بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ 5 ވަނަ އިމްތިޙާނުގެ ނަތީޖާ ދެންމެ ފާޅުވެގެން އެދިޔައީ. މި ނަތީޖާގައިވާ ގޮތުން، ރާއްޖެއިން، މުޅި ރާއްޖެއިން 1ވަނަ އަތޮޅެއް ކަމުގައި މިފަހަރު ހޮވުނީ ފެލިދެއަތޮޅު. އާދެ، ވ. އަތޮޅު. އެހެންކަމާއެކު، ވ. އަތޮޅުގެ ރައްޔިތުންނަށާއި، އެ އަތޮޅުގެ އަތޮޅުވެރިޔާއަށާއި އަދި އެ އަތޮޅުގެ ރަށްރަށުގެ ވެރިންނަށް، އެ އަތޮޅުގެ ކުދިބޮޑު އެންމެންނަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު މަރުޙަބާ ކިޔައި ތަހުނިޔާ ރައްދުކުރަން. މިފަހަރު ދެވަނައަށް ހޮވުނު އަތޮޅަކީ މުލަކަތޮޅު. އެހެންވީމާ، މުލަކަތޮޅުގެވެސް ރައްޔިތުންނަށާއި، އަތޮޅުގެ އަތޮޅުވެރިޔާއަށާއި، ވެރިންނަށާއި، އެ އަތޮޅުގެ ކުދިބޮޑު އެންމެންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ތިންވަނައަށް އައީ، މާޅޮސްމަޑުލު ދެކުނުބުރި. އާދެ، ބ.އަތޮޅު. ބ.އަތޮޅަކީ އެހެން ގޮތްގޮތުންވެސް ފާހަގަކުރެވޭ އަތޮޅެއް. މިފަހަރު އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ އިމްތިޙާނުގައިވެސް ވަރަށް މަތިވެރި ކާމިޔާބީއެއް އެ އަތޮޅުން އެ ހޯދީ. އެހެންކަމާއެކު، ބ. އަތޮޅުގެ އެންމެހައި ރައްޔިތުންނަށް އެ އަތޮޅުގެ އަތޮޅުވެރިންނަށް، އެ އަތޮޅުގެ ރަށްރަށުގެ ވެރިންނަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދެންނެވުމަށް އަޅުގަނޑު އަވަސްވެގަންނަން.

އާދެ، މި އިމްތިޙާނުގައި އެކި ރަށްރަށްވެސް ހޮއްވަވާފައިވޭ. މުޅި ރާއްޖެއިން 1ވަނަ ރަށެއް ކަމުގައި ހޮވުނީ، ރ. އަތޮޅު އަލިފުށި. އަދި ބ. އަތޮޅު ތުޅާދޫ. ދެ ރަށްވެސް އައީ 1ވަނައަށް. އެއިން ކޮންމެ ރަށަކުންވެސް 100 އިން 100ގެ ނަތީޖާ، މަތިވެރި ނަތީޖާ ވަނީ ހޯދާފައި. އެހެންވީމާ، އެ ދެ ރަށުގެ ވެރިންނަށާއި، ރަށުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ތަހުނިޔާ ދަންނަވަން.

އާދެ، ވޭތުވެދިޔަ ތަނަށް ބަލާއިރު، ކުރީ އަހަރުތަކުގައިވެސް، ވ. އަތޮޅުން އެކިފަހަރު އެކި ވަނަ ހޯދާފައިވޭ، ކުރީގެ ދެ އަހަރެއްގައި. އެހެންވީމާ، މި އަހަރު ވ. އަތޮޅުން އެހޯދި ކާމިޔާބީއަކީ، އެ އަތޮޅުން ކުރިއްސުރެ ކުރަމުން އައި މިންނެތް މަސައްކަތްތަކެއްގެ ނަތީޖާ ކަމުގައި އަޅުގަނޑު ދެކޭ ވާހަކަ ދަންނަވާލަން. އާދެ، މި މަޝްރޫޢު ހިންގެވުމުގައި، ވަރަށް ގިނަ ފަރާތްތަކުން ބުރަ މަސައްކަތްތަކެއް އެބަ ކުރައްވާ. މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އަދި ޚާއްޞަކޮށް، އެ މިނިސްޓްރީގެ އެންމެ އިސްވެރިޔާ މިނިސްޓަރ އޮފް އެޑިޔުކޭޝަން، އަޅުގަނޑުގެ ޢިއްޒަތްތެރި އަޚް އަލްފާޟިލް މުޙައްމަދު ޒާހިރު ޙުސައިން. އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވާ އެ މިނިސްޓްރީގެ ތަފާތު ފެންވަރުގެ ވެރިން. އަދި ޚާއްޞަކޮށް، ނުރަސްމީ ތަޢުލީމުދޭ ބައިގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް ޢަބްދުއްސައްތާރު ޙަސަނާއި، އޭނާގެ އަރިހުގައި މަސައްކަތް ކުރައްވާ އެބައިގެ އެކި ފެންވަރުގެ ވެރިންނާއި މުވައްޒަފުން. މި ހުރިހާ ބޭފުޅުން، މި ވޭތުވެދިޔަ 9 އަހަރު ދުވަހުގެ ތެރޭގައި، މި މަޝްރޫޢު ހިންގެވުމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާކަން އަޅުގަނޑެކޭ އެއްފަދައިން، ތިޔަ ހުރިހާ ބޭފުޅުންވެސް، އަދި ރާއްޖޭގެ ރައްޔިތުންވެސް ދެކެވަޑައިގަންނަވާނެ. ޤަބޫލުކުރައްވާނެ. އެހެންކަމާއެކު، މިނިސްޓަރ އޮފް އެޑިޔުކޭޝަނަށާއި، އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވާ އެ މިނިސްޓްރީގެ ތަފާތު ފެންވަރުގެ ވެރިންނާއި މުވައްޒަފުން، އަދި ނުރަސްމީ ތަޢުލީމުދޭ ބައިގެ ވެރިންނާއި މުވައްޒަފުން، އަޅުގަނޑު ވަރަށް ޚާއްޞަ އުފަލަކާއެކު، މި މުނާސަބަތުގައި އެ ހުރިހާ ބޭފުޅުންނަށް ޝުކުރާއި ތަޢުރީފް ރައްދުކުރަން. މި މަޝްރޫޢު ކާމިޔާބު މަޝްރޫޢަކަށް ވެގެން މިދަނީ، ޝައްކެއްނެތްގޮތުގައި، މިދެންނެވި ފަރާތްތަކުގެ އިތުރަށް، ސަރުކާރުގެ ތަފާތު ފަރާތްތަކާއި އަދި އަމިއްލަ ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލެއްވުން ލިބިގެން.

އާދެ، އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލާހިތްއޮތީ، މި މަޝްރޫޢު ކާމިޔާބު ކުރެއްވުމުގައި، ހިލޭސާބަހަށް މަސައްކަތްކޮށްދެއްވާ ފަރާތްތަކުގެ އެހީގެ ވާހަކަ. އާދެ، ތިޔަބޭފުޅުން ދެންމެ އެއްސެވިފަދައިން، ހިލޭސާބަހަށް މަސައްކަތްކޮށްދެއްވާ މުދައްރިސުން ވަރަށް ބުރަ މަސައްކަތްތަކެއް ވަނީ، މި ވޭތުވެދިޔަ 9 އަހަރު ދުވަހުގެ ތެރޭގައި ކުރައްވާފައި. އެބޭފުޅުންގެ ތެރޭގައި، ސަރުކާރުގެ ވަޒީރުންގެ ފެންވަރުގެ ބޭފުޅުންވެސް ހިމެނޭ. ވަޒީރުންގެ ފެންވަރުގެ ބޭފުޅުން ފެށިގެން ކާތިބުންގެ ފެންވަރާ ހަމައަށް ސަރުކާރުގެ ތަފާތު މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުން މީގެތެރޭގައި ބައިވެރިވެވަޑައިގެންފައިވޭ. އޭގެ އިތުރުން، އަމިއްލަ އަފްރާދުންވެސް ވަރަށް ގިނަ ޢަދަދަކަށް އިޚްލާޞްތެރިކަމާއެކު، މަސައްކަތް ކޮށްދެއްވާފައިވޭ.

ހަމައެއާއެކު، ދަންނަވަން ޖެހެނީ، މާލޭގައި، މާލޭގެ އަވަށްތަކުންވެސް ވަރަށް ބުރަ މަސައްކަތްތަކެއް ވަނީ ކޮށްފައޭ. ރާއްޖެތެރޭގެ ރަށްތަކުންވެސް، ރަށްރަށުގެ ވެރިން، ރަށްރަށުގެ ރައްޔިތުން، އަތޮޅު ކުރިއަރުވާ ކޮމިޓީތައް، ރަށް ކުރިއަރުވާ ކޮމިޓީތައް، އަންހެނުންގެ ކޮމިޓީތައް، މިހެންގޮސް ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލެއްވުމާއެކު، އިޚްލާޞްތެރި މިންނެތް މަސައްކަތް ކޮށްގެން، މި މަޝްރޫޢު މިހާތަނަށް ކާމިޔާބު ކުރެވިފައި މިވަނީ. އެހެންވީމާ، އެހުރިހާ ފަރާތްތަކަކަށް މި މުނާސަބަތުގައި، އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި އަދި ސަރުކާރުގެ ނަމުގައި ތަހުނިޔާއާއި މުބާރަކުބާދީއާއި ޝުކުރު އަދާކުރުމަކީ އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން.

އާދެ، އަސާސީ ތަޢުލީމުގެ މަޝްރޫޢާ ބެހޭގޮތުން ވަރަށް ގިނަފަހަރު އަޅުގަނޑަށް ވަނީ ވާހަކަދެއްކިފައި. އެންމެ ފުރަތަމަ މި މަޝްރޫޢު ފެށުނު ދުވަހު، އާދެ، 1980 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު، ރާއްޖޭގެ ރައްޔިތުންނާ މުޚާޠަބުކޮށް އަޅުގަނޑު ދެއްކި ވާހަކައިގައިވެސް، މި މަޝްރޫޢުގެ ވާހަކަ ވާނީ ކޮންމެވެސްވަރަކަށް ދަންނަވާލެވިފައި. އަދި އޭގެފަހުން މިހެން ދިމާވާ ތަފާތު މުނާސަބަތުތަކުގައިވެސް، އަޅުގަނޑު ވާނީ މި މަޝްރޫޢާ ބެހޭގޮތުން ވާހަކަދައްކާފައި. އެހެންވީމާ، އެފަހަރުފަހަރު އެދެއްކި ވާހަކަތައް ތަކުރާރުކުރާކަށް އަޅުގަނޑު ނެތިން. އެހެންނަމަވެސް، މިރޭގެ މި ޖަލްސާގައި މި މަޝްރޫޢާ ބެހޭގޮތުން ދެތިން ހަތަރު ނުކުތާއެއް އަޅުގަނޑު ފާހަގަކޮށްލާހިތްވޭ.

އޭގެތެރެއިން އެންމެ ފުރަތަމަ ނުކުތާއަކީ، އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ، ހަމައެކަނި ރާއްޖެއިން ލިޔަންކިޔަން ނުދަތުން ފޮހެލުމަށް ރޭވިފައިވާ މަޝްރޫޢެއް ނޫނޭ. އޭގެ އިތުރަށް، އެމަޝްރޫޢުގައި ހިމެނޭ ކޮންމެ ދިވެއްސަކީ، ދިވެހިރާއްޖޭގެ މުޖުތަމަޢުގައި މަޤްބޫލު މީހަކަށް ވުމަށްޓަކައި، ޤަބޫލުކުރެވޭ މީހަކަށް ވުމަށްޓަކައި އެމީހަކަށް ކޮންމެހެން އެނގެން ބޭނުންވާ ކަންތައްތައް އަންގައިދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ މަޝްރޫޢެއްވެސްމެއޭ.

އާދެ، އެހެންވީމާ، ދިވެހިންގެތެރެއިން ކޮންމެ ފަރުދަކީވެސް ވަކި ފެންވަރަކަށް ތަޢުލީމު ލިބިފައިވާ މީހަކަށް ވާންޖެހޭ. ދިވެހި މުޖުތަމަޢުގައި އެމީހަކީ މަޤްބޫލު މީހަކަށް ވުމަށްޓަކައި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާ ބެހޭގޮތުންވެސް ވަކިކަހަލަ މަޢުލޫމާތުތަކެއް އެމީހަކަށް އެނގެންޖެހޭ. އަދި ދިރިއުޅުމުގައި ދިމާވާ ބައެއް އާދައިގެ މައްސަލަތައް ޙައްލުކުރެވޭ ފެންވަރަށް، އޭނާގެ މަޢުލޫމާތު ތަނަވަސްވާންޖެހޭ. ހިސާބުވެސް ކޮންމެވެސްވަރަކަށް ދަންނަންޖެހޭ. ރާއްޖޭގެ ތިމާވެށްޓާބެހޭ މަޢުލޫމާތުވެސް އެނގެންޖެހޭ. ޞިއްޙަތާބެހޭ ބައެއް މަޢުލޫމާތު ދަންނަންޖެހޭ. އިޖުތިމާޢީ ރީތި އާދަކާދަތައްވެސް ކޮންމެވެސްވަރަކަށް އެނގެންޖެހޭ. މިހެންގޮސް ދިވެހި މުޖުތަމަޢުގައި އެމީހަކު އުޅުމަށް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި މީހުންގެ ކުރިމަތީގައި މަޤްބޫލު މީހަކަށްވެގެން އުޅުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތުތަކެއް، މި މަޝްރޫޢުގައި ހިމެނިފައިވޭ.

އެހެންވީމާ، މި މަޝްރޫޢަކީ ހަމައެކަނި މީހުންނަށް ލިޔަންކިޔަން ދަސްކޮށްދޭން ރޭވިފައިވާ މަޝްރޫޢެއް ނޫން. އޭގެ އިތުރުން، ކޮންމެހެން ދިވެހިންނަށް އެނގެން ބޭނުންވާ މަޢުލޫމާތުތަކެއްވެސް، އަންގައިދިނުމުގެ މަޤްޞަދުގައި ރޭވިފައިވާ މަޝްރޫޢެއް. އެހެންވީމާ، އަސާސީ ތަޢުލީމުގެ މަޝްރޫޢު ނިމުމުން ނުވަތަ ކާމިޔާބުވުމުން، އެއިން އެ ޙާޞިލުވަނީ ހަމައެކަނި ރާއްޖޭގެ ރައްޔިތުންނަކީ، ސަތޭކައިން ސަތޭކަ ލިޔަންކިޔަން ދަންނަ ބަޔަކަށްވުން އެކަންޏެއްނޫން. އޭގެ އިތުރުން، ރާއްޖޭގެ ރައްޔިތުންނަކީ، ހުރިހާ ރައްޔިތުންނަކީ، ކުރިންވެސް ދެންނެވިފަދައިން، ދިވެހި މުޖުތަމަޢުގައި މީހުން ޤަދަރުކުރާ ފެންވަރަކަށް ތަކެތި ދަންނަ ބަޔަކު ކަމުގައިވުން. އެއީ މީގެ އެންމެ މުހިންމު އެއް މަޤްޞަދު.

އާދެ އެންމެ ފުރަތަމަ މި މަޝްރޫޢު ރޭވިގެން އައިއިރު، ހީކުރެވިފައި އޮތީ، 6 އަހަރު ދުވަހުގެތެރޭގައި ނިންމާލެވޭނެ ކަމަށް. އެހެންނަމަވެސް، އެގޮތަކަށް އެކަންތައްތަކެއް ނުދިޔަ. ވަރަށް ގިނަ ސަބަބުތަކެއް ހުރެގެން. އޭގެތެރެއިން އެންމެ ބޮޑު ސަބަބެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ، ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކީ މަސައްކަތުގައި އަބަދު އުޅެންޖެހިފައިވާ މީހުން. ޚާއްޞަކޮށް، މަސްވެރިން. އެމީހުންނަކީ ރެޔާއި ދުވާލު ދިރިއުޅުމަށްޓަކައި މިންނެތް މަސައްކަތްތަކެއް ކުރަމުންގެންދާ ބައެއް. އަބަދުހެން ކަނޑުމަތީގައި އުޅެންޖެހިފައިވާ ބައެއް. އެމީހުން އެނބުރި ރަށަށް އައުމަށްފަހުގައި، ދެން އަސާސީ ތަޢުލީމުގެ ކްލާސްތަކަށް ގޮސްގެން، އެ ކްލާސްތަކުން މި މަޝްރޫޢުގެ މާއްދާތައް އުނގެނިގަތުމަށް އެމީހުންނަށް ލިބޭ ފުރުޞަތު އޮންނަނީ، އެއީ ވަރަށް ކުޑަކުޑަ ފުރުޞަތަކަށްވެފައި. އެކަން އެހެން އޮތުމުގެ ސަބަބުން އަޅުގަނޑު ހިތުން މި މަޝްރޫޢު 6 އަހަރު ދުވަހުގެ ތެރޭގައި ނިންމާނުލެވުނީ. އެހެންނަމަވެސް، މި 6 އަހަރު ދުވަހުގެ ތެރޭގައި، އެކަށީގެންވާ ކާމިޔާބީއެއް ހޯދިއްޖެ ކަމަށް އަޅުގަނޑުވެސް ޤަބޫލުކުރަން. އަދި ދެންމެ މިތާނގައި ވާހަކަފުޅު ދެއްކެވި އަލްފާޟިލް ޢަބްދުއްސައްތާރު ޙަސަންގެ ވާހަކަފުޅުންވެސް ތިޔަބޭފުޅުންނަށް އެކަން އެނގިވަޑައިގަންނަވާނެ.

އާދެ، މިހާރު އެންމެފަހުގެ ނަތީޖާ ދައްކާގޮތުން، ރާއްޖޭގައި މި މަޝްރޫޢު އަމާޒު ކުރެވިފައިވާ ޢުމުރުގެ މީހުންގެ ތެރެއިން ސަތޭކައަކުން 95.4 އެއީ ލިޔަންކިޔަން ދަންނަ މީހުން. މި ނިސްބަތަށް ބަލާއިރު، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، މިއީ، އަޅުގަނޑުމެން ފަޚުރުވެރިވުން ޙައްޤު ނިސްބަތެއް. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކަށް ބަލައިލި ކަމުގައިވިޔަސް، ނުވަތަ އޭޝިޔާގައި ހިމެނޭ އެހެން ޤައުމުތަކަށް ބަލައިލި ކަމުގައިވިޔަސް، ލިޔަންކިޔަން ދަތުމުގެ ރޮނގުގައި ރާއްޖެއަށް ޙާޞިލުކުރެވިފައިވަނީ، ވަރަށްވެސް މަތިވެރި މަޤާމެއް ކަމުގައި ދަންނަވަންޖެހޭ. އާދެ، ވަރަށް ބޮޑެތި ޤައުމުތައް އަޅުގަނޑުމެންގެ ކައިރީގައި އެބަހުރި. މިސާލަކަށް، އުތުރުކަރަ. އެތާނގެ ނިސްބަތަކީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ސަތޭކައަކުން 43.5، ޕާކިސްތާން ސަތޭކައަކުން 29.6. ދެން މިނިސްޓަރ ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ އެންމެ ކައިރީގައި އޮންނަ ޤައުމު، އޮޅުދޫކަރަ. އެތާނގެ ނިސްބަތަކީ ސަތޭކައަކުން 87.1، ވަރަށް ރަނގަޅު. އެހެންނަމަވެސް، ރާއްޖެވަނީ އެއަށްވުރެ މަތީ ނިސްބަތެއް ހޯދާފައި. އަޅުގަނޑުމެން އެންމެން ނަންކުރާ، ތަޢުރީފުކުރާ ސިންގަޕޫރު. އެ ޤައުމަށްވެސް ވަނީ އަޅުގަނޑުމެންނާ އެއްވަރަށް މިމަސައްކަތް ނުގެންދެވިފައޭ އަޅުގަނޑަށް ދަންނަވަންޖެހޭ. އެތާނގެ ނިސްބަތަކީ ސަތޭކައަކުން 86.1.

އެހެންވީމާ، މިއިން ދައްކާ އެއްޗަކީ، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، ތަޢުލީމަށް ލޯބިކުރާ، ކުރިއެރުމަށް ލޯބިކުރާ، އެކަމުގެ ޝައުޤުވެރިކަން ހުންނަ ބައެއްކަން. އާދެ، އޭގެ އެންމެ ބޮޑު ސަބަބެއް ކަމުގައި އަޅުގަނޑު ދެކެނީ، އަޅުގަނޑުމެން މި އީމާންވާ، އަޅުގަނޑުމެން މި ޤަބޫލުކުރާ މާތްވެގެންވާ އިސްލާމްދީން. އިސްލާމްދީނުގައި ތަޢުލީމަށް ދެއްވާފައިވާ އަހަންމިއްޔަތު އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ. އިސްލާމްދީން ބިނާވެފައިވަނީ، ތަޢުލީމުގެ މައްޗަށްކަން، ދެނެގަތުމުގެ މައްޗަށްކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ. ފުރިހަމަ މުސްލިމަކަށް ވެވޭނީ، ވަކި ފެންވަރަކަށް އެކިއެކި މަޢުލޫމާތު އެނގިގެންކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ. އަދި ވަކިން ޚާއްޞަކޮށް، ކީރިތި ޤުރްއާން ކިޔެވުމާއި، ޤުރްއާނުން އެމީހަކަށް ދަސްކުރެވުނު މިންވަރެއް ދަސްކުރުމާ، މި ކަންތައްތައް ކުރުން އެއީ، ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއްކަން އަޅުގަނޑުމެން ދަންނަމު. އަޅުގަނޑުމެންގެ ކުޑަކުދިންނަށްވެސް އެންމެ ފުރަތަމަ ޢަރަބި އަކުރު ދަސްކޮށްދޭން ޖެހެނީ އެހެންވެގެން. އެހެންވުމާއެކުގައި، އަޅުގަނޑުމެންގެ ހިތްތަކުގައި އޮންނަ އިސްލާމީ ރޫޙެއްގެ ސަބަބުން، އަދި އިސްލާމްދީނުގައި ލިޔަންކިޔަން ދަތުމަށާއި، ތަޢުލީމަށް ދެއްވާފައިވާ އަހަންމިއްޔަތުގެ ސަބަބުން، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް ލިބިފައި އޮންނަނީ، ވަރަށް ބޮޑު ހިތްވަރެކޭ ލިޔަންކިޔަން ދަސްކުރުމަށް. އަދި އޭގެ އިތުރަށް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި، ދިރިއުޅުމަށްޓަކައި ބޭނުންވާ ތަފާތު މާއްދާތައް ދަސްކުރުމަށާއި، އެކިއެކި މަޢުލޫމާތު ލިބިގަތުމަށް. އެކަން އެހެން އޮތުމާއެކު، އަޅުގަނޑުމެންގެ ރާއްޖެއަށް މިހާ މަތީ ވަނައެއް، މިހާ އެކަށީގެންވާ ފަޚުރުވެރި މަޤާމެއް މި ރޮނގުގައި ލިބިފައިވަނީ.

އާދެ، ތިޔަބޭފުޅުން ދެންމެ އެއްސެވިފަދައިން، މިއަންނަ އަހަރަކީ، 1990 ވަނަ އަހަރަކީ، ބައިނަލްއަޤްވާމީ ލިޔަންކިޔަން ދަތުމުގެ އަހަރު ކަމުގައި ފާހަގަކުރުމަށް އ.ދ. މަޖިލީހުން ވަނީ ނިންމާފައި، ފާސްކޮށްފައި. އާދެ، އ.ދ. މަޖިލީހުން އެ ފާސްކުރުން ފާސްކުރަން ޖެހުނީ، މިހާރު ދުނިޔޭގައި ތިބި ލިޔަންކިޔަން ނުދަންނަ މީހުންގެ ޢަދަދު ގިނަކަމުން. އ.ދ. މަޖިލީހުން ދުނިޔޭގެ ޤައުމުތަކަށް އެ ގޮވާލަނީ، ހުރިހާ ޤައުމަކުންވެސް، އެ ޤައުމެއްގައި ތިބޭ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް.

ދެންމެ ތިޔަބޭފުޅުން އައްސަވާނެ، އަޅުގަނޑެކޭ އެއްފަދައިން. މިހާރު ދުނިޔޭގައި ގާތްގަނޑަކަށް 900 މިލިޔަން މީހުން އެބަތިބި، ލިޔަންކިޔަން ނުދަންނަ. އާދެ، ދުނިޔޭގެ މުޅި އާބާދީގެ ޢަދަދަކީ ގާތްގަނޑަކަށް 5000 މިލިޔަން ކަމަށް ބަލައިފިނަމަ، ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި، ދުނިޔޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި ނުވަތަ ސަތޭކައަކުން 20 އެއީ ލިޔަންކިޔަން ނުދަންނަ މީހުން ކަމުގައި މިހާރު އެބަ ބެލެވޭ. އެހެންވީމާ، ލިޔަންކިޔަން ނުދަތުން ފޮހެލުން އެއީ، ބައިނަލްއަޤްވާމީ ގޮތުންވެސް ވަރަށް މުހިންމު މައްސަލައަކަށް ވެގެން ހިނގައްޖެ. އެކަން އެހެން އޮތުމާއެކު، މި އަންނަ އަހަރަކީ ބައިނަލްއަޤްވާމީ ލިޔަންކިޔަން ދަތުމުގެ އަހަރު ކަމުގައި މުޅި ދުނިޔޭގައި ފާހަގަކުރުމަށް އ.ދ. މަޖިލީހުން ޤަރާރެއް ފާސްކޮށް، ދުނިޔޭގެ އެކި ޤައުމުތަކުން އެ އަހަރު އެގޮތުގައި ފާހަގަކުރުމަށްޓަކައި، މިހާރު މަސައްކަތް ކުރަމުން އެގެންދަނީ.

އާދެ، އަދި 1990 ވަނަ އަހަރު ވަރަށް ޚާއްޞަ ބައިނަލްއަޤްވާމީ ޖަލްސާއެއްވެސް ކުރުމަށް ވަނީ ހަމަޖެހިފައި. އެއީ "އެންމެންނަށް ތަޢުލީމު" މި ނަމުގައި ބޭއްވޭ ޖަލްސާއެއް. ބެންކޮކްގައި ބޭއްވެނީ. އެ ޖަލްސާގައި ދުނިޔޭގެ ހުރިހާ ޤައުމުތަކަކުން ބައިވެރިވާނެ. އެ ޖަލްސާގެ ބޭނުމަކީވެސް ކުރިއަށް މިއޮތް 10 އަހަރު ދުވަހުގެ ތެރޭގައި، އާދެ، އެއީ އަޅުގަނޑުމެން މި ވޭތުކުރަމުންދާ 20 ވަނަ ޤަރުނު ނިމޭ 10 އަހަރު. އެ 10 އަހަރު އެއީ ޚާއްޞަގޮތެއްގައި ތަޢުލީމަށްޓަކައި ދުނިޔޭގެ ހުރިހާ ޤައުމުތަކަކުން މަސައްކަތް ކުރާ 10 އަހަރު ކަމުގައި ހެދުން. އެއީ، އެ ޖަލްސާގެ ބޭނުމަކީ، މަޤްޞަދަކީ.

އެހެންވީމާ، އަޅުގަނޑުމެންވެސް ދުނިޔޭގެ ފެންވަރުގައި އެކުރެވޭ މަސައްކަތްތަކުގައި އެކަށީގެންވާ ގޮތެއްގައި ޙިއްޞާކުރަން ޖެހޭނެ. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ރާއްޖެއަށް އެއީ މާ ދަތިކަމަކަށް ނުވާނެ. އެއީ، އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރުވެސް ހިނގަމުންމިދާ އަސާސީ ތަޢުލީމުގެ މަޝްރޫޢު، އެގޮތުގައި ހިނގަމުންދާތީ. އަދި އޭގެ ކުރިންވެސް މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި ދެންމެ ވިދާޅުވިފަދައިން، ރާއްޖޭގައި ކުރިން އިލްޒާމީ ތަޢުލީމުގެ ޤާނޫނެއްވެސް އޮތުމާއެކު، ކުރީގައި އަޅުގަނޑުމެންގެ ޅަދަރިންނަށް، ޒުވާނުންނަށް، އެންމެންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ ވަރުގަދަ ރޫޙެއް ރާއްޖޭގައި ވަނީ އަށަގެންފައި. އަދި އެގޮތުގެމަތިން ވަރަށް ގިނަ މަސައްކަތްތަކެއްވެސް ވަނީ ކުރެވިފައި. ފަހަކަށްއައިސް، އެ މަސައްކަތްތަކަށް ހީނަރުކަމެއް އައިކަމުގައިވިޔަސް، 1980 ވަނަ އަހަރުން ފެށިގެން އަޅުގަނޑުމެން މިހާރު އަނެއްކާވެސް އާ ހިތްވަރަކާއެކު، އާ ޢަޒުމަކާއެކު އެ މަސައްކަތް މިގެންދަނީ ކުރަމުން. އެހެންވީމާ، ދުނިޔޭގެ ފެންވަރުގައި މި އަންނަ އަހަރު އަދި އޭގެފަހުން އަންނަން އޮތް 9 އަހަރުގެ ތެރޭގައި އެކުރާ މަސައްކަތްތަކުގައި ދިވެހިޤައުމު ބައިވެރިވާނީ، އަޅުގަނޑު ދަންނަވާނީ، ފިސާރި ކެރިގެން، ފިސާރި ވަރުގަދަ ޢަޒުމަކާ އެކުގައޭ.

ކޮންމެ އަހަރަކުވެސް ބައިނަލްއަޤްވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހެއް އަންނަނީ ފާހަގަކުރެވެމުން. އެއީ، ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަސް. މި އަހަރުވެސް އެދުވަސް ރާއްޖޭގައިވެސް ފާހަގަކުރެވުނު. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ފާހަގަކުރެވުނު. އެދުވަހުގެ މުނާސަބަތުގައި، ތަޢުލީމާބެހޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު ޖަމުޢިއްޔާ، އާދެ، ޔުނެސްކޯ، ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ފެޑްރިކޯ މެއިޔަރ ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވޭ. "ތަރައްޤީއަށްޓަކައި އަންހެނުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމާއި، އަންހެނުން ހޭލުންތެރިކުރުވުމުގައި ޔުނެސްކޯއިން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭންޖެހެއޭ. ދެމުން ގެންދެއޭ."

އާދެ، ޝައްކެއްނެތް، މިއީ، އަޅުގަނޑުމެންގެ ރާއްޖެވެސް ވަރަށް ބޮޑަށް މަރުޙަބާކިޔާ ކަމެއް. އަންހެނުން ހޭލުންތެރިކުރުވުމާއި، އަންހެނުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރު ކުރަމުން އެބަ ގެންދަމު. އެމަސައްކަތްތައް އެގޮތުގެ މަތިން ކުރަމުން ގެންދިޔުމަކީ، އަދި އެއަށްވުރެވެސް ފުރިހަމަކޮށް، މުސްތަޤްބަލުގައި ކުރެވޭތޯ ބެލުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެން ކުރަންޖެހޭނެ ކަމެއް. އަދި އަސާސީ ތަޢުލީމުގެ ނަތީޖާތަކަށް ބަލާއިރު، ރާއްޖޭގެ އަންހެނުން ހޯދާފައިވާ ކާމިޔާބީތައް އެއީވެސް އަޅުގަނޑުމެން ވަރަށް އުފަލާއެކު ފާހަގަކޮށްލަން ޖެހޭނެ ކާމިޔާބީތަކެއް. މިހާތަނަށް މި ވޭތުވެދިޔަ 9 އަހަރުގެ ތަޖުރިބާއަށް ބަލާއިރު، ލިޔަންކިޔަން ނުދަންނަ މީހުންގެ ތެރެއިން، ދަސްކުރި މީހުންގެ ޢަދަދު، ދެންމެ ޢަބްދުއްސައްތާރު ޙަސަން ވިދާޅުވެދެއްވައިފި. އަޅުގަނޑު ހަނދާންވާ ގޮތުގައި އެއީ، 11678 ލިޔަންކިޔަން ދަސްކުރި މީހުން، މިދިޔަ 9 އަހަރު ދުވަހުގެ ތެރޭގައި. އޭގެތެރެއިން 7576 މީހުން، އެހެން ގޮތަކަށް ދަންނަވަންޏާ، އެޢަދަދުގެ ގާތްގަނޑަކަށް ސަތޭކައަކުން 65 އެއީ އަންހެނުން. އަދި ކުރިއަށް އޮތް ތާނގައި، ރާއްޖޭގައި މިހާރު މި މަޝްރޫޢު އަމާޒު ކުރެވުނު ޢުމުރުގެ މީހުންގެ ތެރެއިން ލިޔަންކިޔަން ނުދަންނަ ކަމުގައި ތަފާސްހިސާބުތަކުން ދައްކަނީ 4905 މީހުން ކަމުގައި ދެންމެ އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. އެ 4905 މީހުންގެ ތެރެއިންވެސް ގިނައީ ފިރިހެނުން. މަދީ އަންހެނުން. އޭގެތެރޭގައި ހިމެނޭ އަންހެނުންގެ ޢަދަދަކީ 2146 ނުވަތަ އެ ޢަދަދުގެ ގާތްގަނޑަކަށް ސަތޭކައަކުން 44. ލިޔަންކިޔަން ނުދަންނަ ފިރިހެނުންގެ ޢަދަދު އެއަށްވުރެ ގިނަ. އެއީ، 2759. އެއީ، ގާތްގަނޑަކަށް ސަތޭކައަކުން 56.

އެހެންވީމާ، ކުރިއަށް އޮތްތާނގައިވެސް އަޅުގަނޑަށް ދެންނެވޭނީ، އަންހެނުން މިރޮނގުގައި ހޯދާނެ ކާމިޔާބީ ފިރިހެނުންނަށްވުރެ މޮޅުވާނެކަމަށް، ވަރަށް ބޮޑަށް ލަފާކުރެވެއޭ. އެއީ، އަޅުގަނޑުމެން ވަރަށް އުފާކުރަންވެސްޖެހޭ ކަމެއް. ޙަޤީޤަތުގައި ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް މިހާތަނާ ޖެހެންދެން އެކިއެކި ސަބަބުތައް މެދުވެރިވެގެން ބޮޑަށް ކުރިއަށް ގޮސްފައި ތިބެނީ ފިރިހެނުން. އަންހެނުންނަށް ކުރިއެރުމުގެ ފުރުޞަތު މުޅި ދުނިޔޭގައިވެސް ލިބެމުން އައިސްފައި ވަނީ ވަރަށްފަހުން. އެ ފުރުޞަތު އަންހެނުންނަށް ލިބުމާއެކު، ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ނޫނީ، އަންހެނުންނަށް ފިރިހެނުންނާ އެއްސަފަކަށް ނުދެވޭނެ. އެއީ، ވަކި ރާއްޖެއަކު ނޫން. ދުނިޔޭގެ ގިނަ ޤައުމުތަކުގައި އެކަން އޮންނަގޮތް. އެހެންވީމާ، މިކަން އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އޮތީ އެހެން ކަމަށްވާތީ، އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑަށް މަރުޙަބާ ކިޔަންޖެހޭނެ ކަމެއް، އަސާސީ ތަޢުލީމުގެ މަޝްރޫޢުގައިވެސް އަދި އެނޫން ކަންތައްތަކުގައިވެސް އަންހެނުން އިތުރު މަސައްކަތް ކުރަމުން ގެންދިޔުން އެއީ.

އާދެ، ކޮންމެއަކަސް މިހާރު ތިޔަބޭފުޅުންނަށް ތިޔަ އިވިވަޑައިގެންނެވި ފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ މިތިބީ ސަތޭކައަކުން 4.6. ވަރަށް މަދު ޢަދަދެއް. ޢަދަދުގެ ގޮތުން ދަންނަވަންޏާ، އެންމެ 4905 މީހުން. ދެން ކުރިއަށް މިއޮތީ ބައިނަލްއަޤްވާމީ ލިޔަންކިޔަން ދަތުމުގެ އަހަރު. 1990 ވަނަ އަހަރު. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އިތުރު މަސައްކަތްތަކެއް ކޮށްފިނަމަ، ބައިނަލްއަޤްވާމީ ލިޔަންކިޔަން ދަތުމުގެ އަހަރު ނިމޭއިރަށް، މުޅި ރާއްޖެއިން ލިޔަންކިޔަން ނުދަތުން ފޮހެލެވިދާނެ ކަމަށް. އަޅުގަނޑު ހިތުން އެއީކީ މާ ބުރަކަމަކަށް ނުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން މި ވޭތުވެދިޔަ 9 އަހަރު ދުވަހުގެ ތެރޭގައި ކުރި މަސައްކަތަށްވުރެ އިތުރު މަސައްކަތްތަކެއް ޖެހޭނީ ކުރަން. ޚާއްޞަކޮށް، ސަރުކާރުގެ ބައެއް މުހިންމު ފަރާތްތަކުން މިކަމަށް އިތުރު ބާރެއް އަޅުއްވައިދެއްވަންޖެހޭނެ.

ހަމައެއާއެކު، އަމިއްލަ ބައެއް ފަރާތްތަކުންވެސް ވަރަށް ބޮޑަށް ސަރުކާރާ ގުޅިވަޑައިގެން މަސައްކަތްކޮށްދެއްވަން ޖެހޭނެ. އާދެ، މިހާރު ރާއްޖޭގައި ތިބީ 4905 ލިޔަންކިޔަން ނުދަންނަ މީހުން. އެޑިޔުކޭޝަން މިނިސްޓްރީން ލަފާކުރައްވާ ގޮތުގައި، އެމީހުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި އެއީ މަސްވެރިން. މާނައަކީ ގާތްގަނޑަކަށް 1800 މީހުން އެއީ މަސްވެރިންނޭ. ދެންތިބި ތިންބައިކުޅަ އެއްބައިގެ ދެބައިކުޅަ އެއްބައި އެއީ ޓޫރިޒަމް ޞިނާޢަތުގައި މަސައްކަތްކުރާ މީހުން ކަމުގައި އެ މިނިސްޓްރީން ލަފާކުރައްވަނީ. ދެން ތިބީ ވަރަށް ކުޑަކުޑަ ޢަދަދެއްގެ ބައެއް. މުޅި ޢަދަދުގެ ހަބައިކުޅަ އެއްބައި. އެއީ، އެކިއެކި ކަންކަމުގައި ރާއްޖެތެރެއިން މާލެއައިސް މާލެއަށް ފައިބައިގެން، އެކިއެކި މަސައްކަތްތަކުގައި އުޅޭ މީހުން ކަމުގައި އެ މިނިސްޓްރީން ލަފާކުރައްވާ.

އެހެންވީމާ، ސަރުކާރުގެ ބައެއް ފަރާތްތަކުން، ޚާއްޞަކޮށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، އެ މިނިސްޓްރީއާއި މިނިސްޓްރީ އޮފް ޓޫރިޒަމާ، މި ދެ މިނިސްޓްރީން އިތުރު މަސައްކަތްތަކެއް ކޮށްދެއްވަނިކޮށް، މި އަންނަ އަހަރު އަޅުގަނޑު ހިތުން އަޅުގަނޑު މިދަންނަވާ ކާމިޔާބު އަޅުގަނޑުމެންނަށް ޙާޞިލުކުރެވިދާނެ. އޭގެ އިތުރުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން، ކުރިއްސުރެވެސް މި މަޝްރޫޢުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވާ މިނިސްޓްރީއެއް. އެ މިނިސްޓްރީންވެސް އިތުރު ހިތްވަރަކާއެކު، އަޅުގަނޑުމެންނާއެކު މަސައްކަތް ކޮށްދެއްވަންވީ. އަދި ޓޫރިޒަމް އިންޑަސްޓްރީޒްގައި މަސައްކަތް ކުރައްވާ އަމިއްލަ ފަރާތްތަކުންވެސް.

އާދެ، މިތާނގައިވެސް އޭގެ ބޭފުޅުން އެބަ ތިއްބެވި. އެހެންވީމާ، އެބޭފުޅުންނަށްވެސް އަޅުގަނޑު މި އިލްތިމާސް ކުރަނީ، ތިޔަބޭފުޅުންގެ ދާއިރާގައި، ތިޔަބޭފުޅުންގެ ރަށްތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ލިޔަންކިޔަން ނުދަންނަ މީހުންނަށް މި އަންނަ އަހަރު ނިމެންވާއިރަށް، ހުރިހާ އެންމެންނަށް ލިޔަންކިޔަން ދަސްކޮށްދެއްވާށޭ. މިނިސްޓަރ އޮފް ފިޝަރީޒަށްވެސް އަޅުގަނޑު މި ދަންނަވަނީ، މަސްވެރިންނާ ބެހޭގޮތުން ހޯއްދަވަންޖެހޭ މަޢުލޫމާތުތަކެއް ހޯއްދަވައިގެން، އެމީހުންނަށް ހިތްވަރު ދެއްވައިގެން، މި އަންނަ އަހަރު ނިމޭއިރަށް، ރާއްޖޭގައި ތިބި މަސްވެރިންގެ ތެރޭގައި ލިޔަންކިޔަން ނުދަންނަ ހަމަ އެކަކުވެސް ހުރެގެން ނުވާނެއޭ. އެހެންވީމާ، އެ އެންމެންނަށް ލިޔަންކިޔަން ދަސްކޮށްދެއްވުމަށްޓަކައި ތިޔަ މިނިސްޓްރީން، އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅުއްވައިގެން މަސައްކަތްތަކެއް ކޮށްދެއްވާށޭ.

އާދެ، އެގޮތަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖިއްޔާ، ޝައްކެއްނެތް، ރާއްޖެ ޙާޞިލުކުރާނީ، ވަރަށްވެސް މަތިވެރި ކާމިޔާބީއެއް. މިހާރުވެސް މި ރޮނގުގައި ވަރަށް މަތިވެރި ކާމިޔާބީއެއް ވަނީ ޙާޞިލުކޮށްފައި. އަދި އެއަށްވުރެވެސް ފުރިހަމަ ކާމިޔާބީއެއް. އާދެ، ބައިނަލްއަޤްވާމީ ލިޔަންކިޔަން ދަތުމުގެ އަހަރު ނިމޭއިރަށް ރާއްޖެއަކީ، ސަތޭކައިންސަތޭކަ ލިޔަންކިޔަން ދަންނަ މީހުން ތިބި ޤައުމެއް ކަމުގައި ދުނިޔެއަށް އަޅުގަނޑުމެންނަށް ހާމަކޮށްދެވިއްޖިއްޔާ، ޝައްކެއްނެތްގޮތުގައި، އެއީ، އަޅުގަނޑުމެންގެ ރާއްޖެއަށް ލިބޭނެ ވަރަށްވެސް މަތިވެރި ކާމިޔާބީއެއް. ވަރަށްވެސް މަތިވެރި ޝަރަފެއް.

އާދެ، އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ، އަޅުގަނޑު މިދެންނެވި ހުރިހާ ފަރާތްތަކަކުން މި މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ކުރަމުން. އަދި ޢާންމު ރައްޔިތުންވެސް މި މަސައްކަތުގައި އެކަށީގެންވާ ގޮތެއްގައި، ބައިވެރިވެވަޑައިގެންދެއްވުމަށް އިލްތިމާސް ކުރަމުން. ޚާއްޞަކޮށް، ލިޔަންކިޔަން ނުދަންނަ މީހުން، ރާއްޖޭގައި މިތިބަ 4905 މީހުން، ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން، ހުރި ތާކުން އެމީހަކަށް ފަސޭހަވި ގޮތެއްގެ މަތިން އަސާސީ ކްލާހަށް ގޮސްގެން، އަސާސީ ދަސްކުރަން މަސައްކަތް ކުރުން. އެއީ، އަޅުގަނޑުގެ އިލްތިމާސަކީ.

އާދެ، އަޅުގަނޑުވެސް އެދެނީ، ރާއްޖެއަށް އުފާވެރި މުސްތަޤްބަލެއް. ތަޢުލީމީ ރޮނގުންނާއި، އެނޫން ރޮނގުރޮނގުން ރާއްޖެ އެއްދުވަހުން އަނެއްދުވަހަށް ކުރިއަށްދިޔުމުގެ ތައުފީޤު ﷲ އަޅުގަނޑުމެންނަށް ދެއްވުން. އަދި އަޅުގަނޑުމެންގެ ހުރިހާ ކަމެއްގެވެސް، ހުރިހާ ބާއްޖަވެރިކަމެއްގެ އަސާސަކީ، ބިންގަލަކީ، އެކަމަކީ ތަޢުލީމު ކަމުގައިވިޔަސް، ފުރިހަމަ ޞިއްޙަތު ކަމުގައިވިޔަސް، އިޤްތިޞާދީ ފުދުންތެރިކަން ކަމުގައިވިޔަސް، އެއިން ކޮންމެ ކަމެއްގެވެސް އެންމެ ބޮޑު ބިންގަލަކީ، މާތްވެގެންވާ އިސްލާމީ ޢަޤީދާ ކަމުގައިވާތީ، އެ މާތް ޢަޤީދާގައި ހިފެހެއްޓުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ﷲ ދެއްވުން އެދި އަޅުގަނޑު ދުޢާކުރަން. މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ދިވެހިރައްޔިތުން، ދިވެހިސަރުކާރާއި ރައްޔިތުން، ފައިތިލަ ސާބިތުކޮށްގެން ތިބެގެން އަޅުގަނޑުމެންގެ ރާއްޖެއަށް ތަނަވަސްކަމާއި، އަމަންއަމާންކަމާއި، ކުރިއެރުން ހޯދައިދެވޭނެ ހުރިހާ މަގެއްގައި މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ދެއްވުން އެދި ދުޢާ ކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.