بســم اللّـه الرّحمـن الرّحيــم

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، ދުނިޔޭގެ ތިމާވެށްޓަށް ކުރިމަތިވަމުން އަންނަ މައްސަލަތަކޭ ބުނީމާ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ހިތަށްއަރާފާނެ، އެ މައްސަލަތަކާ އަހަރެމެންނާ ހުރި ގުޅުމަކީ ކޮބައިބާވައޭ. އާދެ، ދުނިޔޭގައި އުފެދިގެން އުޅޭ ތަފާތު އެހެން މައްސަލަތައް، ސިޔާސީ މައްސަލަތައް، އެއީ އެމައްސަލަތައް އުޅޭ ހިސާބުގެ މީހުންނަށް، އޭގެ އަސަރުތައް ފޯރާ މައްސަލަތަކެއް ކަމުގައި ވެދާނެ. ދޭދޭ ޤައުމުގެ ދޭތެރޭގައި ކުރެވޭ ހަނގުރާމަ ނުވަތަ ބައެއް ޤައުމުތަކުގައި އުފެދިގެން އުޅޭ ސިޔާސީ ހަމަނުޖެހުންތައް، މިކަންތައްތަކުގެ އަސަރުކުރަނީ އެތަންތާނގެ އަހުލުވެރިންނަށް. ނުވަތަ އެތަންތަނާ ކައިރި ޤައުމުތަކުގައި ދިރިއުޅޭ މީހުންނަށް. އެއާ ޚިލާފަށް، ތިމާވެށްޓަށް އަންނަ ބަދަލުތައް، ތިމާވެށްޓަށް ކުރިމަތިވާ ނުރައްކާތައް، އެއީ ވަކި ޤައުމަކަށް، ވަކި ސަރަޙައްދަކަށް، ވަކި ހިސާބުގަނޑަކަށް ޚާއްޞަވެފައިވާ ކަންތައްތަކެއް ނޫން. އެ ބަދަލުތައް ނުވަތަ އެ ނުރައްކާތައް އަންނަނީ މުޅި ދުނިޔެއަށް. އެހެންވީމާ، ދުނިޔޭގެ ތިމާވެށްޓަށް އަންނަ ކޮންމެ ބަދަލަކީ، އޭގެ އަސަރު އަޅުގަނޑުމެންގެ ރާއްޖެއަށްވެސް ފޯރާނެ ބަދަލެއް. ތިމާވެށްޓަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ، އެ ނުރައްކަލުން އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައްވެސް ސަލާމަތްކުރަން ޖެހޭނެ ނުރައްކަލެއް. އެހެންވީމާ، މި ދެބާވަތުގެ މައްސަލަތަކާ ދޭތެރޭގައި ވަރަށް ބޮޑު ތަފާތެއް އެބައޮތް.

މިއަދު އަޅުގަނޑުމެންގެ މި ދުނިޔެއަށް، އިންސާނުން ދިރިއުޅޭ ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަކީ ވަރަށް ބޮޑެތި މައްސަލަތަކެއް. ޙައްލުކުރުން ދަތި މައްސަލަތަކެއް. އެހެންނަމަވެސް، އެ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްނުކޮށް ތިބެއްޖެނަމަ، އޭގެ ނުރައްކާ އުފުލަންޖެހޭނީ އަޅުގަނޑުމެންގެ ދަރިން. ކުރިއަށް އޮތް ޖީލުތައް. އެކަން އޮތީ އެހެން ކަމަށްވާތީ،
އެ މައްސަލަތައް ޙައްލުކުރުމަށް މިއަދު އަޅުގަނޑުމެންނަށް މިއޮތީ ވަރަށް ބޮޑަށް ބާރުއަޅަންޖެހިފައި.

އާދެ، ތިމާވެށްޓަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި، ދުނިޔޭގެ ޖައްވު، އެއްދުވަހުން އަނެއް ދުވަހަށް ހޫނުވަމުން ދިޔުން ހިމެނޭ. އަޅުގަނޑުމެން މި ނޭވާލާ ވައި ނުސާފުވަމުންދާ ދިޔުން ހިމެނޭ. އަޅުގަނޑުމެންގެ ބޯފެން ހަޑިވަމުންދާ ދިޔުން ހިމެނޭ. އަޅުގަނޑުމެންގެ ބިންގަނޑު ހަލާކުވަމުންދާ ދިޔުން ހިމެނޭ. ޖަޒީރާތައް ގިރަމުންދާ ދިޔުން ހިމެނޭ. ދުނިޔޭގައި ހުރި ގަސްތައް ކެނޑެމުންދާ މައްސަލަ އޭގެ ތެރޭގައިވޭ. ދުނިޔޭގެ ކޯރުތަކަށް އަންނަ ބަދަލުތައް، ދުނިޔޭގެ ކަނޑުތަކަށް އަންނަ ބަދަލުތައް، މި ހުރިހާ ކަމެއް ހިމެނިގެން މިދަނީ ދުނިޔޭގެ ތިމާވެށްޓަށް އަންނަ މައްސަލަތަކުގެ ތެރޭގައި. ކުރިމަތިވާ ނުރައްކާތަކުގެ ތެރޭގައި.

އާދެ، އެ ކަންތައްތައް އެހެން ދިމާވަނީ ކީއްވެގެންތޯ؟ އެއާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލާއިރު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ، ދުނިޔޭގެ ހުރިހާ ކަމެއްވެސް ވަނީ ވަރަށް މަތިވެރި ނިޡާމެއްގެ މަތިން ހަމަޖެހިފައިކަން. އާދެ، ދުނިޔޭގެ ހޫނުކަން، ފިނިހޫނުކަން، ދުނިޔޭގެ ޖައްވުގައިވާ ގޭސްތައް، ދުނިޔޭގައި ހުރި ފަރުބަދަތައް، ކަނޑުތައް، ކޯރުތައް، އަޅުގަނޑުމެންގެ ވަށައިގެން ދައުރުކުރާ ކަމަށް އަޅުގަނޑުމެންނަށް ފެންނަ އިރާއި، ހަނދާއި، ތަރިތައް. އަދި އަޅުގަނޑުމެން މި ދިރިއުޅޭ މާޙައުލުގައިވާ ހުރިހާ އެއްޗެއް، ހުރިހާ ކަމެއް. އެ ހުރިހާ އެއްޗަކާއި، ހުރިހާ ކަމެއް ހިނގަމުން މިދަނީ، ވަރަށް ވަރުގަދަ ޤާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިން. އޭގެ ތެރެއިން އެއްވެސް ކަމަކަށް އުނިކަމެއް ލިބިއްޖެނަމަ، އެހެން ހުރިހާ ކަމަކަށް ބަދަލުތަކެއް އާދޭ. އެއީ އަޅުގަނޑުމެން މިއަދު ދަންނަންވީ ޙަޤީޤަތަކީ.

އެހެންވީމާ، ޖައްވުގެ ހޫނުކަން މައްޗަށްދާ ކަމުގައިވަންޏާ، އޭގެ ސަބަބުން ދުނިޔެއަށް ވެހޭ ވާރެއަށްވެސް ބަދަލު އާދޭ. ދުނިޔޭގެ ކަނޑުގެ ލޮނުގަނޑަށް ބަދަލު އާދޭ. ރަށްތައް ގިރައިގެން ދިޔުމަށް ބާރަކަށްވޭ. ހަމަ އެފަދައިން، ދުނިޔޭގެ އެކި ތަންތާނގައި ހުންނަ ބޮޑެތި ޖަންގަލިތަކުގެ ގަސްތައް ކެނޑެމުންދާ ކަމުގައިވަންޏާ، އޭގެ ސަބަބުން ދުނިޔޭގެ ޖައްވަށް ބަދަލު އާދޭ. ވާރޭ ވެހޭ ނިޡާމަށް ބަދަލު އާދޭ. މީހުން ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ދަނޑުތަކަށް ބަދަލު އާދޭ. އަދި އެންމެފަހުން ގޮސް، ކަނޑުގައި ދިރިއުޅޭ މަސްމަހާމެއްސަށްވެސް ބަދަލު އާދޭ. އަޅުގަނޑުމެންގެ ޖައްވު ނުސާފުވުމުގެ ސަބަބުން، މިސާލަކަށް، ޖައްވަށް އެކަށީގެންނުވާ ގިނަ ޢަދަދަކަށް ކޮންމެވެސް އެއްވައްތަރެއްގެ ވިހަ ގޭހެއް އިތުރުވަމުންދާ ކަމަށްވަންޏާ އޭގެ ނަތީޖާ ދައްކަނީ، ވަރަށް ނުރައްކާގޮތެއްގައި. އެނަތީޖާގެ ސަބަބުން، އެއަންނަ ބަދަލުގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށާއި، ޙައިވާނުންގެ ދިރިއުޅުމަށާއި އަދި ދުނިޔޭގައި ހެދޭ ގަސްގަހާގެހީގެ ޙަޔާތަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން ކަށަވަރު. އަދި މިހާރުވެސް އަންނަމުންދޭ. އެހެންވީމާ، އަޅުގަނޑުމެންނަށް މިއަދު ޖެހިފައިވަނީ، މިބަދަލުތައް ދުނިޔޭގެ ތިމާވެށްޓަށް މި އަންނަނީ ކީއްވެގެންތޯ ބަލައި، އެބަދަލުތައް އެގޮތަށް އައުމަށް މެދުވެރިވެފައިވާ ސަބަބުތައް މަނާކުރެވޭތޯ ބެލުން.

އާދެ، ޝައްކެއްނެތް، އޭގެތެރެއިން އެއްބައި ސަބަބަކީ އަޅުގަނޑުމެން ކަހަލަ ރާއްޖެއަކަށް، އެއާ ދޭތެރޭގައި މާބޮޑު ފިޔަވަޅެއް އެޅޭނެ ސަބަބުތަކެއް ނޫން. މިސާލަކަށް، ޖައްވު ހޫނުވަމުން ދިޔުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެން މި ނޭވާލާ ޖައްވުގައި ނުވަތަ ޖައްވުގެ ވަކި ހިސާބެއްގައި ކާބަންޑާއޮކްސައިޑޭ ކިޔާ ގޭހެއް އިތުރުވަމުންދިޔުން. އެއާ އަދި އެފަދަ އެހެން ވިހަގޭސްތައް އެ ހުންނަންވާ ނިސްބަތަށްވުރެ ބޮޑު ނިސްބަތަކަށް އިތުރުވަމުންދިޔުން. އެހެންވުމުގެ ސަބަބުން އިރުން އަޅުގަނޑުމެންގެ ދުނިޔެއަށް ލިބޭ ހޫނުކަން، ބިމުގައި ޖެހިފައި އެނބުރިދާ ދިޔުން، އެކަމަށް ހުއްޓުމެއް އަންނަނީ. އަޅުގަނޑުމެންގެ ޖައްވުގެ ވަކި ފަށަލައެއްގެ ތެރޭގައި އެ ހޫނުކަން ދެމިހުންނަގޮތްވަނީ. އެހެންވީމާ، އެއްދުވަހުން އަނެއް ދުވަހަށް އަޅުގަނޑުމެންގެ ޖައްވު ހޫނުވަމުންދަނީ. އެކަމުގެ ސަބަބުން ދިމާވާ އެންމެބޮޑު އެއް ނުރައްކަލަކީ ކަނޑުގެ ލޮނުގަނޑު އުސްވަމުން ދިޔުން. އާދެ، އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ. އެއީ ރާއްޖެއަކީ ވަރަށް ފަސްގަނޑު ތިރި ރާއްޖެއެއް. ރާއްޖޭގެ އެއްވެސް ރަށެއް ގާތްގަނޑަކަށް ހައެއްކަ ފޫޓަށްވުރެ އުހަށް ކަނޑުގެ ލޮނުގަނޑުގެ މައްޗަށް އުފެދިފައެއް ނޯވޭ. ރާއްޖޭގެ ފަސްގަނޑު އެއަށްވުރެ މާތިރި.

އެހެންވީމާ، ސައިންޓިސްޓުން އެ ބުނާގޮތަށް، ކުރިއަށް އޮތް ފަސްދޮޅަހަކަށް އަހަރުގެ ތެރޭގައި ނުވަތަ ސަތޭކަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ކަނޑުގެ ލޮނުގަނޑު ދޮޅުފޫޓު ނުވަތަ ދެފޫޓު ނުވަތަ އެއަށްވުރެ ބޮޑު މިންވަރަކަށް ނުވަތަ އެއަށްވުރެ އަދި ކުޑަ މިންވަރަކަށް ނަމަވެސް އުސްވެއްޖެނަމަ، އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ. އެހެންވީމާ، އަޅުގަނޑުމެން މިއަދު ޢަޒުމް ކަނޑައަޅަން އެބަޖެހޭ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް ސަލާމަތްކުރުމަށްޓަކައި. އަޅުގަނޑުމެންގެ ޤައުމު ސަލާމަތްކުރުމަށްޓަކައި. އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތައް ސަލާމަތް ކުރުމަށްޓަކައި.

އާދެ، ޖައްވު ހޫނުވަމުން ދިޔުމަށް އެންމެ ބޮޑަށް ބާރުއަޅައިދޭ ކަމެއް ކަމުގައި އަޅުގަނޑު މި ދެންނެވީ، ޖައްވުގައި ވަކި ވައްތަރެއްގެ ގޭސްތަކެއް އެ ހުންނަންވާ ނިސްބަތަށްވުރެ އިތުރުވެގެންދިޔުން. އެއީ އަޅުގަނޑުމެން ކުރާ ކަމަކުން ވާކަމެއް ނޫން. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ މީހުން އެތައް ޒަމާނަކުއްސުރެ ޢަމަލުކުރަމުން އަންނަ ގޮތެއްގެ ސަބަބުން ވަމުންދާ ގޮތެއް. އެހެންނަމަވެސް، އެހެންނޭ ކިޔާފައި އަޅުގަނޑުމެން އެކަމާ އަޅާނުލައި ތިބޭކަށް ނުވާނެ. އެހެން އަޅައިނުލާ ތިބޭވޭކަށް ނުވެސްނެތް. އެއީ ކޮންމެ ބަޔަކު ކުރި ކަމެއްގެ ސަބަބުން ވާގޮތެއް ކަމުގައިވިޔަސް، އޭގެ އެންމެ ބޮޑު ނުރައްކާ މިކުރިމަތިވަނީ އަޅުގަނޑުމެން ރާއްޖެފަދަ ފަސްގަނޑު ތިރި ރާއްޖެތަކަށް. އެހެންވީމާ، އެތަންތާނގެ އަހުލުވެރިން އެކަމާ ދޭތެރޭގައި ވިސްނައި، އެކަމަށް ޙައްލެއް ގެނެސްދޭތޯ ބެލުމަށް މަސައްކަތް ކުރަން މިއަދު މިވަނީ ޖެހިފައި.

އާދެ، ކަނޑުގެ ލޮނުގަނޑު އުސްވަމުންދާ ދިޔުމުން، ދުނިޔެއަށް ކުރިމަތިވާ މައްސަލަ ނުވަތަ ޚާއްޞަ ގޮތެއްގައި ފަސްގަނޑު ތިރި ޤައުމުތަކަށް ކުރިމަތިވާ މައްސަލަ. އެ މައްސަލަ ޙައްލުކުރުމަށް ސައިންޓިސްޓުން ބުނާގޮތުގައި، އެންމެ ބޮޑަށް ކުރެވެން އޮތް ކަމަކީ ނުވަތަ އެންމެ ފައިދާހުރި ކަމަކީ، ވީހާ ގިނައެއްކޮށް ގަސް އިންދުން. ޚާއްޞަކޮށް، ގޮނޑުދޮށްތަކުގައި ގަސް އިންދުން. ގަސް އިންދުމުގެ ސަބަބުން ރަށްތައް ޚާއްޞަކޮށް، ފަސްގަނޑު ތިރި ޖަޒީރާތައް ޙިމާޔަތް ކުރެވޭނެ. ގަސްތަކަކީ އޭގެ މޫތަކުގެ ސަބަބުން ފަސްގަނޑު ހިފަހައްޓައިދޭ އެއްޗެއް. އަދި ގަސް ހެއްދީމާ، އެއިން އެ ލިބޭ ރަނގަޅު ފައިދާ އެއީ ހަމައެކަނި ކަނޑުގެ ލޮނުގަނޑު އުސްވުމުން، ކުދިކުދި ޖަޒީރާތަކަށް ދިމާވާނެ ނުރައްކަލުން ސަލާމަތްވުމުގެ އިތުރަށް، އެހެން ވަރަށް ބޮޑެތި ފައިދާތަކެއްވެސް އަޅުގަނޑުމެންނަށް ގެނެސްދޭ ކަމެއް، ގަސް އިންދުމަކީ.

އާދެ، ކުރިންވެސް ދެންނެވިފަދައިން، ދުނިޔޭގެ ތިމާވެށްޓަށް މިއަންނަ އެންމެ ބޮޑު އެއް ބަދަލަކީ ޖައްވުގެ ތެރޭގައި ވަކި ވައްތަރެއްގެ ގޭސްތަކެއް ޚާއްޞަކޮށް، ކާބަންޑާއޮކްސައިޑް އިތުރުވުން. ގަހަކީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، އޮކްސިޖަން އުފައްދައިދޭ އެއްޗެއް. ޖައްވުގައި ހުންނަ ކާބަންޑާއޮކްސައިޑް ބޭނުންކޮށްގެން، އޭގެ ބަދަލުގައި އޮކްސިޖަން އުފައްދައިދޭ އެއްޗެއް. އެހެންވީމާ، ގަސް ގިނައިން އިންދިވަރަކަށް، އެ ހިސާބުގަނޑެއްގައި އޮކްސިޖަން އިތުރުވަމުންދާނެ. ހަމަ އެފަދައިން، ގަހަކީ ހިޔާދޭ އެއްޗެއް. ގަސް ހެއްދިފައި ހުންނަ ހިސާބުގަނޑު ފިނިކޮށްދޭ އެއްޗެއް. މިހެންގޮސް ގަސް އިންދުމުން ލިބޭނެ ފައިދާތައް އެއީ ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަންތައްތަކެއް. އެހެންވީމާ، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން ގަސް އިންދުމަށް އެހާބޮޑު ސަމާލުކަމެއް ދޭންޖެހެނީ. މުޅި ދުނިޔޭގެ ރައްޔިތުންވެސް، މުޅި ދުނިޔޭގެ ހުރިހާ ތަނެއްގެ މީހުންވެސް ގަސް އިންދުމަށް މިހާރު ވަރަށް ބޮޑަށް އެބަ މަސައްކަތްކުރޭ. ޚާއްޞަކޮށް، ޞިނާޢީގޮތުން ގަސް ކަނޑައިގެން، އޭގެ ލަކުޑީގެ ބޭނުންކޮށްގެން، އެކިއެކި ތަކެތި އުފައްދާ ޤައުމުތަކުން، އެތަންތާނގެ ޖަންގަލިތަކުން ގަސް ކެނޑުން މަދުކުރެވޭތޯ މިހާރު މަސައްކަތް ކުރަމުން އެބަދޭ. އެތަންތަނުގެ އިޤްތިޞާދު އެހެން ގޮތަކަށް ބަދަލުކުރެވޭތޯވެސް އެބަ ބަލާ.

އަޅުގަނޑުމެންގެ ރާއްޖޭގައި ޒަމާނުއްސުރެ ވަރަށް ގިނަ ޢަދަދަކަށް ގަސް ހެދޭ. ޚާއްޞަކޮށް، ރުއް އަދި އެނޫންވެސް ބައެއް ވައްތަރުގެ ގަސްތައް. ފަހަކަށްއައިސް އެގަސްތައް ވަނީ ކެނޑެމުން ގޮސްފައި. ރާއްޖޭގައި ހުރި ރުއްތައްވެސް މިހާރުވަނީ ވަރަށް ބޮޑަށް މަދުވެފައި. ޚާއްޞަކޮށް، ރުކަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ފައިދާކުރާ އެއްޗަކަށްވާތީ، އެފައިދާތައް ޙާޞިލްކުރުމުގެ ގޮތުން އަޅުގަނޑުމެން މުސްތަޤްބަލަށް ނުވިސްނައި، އެކަންތައް ކުރަމުން އައިސްފައި މިއޮތީ. މިހާރު އަޅުގަނޑުމެންނަށް ނުވިސްނައި އެއްވެސް ކަމެއް ކުރެވޭކަށެއް ނެތް. ނުވަތަ ނުވިސްނައި ކޮށްފިނަމަ އޭގެ ހިތި ނަތީޖާ، އަޅުގަނޑުމެން އެއާ އެބަ ކުރިމަތިލާންޖެހޭ. އަޅުގަނޑުމެންގެ ދަރިން އެކަމާ ކުރިމަތިލާންޖެހޭ. އެހެންވީމާ، މިއަދު އަޅުގަނޑުމެން ވިސްނަންވީ ރާއްޖޭގައި ގިނައިން ގަސްހެއްދޭތޯ.

އާދެ، މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، ދުނިޔޭގެ ތިމާވެށި ދުވަސް. އެއީ ޖޫން މަހުގެ 5 ވަނަ ދުވަސް، އެދުވަހުގެ މުނާސަބަތުގައި މިއަދުގެ މި އިޙްތިފާލު މި ބޭއްވެނީ. މިއަހަރު ދުނިޔޭގެ ތިމާވެށްޓާ ބެހޭ ޖަމުޢިއްޔާގެ ފަރާތުން މިދުވަހުގެ ޝިޢާރެއް ކަމުގައި ހަމަޖައްސާފައި ވަނީ، "ދުނިޔެ ހޫނުވަމުންދިޔުމަކީ ދުނިޔެ ދޭ އިންޒާރެކޭ" މި ޝިއާރު. އާދެ، އެބުނަނީ ވަރަށް ބޮޑު އެއްޗެއް. ދުނިޔެ ހޫނުވަމުންދާ ދިޔުން، އޭގެ ޒާތުގައި އަޅުގަނޑުމެންނަށް ލިބެންޖެހޭ އިންޒާރެއް އެބައޮތޭ. އޭގެ ނުރައްކާ އަޅުގަނޑުމެންނަށް އިޙްސާސްވާންޖެހޭނެއޭ.

އެހެންވީމާ، އެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި މިއަދު ދުނިޔޭގެ ޤައުމުތަކުން މަސައްކަތް އެ ކުރަނީ. ދިވެހިރާއްޖެވެސް އެގޮތަށް މަސައްކަތް ކުރަމުން އެ ގެންދަނީ. ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް މިހާރު ކޮންމެވެސްވަރަކަށް ބައިނަލްއަޤްވާމީ މައިދާނުގައި ފާހަގަކުރެވެމުން އެބަދޭ. އަޅުގަނޑުމެން ކުރާ މަސައްކަތް ހުއްޓާލައިގެންވާކަށް ނެތް. އަޅުގަނޑުމެން މިތިބީ އެ މަސައްކަތުގެ ފެށޭ ތާނގައި. އަދި މި އަޅަނީ އޭގެ އެންމެ ފުރަތަމަ ފިޔަވަޅުތައް.

އެހެންވީމާ، އެ ފިޔަވަޅުތައް އިޚްލާޞްތެރިކަމާ އެކުގައި އަޅުގަނޑުމެން ކުރިއަށް ގެންދަން އެބަޖެހޭ. އޭގެތެރޭގައި ތިމާވެށްޓަށް ކުރިމަތިވާ މައްސަލަތައް ދިރާސާކުރުމާއި، އަދި ތިމާވެށި ރައްކާތެރި ކުރުމަށް ބޭނުންވާ ޢިލްމުތައް އުނގެނިގަންނާނެ މީހުން ތައްޔާރުކުރުމާއި، އަޅުގަނޑުމެންގެ ތެރޭގައި މިމައްސަލަތަކާ ކުރިމަތިލާނެ އަދި އެ މައްސަލަތަކުގެ ޙައްލު ހޯދާނެ މީހުން އުފެއްދުން. އެއީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އަބަދަކު އަޅުގަނޑުމެންނަކަށް ނުތިބެވޭނެ، ބޭރުގެ ތަޖްރިބާކާރުން ބުނާ ބަހެއްގެ މައްޗަށް އިތުބާރު ކޮށްގެންނެއް. ނުވަތަ އެމީހުން އަޅުގަނޑުމެންނަށް ލަފާދޭނެކަމުގެ އިންތިޒާރުގައި އަޅުގަނޑުމެން ތިބެގެންވާކަށް ނޯންނާނެ. މިއަދު އަޅުގަނޑުމެންގެ ތެރޭގައި އުފެދެންވެއްޖެ، ތިމާވެށްޓާބެހޭ ޢިލްމުވެރިން. އެކަމާބެހޭ ތަޖްރިބާކާރުން. އެމީހުން އަޅުގަނޑުމެންގެ ރާއްޖެ މުސްތަޤްބަލުގައި ސަލާމަތްކުރުމަށް މަގު ދައްކައިދޭނެ.

އާދެ، އެހެންވީމާ އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، ތިމާވެށި ރައްކާތެރި ކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެހެން ބަޔަކު ސަލާމަތްކޮށްދޭން ނުވަތަ ދުނިޔޭގެ އެހެން ތަންތަން ސަލާމަތްކޮށްދޭން އަޅުގަނޑުމެން ކުރާ މަސައްކަތެއް ނޫނޭ. އެ މަސައްކަތަކީ އަޅުގަނޑުމެންގެ އަމިއްލަ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި، އަޅުގަނޑުމެންގެ އަމިއްލަ ރާއްޖެ ސަލާމަތް ކުރުމަށްޓަކައި، އަޅުގަނޑުމެންގެ ދަރިން އަދި އަންނަން އޮތް ޖީލުތައް ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތެކޭ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެ މަސައްކަތް ދެކެންވީ އެގޮތުގައި.

އާދެ، އެ ވާހަކަ ދަންނަވަންޖެހޭ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެން ކުރާ ބައެއްކަހަލަ މަސައްކަތްތަކުގައި ދިމާވާ ދަތިތަކެއް އެބަހުރޭ. އާދެ، އަޅުގަނޑުމެން ވަރަށްފޯރިއާއެކުގައި ގަސްތަކެއް އިންދާފައި ހިނގައިދާނެ. އެހެންނަމަވެސް، އޭގެ އަނެއްދުވަހު އެ ގަސްތައް ނޭނގެ ހުންނާނެ ކަމެއް. ނުވަތަ ތަންކޮޅެއް ފަހުން ނަމަވެސް، އެ ގަސްތަކަށް މީހުން ކުރާ ގޯނާއެއްގެ ސަބަބުން، އެ ގަސްތައް ހީނަރުވެ ހަލާކުވޭ. އެހެންވަމުންދާތަން އަޅުގަނޑުމެންނަށް ވަރަށް ގިނައިން ފެނޭ. އެހެންވީމާ، ފަހަރެއްގައިވެސް އެގޮތަށް މިކަންތައް ގޮސްގެނެއް ނުވާނެ. ހިނގައްޖެ ކަމަށްވަންޏާ އަޅުގަނޑުމެން މިކުރާ މަސައްކަތުގެ އެއްވެސް ފައިދާއެއް ނޯންނާނެ. އެހެންވީމާ، އެ މަސައްކަތްތައް އެގޮތަށް ދިރުވުމަށްޓަކައި އަދި ބެލެހެއްޓުމަށްޓަކައި ވަރަށް ޚާއްޞަ މަސްއޫލިއްޔަތެއް އުފުލަންޖެހޭނެ މަސައްކަތެއް ކަމުގައި ދެކެވަޑައިގަތުމަށް އަޅުގަނޑު އެދެން.

އާދެ، އަޅުގަނޑުމެން މި ގަސް އިންދަނީ އެންމެންގެ ރައްކަލަކަށް. އެހެންވީމާ، އެ ގަސްތައް ސަލާމަތްތެރިކަމާއެކު ބެލެހެއްޓުން، އެ ވާންޖެހޭނީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް އެކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ބަހައްޓާކަމަކަށް. އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކުވެސް އެއަށް ގޯނާއެއް ކޮށްގެނެއް ނުވާނެ. އަދި މި ދެންނެވީ ފަހަރެއްގައި އެކުރާ ކަމަކީ މާބޮޑު މަޤްޞަދެއްނެތި، މާބޮޑު ޚިޔާލެއްނެތި ކުރާ ކަމަކަށްވެސް ވެދާނެ. ސަމާސައަކަށް ކުރާ ކަމަކަށްވެސް ވެދާނެ. އެހެންނަމަވެސް، އެކަހަލަ ސަމާސާ އަޅުގަނޑުމެން ކޮށްގެން ނުވާނެ. އޭރުން އޭގެ ނަތީޖާ، އޭގެ ހިތި އަސަރު އުފުލަން ޖެހޭނީ ހަމަ އަޅުގަނޑުމެންނަށް.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، މި މަސައްކަތަކީ ސަރުކާރުން ރާވައިގެން ފެށްޓި މަސައްކަތެއް ކަމުގައިވިޔަސް، މި މަސައްކަތް ކާމިޔާބު ގޮތެއްގައި ކުރިއަށް ގެންދެވުން އޮތީ ރައްޔިތުންގެ އަތްމަތީގައޭ ދެންނެވުން. ރައްޔިތުން މިކަމަށް ބާރުއަޅުއްވައި، މިކަން ކުރިއަށް ގެންދަވަން ތިއްބެވި މިންވަރަކުން އަޅުގަނޑުމެންނަށް ގަސް އިންދުންވެސް އަދި އެނޫން ކަމެއްވެސް ކާމިޔާބު ކުރެވޭނީ.

އެހެންވީމާ، ސަރުކާރުގެ ފަރާތްތަކުން މި ގަސްތައް ބަލަހައްޓަވަން، މާލޭގައި އިންދޭ ގަސްތައް ބަލަހައްޓަވަން މަސައްކަތްތަކެއް ކުރައްވާނެ. އަދި އޭގެ އިތުރުން، އަވަށްތަކުގެ ފަރާތުންވެސް މަސައްކަތް ކުރައްވާނެ. އޭގެ އިތުރުންވެސް، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް އެމަސައްކަތް މިއަދު މިއޮތީ ކުރަންޖެހިފައި. އަޅުގަނޑުމެން އިންދާ ކޮންމެ ގަހެއް ބަލަހައްޓައި، އެއަށް ފެންދީ، އެ ހެދޭތޯ ބަލަން އެބަޖެހޭ. ވަކިން ޚާއްޞަކޮށް، އެއަށް އެއްވެސް މީހަކު އަނިޔާއެއް ކުރޭތޯ، ގެއްލުމެއްދޭތޯ އަޅުގަނޑުމެން ބަލަންޖެހޭނެ. އަދި އެއްވެސް މީހަކު ނުވަތަ ކުއްޖަކު އެފަދަ ޢަމަލެއް ކުރަމުންދާ ކަމުގައިވަނީނަމަ، އެކަން އަޅުގަނޑުމެން ވަގުތުން މަނާކުރަންވެސްޖެހޭނެ. އޭގެ އިތުރުން، ކަމާބެހޭ ފަރާތަކަށް ރިޕޯޓުކޮށް ހަދަންވެސްޖެހޭނެ. އޭރުން އެމީހަކާ ދޭތެރޭގައި ނުވަތަ އެ ކުއްޖަކާ ދޭތެރޭގައި ސަރުކާރުގެ ކަމާބެހޭ ފަރާތުން އަޅަންޖެހޭ ފިޔަވަޅުވެސް އަޅަމުން ގެންދާނެ.

އާދެ، އަޅުގަނޑުމެން މިއަދު ގަސް އިންދަން މި ފަށަނީ، މި ސަރަޙައްދުގައި ކަމުގައިވިޔަސް، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލޭގެ ގޮނޑުދޮށްތަކުގައި، މާލޭގެ ރައްޔިތުން ވަރަށް ގިނަ ޢަދަދަކަށް ގަސް އިންދަވަމުން އެބަ ގެންދަވާ. ހަމަ އެފަދައިން، ރާއްޖެތެރޭގެ ރަށްރަށުގައިވެސް ރާއްޖެތެރޭގެ ރައްޔިތުން ވަރަށް ގިނަ ޢަދަދަކަށް ގަސް އިންދަވަމުން އެބަ ގެންދަވާ. އެމަސައްކަތް އޭގެ ފުރަތަމަ މަރްޙަލާގެ ގޮތުގައި އަޅުގަނޑުމެން މިގެންދަނީ އެއް އަހަރު ދުވަހަށް. އާދެ، މި އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހާ ހަމައަށް. އެހެންނަމަވެސް، އެއީ އެހިސާބުން އެ މަސައްކަތް ހުއްޓާލާގޮތަކަށް ނޫން. އެއް އަހަރު ދުވަހުގެ މަސައްކަތުގެ ނަތީޖާ ދައްކަނީ ކިހިނެއްތޯ ބަލައިލުމަށްޓަކައި. އެހެންވީމާ، އެގޮތުގެ މަތިން ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް، މާލޭގެ ރައްޔިތުންނާއި، ރާއްޖެތެރޭގެ ރައްޔިތުން ވަރަށް ފޯރިއާއެކު ކުރިޔަށް ގެންދަވާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އަޅުގަނޑުމެން މި މަސައްކަތް ކުރަމުން ގެންދަން ޖެހޭނީ މިއީ މުސްތަޤްބަލަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި.

އާދެ، ގަސް އިންދަންވީ ވަކި ތަނެއްގައެއް ނޫން. އެހެން މިދެންނެވީ މިހާރު އަޅުގަނޑުމެން މި އިންދަނީ މާލޭގެ ގޮޑުދޮށުގައި. އެކަމަކު ގަހަކީ ހަމައެކަނި ގޮނޑުދޮށުގައި އިންދަންވީ އެއްޗެއް ނޫން. ގޮނޑުދޮށުގައި އިންދުމުގެ ބޭނުންތެރިކަމެއްވެސް އެބައޮތް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ކުރިންވެސް ދެންނެވި ފަދައިން، އޭރުން ގޮނޑުދޮށް ހިފެހެއްޓޭނެ. ވެލިގަނޑު ހިފެހެއްޓޭނެ. އޭގެ ސަބަބުން އެތައް ފައިދާތަކެއް ރަށަށް ލިބޭނެ. އޭގެ އިތުރުން، އަޅުގަނޑުމެންގެ އަމިއްލަ ގޯތިތެރޭގައި ގަސް އިންދުމަކީވެސް ވަރަށް ބޭނުންތެރިކަމެއް. ފަހަކަށްއައިސް މާލޭގައި އެކަންވަމުން ގޮސްފައި އޮތް ގޮތަކީ ވަރަށް ދެރަ ގޮތެއް. އަޅުގަނޑުމެންނަށް އެއްވެސް ބޭނުމެއްނެތި މިއޮތީ ވަރަށް ގިނަ ގަސްތަކެއް ކަނޑައިލެވިފައި. އެހެންނަމަވެސް، މުސްތަޤްބަލުގައި އަޅުގަނޑުމެން އެހެން ޢަމަލުކޮށްގެން ފަރުޖެއްސޭކަށް ނޯންނާނެ. މިހާރުވެސް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެވެސް ގޯތިތެރޭގައި ތަންކޮޅެއް އޮވެއްޖެނަމަ، އެތަންކޮޅުގައި ގަސްއިންދުމަކީ ވަރަށް ބޭނުންތެރިކަމެއް، މުސްތަޤްބަލަށްޓަކައި.

އާދެ، އެކަމަކީ އެހާ، ބޭނުންތެރި ކަމެއް ކަމަށްވާތީ، ސަރުކާރުން މިހާރު ގަސްދުކޮށްފައިވަނީ، މާލޭގެ ރައްޔިތުންގެ ތެރެއިން، އެމީހެއްގެ ގޯތީގައި ތަން އޮތް ތަނެއްގައި، ގަސް އިންދުމަށް ބޭނުންވާ މީހުން މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓަށް އެކަން ހުށަހެޅީމާ، އެތަނުން އެމީހަކަށް ގަސް ހޯއްދަވައިދެއްވާގޮތަށް. އާދެ، ވަގުތުން އެތަނުން ގަސް ލިބޭކަށް ނުހުންނާނެ. އެހެންނަމަވެސް، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގަހުގެ ބާވަތް ވިދާޅުވީމާ، އެތަނުން ވަކި ބާވަތްތަކެއްވެސް ވިދާޅުވާނެ. އެއީ އަޅުގަނޑުމެންނަށް ލިބެން ހުންނަ ގަސްތައް. އަދި އެންމެ ފަސޭހައިން ހެއްދޭ ގަސްތައް. އެތަނުން އެ ވިދާޅުވާ ބާވަތްތަކުގެ ތެރެއިން ތިޔަބޭފުޅުން ބޭނުންފުޅުވާ ގަސްތަކުގެ ވާހަކަ އެ މިނިސްޓްރީގައި ވިދާޅުވީމާ، ވަކި މުއްދަތެއްގެ ތެރޭގައި ވަރަށް އަވަހަށް އެ މިނިސްޓްރީން އެގަސްތައް ތިޔަބޭފުޅުންނަށް ހޯއްދަވައިދެއްވާނެ. ތިޔަބޭފުޅުން ކުރައްވަންވީ ކަމަކީ، ހަމައެކަނި އެގަސްތައް ތިޔަބޭފުޅުންގެ ގޯތިތެރޭގައި އިންދެވުން. އަދި އެގަސްތައް ހެދޭތޯ ބެލެހެއްޓުން. ފެން ދެއްވައި، އެއަށް ދެއްވަންޖެހޭ ހުރިހާ ސަމާލުކަމެއް ދެއްވައިގެން ގަސްތައް ރޯކުރައްވައި ބެލެހެއްޓުން.

އާދެ، މިއީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ކޮށްދޭކަމެއް. ރާއްޖެތެރޭގައި މިގޮތަށް ކަންތައް ކުރާކަށްނުޖެހޭ. އެއީ ރާއްޖެތެރޭގައި ރަށްރަށުގައި މިހާރުވެސް ވަރަށް ފަސޭހައިން ގަސް ލިބެން އެބަހުރި. އެހެންވީމާ، ސަރުކާރުގެ ވަކިފަރާތަކުން ރާއްޖެތެރޭގެ ރައްޔިތުންނަށް ގަސް ދޫނުކުރި ކަމުގައިވިޔަސް، ރާއްޖެތެރޭގެ ރައްޔިތުންނަށް އެ ގަސްތައް ލިބުން އޮންނާނީ ވަރަށް ފަސޭހަކޮށް ހަމަޖެހިފައި. މިހާރު އަޅުގަނޑުމެން މާލޭގައި މި އިންދާ ގަސްތައް މިއީވެސް އޭގެ ހެތްކެއް. މިގަސްތައް އަޅުގަނޑުމެންނަށް ލިބިފައި މިވަނީ މާލެއަތޮޅުގެ އެކި ރަށްރަށުން.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑު މި ދެންނެވި ގޮތުގެ މަތިން، އަޅުގަނޑުމެން އެންމެންވެސް، ކޮންމެ މީހަކުވެސް އެމީހެއްގެ ގޯތިތެރޭގައި ވެވުނުވަރަކުން ގަސް އިންދަމުން ގެންދިޔުން. އަދި އެ ބޭނުންވާ ޢަދަދަކަށް ގަސް ބޭނުންކަމަށް އެމް.ޕީ.އީ.ގައި ދަންނަވަމުން ގެންދިޔުން. އެމް.ޕީ.އީ. އިން ދެއްވާ ގަސްތައް، އެމީހެއްގެ ގޯތީގައި އިންދައިގެން، އެ ހެއްދެވޭތޯ ބަލަމުން ގެންދިޔުން.

އާދެ، މިއަދު އަޅުގަނޑުމެން މި އިންދާ ގަސްތަކާއި ރުއްތައް އަޅުގަނޑުމެންނަށް ލިބިފައި މިވަނީ މާލެއަތޮޅުގެ އެކި ރަށްރަށުން ކަމަށްވާތީ، އެ ރަށްރަށުގެ ވެރިންނަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެވެސް އުފަލެއް ކަމުގައި ދެކެން. އާދެ، މާލެއަތޮޅުގެ ރައްޔިތުން އަޅުގަނޑުމެންނަށް އެ ކޮށްދެއްވަނީ ވަރަށް ބޮޑު ޚިދުމަތެއް. އެ ޚިދުމަތް އެ ކޮށްދެއްވަނީ ހަމައެކަނި އަޅުގަނޑުމެންނަކަށް ނޫން. މުޅި ރާއްޖެއަށް. އަދި މުޅި ރާއްޖޭގެ މުސްތަޤްބަލަށް.

އާދެ އަޅުގަނޑުގެ އެދުމަކީ އަދި އިލްތިމާސަކީ އަޅުގަނޑުމެން މިއަދު މިފަށާ މަސައްކަތް، އެއްވެސް ފޫހިކަމެއްނެތި، އެކަށީގެންވާ ފައިދާހުރި، އުފެއްދުންތެރި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް اللهُ سُبْحَانَهُ وَتَعَالَى ދެއްވުން. އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ފައިދާ އަޅުގަނޑުމެންނަށް އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ދަރިންނަށާއި، އަންނަން އޮތް ޖީލުތަކަށް އެކަލާނގެ ދެއްކެވުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.