بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރޭ އަހަރާ ބައްދަލުކުރާ މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަނީ، މިނިވަންކަމުގެ ނިޢުމަތަށްޓަކައި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމުން.

އާދެ، މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ، އަޅުގަނޑުމެންގެ މި ލޮބުވެތި ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ހިނގަމުން އަންނަތާ 25 އަހަރު ފުރޭ އަހަރުގެ ފެށުން. މީހެއްގެ ޢުމުރުގައި 25 އަހަރަކީ ދިގު މުއްދަތެއް. އެކަމަކު ޤައުމެއްގެ ޢުމުރަށް ބަލާއިރު 25 އަހަރަކީ އެހާ ދިގު މުއްދަތެއް ނޫން. ޢަމުދުން އަޅުގަނޑުމެންގެ ރާއްޖެފަދަ މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އެތައް ޒަމާންތަކެއް ވަންދެން ހިނގަމުން އައިސްފައިވާ، އަދި ފަޚުރުވެރިވުން ޙައްޤު ތާރީޚެއް ލިބިފައިވާ ޤައުމެއްގެ ޙަޔާތުގައި، 25 އަހަރަކީ ދާދި ކުރު މުއްދަތެއް. އެހެންނަމަވެސް، 25 އަހަރަކީ ޤަރުނެއްގެ ހަތަރުބައިކުޅަ އެއްބައި.

ހަމަ އެއާއެކު، ތިޔަ އެންމެހައި އަޚުންނާއި އުޚްތުން ޤަބޫލުފުޅު ކުރައްވާނެ ފަދައިން، ވޭތުވެދިޔަ 25 އަހަރަކީ، އަޅުގަނޑުމެންގެ ޤައުމުގެ ޙަޔާތުގެ ވަރަށް އާދަޔާޚިލާފު ދުވަސްތަކެއް. އޭގެކުރީގެ އެތައް ސަތޭކަ އަހަރެއްގެ ތެރޭގައިވެސް ޤައުމު ދެކެފައިނުވާފަދަ ގިނަ ކަންތައްތަކެއް، އެ 25 އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ޤައުމުވަނީ ދެކެފައި. އެތައް ބަދަލުތަކަކާއި އިޞްލާޙުތަކެއް ވަނީ އަޅުގަނޑުމެންގެ ޤައުމީ ޙަޔާތަށް އައިސްފައި. އެތައް ފޮނި ކާމިޔާބީތަކަކާއި، ހިތި ތަޖުރިބާތަކެއް ވަނީ ކުރެވިފައި. ހިމަނައިކޮޅުންނުލާފަދަ ގިނަ ތަރައްޤީތައް ވަނީ ގެނެވިފައި.

މި އަހަރު އަޅުގަނޑުމެން ޚާއްޞަގޮތެއްގައި މި ފާހަގަކުރަނީ އެހެންވެގެން. އަޅުގަނޑުމެންގެ ޤައުމުގެ ޙަޔާތުން ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވުނު ކަންތައްތަކާމެދު ވިސްނާލުމަށް. އަޅުގަނޑުމެންނަށް އާދެވިފައި ތިބި ހިސާބަކާމެދު ފިކުރުކޮށްލުމަށް. އެހިސާބަކުން ދެން އަޅުގަނޑުމެން ދާންވީ މިޞްރާބަކާމެދު ޚިޔާލުކޮށްލުމަށް.

މީގެ 25 އަހަރު ކުރިން، އާދެ، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އަޅުގަނޑުމެންގެ ޤައުމަށް ސިޔާސީ މިނިވަންކަން ވަނީ ލިބިފައި. އެދުވަހުން ފެށިގެން، ދުނިޔޭގެ އެހެން ޤައުމުތަކުގެ ސަފުގައި އަޅުގަނޑުމެންވެސް ވަނީ ފައިތިލަ ސާބިތުކުރަން ފަށާފައި. އެކަމަކު، ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ ފަދައިން، ޤައުމީ މިނިވަންކަމަކީ، ހަމައެކަނި ސިޔާސީ މިނިވަންކަމުން ފުރިހަމަވާނެ ކަމެއް ނޫން. އެހެންވީމާ، ވޭތުވެދިޔަ 25 އަހަރުވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއައީ، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން ފުރިހަމަކުރުމަށް. އަޅުގަނޑުމެންނަށް ލިބިފައިވާ ސިޔާސީ މިނިވަންކަމާއެކު، އިޤްތިޞާދީ މިނިވަންކަމާއި، ފިކުރީ މިނިވަންކަން ހޯދުމަށް. ހުރިހާ މާނައެއްގައިވެސް ފުރިހަމަ މިނިވަން ޤައުމަކަށް އަޅުގަނޑުމެންގެ ދިވެހި ޤައުމު ހެދުމަށް.

މިރޭ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ، ވަރަށް މުހިންމު ޙަޤީޤަތެއް އެބައޮތް. އެ ޙަޤީޤަތަކީ އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ސަތޭކައަކުން 66 މީހުންނަކީ ޢުމުރުން 25 އަހަރަށްވުރެ ހަގު މީހުންކަން. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، މިހާރު ރާއްޖޭގެ ރައްޔިތުންގެ ތިންބައިކުޅަ ދެބަޔަކީ، ރާއްޖެއަށް މިނިވަންކަން ލިބުނުފަހުން ރާއްޖެއަށް ނޭވާލާން ފަށާފައިވާ ޒުވާނުން. އާދެ، އެމީހުންނަށް އެންމެ ފުރަތަމަވެސް ފެނިފައިވަނީ މިނިވަން ދިވެހިރާއްޖެއެއް. ބައެއްގެ އަޅުވެތިކަމުގައި، ނުވަތަ ބައެއްގެ ޙިމާޔަތުގެ ދަށުގައި އޮތް ރާއްޖެއެއް އެމީހުން ދެކެފައެއްނުވާނެ. ކަން މިހެން އޮތުމާއެކު، އެމީހުންނަށް ޤައުމުގެ މިނިވަންކަމުގެ އަގުވަޒަންކުރެވޭ ގޮތް، އެމީހުންނަށްވުރެ ދޮށީ މީހުންނަށް ވަޒަންކުރެވޭގޮތާ ތަފާތުވުމަކީ، އެކަށީގެންނުވާ ކަމެއް ނޫން. އެކަންވާނީވެސް އެހެން.

އާދެ، މިނިވަންކަމުގެ އަގު އެންމެ ބޮޑަށް އިޙްސާސް ކުރެވޭނީ، އަޅުވެތިކަމުގެ ރަހަ ދެކެފައިވާ މީހުންނަށް. މިހެން ދެންނެވި ނަމަވެސް، އިނގިރޭސި ތާޖުގެ ޙިމާޔަތުގެ ދަށުން 1965 ވަނަ އަހަރު ރާއްޖެ މިނިވަންވެފައި ވަނީ، ގިނަ ޤައުމުތައް ފަދައިން، ލޭއޮހޮރުވައިލުމެއް ނެތިކަން އަޅުގަނޑު ހަނދާނެއްނުނެތޭ. އެކަމަކު، ރާއްޖެއަށް މިނިވަންކަން ލިބިފައިވަނީ، ކިތަންމެ ޞުލްޙަވެރި ގޮތެއްގައި ކަމުގައިވިޔަސް، އެއީ، އަޅުގަނޑުމެންގެ މިނިވަންކަމުގެ އަގު އެންމެ ތަންކޮޅެއްވެސް ކުޑަވެގެންދާ ކަމެއް ނޫން.

އާދެ، މި ފުރުޞަތުގައި، އަޅުގަނޑު މިދެންނެވި މިނިވަން ދިވެހިރާއްޖެ ނޫން އެހެން ދުވަހެއް ދެކެފައިނުވާ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށް ހަނދާންކޮށްދޭން އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުމެންނަށް ލިބިފައި މިވާ ޤައުމީ މިނިވަންކަމަކީ، އަގަކާނުލައި ލިބިފައިވާ މިނިވަންކަމެއް ނޫންކަން. ރާއްޖޭގެ ތާރީޚުގެ އެކި ދުވަސްވަރު، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓާފައިވަނީ، ވަރުގަދަ ޖިހާދުތަކެއްކޮށް، މަތިވެރި ޤުރްބާންތަކެއް ވެގެންކަން. އަޅުގަނޑުމެންގެ މުޤައްދަސް މިނިވަންކަން ރައްކާތެރިކުރުމަށްޓަކައި، މި ލޮބުވެތި ރާއްޖޭގެ މިނިވަން ކަނޑުތައް ވަނީ، ޕޯޗުގީޒުންފަދަ، މަލާބާރީންފަދަ މުސްތަޢުމިރުންގެ އެތައް ބައެއްގެ ލެއިން އެއްފަހަރަށްވުރެ ގިނަފަހަރު ރަތްކުރެވިފައި. އަޅުގަނޑުމެންގެ މި ރަށްތައް ވަނީ، އަނިޔާވެރި ޙަމަލާތަކާއި، ވަރުގަދަ ހަނގުރާމަތަކެއް ދެކެފައި. އެ ހުރިހާ ކަމަކާއެކުވެސް، އަޅުގަނޑުމެންގެ ކާބަފައިން ވަނީ، އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދީފައި.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ހިތި ތަޖުރިބާއިން އަޅުގަނޑުމެންނަށް އެނގުނު އެއްޗަކީ، ކިތަންމެ ޞުލްޙަވެރި، ކިތަންމެ އަމާން ޤައުމަކަށްވެސް، މިއަދުގެ ދުނިޔޭގައި، އެ ޤައުމެއްގެ މިނިވަންކަމާމެދު ޣާފިލުވެގެން ތިބެވޭކަށް ނޯންނާނެކަން. ޕޯޗުގީޒުންނާއި މަލާބާރީން ފަދައިން، ރާއްޖޭގެ ހަމަހިމޭން ފަސްގަނޑު ލެއިން ފޯކޮށްލުމަށް ޖެހިލުންނުވާ މީހުން މިޒަމާނުގައިވެސް އެބަތިބިކަން. ހަމައެހެންމެ، ރާއްޖޭގެ ރައްޔިތުންގެ ތެރޭގައިވެސް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމަށްޓަކައި، ތިމާމެންގެ ލޭ އޮހޮރުވާލަން ތައްޔާރަށް ތިބި، ކެރޭ ހިތްވަރުގަދަ ދިވެހި ދަރިންތަކެއްވެސް އެބަތިބިކަން.

އާދެ، މިރޭ އަޅުގަނޑުމެން މިނިވަންކަމުގެ 25 އަހަރުގެ ތެރެއަށް ވަންނައިރު، އަޅުގަނޑުމެންނަށް އިޙްސާސް ކުރެވެނީ، އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސްއޫލިއްޔަތަކީ، އެންމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއްކަން. އަޅުގަނޑުމެންގެ ކާބަފައިން އުފުލި އަޅުގަނޑުމެންގެ މިނިވަންކަމުގެ ދަންމަރު އަޅުގަނޑުމެންނާ މިހާރުވަނީ ޙަވާލުކުރެވިފައި. އެ ދަންމަރު ނިވުނަނުދީ، އަންނަން އޮތް ޖީލުތަކާ ހަމަޔަށް ގެންގޮސްދިނުމުގެ ޒިންމާވެސް މިހާރު މިވަނީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި.

އެހެންވީމާ، މި ފެށޭ އާ އަހަރު، އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ، މި މުހިންމު ޒިންމާ އުފުލަން ކެރޭ ޤާބިލު ބައެއް ކަމުގައިވުމަށް. އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަމުގެ އެންމެ ވަރުގަދަ އަސާސް ކަމުގައިވާ އިސްލާމްދީނުގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ހަރުދަނާ ބަޔަކު ކަމުގައިވުމަށް.

އަޅުގަނޑު ދެކޭގޮތުގައި، ދިވެހީންގެ ހަމަ ކޮންމެ މީހަކީވެސް، ޤައުމީ މިނިވަންކަމުގެ އަގުވަޒަންކުރާ މީހެއް. ޤައުމީ މިނިވަންކަމުގެ އަގަކީ ބޮޑު އަގެއްކަން އިޙްސާސްކުރާ މީހެއް. ތާރީޚު ހެކިދޭ ގޮތުގައި، ދިވެހިން މިހާތަނަށް ސާބިތުކޮށްދީފައި ވަނީ، މިނިވަންކަމަށްޓަކައި ކޮންމެ އަގެއް ދޭންޖެހުނަސް، އެ އަގެއް ދޭން ތައްޔާރަށްތިބިކަން. ޤައުމުގެ މިނިވަންކަން ހޯދުމަށްޓަކައި އަދި މިނިވަންކަން ދިފާޢުކުރުމަށްޓަކައި، ކޮންމެ ޤުރްބާނެއްވާންޖެހުނަސް، އެ ޤުރްބާނެއްވާން ކެރިގެން ތިބިކަން. ދިވެހިންނަކީ އެއްވެސް ޙާލެއްގައި އަޅުވެތިކަން ޤަބޫލުކުރާނޭ ބައެއް ނޫންކަން.

އިއްޔެގެ ދިވެހިންނަކީ، އަދި މިއަދުގެ ދިވެހިންނަކީވެސް އެފަދަ ބައެއް. އަދި މާދަމާގެ ދިވެހިންވެސް ހަމަ އެފަދަ ބަޔަކަށްވާނެކަން އަޅުގަނޑަށް ޔަޤީން. މި ޔަޤީންކަމުގެ އަލީގައި، އަޅުގަނޑުމެންގެ މިނިވަންކަމަށް 25 އަހަރު ފުރޭ އަހަރު ފެށޭ މުނާސަބަތުގައި، ދިވެހި ޤައުމުގެ އެންމެހައި މުވާޠިނުންނަށް އަޅުގަނޑު މި ގޮވާލަނީ، ރާއްޖޭގެ ޤައުމީ މިނިވަންކަން ޙިމާޔަތް ކުރެއްވުމަށް، ތިޔައިން ކޮންމެ މުވާޠިނަކުވެސް، އެންމެ ފުރިހަމަ މާނައިގައި ވަޤުފްވެވަޑައިގެން ދެއްވުމަށް. އާދެ، އެއީ ތިލަދުންމަތީގެ އެންމެ އުތުރު ތުރާކުނުން ފެށިގެން، އައްޑުއަތޮޅުގެ އެންމެ ދެކުނު ގަމުގެ ނިޔަލަށް ފެތުރިފައިވާ، އަޅުގަނޑުމެންގެ މި އަގުހުރި ދިވެހިރާއްޖޭގެ ފެހި ރަށްތަކާއި، ފުން ކަނޑުތައް، ދޮންފަޅުތަކާއި ނޫވިލުތައް، ދޮންވެލި ފިނޮޅުތަކާއި، ގަލުގެ ހުރާތައް އަބަދަށްޓަކައި މިނިވަން ތަނެއްގެ ގޮތުގައި ބޭއްވުމަށް. އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށްޓަކައި ދެމެހެއްޓުމަށް.

މާތްﷲ އަޅުގަނޑުމެންގެ ދިވެހި ޤައުމަށް އަދަށްވުރެ އުފާވެރި، އަދަށްވުރެ ތަނަވަސް، އަދި ޞުލްޙަވެރިކަމާއި އަމަންއަމާންކަމުން ފުރިފައިވާ މާދަމާއެއް ދައްކަވާށި! އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން، މިނިވަންކަންމަތީ އަބަދަށްޓަކައި ލަހައްޓަވާށި! އާމީން.