بســم اللّـه الرّحمـن الرّحيــم

السَّلَامُ عَلَيْكُمْ

ދެންމެ މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް އެ ވިދާޅުވިފަދައިން، އަޅުގަނޑު މިރޭ މިތަނަށް މިއައީ ހަތަރުވަނަ ސާފް ގޭމްސްއަށް ދާ ޓީމުތަކާ ބައްދަލުކޮށްލުމުގެ ބޭނުމުގައި. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކޯޗްކޮށްދޭނެ، އެކަށީގެންވާ ކޯޗެއް ލިބުމާއެކު، އޭނާގެ އެ މަސައްކަތް ފެށްޓެވުމުގެ ކުރިން ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށްލައި، ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ދެތިން އެއްޗެއް ބުނެލުމަށްޓަކައި.

އާދެ، ސާފް ގޭމްސްއަކީ އަޅުގަނޑުމެންނަށް އާ މުބާރާތެއް ނޫން. މީގެ ކުރިން ތިންފަހަރު ވަނީ އަޅުގަނޑުމެން މި ސާފް ގޭމްސްގައި ބައިވެރިވެފައި. މިފަހަރު މި ބައިވެރިވަނީ ހަތަރުވަނަ ފަހަރަށް. މީގެ ކުރީގެ ބައެއް ފަހަރުތަކުގައި ކޮންމެވެސްވަރަކަށް އަޅުގަނޑުމެންނަށް ކާމިޔާބީ ލިބިފައިވޭ. އާދެ، އެއްވަނަ ސާފް ގޭމްސްގައި ދިވެހިރާއްޖެއާއި ބޫޓާނާ ކުޅެގެން ރާއްޖެ 1-0 އަކުން ވަނީ މޮޅުވެފައި. އެ އަހަރު އެ މުބާރާތުގެ ބްރައުންސް މެޑެލްވެސް ރާއްޖެއަށް ލިބުނު. އެހެންވީމާ، އެއީ އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންވީ ކަމެއް. އޭގެފަހުން ބޭއްވުނު ދެ މުބާރާތުގައި، އަޅުގަނޑުމެންނަށް މާ އެކަށީގެންވާ ކާމިޔާބީއެއް ނުހޯދޭ. އެހެންނަމަވެސް، އެއީކީ އަޅުގަނޑުމެންގެ ހިތްވަރު ދެރަވާންވީ ކަމެއް ނޫން. އަޅުގަނޑުމެން މިހާރު ޢަޒުމް ކަނޑައަޅަންވީ، ކުރިއަށް އޮތް ސާފް ގޭމްސްގައި އަޅުގަނޑުމެން އިތުރު ކާމިޔާބީއެއް ހޯދުމަށްޓަކައި މަސައްކަތް ކުރުމަށް.

އާދެ، ކޮންމެ ކަމެއްވެސް ކާމިޔާބުވަނީ މަސައްކަތްކޮށްގެން. އެއީ އަޅުގަނޑުމެން އެންމެ ފުރަތަމަ ހަނދާންކުރަންވީ ކަމަކީ. އެއީ ކުޅިވަރު ކަމުގައިވިޔަސް، ނުވަތަ އެހެން ކަމެއް ކަމުގައިވިޔަސް، ދުނިޔޭގައި އިންސާނާ ކުރާ ކޮންމެ ކަމެއްވެސް، އެމީހަކަށް ކާމިޔާބު ކުރެވޭނީ، އެކަމެއް ޙާޞިލްކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކޮށްގެން. ކުޅިވަރު ކުޅޭ ކުދިންނަށް އެނގޭނެ، ކުޅިވަރުގައިވެސް ކުރިއަށްދެވޭނީ މަސައްކަތްކޮށްގެންކަން. އެހެންވީމާ، އެ ވާހަކަ މާ ދިގުކޮށް ދައްކާކަށްނުޖެހޭ. އެހެންނަމަވެސް، އެއީ މުހިންމު ނުކުތާއަކަށްވާތީ އަޅުގަނޑު ފާހަގަކޮށްލަނީ.

އާދެ، ކުޅިވަރު އެއީ ވަރަށް މުހިންމު އެއްޗެއް. ދުނިޔޭގެ ކުރިއަރަމުން އަންނަ ޤައުމުތަކުގައި ވަރަށް ބޮޑަށް ކުރިއަށް ގެންގޮސްފައި އޮންނަ ކަމެއް. އެތަންތާނގެ ސަރުކާރުންނާއި، ކަމާބެހޭ ފަރާތްތަކުން، ކަމާބެހޭ އެސޯސިއޭޝަންތަކުންނާއި، ކްލަބްތަކުން ކުޅިވަރު ތަރައްޤީ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދޭ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް، އަޅުގަނޑުމެންގެ ފެންވަރުން ކުޅިވަރު ތަރައްޤީ ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަމު. އާދެ، ސަރުކާރުންވެސް ކުޅިވަރު ތަރައްޤީ ކުރުމަށް ވަރަށް މަތީ ޚަރަދުތަކެއް އެބަކުރޭ. އެކަންތައްތައް ތިޔަ ހުރިހާ ކުޅުންތެރިންނަށާއި އަދި ކްލަބްތަކުގެ މަސްއޫލުވެރިންނަށާއި، ހިންގުންތެރިންނަށާއި އަދި އެސޯސިއޭޝަންތަކުގެ ހިންގުންތެރިންނަށްވެސް އެނގިވަޑައިގަންނަވާނެ.

ސަރުކާރުން ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރޭ. ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރޭ. ހަމަ އެއާއެކުގައި، އަޅުގަނޑުމެންގެ އެސޯސިއޭޝަންތަކުންވެސް މިހާރު ވަރަށް ބޮޑެތި މަސައްކަތް އެބަ ކުރައްވާ. އަދި ކްލަބްތަކުންވެސް. ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، ރާއްޖޭގައި މިހާރު ކުޅިވަރު ކުޅޭ ކްލަބްތަކުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރާކަން. ޝައްކެއްނެތް، އެ ކްލަބްތަކުން ކުރާ މަސައްކަތްތަކުގެ ނަތީޖާ އެންމެ ފުރަތަމަ ފެންނާނީ. އެއީ ޤައުމީ ޓީމަށް ކުޅުންތެރިން މި ހޮވެނީ އެ ކްލަބްތަކުން. އެ ކްލަބްތަކުން އެކުރާ މަސައްކަތްތަކުން އެކުދިންގެ ފެންވަރު އެހިސާބަށް ދިޔައީމާ، ޤައުމީ ޓީމަށް ހޮވޭނީ.

އެހެންވީމާ، މިއަދު ރާއްޖޭގެ ޚާއްޞަކޮށް، ފުޓްބޯޅައިގެ މައިދާނުގައި، ރާއްޖޭގެ އަމިއްލަ ކްލަބްތަކުން އެ ކުރައްވާ މަސައްކަތްތަކަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ކިޔައި، ތާރީފުކޮށް ސާބަސްދެން. އެ ހުރިހާ ކްލަބަކުންވެސް ޚަރަދު ކުރައްވައިގެން، ވަރަށް މަތީ ޢަދަދުތަކަކަށް ފައިސާ ޚަރަދު ކުރައްވައިގެން، ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިގެން، އެ ކްލަބްތަކުގެ ޓީމުތައް ތައްޔާރުކުރައްވަނީ. މުބާރާތްތަކަށްވެސް އަދި އެނޫން ގޮތްގޮތުންވެސް. އަދި މުބާރާތްތައް ހިނގާއިރު އެކުދިންނަށް ލިބޭ ހާނީއްކަ، ވަރަށް ގިނަ ކުދިންނަށް ދިމާވާނެ. ޚާއްޞަކޮށް، ފުޓްބޯޅަ ކަހަލަ ކުޅިވަރެއްގައި. އެގޮތަށް ލިބޭ ހާނީއްކައާ ބެހޭ ފަރުވާ ދެއްވުމަށްވެސް ކްލަބްތަކުން ޚަރަދުވެސް ކުރައްވާ. އަދި ސަރުކާރުންވެސް ޚަރަދު ކުރޭ.

އެހެންވީމާ، އަޅުގަނޑުމެން ހުރިހާ އެންމެން އެކުވެގެން މިއަދު މި ކުރާ މަސައްކަތުގެ ނަތީޖާ އެދެވޭގޮތެއްގައި ފެނުމަކީ، ހަމަ ކޮންމެ މީހެއްގެވެސް އުންމީދު. އެއީ ހަމައެކަނި އަޅުގަނޑުގެ އުންމީދެއް ނޫން. އެއީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް އުންމީދު. އަދި ކުޅިވަރު ކުޅޭ ކޮންމެ ޒުވާނެއްގެވެސް އުންމީދު. އެ އުންމީދު ޙާޞިލް ކުރެވޭތޯ އަޅުގަނޑުމެން ހުރިހާ އެންމެން މި މަސައްކަތް މި ކުރަނީ.

އާދެ، ކުރިންވެސް ދެންނެވިފަދައިން، ކޮންމެ ކުޅިވަރެއްވެސް، ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ، އެކަމެއް ކާމިޔާބު ކުރުމަށް މަސައްކަތްކޮށްގެން. ކުޅިވަރަކީ އެ ކުޅިވަރު ކުޅޭ މީހާގެ ހަށިގަނޑު ވަކިގޮތަކަށް ހާނައިގެން، ވަކިގޮތަކަށް ބަހައްޓައިގެން ކުޅެވޭ އެއްޗެއް. އެހެންވީމާ، އެކަންވެސް އަޅުގަނޑުމެން ދަންނަންވާނެ. މިސާލަކަށް، އަޅުގަނޑުމެންގައި ބުންވަރު ހުންނަންޖެހޭނެ، ކުޅިވަރު ކުޅެންޏާ. އެ ބުންވަރު އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭނެ. މިސާލަކަށް، ރަނގަޅު ކާނާ ކެއުން. އެކަށީގެންވާ ގޮތަކަށް އަރާމުކުރުން. އަދި ޞިއްޙަތަށް ގެއްލުންވާކަހަލަ އެކިއެކި އާދަތަކުން ދުރުހެލިވުން. އާދެ، ޒުވާނުންނަށްވީމާ މި ދެންނެވި ގޮތަށް އުޅެން ތަންކޮޅެއް ދަތިވާނެކަންނޭނގެ. އެހެންނަމަވެސް، އެއީ ހަމަ ވަރަށް ބޮޑު ކަމެއް. މިސާލަކަށް، ދުންފަތުގެ އިސްތިޢުމާލު ކުރުން އެއީ ޞިއްޙަތަށް ވަރަށް ގެއްލުންހުރި ކަމެއް. މިއަދު ދުނިޔޭގެ އެންމެން ޤަބޫލުކުރާ ކަމެއް. އެހެންވީމާ، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ކުއްޖާގެ ޞިއްޙަތަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް. ބުންވަރުވެސް ދެރަވާނެ. އެއްވެސް ކުޅިވަރެއް ކާމިޔާބެއް ނުކުރެވޭނެ.

ދެން އޮތް ކަމަކީ ފަރިތަކުރުން. އެކަމެއް ދަސްކުރުން. މިހާރު ފުޓްބޯޅައިގައިވިއްޔާ، ފުޓްބޯޅައިގެ ހުނަރުތައް ދަސްކުރަން އެބަޖެހޭ. އަޅުގަނޑަކީ ފުޓްބޯޅައިގެ މާހިރެއް ނޫން. އެހެންވީމާ، ކޮންމެހެން އެ ހުނަރުތަކުގެ ވާހަކަ ތަފްޞީލުކޮށް ދަންނަވާކަށް ނެތިން. އެހެންނަމަވެސް، ފުޓްބޯޅައަށް ޝައުޤުވެރިވާ މީހެއްގެ ގޮތުން އަދި ފުޓްބޯޅަ ކުޅޭތަން ބަލާތާ ވަރަށް ގިނަ ދުވަސްވެފައިވާ މީހެއްގެ ޙައިޘިއްޔަތުން އަޅުގަނޑަށްވެސް ދެންނެވޭނެ، ފުޓްބޯޅަ ކުޅުމުގެ ޚާއްޞަ ހުނަރުތައް އެއީ ހަމަ ހުރިހާ ކުދިންވެސް ވަރަށް ރަނގަޅަށް ދަސްކުރަންޖެހޭނެ ހުނަރުތަކެއް ކަމުގައި. ފުރަތަމަ ބޯޅަ ލިބުނީމާ، ބޯޅަ ކޮންޓްރޯލް ކުރުން. އެއް ކުޅުންތެރިޔަކު، އަނެއް ކުޅުންތެރިޔަކަށް ޕާސްކުރުން. ދެން ގޯލަށް ޖެހުން. ޖެހުމުގައިވެސް ދެފައި ބޭނުންކުރުން. ބޮލުން ޖެހުން. މިކަހަލަ ކިތަންމެ ކަންތައްތަކެއް އެބަހުރޭ ދަސްކުރަންޖެހޭ. އެކަންކަން ހަމަ ގަދަ މަސައްކަތުން، ގިނައިރު ތަމްރީނުކޮށްގެން ދަސްކުރަން ޖެހޭނީ. އެއީ އަދި ހިތަށްއެރިޔަސް އަދި އަޅުގަނޑުމެން މިހާރު މި ހަދާހެން މޮޅު ކްލަބްތަކުގެ މެޗުތަކުގެ ވީޑިއޯ ބަލައިލައިގެން، ޓީ.ވީ.އިން ބަލައިލައިގެން އަދި އެ ހުނަރެއް ނުލިބޭނެ. ހަމަ އެކަމަށް ޖެހޭނީ މަސައްކަތް ކުރަން. ހަމަ ގިނައިރު ވަގުތު ހޭދަކޮށްގެން، ފަރުވާތެރިކަމާއެކު މަސައްކަތްކޮށްގެން، އެ ހުނަރުތައް އަޅުގަނޑުމެންނަށް ލިބޭނީ.

ދެން އޭގެ އިތުރުން، ޓީމަކަށް ކާމިޔާބުވުމުގެ އެންމެ ބޮޑު ސިއްރަކީ، އެ ޓީމެއް ކުޅެމުންދާއިރު، ކުޅުންތެރިންގެ އެކުލަވައިލުން. އެއީ އެހެން މި ދެންނެވީ، ތިބެދާނެ ޓީމުގައި ވަރަށް މޮޅު ކުޅުންތެރިން. އެހެންނަމަވެސް، އެ ކުޅުންތެރިންގެ ކުޅުން، އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ ދެމެދުގައި ކުޅޭ ކުޅުން އެކުލަވައިނުލާ ގޮތް ވެއްޖިއްޔާ، މުޅި ޓީމު އެކުލަވައިލާ ގޮތަށް ނުކުޅެވެންޏާ، ރަނގަޅު ނަތީޖާއެއް ނުހޯދޭނެ. އަޅުގަނޑުމެންނަށް މިތާނގައި ދަނޑުން ފެނިގެންދޭ މިހާރުވެސް އެގޮތް. އަޅުގަނޑުމެންގެ ޓީމުތަކުގައި ވަކިވަކި ކުޅުންތެރިންގެ ގޮތުން ބަލާއިރު، ވަރަށް މޮޅު ކުޅުންތެރިން އެބަ ތިބޭ. އަޅުގަނޑުމެންގެ ރާއްޖޭގައި އެބަތިބި، ހަމަ އެކަށީގެންވާ ފެންވަރަކަށް ފުޓްބޯޅަ ކުޅޭ ކުދިން. އެހެންނަމަވެސް، މުޅި ޓީމް އެކުލަވައިނުލުމުގެ ސަބަބުން އެމީހުންގެ މަސައްކަތްވެސް ދަނީ ފެއިލްވެގެން. ފެނަށްވެގެން ދަނީ. އެކަން އެހެންވާނީ ގިނައިރު އެކުގައި އުޅެ ކުޅެގެން، އަދި ކުޅުންތެރިންގެ މެދުގައި އެކުވެރިކަންވެސް އޮވެގެން.

ދެން ފުޓްބޯޅައަކީ ވަރަށް މުހިންމު ކުޅިވަރެއް. އަދި ވަރަށް ބޮޑަށް ކުރިއަށްގޮސްފައި އޮތް ކުޅިވަރެއް. މިކަމުގައި ކުޅުމުގެ އެކިއެކި ހުނަރުތައް، ސިސްޓަމްތައްވެސް މިހާރު ވަރަށް ގިނައިން އެބަހުރި. އެއީ ހަމަ އެކިއެކި ސައިންސްތައް، އެކަމާބެހޭ މާހިރުން ތަރައްޤީކުރާހެން ތަރައްޤީ ކުރަމުން އައިސްފައި އޮތް އެއްޗެއް. ތިޔަބޭފުޅުން އައްސަވާނެ، އެކި ދުވަސްވަރު އެކި ކަހަލަ ސިސްޓަމަށް ޓީމުތައް ކުޅޭ ވާހަކަ. އެއީ ހަމަ އެކަމާބެހޭ މާހިރުން، އެކިއެކި ކޯޗުން ވިސްނައިގެން، ހަމަ ރާވައިގެން ހަމަޖައްސާ ސިސްޓަމްތަކެއް. އެހެންވީމާ، އެ ސިސްޓަމަކަށް، އެ ކޯޗް ދަސްކޮށްދެއްވާ ގޮތަކަށް ހުރިހާ ކުދިން ކުޅެން ދަސްކުރުން، އެއީވެސް ވަރަށް މުހިންމު ކަމެއް. އަދި މި ހުރިހާ ކަމަކަށްވުރެ ބޮޑު ކަމެއް ހިތްވަރު. އެހެން މިދެންނެވީ ވަރަށް ގިނަ ފަހަރަށް އެބަހުރޭ، ހަމަ އާދައިގެ ޓީމުތައް، އެއަށްވުރެ މާމޮޅު ކަމަށް ބެލޭ ޓީމުތައް ބަލިކޮށްފައި. އެއީ ހަމަ ހިތްވަރުގެ ސަބަބުން. އެ އާދައިގެ ޓީމު ވަރުގަދަ ހިތްވަރަކާ އެކުގައި ކުޅުނީމާ، އެ ނަތީޖާ އެ ހޯދެނީ. އަޅުގަނޑުމެންގެ ތެރޭގައިވެސް ހަމަ ވަރަށް ގިނައިން ފެނިގެންދާނެ އެކަހަލަ މަންޒަރުތައް. އަދި މޮޅު ޓީމުތަކަށް ވާގޮތަކީ ބައެއްފަހަރަށް ތަންކޮޅެއް ފަރުވާކުޑަކުރެވޭގޮތް ދިމާވަނީ، ނުވަތަ އެމީހުންގެ ހިތްވަރުވެސް އެލޭގޮތް ދިމާވެއްޖިއްޔާ، އެމީހުން އަތުން މެޗް ހިނގައިދާނެ. މިހެންވެސް އެބަވޭ.

އެހެންވީމާ، ހިތްވަރު އެއީ ވަރަށް މުހިންމު އެއްޗެއް ކަމުގައި ހުރިހާ ކުޅުންތެރިންވެސް ދަންނަންވާނެ. ޚާއްޞަކޮށް، ޤައުމީ ޓީމުގެ ނަމުގައި ކުޅޭއިރު. ޤައުމީ ޓީމަށް ކުޅުމަކީ، ފަޚުރެއް ކަމުގައި ކޮންމެ ކުޅުންތެރިޔަކުވެސް ދެކެންވާނީ. އެއްގޮތަކަށްވެސް އެކީ ކުޑަކަމެއް ނޫން. ދުނިޔޭގެ އެހެން ތަންތާނގައި، ޤައުމީ ޓީމަށް އެރުމުގެ ފުރުޞަތު ލިބުމަކީ އެތާނގެ ކޮންމެ ކުޅުންތެރިޔަކުވެސް ދެކެނީ އޭނާއަށް ލިބޭނެ އެންމެ ބޮޑު ޝަރަފް ކަމުގައި. އެހެރީ ދެން ނިމިފައި. ކުޅިވަރު ކުޅެމުންގޮސް ހުރިހާ ކާމިޔާބީތަކެއް ޙާޞިލް ކުރަމުންގޮސް، އެންމެފަހުން ޤައުމީ ޓީމަށް އެރިއްޖިއްޔާ އެ ދެން އެ ކާމިޔާބުވީ. އެހާ ބޮޑު ކަމެއް އެއީ. އަޅުގަނޑުމެންގެ ތެރޭގައި އަދި އެ ރޫޙު އެވަރަށް އޮތް ކަމެއް ނޭނގެ. އެހެންވީމާ، އެހެން މި ދަންނަވާލަނީ.

ކްލަބަށް ކުޅުމަކީވެސް މުހިންމު ކަމެއް. އަޅުގަނޑު އެއްބަސް، މި ޤައުމީ މުބާރާތްތަކުގައި ކޮންމެ ކްލަބަކުންވެސް މަސައްކަތްކުރޭ ކާމިޔާބު ހޯދަން. ތަށި ހޯދަން ނުވަތަ މޮޅުވާން. އެހެންވީމާ، ކްލަބަށް އިޚްލާޞްތެރިވެ، ތެދުވެރިވެގެން ކްލަބަށް ކުޅުމަކީވެސް ވަރަށް ބޭނުންތެރި ކަމެއް. އެކަމަކު އަޅުގަނޑުމެން އެހެން ޤައުމަކާ ކުޅޭއިރު، އަޅުގަނޑުމެން ޖެހޭނެ ކްލަބްތަކުގެ ކަންތައްތައް ހަނދާންނައްތާލާފައި، މުޅި ޤައުމަށްޓަކައި މަސައްކަތް ކުރަން. އެއީ ކޮންމެ ތަނެއްގައިވެސް ހަދާގޮތް.

އެހެންވީމާ، އަޅުގަނޑުމެންވެސް ބޭރު ދުނިޔެއަށް ގޮސް، އެހެން ޤައުމަކާ ބައްދަލުކޮށްގެން ކުޅޭއިރު ނުވަތަ ރާއްޖޭގައިވެސް ބޭރު ޓީމަކާ ކުޅޭއިރު ވާނެ، ތިމަންނާ މިއީ މިވެނި ކްލަބެއްގެ މީހެކޭ، މިއީ މިވެނި ކްލަބެއްގެ މީހެކޭ، އެކަން މުޅިން ހަނދާންނައްތާލަން. އެންމެންނަކީ ދިވެހިން. އެންމެންނަކީ އެކުވެރިން. އެންމެންނަކީ ރަޙްމަތްތެރިން. ކްލަބްތަކުގެ ހުރިހާ ކުދިން ވާނެ ވަރަށް ބޮޑަށް އެކުލަވައިލަން. ކުދިންގެ ހިތުގައި އޮންނަންޖެހޭނެ ރަނގަޅު އެކުވެރިކަމުގެ ޝުޢޫރު. އެގޮތަށް އެ އެކުވެރިންގެ ޝުޢޫރު އޮވެގެން، އެއްވެސް މެޗެއް ކާމިޔާބު ކުރެވޭނީ. އެހެންވީމާ، އެނުކުތާއަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން އަޅުގަނޑު ބޭނުންވޭ. ތިޔަ ހުރިހާ ކުދިންވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ، ބޭރު ދުނިޔެއަށް ގޮސްގެން އަހަރެމެން މި ތަމްސީލު ކުރަނީ ދިވެހިރާއްޖެ. ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް. އެހެންނަމަވެސް، މިއަދު ދުނިޔޭގައި ރާއްޖެ ޙަރަކާތްތެރިވަމުން އެބަދޭ، ކޮންމެވެސްވަރަކަށް، ރާއްޖެއާ އެކަށީގެންވާ މިންވަރަކަށް، އެކި މައިދާންތަކުގައި. އަދި ރާއްޖެއަށް ހަމަ އެކަށީގެންވާ ރީތި ނަންވެސް ލިބެމުން އެބަދޭ.

އެހެންވީމާ، ކުޅިވަރުގެ މައިދާނުގައި، ކުޅިވަރަކީ ޒުވާނުންގެ މައިދާން. ތިޔަ ތިބީ ހައްތާ ޒުވާނުން. ރާއްޖޭގައި ތިބި ޒުވާނުންގެ ތެރެއިން އެންމެ ފާހަގަކުރެވޭ، އެންމެ ރަނގަޅު ކުދިން ތިޔަ ތިބީ. އެހެންވީމާ، ތިޔަކުދިންގެ އުންމީދަކަށް ވާންވާނެ، އެކަށީގެންވާ ގޮތެއްގައި ރާއްޖެ ތަމްސީލު ކުރެވޭތޯ ބެލުން. ރާއްޖެއަށް ރީތި ނަމެއް ހޯދައިދެވޭތޯ ބެލުން. އެއީ އެންމެ މުހިންމު ކަމަކީ. މި ޤައުމީ މުބާރާތުގެ ކަންތައް މުޅިން މިވަގުތު އެއްކިބާކޮށްލާފައި، ހަމަ ޤައުމަށްޓަކައި މިއަދުން ފެށިގެން ހުރިހާ ކުދިން މަސައްކަތް ކުރަންވީ، މި ސާފް ގޭމްސް ނިމެންދެން. ނިމިގެން އައިސް، ދެން ޤައުމީ މުބާރާތުގެ ދެން އޮންނަ ބައި ކުޅެމުންދާއިރު ކުޅެމުން ގެންދެވޭނެ. އެހެންނަމަވެސް، މިވަގުތު ހުރިހާ ކުދިން ސަމާލުކަން ދޭންވީ ހަމަ ޤައުމަށް.

އާދެ، އަޅުގަނޑު ކުޑަ ވާހަކައެއް ދަންނަވާލާނަން. މިއީ ފުޓްބޯޅައާ ބެހޭ ވާހަކައެއް ނޫން. ކްރިކެޓާ ބެހޭ ވާހަކައެއް. އެހެންނަމަވެސް، އެއީވެސް ހަމަ ކުޅިވަރު. އެއީ އޮސްޓްރޭލިޔާގެ ޓީމު މި ދިޔައީ އިނގިރޭސިވިލާތަށް. ގޮސްގެން މިފަހަރު ވަރަށް ބޮޑު ކާމިޔާބީތަކެއް ކުރި. 0-4 ން މުޅި ޓެސްޓް މެޗްތައް އެމީހުން ކާމިޔާބުކުރި. ދެން އެ ޓީމު ހޮވިއިރު، އަބަދުވެސް ޓީމު މި ހޮވަނީ ޤައުމީ މުބާރާތް ކުޅެވޭއިރު ބަލާފައި، އެންމެ އެކަށީގެންވާ މޮޅު ކުޅުންތެރިން ހިމެނޭގޮތަށް. އޮސްޓްރޭލިޔާ ޓީމު ހޮވިއިރު، މިދިޔަ އަހަރު އޮސްޓްރޭލިޔާގެ ސީޒަންގައި، އެ މީހުންގެ ޤައުމީ ކްރިކެޓް ސީޒަންގައި އެންމެ ގިނަ ވިކެޓް ނަގާފައި ހުރި އުކާ މީހަކީ މައިކް ވިކްނީ ކިޔާ މީހެއް. ވައަތުން އުކާ، ބާރަށް އުކާ އުކުންތެރިއެއް. ތަންކޮޅެއް ކުރިން 1985 ވަނަ އަހަރު އިނގިރޭސިވިލާތަށް ޒިޔާރަތްވެސްކުރި، އިނގިރޭސިވިލާތަށް ގޮސް ކުޅުނުވެސްމެ. އެހެންނަމަވެސް، މިވީގޮތަކީ، އޭނާ ޤައުމީ ޓީމަކަށް ނޭރި. ދެން އެކަމާ އޭނާ ދެރަވެގެން ވަރަށް ބޮޑަށް އުޅުނު. އަދި އޭނާގެ އެކުވެރިންވެސް ދެރަވެގެން، އޭނާގެ ޢާއިލާވެސް، އޭނާގެ އަންހެނުންވެސް އެކަމާ ދެރަވެގެން، ކުރާނެ ކަމެއް ނެތިގެން ހަމަ ހީވަނީ ޢާއިލާގެ މީހަކު މަރުވިހެން. ޢާއިލާގެ މީހަކު މަރުވީމާ އެމީހުންނަށް ކުރާނެ އަސަރު ޤައުމީ ޓީމަށް ނުނެގުނީމާ އޭނާއަށް ކުރި. އެވާހަކަ އޭނާގެ އަމިއްލަ ޤަލަމުން، އަމިއްލަ ބަހުން ލިޔެފައި އޮތް މަޒުމޫނެއް އަޅުގަނޑު ދުށިން މިދާކަށްދުވަހު. އެއީ އެތަންތާނގެ މީހުން ޤައުމީ ޓީމަށް ހުންނަ ޝައުޤުވެރިކަމަކީ. އެއީ އެކުއްޖަކަށް ލިބޭ ޝަރަފެއް ކަމަށް ބަލަނީ. ނޭރިއްޖިއްޔާ އެހާ ހިތާމަކުރާނެ. އެއީ މަސައްކަތް ކުރަނީ އެކަމަށް. އެކަންވޭތޯ. އެހެންނަމަވެސް، މަސައްކަތްކޮށްގެންވެސް އެ މަޤްޞަދު ޙާޞިލްނުވެއްޖައީވިއްޔާ ވަރަށް ބޮޑަށް ހިތާމަކުރާނެ. ވަރަށް ބޮޑަށް ދެރަވާނެ. އަޅުގަނޑުމެންގެ ކިބައިގައިވެސް އެ ޝުޢޫރު އަށަގަނޭތޯ ބަލަންވީ. ރާއްޖެއަށް ޚިދުމަތް ކުރުން އެންމެ ފުރަތަމަ. އޭގެފަހުގައި ކްލަބަށް ޚިދުމަތް ކުރުން. އެއީ ރާއްޖެއަށް ޚިދުމަތް ކުރަން މި ޖެހެނީ ބޭރު ދުނިޔޭގެ އެހެން ޤައުމުތަކުގެ ކުރިމަތީގައި. އެހެންވީމާ، އެތަންތަނަށް އަޅުގަނޑުމެން ދޫކޮށްގެންނުވާނެ. އަޅުގަނޑުމެންގެ ރާއްޖެ އެހެން މައިދާންތަކުގައިވެސް ކާމިޔާބު ހޯދާފަދައިން، ކުޅިވަރުގެ މައިދާނުގައިވެސް ކާމިޔާބު ހޯދަންޖެހޭނެ. އެކަމަށްޓަކައި ސަރުކާރުން ވަރަށް މަތީ ޚަރަދުތަކެއް ކޮށްގެން މި މަސައްކަތް މި ކުރަނީ.

އެނގިވަޑައިގަންނަވާނެފަދައިން، މިހާރު ތިޔަ ކުދިންނަށް ތަމްރީނު ދެއްވަން ދުރުވެ އެ ހުންނެވި ކޯޗް އެއީ ހަމަ ސަރުކާރުން ބޮޑު މުސާރަދީގެން، ޚަރަދުކޮށްގެން ގެނައި ކޯޗެއް. އޭނާ ހުންނަވާނެ ދުވަސްކޮޅަކު. އެހެންވީމާ، އޭނާއަކީ މިކަމުގައި ތަޖުރިބާ ހުރި މީހެއް. ތިޔަ ކުދިންނަށް އެނގޭނެ ފަދައިން، އަނެއްކާ ޖަރުމަނަކީ ފުޓްބޯޅައަށް ހަމަ ދުނިޔޭގެ އެންމެ މަތީ، އެންމެ މަޝްހޫރު އެއް ޤައުމު. މި ދޭތެރެއިން އެންމެފަހުން ބޭއްވުނު ދުނިޔޭގެ ތަށްޓަށް މި ކުޅެވޭ ވާރލްޑްކަޕް މުބާރާތްތަކުގައި، ކޮންމެ މުބާރާތެއްގައިވެސް އެންމެފަހު ބުރަށް ޖަރުމަނު ދާނެ. ފައިނަލްގައިވެސް ވަރަށްގިނަފަހަރަށް ކުޅެފައި އެބަހުރި. އެންމެފަހުންވެސް ކުޅުނު.

އެހެންވީމާ، ޖަރުމަނު އެއީ ހަމަ ދުނިޔޭގައި ފާހަގަކުރެވޭ، ވަރަށް މަތީ ފެންވަރުގެ ޓީމެއް. އެތާނގެ ފުޓްބޯޅައަކީ ވަރަށް ފެންވަރު މަތީ ފުޓްބޯޅައެއް. އެހެންވީމާ، އެތަނުން ކޯޗެއް ލިބުނުކަން އެއީ ހުރިހާ ކުދިންވެސް ޤަބޫލުކުރާނެ، އަހަރުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ. އެހެންވީމާ، އެ ފުރްޞަތުގެ ބޭނުން ފިސާރި ރަނގަޅަށް ކުރަންވާނެ. ކޯޗް އިރުޝާދު ދެއްވާގޮތަށް ހުރިހާ ކަމެއްވެސް ކުރެވޭތޯ ބަލަންޖެހޭނެ. ދަނޑުމަތީގައިވެސް، ދަނޑުން ބޭރުގައިވެސް. އޭނާ އެ ދެއްވާ ތަމްރީނުތައް ފަރުވާތެރިކަމާއެކު އެގޮތަށް ކޮށް، އަނެއްކާ އޭނާ އެ ކިޔައިދެއްވާ ހުރިހާ ގޮތަކަށް ކަންތައް ކުރެވޭތޯ ބަލަންޖެހޭނެ. އޭރުން އެކަހަލަ ރަނގަޅު މީހެއް، ތަޖުރިބާކާރު މީހެއް އަހަރުމެންނަށް ލިބުމުގެ ފައިދާ އަހަރުމެންނަށް ކުރާނީ.

އާދެ، ދެން އެއީ އަޅުގަނޑު މިރޭ ޓީމުގެ މެންބަރުންނާ ބައްދަލުކޮށް ވާހަކަ ދައްކާލަން ބޭނުންވި ކަމަކީ. ހުރިހާ ކުދިންވެސް އެކުވެރިވެގެން، އެކަތިގަނޑަކަށް ވެގެން، ފިސާރި ރަނގަޅަށް ޤައުމަށް ރީތި ނަމެއް ހޯދައިދެވޭތޯ މަސައްކަތްކުރާށޭ. އެއީ ކުރުގޮތަކަށް ބުނަންޏާ، ބުނަން އޮތް ވާހަކައަކީ. އަޅުގަނޑު ޔަޤީން ކުރަން، ރާއްޖޭގެ ފުޓްބޯޅަ ޓީމުގެ ހުރިހާ ކުދިންވެސް، ޤައުމީ ފުޓްބޯޅަ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އަޅުގަނޑުގެ މި ނަޞޭޙަތް ޤަބޫލުކުރާނެ ކަމަށް.

ހަމަ އެއާއެކުގައި، ފުޓްބޯޅައިން އެކަންޏެއްނޫން. މިފަހަރުވެސް އަޅުގަނޑުމެން ފުޓްބޯޅަ ފިޔަވައި، އެހެން ބައެއް ކުޅިވަރުތަކުގައިވެސް އެބަ ބައިވެރިވަން ސާފް ގޭމްސްގައި. އެތްލެޓިކްސްގައި އެބަ ބައިވެރިވަން. ފެތުމުގައިވެސް ބައިވެރިވަން. އެހެންވީމާ، ރާއްޖޭގެ އެ ކަސްރަތުކުރާ ކުދިން، އެތްލެޓިކްސްގައި ބައިވެރިވާ ކުދިން، ފެތުމުގައި ބައިވެރިވާ ކުދިންވެސް، އަޅުގަނޑު މި ދެއްކި ހުރިހާ ވާހަކަތައް ރަނގަޅަށް އަހައި، އެގޮތުގެ މަތިން ޢަމަލުކުރާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑު އެދެނީ، ހުރިހާ ކުދިންނަށް ހަމަ އެކަށީގެންވާ ކާމިޔާބީއެއް. އަނެއްކާ މަސައްކަތްކޮށްގެން ކާމިޔާބީއެއް ހޯދައިދީފިއްޔާ، ސަރުކާރުންވެސް އެކަން ދެކޭނެ. އެއީ ތިޔަކަހަލަ މުހިންމު މުބާރާތެއްގައި ބައިވެރިވެ، ރާއްޖެއަށް ރީތި ނަމެއް ލިބިއްޖިއްޔާ ސަރުކާރުން އެކަން ދެކޭނެ. އެކުދިންނަށް ކޮށްދޭންޖެހޭ ކަންތައްތައްވެސް ކޮށްދޭނެ. ސަރުކާރުން އިނާމުވެސް ދޭނެ. ހަމަ އެއާއެކުގައި ބުނަންޖެހެނީ، އެކަހަލަ މުބާރާތަކަށް ގޮސްގެން ކުއްޖަކަށް ހާނިކައެއްވިޔަސް، ހަމަ ސަރުކާރުގެ ޚަރަދުގައި ބޭސްވެސް ކޮށްދޭނެ. ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދޭނެ. އެހެންވީމާ، އެ ކަންތައްތައް ތިޔަ ކުދިން ރަނގަޅަށް ހަނދާންކޮށްގެން، ވީހާ ރަނގަޅަކަށް މިފަހަރު މިކަންތައް ކުރެވޭތޯ ބަލާށޭ ބުނުން އަޅުގަނޑުގެ ބޭނުމަކީ.

އަޅުގަނޑަށްވެސް އެނގޭ، މިފަހަރު ލިބުނު ފުރުޞަތު ވަރަށް ކުޑަ. އެއީ ސާފް ގޭމްސް މި ފެށެނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު. ދެން މަހެއްހާ ދުވަސް މިއޮތީ. މަހެއްހާ ދުވަހުގެ ތެރޭގައި މާބޮޑު މަސައްކަތެއްވެސް ނުކުރެވޭނެ. އެހެންވީމާ، އާދައިގެ ކުރާވަރަށްވުރެ ބޮޑަށް އެ މަސައްކަތް ކުރަން މި ޖެހެނީ. އެއީ ޓީމެއް ތައްޔާރުކުރުމަކީ ވަރަށް ބޮޑު ކަމެއް. އެއީ ވަރަށް ގިނަ ދުވަހުން ކުރެވޭ ކަމެއް. އެހެންނަމަވެސް، މިފަހަރު ކަންދިމާވިގޮތުން، އަހަރުމެންގެ ކުރިމަތީގައި މިއޮތީ އެންމެ މަސްދުވަހެއް. އެހެންވީމާ، އެމަސްދުވަހުގެ ތެރޭގައި، ހުރިހާ ކުދިންވެސް ވީހާ ރަނގަޅަކަށް ކަންތައް ކުރެވޭތޯ ބަލަންވާނެ.

އަދިވެސް އެއްފަހަރު، ހުރިހާ ކުދިން އެކުވެރިވުމަށް ގޮވާލަން. ހުރިހާ ކުދިން އެކަތިގަނޑަކަށް ވެގެން، ޤައުމަށްޓަކައި ރަނގަޅު ނަތީޖާއެއް ލިބޭތޯ މަސައްކަތްކޮށްދޭން އަޅުގަނޑު ތިޔަ ހުރިހާ ކުދިންނަށް އިލްތިމާސް ކުރަން.

والسّــلام عليــكم.