕްރައިޓަރު ހެދުން، އޭނާ އެ ވިދާޅުވި ހާމީޒް ކުންފުންޏާ ޙަވާލުކުރެއްވީ. ޓައިޕްރައިޓަރުތައް ހަދައި ނިމިގެން، އަޅުގަނޑުމެންނަށް ލިބިފައިވަނީ، 1987 ވަނަ އަހަރުގެ ފަހުކޮޅު. އެހެންވީމާ، ބަރާބަރު 7 އަހަރު ދުވަސް ފަހުން އެކަން ޙަޤީޤަތަކަށްވެގެން މިއައީ. އެ ދިގު މުއްދަތުގެ ތެރޭގައި، ޓައިޕްރައިޓަރު އުފެއްދުމުގެ ކަންތައްތަކުގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ބެހެއްޓެވި ޝައުޤުވެރިކަން، ކުރެއްވި ބުރަ މަސައްކަތް، އަޅުގަނޑަށް ރަނގަޅަށް އެނގިފައިވޭ. އެހެންކަމުން، މިއަދުގެ މުނާސަބަތުގައި، އެންމެ ފުރަތަމަ ތަހުނިޔާ އަދާކޮށް، ޝުކުރު އަދާކޮށް ތަޢުރީފް ރައްދުކުރަންވީ ފަރާތަކީ އެ މަނިކުފާނު ކަމުގައި އަޅުގަނޑު ދެކެން.

އާދެ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ އިތުރަށް، އެ މިނިސްޓްރީގެ ވަރަށް ގިނަ ބޭފުޅުން މިކަމުގައި ބައިވެރިވެވަޑައިގެން އުޅުއްވި. މިނިސްޓަރުގެ ވާހަކަފުޅުގައިވެސް އެކަން ބަޔާންކުރެއްވި. އެ މިނިސްޓްރީގެ ޑިރެކްޓަރ އޮފް އެޑިޔުކޭޝަނަލް ޕްލޭނިންގ އަލްފާޟިލް ޢަބްދުﷲ ރަޝީދު އަދި ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރްކަޒުގެ ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު ލަޠީފް. ހަމައެފަދައިން، މި މަސައްކަތުގައި ތަފާތު މަރުޙަލާތަކުގައި މަސައްކަތްކޮށްދެއްވި އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފް. މި ބޭބޭފުޅުންގެ ނަންފުޅުތައް އަޅުގަނޑުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހަމަ އެއާއެކުގައި، ޢަމަލީގޮތުން ލިޔުމުގެ މަސައްކަތް ކޮށްދެއްވި ބޭފުޅުން. އާދެ، އޭގެތެރެއިން އެއް ބޭފުޅަކީ، އަލްފާޟިލް މުޙަންމަދު ޞާދިޤް. އޭނާ މިޖަލްސާގައި ވަޑައިގެންނެތްކަމީ، މި ޖަލްސާއަށް ލިބުނު އުނިކަމެއް ކަމުގައި އަޅުގަނޑު ދެކެން. އޭނާ ވަރަށް ބުރަ މަސައްކަތެއް ކޮށްދެއްވިކަން އަޅުގަނޑަށް އޮތީ ވަރަށް ރަނގަޅަށް އެނގިފައި. އަދި އޭނާ ކުރެއްވި މަސައްކަތްތައް ދުށުމުގެ އުފާވެސް އަޅުގަނޑަށް އޮތީ ލިބިފައި. އޭގެ އިތުރަށް، ޢަބްދުލްޢަޒީޒް ޔޫސުފާއި، އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދުވެސް މި މަސައްކަތުގައި އިޚްލާޞްތެރިކަމާއެކު ބައިވެރިވެވަޑައިގެންނެވިކަން އަޅުގަނޑަށް ވަނީ އެނގިފައި.

އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށްވެސް ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެން. ހަމައެއާއެކުގައި، މިނިސްޓަރ ވިދާޅުވިފަދައިން، އަލްފާޟިލް މަޑުލު މުޙަންމަދު ވަޙީދު ވަރަށް ބޮޑު ބައެއް، ވަރަށް ބޮޑު ޙިއްޞާއެއް އަދާކޮށްދެއްވި، މި މަސައްކަތުގެ ތަފާތު މަރުޙަލާތަކުގައި. އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު އަޅުގަނޑުމެންނަށް ލިބިފައި މިވާ ޓައިޕްރައިޓަރަކީ، ހަތަރުވަނައަށް އެ ކުންފުނިން އުފައްދައިގެން އަޅުގަނޑުމެންނާ ހަމައަށް ފޮނުއްވި ޓައިޕްރައިޓަރު. މީގެ ކުރިން ތިން ނަމޫނާއެއް ވަނީ ލިބިފައި. އެހެންނަމަވެސް، އެ ނަމޫނާތަކުގައި ހުރި އެކިއެކި އުނި ކަންތައްތައް އެގޮތަށް ހުރުމުގެ ސަބަބުން، ސަރުކާރުން އެއީ ޤަބޫލުކުރާ އެއްޗަކަށްނުވި. އެ ތަފާތު މަރުޙަލާތަކުގައި، މުޙަންމަދު ވަޙީދު ވަރަށް ބޮޑު ބައެއް އަދާކޮށްދެއްވި. އޭގައި ހުރި އުނިސިފަތައް ބަޔާންކުރައްވައި، އެ ރަނގަޅުކުރާނެ ގޮތްގޮތާ ދޭތެރޭގައި ޚިޔާލުކުރައްވައި، ޙައްލު ހޯއްދެވުމުގައި ވަރަށް ބޮޑު، ބުރަ މަސައްކަތްތަކެއް އޭނާ ކުރެއްވި. އޭގެ އިތުރުން، މިހާރު ތާނަ ޓައިޕްރައިޓަރު ޖަހަން ދަސްކޮށްދޭ ކްލާހަށް ތައްޔާރުކޮށްދެއްވި ފޮތް ތައްޔާރުކޮށްދެއްވީވެސް އޭނާ. އެހެންވީމާ، މިކަމުގެ ތެރޭގައި ވަރަށް ކުރިއްސުރެން ފެށިގެން މިހާތަނާ ޖެހެންދެން އުޅުއްވި ބޭފުޅަކަށްވާތީ، އޭނާއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ދެކޭގޮތުގައި، ތާނަ ޓައިޕްރައިޓަރެއްގެ ބޭނުންކުރެވޭގޮތްވުމަކީ، ތާނަ ލިޔުމަށް ގެނެވުނު ވަރަށް ބޮޑު އިންޤިލާބެއް. އެކަމުގެ ސަބަބުން ވަރަށް ގިނަ ކަންތައްތަކެއް ފަސޭހަވެގެންދާނެ. އަޅުގަނޑުމެންގެ އޮފީސްތަކުގެ މަސައްކަތްތައް، ލިޔެކިޔުމުގެ މަސައްކަތްތައް، ނޫސް މަޖައްލާ ޝާއިޢުކުރުމުގެ މަސައްކަތް އަދި މުސްތަޤްބަލުގައި ޗާޕުގެ މަސައްކަތް. އެހެންވީމާ، އަޅުގަނޑުމެން މިއަދު ފާހަގަކުރަންޖެހޭނީ، އަޅުގަނޑުމެންގެ ލިޔުމަށް ވަރަށް ބޮޑު ތަރައްޤީއެއް ލިބުނު ދުވަހެއްގެ ގޮތުގައި. ދުނިޔޭގެ އެހެން ބަސްބަހަށްވެސް މިދުވަސް އޮތީ މީގެކުރިން އައިސްފައި. އަޅުގަނޑުމެންނާ ހަމައަށް އެދުވަސް މިއައީ މިއަދު. މިއަދު އަޅުގަނޑުމެން ވިސްނަންޖެހެނީ، އަޅުގަނޑުމެންނަށް މިއަދު މި ލިބުނު ޓައިޕްރައިޓަރުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ބޭނުންކުރާނީ ކިހިނެއްތޯ؟

އާދެ، ޝައްކެއްނެތް، އެންމެ ފުރަތަމަ އުފައްދަންޖެހެނީ، އެ ޓައިޕްރައިޓަރުން ޓައިޕްކުރަން ދަންނަ ބަޔަކު. އެކަން މިހާރު އެއޮތީ ހަމަޖެހިފައި. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ތައްޔާރުކުރެއްވި ދިވެހި ޓައިޕްރައިޓަރު ދަސްކޮށްދެއްވާ ކްލާހުގެ އެންމެ ފުރަތަމަ ބައިވެރިން މިތާނގައި މިއަދު އަޅުގަނޑުމެންނަށް ފެންނަ ހިސާބުގައި އެބަތިބި. ސަރުކާރުގެ އޮފީސްތަކުގެ ލިޔެކިޔުމުގެ މަސައްކަތް ކުރާ ބައެއް އެއީ. އާދެ، އެކުދިންނަށް ފުރަތަމަ ޓައިޕްރައިޓަރު ޖަހަން ދަސްކޮށްދިނުން އެއީ އެންމެ ފުރަތަމަ ކަމަކީ. އޭގެފަހުގައި އަދިވެސް މި ޓައިޕްރައިޓަރުގެ ބޭނުން ޢާންމުކޮށް ކުރެވޭނެ ގޮތްތަކެއް ހޯދުން. ސަރުކާރުގެ އޮފީސްތަކުގައްޔާއި އަދި ސަރުކާރުގެ އޮފީސްތައް ފިޔަވައި އެހެން ތަންތާނގައިވެސް ދިވެހިބަހުން ލިޔެކިޔައި އުޅޭ ކޮންމެ ތަނެއްގައި. އާދެ، ރާއްޖޭގެ އަމިއްލަ މީސްމީހުންވެސް ޓައިޕްރައިޓަރުގެ ބޭނުންކުރުމަކީ ޝައްކެއްނެތްގޮތުގައި، ދިވެހިބަހުން ލިޔެކިޔުމަށް ލިބޭނެ ތަރައްޤީއެއް. އެދުވަސް އައުމަކީ އަޅުގަނޑުމެން އުންމީދުކުރާ ކަމެއް. ހަމަ އެއާއެކުގައި، މިހާރު ލިބިފައި މިވާ ޓައިޕްރައިޓަރު އެއީ އެއްވެސް ޙާލެއްގައި ފުރިހަމަ އެއްޗެއް ކަމުގައި އަޅުގަނޑުވެސް ނުދެކެން. އަދި އަޅުގަނޑު ހިތުން މިކަމުގައި އުޅުއްވި ބޭފުޅުންވެސް ދެކެވަޑައެއްނުގަންނަވާނެ. މިއީ އަޅުގަނޑުމެން މި ރޮނގުން ކުރި އެންމެ ފުރަތަމަ ތަޖުރިބާ. ކޮންމެ ކަމެއްވެސް ފުރަތަމަ ތަޖުރިބާ ކުރާއިރު، އޭގެތެރޭގައި ކިތަންމެ އުނި ކަންތަކެއް ހުންނާނެ. އެގޮތުން ބަލާއިރު، މިތަޖުރިބާގައިވެސް ތަފާތު އުނި ކަންތައް އެބަހުރި. ޓައިޕްރައިޓަރުގެ އަކުރުތައް، އަޅުގަނޑުމެން އެދޭހާ ރީއްޗެއް ނޫން. އެހާ ބުރަ މަސައްކަތެއް ކޮށްގެން އުފެއްދި އެއްޗެއް ކަމުގައިވިޔަސް، އެކަން ހުރީ އެގޮތަށް. އެއީ ވާނެވެސްގޮތް. ނަމަވެސް، އެއީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ނާއުންމީދުވާންވީ ކަމެއްނޫން. ކޮންމެ ކަމެއްވެސް ފުރަތަމަ ފަށާއިރު، އޭގައި ހުންނާނެ، އުނި ސިފަތަކެއް. އެ އުނި ސިފަތައް ނައްތާލައި، އެއަށްވުރެ ބޮޑަށް ތަރައްޤީ ކުރުން އެއީ އެކަމެއް ކުރާ ބައެއްގެ ވާޖިބު. އެގޮތުން އެމަސައްކަތް ކުރިއަށް އޮތްތާނގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ކުރަންޖެހޭނެ ކަމަށް އަޅުގަނޑަށް ފެނޭ.

އާދެ، ތާނަ ޓައިޕްރައިޓަރު ހެދުމުގެ މަސައްކަތުގައި ލަފާދިނުމާއި، ޚިޔާލުފާޅުކުރުމުގެ ކޮންމެވެސް ބައެއް އަޅުގަނޑަށްވެސް އަދާކުރަންޖެހުނު. އެކަމަށްޓަކައި ވަރަށް އުފާކުރަން. އަދި އެ ފުރުޞަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ޝުކުރުވެސް ދަންނަވަން. އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި، ތާނަ ޓައިޕްރައިޓަރު އުފެއްދުމުގައި، އެންމެ އުނދަގޫ ދެ މައްސަލައަކަށް ދިމާވީ، ފިލީގެ މައްސަލައާއި އަދި ދިވެހި އަކުރު މިހާތަނަށް ލިޔެވެމުން އައިސްފައިވާ ގޮތުގެ މައްސަލަ. އާދެ، ފިލީގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް. ދުނިޔޭގެ އެހެން ބަސްބަހުގައި މިގޮތަށް ފިލިޖަހައި ނޫޅޭހެން އަޅުގަނޑަށް ހީވަނީ. މި ދެންނެވީ އަކުރާ ވަކިން ޖަހާ ފިލި. އެހެންވީމާ، ވާގޮތަކީ އަޅުގަނޑުމެންގެ ޓައިޕްރައިޓަރުގައި ބޭނުންކުރާ ފިތްތައް، އެހެން ބަސްބަހުގައި މިހުންނަނީ އެއްފަހަރު އޮބާލީމާ، އެ ޙަރަކާތް ކުރާގޮތަށް. ދެވަނަ އަކުރަކަށް ޞަފްޙާއިން ތަންލިބޭގޮތަށް. އެކަމަކު އެހެން ހަދައިގެން ތާނަ ތައިޕްރައިޓަރެއް ކަމަކުނުދޭ. ކޮންމެ އަކުރެއް ޖަހާފައި، އެ އަކުރެއްގެ ފިލިޖެހީމާ ނޫނީ، ޓައިޕްރައިޓަރު ޙަރަކާތްކޮށްގެން ނޫންގޮތަކަށް އަޅުގަނޑުމެންނަކަށް ތާނަ އަކުރު ލިޔެވޭކަށް ނޯވޭ. އެއީ ފަންނީގޮތުން ދިމާވި ބޮޑު މައްސަލައެއް. އެ މައްސަލަ ދެން ޙައްލުކުރެވިފައިވަނީ. އެހެންނަމަވެސް، ޙައްލުކުރުމުގައި އޭގައި ތަފާތު ގޮތްތައް ދިމާވޭ. އެއީ ފިއްޔާއި އަކުރާ ދިމާނުވުން. ތާނަ އަކުރަކީ ވަރަށް ޚާއްޞަ ގޮތަކަށް ހުންނަ އަކުރެއް. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ވަކި މިޞްރާބަކަށް ހުންނަންޖެހެނީ. ވަކި ބައްޓަމަކަށް ހުންނަންޖެހެނީ. އަދި މި އުފެއްދި ކުންފުންޏަކީ ތާނަ އަކުރަށް ފަރިތަ ކުންފުންޏެއް ނޫން. މި ދެންނެވީ އެއީ އަޅުގަނޑުމެންނާ ވަރަށް ބީރައްޓެހި ފަރާތެއް. އެހެންވުމާވެސް އެކުގައި، އެމީހުންނަށް އަޅުގަނޑުމެންގެ އަކުރުގެ ކަންތައް އެހާބޮޑަށް އޮޅުންނުފިލާތީ، ހުންނަންވާގޮތް ނޭނގޭތީ، އެއީވެސް ބޮޑު މައްސަލައަކަށްވި.

ދެން، ދިވެހި ތާނަލިޔުން މިހާތަނާ ޖެހެންދެން އައިސްފައިވާ ގޮތޭ މިދެންނެވީ، އެހެން ބަސްބަހާ ކުޑަކޮށް ތަފާތުގޮތަކަށް އަޅުގަނޑަށް ތާނަ އަކުރު ފެންނަނީ. އެއީ އަޅުގަނޑުމެންގެ ނުހުރޭ، އަޅުގަނޑުމެންގެ ތާނައިގައި ބޮޑުއަކުރަކާއި ކުދި އަކުރެއް. ހުންނަނީ އެއްވައްތަރުގެ އަކުރުތަކެއް. މިހާތަނާޖެހެންދެންވެސް. އެއް ސިފައަކަށް ހުންނަ، އެއް ބައްޓަމަކަށް ހުންނަ އަކުރުތަކެއް ހުންނަނީ. އެހެންވީމާ، ކުދިކޮށް ލިޔަންޏާ، އެ އަކުރުތައް ހަމަ އެ ހުރި ސިފަޔަށް، އެ ހުރި ބައްޓަމަށް ކުދިކޮށް ލިޔަންވީ. ބޮޑުކޮށްލިޔަންޏާ ހަމަ އެ ހުރިގޮތަށް ބޮޑުކުރަންވީ. ދުނިޔޭގެ އެހެން ބަސްބަހުގައި ތަފާތު ގޮތްގޮތަށް ހުންނަކަމަށް އަޅުގަނޑަށް ފާހަގަކުރެވިފައިވޭ. އިނގިރޭސި ބަހުގައިވެސް ކުދި އަކުރު، ބޮޑު އަކުރާ ތަފާތު. ބައްޓަންވެސް، ހުންނަގޮތްވެސް. އަދި ޢަރަބި އަކުރުގައިވެސް ތަފާތު ގޮތްތަކެއް ހުރޭ. ތާނައިގައި އެހެން ނެތުމުން ވާގޮތަކީ މިސާލަކަށް، އެކިއެކި ސުރުޚީއަޅާއިރު، އެ އަކުރުތައް އަޅުގަނޑުމެން ލިޔަނީ ބޮޑެތިކޮށް. އެހެންނަމަވެސް، ބޮޑެތިކޮށް ލިޔާއިރު، އޭގެ ނިސްބަތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އާދޭ. އެހެން މި ދެންނެވީ، އަކުރުގެ ދިގުމިނަށާއި ފަލަމިނަށް ބަލައިފިއްޔާ، އާދައިގެ ގޮތެއްގައި، އަޅުގަނޑުމެން އާދައިގެ ލިޔާ ގަލަމަކުން ލިޔާއިރު، އެ އަކުރު، މިސާލަކަށް (ހ) އަޅާއިރު (ހ) ގެ ފުޅާމިނާއި ދިގުމިން އެ ހުންނަ ނިސްބަތަށް ވިސްނާފައި. ނިކަން ދެކެވަޑައިގެން ބައްލަވާ، ނޫހުގެ ސުރުޚީގައި (ހ) މި އަކުރު އަޅާފައި އޮންނަގޮތް. ފެނިވަޑައިގަންނަވާނީ އެ ނިސްބަތް މުޅިން ގެއްލިފައި އޮއްވާ. މާ ފަލަކޮށް، ކުރުކޮށް އަކުރުތައް ހުންނަނީ.

އެހެންވީމާ، އަކުރު ބޮޑުކޮށް ލިޔާއިރު، އަޅުގަނޑުމެންނަށް މިހާތަނަށް ލިޔެވިފައި އޮތްގޮތުން ވަރަށް ބޮޑު ދައްޗެއް ކުރިމަތިވަނީ. މިސާލަކަށް (ނ) ލިޔާއިރު، (ނ) ގައި އޮންނަ ތިން ތުނޑު، އާދައިގެ ހިމަ ގަލަމަކުން ލިޔާއިރު، ވަރަށް ރީތިކޮށް ފެންނަގޮތަށް، ދޭތެރެ ދުރުކޮށް، ހިތްގައިމު ގޮތަކަށް ލިޔެވިފައި އޮންނަނީ. އެކަމަކު ބޮޑު އަކުރުން (ނ) އަޅާއިރު، ތިން ތުނޑު އޮންނަނީ އެއްވެފައި ގާތްގަނޑަކަށް. ދޭތެރެޔަކު އެހާ ދުރުމިނެއް ނުހުރޭ. ވަރަށް ކުރު ފަލަކޮށް ފެންނަން ހުންނަނީ. އަދި އަކުރުގެ ތެރޭގައި ހުސް ތަންތަން ހުންނަ އަކުރުތައް އަދި މާބޮޑަށް މިގޮތުން ފާހަގަކުރެވޭ. (ވ) މިސާލަކަށް. އާދައިގެ (ވ) ލިޔާއިރު ވަރަށް ރީތިކޮށް އެތެރޭގައި ބޮޅެއް، ހުސްބޮޅެއް، ހުސްތަން ހުރޭ. އެހެންނަމަވެސް، ބޮޑުއަކުރުން ލިޔާއިރު، މިހާރު މި ލިޔާ ބޮޑު އަކުރުން ލިޔާއިރު، ބައެއްފަހަރަށް އެހުސްތަން އެއްގޮތަކަށްނެތިވެސްދޭ. ސުކުނުގައިވެސް ވަނީ އެހެން.

އެހެންވީމާ، މިވާގޮތަކީ ޓައިޕްރައިޓަރު ހަދާއިރު، ބޮޑެތި އަކުރު ވަކި ސައިޒަކަށް ބޮޑުކޮށް ހަދާފައި، އެ ކުޑަކޮށްގެން މަޢުދަނަކުން ހަދައިގެން ޓައިޕްރައިޓަރުގައި އެ އަކުރުތައް ހަރުކުރަން ޖެހެނީ. އެހެން ހަދާއިރު މި މައްސަލަ ނުކުންނަނީ. ބޮޑުކޮށް ލިޔާށޭ ބުނީމާ، އަޅުގަނޑުމެންނަށް ލިޔެވޭނީ އެއްކަލަހެން ކުރު ފަލަކޮށް. ދެން އެ ކުޑަކޮށްލީމާ އޮންނާނީ ވަރަށް ކުރު ފަލަކޮށް އޮންނަ ކުދިކުދި އަކުރުތަކެއް. ވަރަށް ސިފަހުތުރު އަކުރުތަކަކަށްވެފައި އޮންނަނީ. ދެން އެ މައްސަލަ ބޮޑުވެގެން، ޙައްލު ނުކުރެވިގެން ވަރަށް ގިނަ ދުވަހު އުޅެންޖެހުނު. ދެން ކޮންމެވެސް ގޮތަކަށް މިހާރު އެއޮތީ ޙައްލުވެފައި. އެހެންނަމަވެސް، އެއީކީވެސް އަދި އެންމެ ފުރިހަމަ ޙައްލެކޭ އަޅުގަނޑު ދަންނަވާކަށް ނެތިން. އެހެންވީމާ، އަޅުގަނޑުމެންގެ ލިޔުމަށް ކޮންމެވެސްކަހަލަ ބަދަލެއް އަންނަން ވެއްޖެ ކަމަށް އަޅުގަނޑު ދެކެން.

އާދެ، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ވިދާޅުވި، މިނިސްޓަރު އުންމީދު ކުރައްވާ ގޮތުގައި ތާނަ އަކުރަކީ އަބަދަށްޓަކައި އަޅުގަނޑުމެންގެ ދިވެހިބަހުގެ އަކުރަކަށް ވާނެކަމަށް އުންމީދު ކުރައްވަމޭ. އެ އުންމީދާ އަޅުގަނޑުވެސް އެއްބަސް. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއަރަނީ ކޮންމެ އެއްޗެއްވެސް ތަރައްޤީވާންވާނެއޭ. އަޅުގަނޑުމެންގެ ތާނައަކުރުވެސް މިއޮތީ އެންމެ ކުރީގައި ލިޔުނުގޮތަކަށް ނޫނޭ. އެއީ އެންމެ ކުރިއެއްވެސް ނޫން. މީގެ ތިރީހަކަށް، ސާޅީހަކަށް އަހަރުދުވަސް ކުރިން ލިޔުނުގޮތަކަށްވެސް ނޫން މިހާރު ލިޔަނީކީ. އަދި އޭގެ ވިއްސަކަށް، ތިރީހަކަށް އަހަރުދުވަސް ކުރިން ލިޔުނުގޮތަކަށްވެސް ނޫން، މި ދެންނެވި ތިރީސް، ސާޅީސް އަހަރު ދުވަސް ކުރިން ލިޔަމުން އައިސްފައި އޮތީކީ. ލިޔުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އާދޭ. ތަންކޮޅެއް ކުރިން ލިޔެއުޅުމުގައި، އަކުރުތަކުގެ ފައިކަށިތައް ވަރަށް ދިގުކޮށް ހުރި ދުވަސްވަރެއްވެސްދިޔަ. އަކުރުތަކުގެ ސިފަވެސް ވަރަށް ތަފާތު. މިހާރު އެއަށް ބަދަލު އަތުވެއްޖެ.

އެހެންވީމާ، އެގޮތުން ވިސްނާއިރު، އަކުރަކީ ތަރައްޤީވާންޖެހޭނެ އެއްޗެއް. މުސްތަޤްބަލުގައި ތަރައްޤީވާއިރު ފަސޭހަގޮތަށްވެސް ވިސްނަންޖެހޭނެ. ރީތިވާގޮތަށާއި ފަސޭހަވާގޮތަށް. އެއީ އަޅުގަނޑުމެން ކުރަންޖެހޭނެ ޚިޔާލެއް. އެހެން ބަސްބަހުގައިވެސް އެގޮތަށް ކަންތައް ވެފައި އޮތީ. އެހެންވީމާ، ހަމައެކަނި މި އަކުރުތައް މިއީ، މިއަށް އެއްވެސް ބަދަލެއްނައިސް ގެންގުޅުން އެއީ އަޅުގަނޑު ހިތުން އެހާ ބޮޑު ކަމެއް ނޫން. އެހާ ބޮޑު ވާޖިބެއް ނޫން. ތަރައްޤީވާންޖެހޭނެ ކޮންމެ އެއްޗެއްވެސް.

އެހެންވީމާ، މި އަކުރުތައްވެސް ތަރައްޤީވާނެ ގޮތަކާ ދޭތެރޭގައި މިހާރު އަޅުގަނޑުމެން ވިސްނަންވެއްޖެ ކަމަށް އަޅުގަނޑަށް ފެންނަނީ. ފަސޭހަވާނެ ގޮތަކަށް، ރީތިވާނެ ގޮތަކަށް. އަދި އަޅުގަނޑުމެންގެ ލިޔުމުގައި ބޮޑު އަކުރެއްވެސް ހުންނަންވެއްޖެ. އެއީ ސުރުޚީ ލިޔަން، ލިޔެވޭ ގޮތަކަށް ހުންނަ ބޮޑު އަކުރެއް ހުންނަންވާނެ ކަމަށް އަޅުގަނޑު ދެކެން. ދެން އާދައިގެ ލިޔާ އަކުރު، ހުރިހާ ބަހެއްގައިވެސް ހުރޭ. ފިލިޖެހުމުގައިވެސް، ޚާއްޞަކޮށް، ޓައިޕްރައިޓަރާއި، ޗާޕުގެ މަސައްކަތުގައި ފިލިޖެހުމަށް ޚާއްޞަ ގޮތްތަކެއް މުސްތަޤްބަލުގައި އުފެދިގެންދިޔުމަކީ، އަޅުގަނޑު ހިތުން މި ކަމަށް ލިބޭނެ އިތުރު ފަހިކަމެއް. އާދެ، މި ދެންނެވީ އަކުރާ ގުޅިފައި ފިލި ހުންނަ ގޮތަކަށް ނަމަވެސް ނުވަތަ އެނޫންގޮތަކުން ނަމަވެސް، ފިލި އެނގޭގޮތެއްވުން.

ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، ޢަރަބި ބަހުގެ ޓައިޕްރައިޓަރުގައި އެއްގޮތަކަށްވެސް ފިއްޔެއް ނުހުރޭ. އެހެންނަމަވެސް، އެ ޓައިޕްރައިޓަރުން އެ ޖަހާއުޅެނީ. މީހުން ކިޔައިއުޅެނީ. އަދި ޗާޕްކޮށްފައި ހުންނަ އާދައިގެ ލިޔުންތަކުގައިވެސް ފިއްޔެއް ނުހުރޭ. ފިލި ހުންނާނީ ހަމައެކަނި މުޞްޙަފްގައި. އެއީ ކިޔާއިރު ކުށެއް ކިޔިދާނެތީ. އޭގެ ފިއްޔެއްވެސް ނުބައިކޮށް ކިޔައިގެނެއް ނުވާނެ.

އެހެންވީމާ، މުޞްޙަފް، ކޮންމެ ތަނެއްގައި ޗާޕްކުރިޔަސް، މުޞްޙަފްގައި ކޮންމެ އަކުރެއްގައިވެސް، އެ އަކުރެއްގެ ފިލި އޮންނާނެ. އާދައިގެ ފޮތްފޮތުގައި އެއްގޮތަކަށްވެސް ފިއްޔެއް ނުހުރޭ. ކުޑަކުދިންނަށް ދަސްކޮށްދޭ ފޮތްފޮތުގައި ފިލިޖަހާފައި ހުރޭ. ބޮޑެތި މީހުން ބޭނުންކުރާ ޢަރަބި ބަހުގެ މިދެންނެވި ފޮތްފޮތުގައި ފިއްޔެއް ނުހުރޭ. ނޫސް މަޖައްލާތަކުގައި ފިއްޔެއް ނުހުރޭ. އެހެންނަމަވެސް، އެ ކިޔުމަކީ އެމީހުންނަށް ދަތިކަމަކަށްނުވޭ. އެއީ އެމީހުން ވަނީ އެއަށް ގޮތެއް ހޯދާފައި. މުސްތަޤްބަލުގައި އަޅުގަނޑުމެންނަށްވެސް ގޮތެއް ހޯދެންވާނެކަމަށް އަޅުގަނޑު ދެކެން. އެއްގޮތަކީ މިހާރު މި ޖަހާގޮތަށް ނޫންގޮތަކަށް ފިލިޖެހޭގޮތެއް ހޯދުން. އަނެއްގޮތަކީ މިއަކުރަށް ކޮންމެވެސްކަހަލަ ބަދަލުތަކެއް ގެނައުން.

ޢަރަބިބަހުން ލިޔަން އެކުރި މަސައްކަތުން އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ތަޖުރިބާއެއް ނުވަތަ ފިލާވަޅެއް ލިބިގެންދާނެ. ޢަރަބިބަހަކީ ނުވަތަ ޢަރަބިބަހުގެ ލިޔުމަކީ ޙަޤީޤަތަށް ބަލާއިރު، ތާނަ އަކުރަށްވުރެ މާ އުނދަގޫ ގޮތަކަށް އޮންނަ އެއްޗެއް. ވިސްނާވަޑައިގެންބައްލަވާ، ޢަރަބިބަހުގެ ކޮންމެ އަކުރެއްވެސް، އާދައިގެ ގޮތަށް ލިޔާއިރުވެސް، އެންމެ ފުރަތަމަ އޮންނަ އަކުރާއި ލަފްޡުގެ ފެށޭ އަކުރާ، ހަމަ އެ އަކުރު، ލަފްޡުގެ މެދުތެރޭގައި އައިމާ އޮންނަގޮތާ ތަފާތުވާނެ. ހަމައެފަދައިން، ލަފްޡުގެ ފަހު އަކުރަކަށް އެ އަކުރު އަތުވެއްޖިއްޔާ އޮންނަގޮތްވެސް ތަފާތުވޭ. އެހެންވީމާ، ތިންގޮތަކަށް، ކޮންމެ އަކުރެއް ލިޔަންޖެހޭ. އަދި އަކުރު ވަކިން އޮންނައިރު، އޮންނަނީ މުޅިން ތަފާތުގޮތަކަށް. އެހުރިހާ އެއްޗެއް އެއްކޮށްލާފައި އެމީހުން މިހާރު އެހެރީ ޓައިޕްރައިޓަރުވެސް ހަދާފައި. އަދި ޗާޕްއަކުރުވެސް ހަދާފައި. އެހެންވީމާ، އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތާނައިގައި މިހުރި ދަތިތަކަށްވުރެ މާބޮޑެތި ދަތިތަކެއް. އެވެސް އެމީހުން އެވަނީ ޙައްލުކޮށްފައި. ގޮތެއް ހޯދާފައި. ވަރަށް ރީތިކޮށް މިހާރު ޓައިޕްކޮށް، ފޮތް ޗާޕްކޮށް އެ ހަދަނީ. އެހެންވީމާ، އަޅުގަނޑުމެންނަށްވެސް، މުސްތަޤްބަލުގައި ގޮތެއް ފެނިދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ، ދެން އޮތް ކަމަކީ އަޅުގަނޑުމެންނަށް މިހާރު ޓައިޕްރައިޓަރެއް ހެދުނުކަމުގައިވިޔަސް، އަދި މި މަސައްކަތް މި ނިމުނީކީ ނޫން. އަދި ޗާޕްއަކުރުވެސް ހަދަންޖެހޭ. އެއީ އަތުން ލިޔެގެން ޗާޕްކުރުން އެއީ މުސްތަޤްބަލުގައި އަޅުގަނޑަކަށް ހިއެއްނުވޭ ކުރެވިދާނެ ކަމަކަށްވާނެހެނެއް. އެހެން މިދެންނެވީ، މިހާރު އެކަން ކުރާގޮތަށް މި ކުރެވެނީ ދިވެހިބަހުން ޗާޕްކުރާ އެއްޗެތިވެސް މަދުކަމުން. އެހެންނަމަވެސް، މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ތަޢުލީމީ ކަންތައްތައް ކުރިއަށްދިޔަ މިންވަރަކުން އަދި އަޅުގަނޑުމެންގެ އަދަބީ ކަންތައްތަކާއި، ލިޔެކިޔުމުގެ ކަންތައްތައް ތަރައްޤީވަމުންދިޔަ މިންވަރަކުން މިހާރަށްވުރެ ގިނަ ފޮތްތައް ޗާޕްކުރެވޭނެ ދުވަހެއް އަންނާނެކަން ޔަޤީން. މިހާރަށްވުރެ ގިނަ ނޫސް މަޖައްލާ ޗާޕްކުރެވޭ ދުވަހެއް އަންނާނެކަން ޔަޤީން. އަދި ވަރަށް ގިނަ އެއްޗެހިތަކެއް ވަރަށް އަވަހަށް ޗާޕްކުރަން މިހާރުވެސް ޖެހޭ. އަދި މުސްތަޤްބަލުގައި މާބޮޑަށް ޖެހޭނެ. މިހާރު ދިމާވާ އެންމެ ބޮޑު ދައްޗަކީ އަތުން ލިޔަންޖެހޭކަން. އާދައިގެ ޞަފްޙާއެއް ލިޔުމަށް ގާތްގަނޑަކަށް ގަޑިއެއްގެއިރު ބޭނުންވާކަން އެއީ އަޅުގަނޑު ހިތުން ތިޔަބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ދެނެވަޑައިގެންވާނެ ކަމެއް ނޫން. ރީތިކޮށް ލިޔަންޏާ އެހެން އެބަ ދިމާވޭ. ބައެއްކަހަލަ އެއްޗެތި އަޅުގަނޑުވެސް ލިޔުއްވަންޖެހޭ ކާތިބުން ލައްވައި ރީތިކޮށް. އެއްގޮތަކަށްވެސް އަވަސްކުރެވޭކަށް ނޯވޭ. އަވަސްކޮށްފިއްޔާ ކުށް ލިޔެވޭނެ. އެހެންވީމާ، އެމީހުން ބޭނުންވާވަރަށް ވަގުތު ދީފިއްޔާ ޞަފްޙާއެއް ލިޔެވެނީ ގަޑިއެއްގެއިރުން. އެއީ ވަރަށް ބޮޑު އެއްޗެއް. އެހެންވީމާ، އަޅުގަނޑު ހިތުން ވަގުތު އެހާ ބޮޑަށް ބޭކާރުވެގެންދާގޮތެއް އޮތުމަކީ ރަނގަޅު ކަމެއް ނޫން. އެހެންވީމާ، މި ދަންނަވަނީ މުސްތަޤްބަލުގައި ގިނަ އެއްޗެތި ޗާޕްކުރެވޭއިރު އަދި ދިގު ފޮތްފޮތް ޗާޕްކުރެވޭއިރު، މިހާރަށްވުރެ އެކަން ހަލުވިކޮށް، އަވަސްކޮށް، ގެންދެވޭނެ ގޮތެއް ފެންނަންވާނެއޭ. އެގޮތަކީ ޗާޕްއަކުރު އުފެއްދުން.

ދެން އޮތް މަރްޙަލާއަކީ އަޅުގަނޑަށް ފެންނަގޮތުގައި ޗާޕްއަކުރު އުފެއްދުން. މި ވާހަކަ ދަންނަވާއިރު، މި މަސައްކަތް ކޮންމެވެސްވަރަކަށް މިހާރުވެސް ރާއްޖޭގެ ބައެއް ފަރާތްތަކުން ކުރައްވާފައިވާކަން އަޅުގަނޑު ފާހަގަކޮށްލާހިތްވޭ. އާދެ، ނޮވެލްޓީގެ ފަރާތުން ޗާޕްއަކުރެއް ތައްޔާރުކުރެއްވުމުގެ މަސައްކަތް ކޮންމެވެސްވަރަކަށް ކުރެއްވި. މިހާރު އެކަން އޮތް ހިސާބެއް އަޅުގަނޑަކަށް ނޭނގެ. އެހެންނަމަވެސް، މުސްތަޤްބަލުގައި އެ ކާމިޔާބު ވެއްޖިއްޔާ އަޅުގަނޑަށް ހީވަނީ އެ ވާނީ ވަރަށް ބޮޑު ކުރިއެރުމަކަށްހެން.

އާދެ، ކޮންމެއަކަސް މިއަދު އަޅުގަނޑުމެންނަށް މި ޙާޞިލް ކުރެވުނު އުންމީދަކީވެސް ދިވެހިބަހަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންވެސް އުފާކުރައްވާނެ. އަޅުގަނޑުގެ އެދުމަކީ، އަދިވެސް ދިވެހިބަހަށް އިތުރު ކުރިއެރުން ލިބޭނެ މަގުތައް اللهُ سُبْحَانَهُ وَتَعَالَى ފަހިކޮށްދެއްވުން. އަޅުގަނޑުމެންގެ ޒުވާނުންނަށް ދިވެހިބަސް ކުރިއަށް ގެންދިޔުމަށާއި އަދި ދިވެހި ލިޔުންތެރިކަން ކުރިއަށް ގެންދިޔުމަށް އިތުރު ޚިޔާލު ލިބުމުގެ ތައުފީޤު އެކަލާނގެ ދެއްވުން. އަދި މުސްތަޤްބަލަށް ރަނގަޅުވާނެގޮތަށް، އައު އީޖާދުތައް ކުރުމުގެ ޚިޔާލުވެސް އަޅުގަނޑުމެންގެ ޒުވާނުންނަށް ދެއްވުން. އެއީ އެކަހަލަ ޚިޔާލުތަކެއް އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް ބަޔަކަށް ލިބިގެން، އެ ޚިޔާލުތަކަށް ޢަމަލީސިފަ އައިސްގެން ނޫނީ، އަޅުގަނޑުމެންގެ ލިޔެކިޔުން މިހާރަށްވުރެ ތަރައްޤީވަމުން ނުދާނެތީ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، ދިވެހިބަސް ތަރައްޤީ ކުރުމަށާއި، ދިވެހި ލިޔުންތެރިކަން މިހާރަށްވުރެ ހަލުވިކުރުމަށް އަދި ފުރިހަމަކުރުމަށް ސަރުކާރުގެ ފަރާތްތަކުންނާއި އަދި އަމިއްލަ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގައި اللهُ تَبَارَكَ وَتَعَالَى ހެޔޮ ތައުފީޤު ލެއްވުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.